ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރެޒިޑެންސް ވިސާގެ އިސްލާހަށް އިދިކޮޅުގެ ފާޑުކިޔުން: އެ އުޅެނީ އެހެން ދީންތައް ގެނެސް، ބޭނުން ގޮތަކަށް ވެރިކަން ކުރަން! 

މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

10 އަހަރަށް ވުރެ ދިގު މުއްދަތަށް ގެއެއް ކުއްޔަށް ހިފާ ބިދޭސީންނަށް ރެޒިޑެންޓް ވިސާ ދޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް ބަދަލު ގެންނަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހަޅީ މި ގައުމަށް އެހެން ދީންތަކެއް ގެނެސް، ބޭނުން ގޮތަކަށް ވެރިކަން ކުރުމަށްކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.

ސަރުކާރުގެ ފަރާތުން އިމިގްރޭޝަން ގާނޫނަށް ހުށައެޅި އިސްލާހުގެ ބިލް މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން ވަނީ ފާސްކޮށްފައެވެ. އެހެން ނަމަވެސް އެ ބިލް މަޖިލީހުގެ ތަޅުމަށް ހުށައެޅުމުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ އެ ބިލަށް އިތުރު އިސްލާހުތަކެއް ގެންނަން ހުށަހަޅާ އަލުން ކޮމިޓީއަށް ފޮނުވާލާފައެވެ.

ރައީސް ނަޝީދު ހުށަހެޅުއްވީ ބިލްގެ 07 ވަނަ މާއްދާގެ ކުރިއަށް މާއްދާއެއް އިތުރުކުރުމަށެވެ. އެގޮތުން ރެސިޑެންޓް ވިޒާއަކީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ބިދޭސީންނަށް ނުވަތަ ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގެ ހުއްދަ ލިބިގެން އެ އިދާރާއިން ގަބޫލުކުރާ ވިޔަފާރިއެއް ނުވަތަ މަސައްކަތެއް ކުރުމަށް އެއްލައްކަ ރުފިޔާއަށްވުރެ ބޮޑު އިންވެސްޓްމަންޓެއް ކުރާ ބިދޭސީއެއް ނުވަތަ ދިވެހިރާއްޖޭގައި ދިހަ އަހަރަށްވުރެ ދިގު މުއްދަތަކަށް ގެއެއް ކުއްޔަށް ހިފާފައިވާ ބިދޭސީއަކަށް ދިނުމަށް ހުށައަޅާފައެވެ.

ޕީޕީއެމް، ޕީއެންސީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ރެޒިޑެންޓްސް ބިލާއި މެދު ކަންބޮޑުވާކަމަށެވެ. އަބްދުއްރަހީމް ވިދާޅުވީ އިމިގްރޭޝަން ގާނޫނަށް އިސްލާހެއް ހުށަހެޅި، އެ އިސްލާހުގެ މަސައްކަތްތައް ވެސް ނިމި ރިޕޯޓުވެސް ހުށަހަޅާފައިވަނިކޮށް މަޖިލީހުގެ ރިޔާސަތުން ހުށަހެޅި މި އިސްލާހަކީ ނުލިބޭ ބާރެއްގެ ބޭނުންކޮށް ރިޔާސަތުން ހުށަހަޅާފައިވާ އިސްލާހެއް ކަމަށެވެ.

ބިދޭސީންނަށް ރާއްޖޭގެ ދާއިމީ ރަށްވެހިކަން ދިނުމަކީ ކަންބޮޑުވުމެއް ކަމަށާއި، މިއީ ވަރަށް ނުބައި ކަމެއްގެ ފެށުންގެ ގޮތުގައި އަބްދުއްރަހީމް ފާހަގަ ކުރެއްވިއެވެ. އަބްދުއްރަހީމް ވިދާޅުވީ، އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބަދުލް ގައްޔޫމް އަބަދުވެސް ރާއްޖޭގެ ރައްޔިތުންގެ ހައްގުގައި ވާހަކަ ދައްކަވާފައިވާކަމަށެވެ. އަދި އެ މަނިކުފާނު މީގެ ކުރިން ވެސް އެމްޑީޕީއަށް ވެރިކަން ލިބިއްޖެނަމަ ދިވެހި ރައްޔިތުން ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ބަދަލުވާނެކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައިވާނެ ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ ފެންނަމުން ދަނީ، ދިވެހިންގެ ބާރު ކަނޑުވާލައި ވަކި ބައެއް ވެރިކަމަށް ގެނައުމަށް ކުރަމުންދާ މަސައްކަތްތަކެއް ކަމަށެވެ. މިއީ އެއްގޮތަކަށް ވެސް ބަލައިގަންނަކަމެއް ނޫން ކަމަށާއި، މިއީ ދިވެހި ރައްޔިތުން ކަންބޮޑުވާންޖެހޭ އަދި ފުންކޮށް ވިސްނާލަން ޖެހޭ މައްސަލައެއްގެ ގޮތުގައި އަބްދުއްރަހީމް ވިދާޅުވިއެވެ.

މިހާރު ހިނގަމުން ދަނީ ބޮޑު ރޭވުމެއްގެ ދަށުން، ރާއްޖެއަށް އެހެން ދީންތައް ގެނައުމުގެ މަސައްކަތްކަމަށް ތުހުމަތު ކުރައްވާ އަބްދުއްރަހީމް ވިދާޅުވީ މިއީ އަބަދުވެސް އެމްޑީޕީން ބޭނުންވާ ގޮތް ކަމަށެވެ. އިސްލާހު އޮތް ގޮތުން، އެއްލަކަ ރުފިޔާގެ އިންވެސްޓެމްނެޓެއް ކުރާ މީހަކަށް ވެސް ރާއްޖޭގައި ދާއިމީ ރަށްވެހިކަން ލިބޭގޮތަށް ހިމަނާފައިވާއިރު 10 އަހަރުގެ މުއްދަތެއް ވަންދެން ތަނުގެ ކުލީގެ ގޮތުގައި ބޭރު މީހަކު 5،000 ރުފިޔާ ދައްކައިގެން އެ މީހަކަށް ވެސް ދާއިމީ ރަށްވެހިކަން ލިބޭނެ މަގު މި އިސްލާހުން ދީފައިވާކަމަށެވެ.

“އެހެން ވީމަ މިއީ ވަރަށް ނުބައި ރޭވުމެއް. ވަރަށް ނުބައި ރޭވުމެއް މިއީ. ހަގީގަތުގައި ދުނިޔޭގެ ބައެއް ގައުމުތަކުގައި، ތަންތަން ހިސޯރު ކުރުމަށް ބޭނުންކުރާ އުކުޅެއް މިހާރު މި ބޭނުން ކުރަނީ. ބައެއް ނުފޫޒު ގަދަ ގައުމުތަކުން ހުންނާނެ އެތަންތާގެ މީހުން ރަށްވެހި ކުރުވައިގެން އެތަނުގެ އަސްލު އާބާދީއަށް ވުރެ، ރަށްވެހި ކުރުވާ އާބާދީ އިތުރުކުރުވައިގެން އެ މީހުން އެ ބޭނުންވާ ގޮތަކަށް އެތަނެއްގެ ވެރިކަން ބައްޓަން ކުރުމުގެ އަމަލުތަކެއް ހިނގާފައި ހުންނާނެ” އަބްދުއްރަހީމް

އަބްދުއްރަހީމް ވިދާޅުވީ އިދިކޮޅުން ގަބޫލު ކުރާ ގޮތުން، މި އިސްލާހު ހުށަހެޅުމުގެ ފަހަތުގައި ވެސް ވަނީ އެފަދަ ރޭވުމެކެވެ. ބޭރު މީހުނަށް ރަށްވެހިކަން ދީ، އެ ގައުމެއްގެ ވެރިކަން ބޭނުން ގޮތަކަށް ކުރުމަކީ ދުނިޔޭގެ އެތެއް ގައުމެއްގައި ހިނގާފައި ހުރި ކަންތަކެއްގެ ގޮތުގައި އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ، ދިވެހި ރައްޔިތުން މި އިސްލާހާއި މެދު އަޑުއުފުލަން ޖެހޭ ކަމަށެވެ. މިއީ “ދިވެހި ރާއްޖެ” ކިޔުމަށް ވެސް ފުރުސަތު ގެއްލުވާލުން ކަމަށާއި، ފަހަރަކު ކަމެއް ގެނެސް ދިވެހި ރައްޔިތުންގެ ހައްގުތައް ނިގުޅައިގަންނަމުން ދާ ކަމަށެވެ. އަދި މިއަދު މިކަމާއި މެދު އަޑު ނުއުފުލިއްޖެނަމަ މާދަމާ ކުރާނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ.

މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީންގެ ބައްދަލްވުމުގައި މެމްބަރުން މި އިސްލާހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. އަދި އިސްލާހާއި މެދު ހިތްހަމަނުޖެހިގެން ވާހަކަ ދެއްކެވި މެމްބަރުން ތެރޭގައި އެމްޑީޕީއަށް ނިސްބަތް ވާ މެމްބަރުން ވެސް ހިމެނެއެވެ. ކޮމިޓީގައި މެންބަރުން ވިދާޅުވީ ރައީސް ނަޝީދު އެދިވަޑައިގެންނެވި ގޮތަށް އިސްލާހުތައް ގެނެސްފިނަމަ އޭގެ ނާޖައިޒު ފައިދާ ނަގާނެ ކަމަށެވެ. އަދި ރާއްޖެއަށް ކުރިމަތިވެދާނެ ނުރައްކަލެއްގެ ގޮތުގައި މެމްބަރުން ފާހަގަކުރިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: