ތ. ތިމަރަފުށީގައި ޓެރަރިސްޓް ހަމަލާއެއް ދޭން ރޭވިކަމަށް ތުހުމަތުކޮށް ދައުލަތުން އުފުލި ގިނަ ދައުވާތައް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ދައުވާ ލިބުނު އަށް މީހުންގެ ތެރެއިން އެކަކު ފިޔަވައި ދެން ތިބި ހުރިހާ އެންމެން މިހާރު ވަނީ މިނިވަންވެފައެވެ.
މިއީ 2021 ވަނަ އަހަރުގެ ތެރޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ބޮޑެތި ތުހުމަތުތަކަކާ އެކު ތިމަރަފުށިން އެ މީހުން ހައްޔަރުކޮށް ޝަރީއަތަށް ފޮނުވި މައްސަލައެކެވެ. މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ ތިމަރަފުއްޓަށް ނިސްބަތްވާ އަލީ މުނީޒާއި، މުހައްމަދު އާސިރާއި، އަބްދުﷲ ޝަރީފާއި، އަހުސަން މުހައްމަދާއި، އަބްދުﷲ އިމާދު އަދި ޝަމާހު ޝަރީފްގެ އިތުރުން ނ. ކުޑަފަރީ އިބްރާހިމް ލޫތު އަދި ރ. ކަނދޮޅުދޫ އަލީ އަރުހަމް މުހައްމަދުގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުގައި ޖުމްލަ ހަތް ދައުވާއެއް ކުރިއަށް ގެންދިޔައިރު، ކޯޓުން ނިންމާފައި ވަނީ އޭގެ ތެރެއިން ސާބިތުވަނީ ތިން ދައުވާއެއް ކަމަށެވެ. އެގޮތުން ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގައި އަބްދުﷲ އިމާދާއި އަލީ އަރުހަމް މުހައްމަދު ތިން އަހަރަށް ޖަލަށްލުމަށް ހުކުމްކުރިއިރު، އަލީ މުނީޒު ވަނީ އެއް އަހަރާއި ނުވަ މަހާއި އެއް ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފައެވެ.
މީގެ އިތުރުން ހަނގުރާމައަށް ދާން އުޅުމުގެ ކުށުގައި އަލީ އަރުހަމް މުހައްމަދު ފަސް އަހަރަށް ޖަލަށްލުމަށް ހުކުމްކުރިއިރު، އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގައި އަބްދުﷲ އިމާދާއި އިބްރާހީމް ލޫތު ވަނީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފައެވެ.
ކޯޓުން މި އަދަބުތައް ކަނޑައެޅި ނަމަވެސް، އަލީ އަރުހަމް މުހައްމަދު ފިޔަވައި ކުށް ސާބިތުވި އަނެއް ތިން މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މުއްދަތު ހުކުމުން އުނިކުރުމުން، އެމީހުންގެ މައްޗަށް ދެން ތަންފީޒުކުރަން ޖެހޭ އަދަބެއް ނެތުމުން ވަނީ މިނިވަންވެފައެވެ. އެހެންކަމުން މި މައްސަލައިގައި މިހާރު ތަންފީޒުކުރަންޖެހޭ ޖަލު ހުކުމެއް އޮތީ ޖުމްލަ އަށް އަހަރުގެ އަދަބެއް ކަނޑައެޅުނު އަލީ އަރުހަމްގެ އެކަންޏެވެ. އަދި ދައުވާ ލިބުނު އަނެއް ހަތަރު މީހުންގެ މައްޗަށް އެއްވެސް ކުށެއް ސާބިތުވެފައެއް ނުވެއެވެ.
މި މައްސަލައިގައި ހިމެނޭ އެންމެ ބޮޑެތި ތުހުމަތުތައް ކަމަށްވާ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމާއި، އެފަދަ އަމަލެއް ކުރުމަށް ބޭނުންވާ އުކުޅުތައް ދަސްކުރުމާއި، ޓެރަރިސްޓް ޖަމާއަތެއްގެ މެންބަރަކަށްވުން އަދި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ދައުވާތައް ސާބިތުނުވާކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ. ސަބަބެއް ކަމަށް ހުކުމުގައި ވަނީ މައްސަލައިގެ ހެއްކެއްގެ ގޮތުގައި ހުށަހެޅި މޮބައިލް ފޯނަކުން ނަގާފައިވާ ޑޭޓާގެ ނަޒާހާތްތެރިކަމާ މެދު ސުވާލު އުފެދިފައިވާތީއެވެ.
ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ، މައްސަލައިގެ ލިޔެކިޔުންތަކާއި ރިޕޯޓްތައް ބެލުމަށްފަހު އިސްތިއުނާފު ކުރުމާމެދު ވަކި ގޮތެއް ނިންމަވާނެ ކަމަށެވެ.
މި މައްސަލައިގެ ޝަރީއަތުގައި ދައުލަތުން ކޯޓުގައި ބުނެފައި ވަނީ، ތިމަރަފުށީގެ މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންނަކީ ބައިނަލްއަގުވާމީ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއީސް) ގެ އިރުޝާދުގެ ދަށުން ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަމަލާތަކެއް ދޭން ރޭވި ބައެއް ކަމަށެވެ. އެގޮތުން ”ނަސާހް 3“ ނަމަކަށް ކިޔާ ދޯންޏެއްގެ ތެރޭގައި އައިއީޑީއެއް ހަދައި، އެ ގޮއްވާލުމަށް ތައްޔާރުވަމުން ދިޔަކަމުގެ ތުހުމަތު އެ މީހުންގެ މައްޗަށް ކުރި އެވެ.
މީގެއިތުރުން، އެ ދޯނިން ހައްޔަރުކުރި މީހެއްގެ ފަރާތުން ރާއްޖޭގައި ޓެރަރިސްޓް ހަމަލާއެއް ދިނުމަށް ބޭނުންވާ މައުލޫމާތު އިންޓަނެޓުން ހޯދަމުންދިޔަކަމުގެ މައުލޫމާތު ބައިނަލްއަގުވާމީ ޖާސޫސީ އިދާރާއަކުން ފުލުހުންނާ ހިއްސާކޮށްފައިވާކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ.
ފުލުހުން ތުހުމަތު ކުރީ، އެ މީހުން ވަނީ 2020 ވަނަ އަހަރު ތ. އަތޮޅު ތައުލީމީ މަރުކަޒުގައި އޯލެވެލް އިމްތިހާނު ކުރިއަށްދިޔަ ވަގުތު އެތަނުގެ ލެބޯޓަރީ ގޮއްވާލަންވެސް ރާވާފައި ކަމަށެވެ. އަދި އެ ދުވަސްވަރު އެ ސްކޫލްގެ ކެމިކަލް ގުދަން ފަޅާލާފައިވާކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
މި ތުހުމަތުތަކުގެ އިތުރުން، ދަތުރު ދިއުމުގެ ނަމުގައި ފަޅުރަށްރަށަށް ގޮސް ހަނގުރާމައިގެ ތަމްރީނުތައް ހެދުމާއި، ތިމަރަފުށީގެ ބައެއް ގޭގޭގައި ހަރުކަށި ފިކުރު ފެތުރުމަށް ކްލާސްތައް ބޭއްވުމުގެ އިތުރުން ވަކިން ޖަމާއަތް ހަދައިގެން ނަމާދުކުރަމުން ދިޔަ މައްސަލަވެސް ދައުލަތުން ކޯޓަށް ހުށަހެޅި އެވެ.

