ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހާލު ސީރިއަސް ވި ޔަމަންގެ ޔާސިރު ޔަހުޔާ މަރުވެއްޖެ

މަރުވިއިރު ޔަމަންގެ ޔާސިރު ޔަހުޔާގެ ހަށިގަނޑަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައި
ޝެއާރކޮށްލާ ކަހަލަދޯ؟

އައިޖީއެމްއެޗުގައި ސީރިއަސް ހާލުގައި އޮތް ޔަމަނުގެ ޔާސިރު ޔަހްޔާ މަރުވެއްޖެ އެވެ.

ޔާސިރު މަރުވިއިރު، އޭނާގެ ހާލުވަނީ ވަރަށް ބޮޑަށް ސީރިއަސްވެފައެވެ. އަދި އެކަމުގެ ސަބަބުން ގޭ ބަންދަށް ބަދަލުކޮށްދިނުމުގެ އަމުރަކަށް ވެސް އެދުނެވެ. ނަމަވެސް، ގޭ ބަންދަށް ބަދަލު ކުރުމުގެ ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމީ ޖުލައި 31 ވަނަ ދުވަހުއެވެ.

ދިވެހި އަންހެނަކާ ކައިވެނި ކޮށްގެން ރާއްޖޭގައި ދިރިއުޅެމުން އަންނަނިކޮށް، ދައުވާއެއް ވެސް އަދި ޝަރީއަތެއް ވެސް ކުރުމަކާ ނުލައި 2017 ވަނަ އަހަރުން ފެށިގެން ޔާސިރު ހުރީ ހައްޔަރުގައެވެ.

ހޯމް މިނިސްޓަރު ކަމާއި ހަވާލުވުމަށްފަހު މިދިޔަ ޖެނުއަރީ މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ޔާސިރު އާއި ގުޅޭގޮތުން ސުވާލު ކުރުމުން އިމްރާން ވިދާޅުވީ އޭނާގެ މައްސަލާގައި ސީރިއަސް ކަންތައްތަކެއް އެބަހުރި ކަމަށެވެ. އިމްރާން ވިދާޅުވެފައިވާގޮތުން، ޔާސިރު އާއި ގުޅޭގޮތުން އާއްމުކޮށްފައިވަނީ އެންމެ ރަނގަޅު މައުލޫމާތުތަކެއް ނޫނެވެ. އިމްރާން ވަނީ، އާއްމުންނާއި މީޑިއާތަކާއި ހަމައަށް އައިސްފައިވާ މައުލޫމާތުތަކަކީ ސައްހަ މައުލޫމާތުތަކެއް ނޫންކަން ކަށަވަރުކަން އޭނާއަށް ދަންނަވަން ކެރޭކަމަށް ވިދާޅުވަފައެވެ. އޭގެ ފަހުން ޔާސިރު އާއި ބެހޭ އެއްވެސް މައުލޫމާތުތަކެއް މީޑިއާތަކާއި ހިއްސާކޮށްފައެނުވެއެވެ. އިމްރާން ވިދާޅުވީ ޔާސިރު ޖަލުގައި ގޮތް ދޫނުކޮށް ހުންނަނީ އަމިއްލަ އިހުތިޔާރުގައިކަމަށާއި އެންމެ ފުރަތަމަވެސް އޭނާ ރާއްޖެއިން ފުރައިގެން ދާން އެދުމުން އެކަމަށް ދެކޮޅު ހެދީ ކަމަށެވެ. ނަމަވެސް، މީގެ ދެ މަސްދުވަސް ކުރިން ފުރަން ބޭނުންވާ ކަމަށް އޭނާ ބުނުމުން ފުރުމުގެ ކަންކަން ކަމާއި ބެހޭ ފަރާތްތަކުން ކުރި ކަމަށެވެ. ނަމަވެސް، ފަހު ވަގުތު ބަހަނާއެއް ދައްކާފައި ދާން ދެކޮޅު ހެދީ ކަމަށެވެ.

އިމްރާން ވިދާޅުވީ ޔާސިރު ރާއްޖެއިން ފޮނުވާލުމަށް ހުރަސްތަކެއް އެބަހުރިކަމަށާ އޭނާއާއި ގުޅޭ އެއްވެސް ލިޔުމެއް ފެންނާން ނެތް ކަމަށެވެ. އަދި ޔާސިރު ހައްޔަރުކޮށްފައިވަނީ އޭނައަކީ ރާއްޖެއަށް އޮތް ނުރައްކަލެއްކަމަށް ގަބޫލު ކުރެވޭތީ ކަމަށާއި އޭނާއަކީ ބޮޑު ޓެރަރިސްޓެއްގެ ގޮތުގައި ދުނިޔޭގެ އެތައް ގައުމަކުން ކަނޑައަޅާފައިވާ ކަމަށެެވެ. އަދި، ޔާސިރުގެ އެކި މައުލޫމާތުތައް ވެސް ދުނިޔޭގެ ގައުމުތަކުން އާއްމުކޮށްފައިވާނެ ކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެ.

ޔާސިރު އެންމެ ފުރަތަމަ ހައްޔަރުކޮށްގެން ދިޔައީ ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގައެވެ. ނަމަވެސް، އޭނާ ބަންދު ކުރި އަދި ހައްޔަރު ކުރަންޖެހުނު ސަބަބެއް ވެސް ހާމަކޮށްފައެއް ނުވެއެވެ. އޭރު އޭނާ ހައްޔަރުކުރި ދުވަސްވަރަކީ ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާ ދުވަސްވަރެވެ. އޭރުވެސް އޭނާ ހައްޔަރުކުރީ ޓެރަރިޒަމްގެ ކުށުގައި ކަމަށް އަޑުތައް ފެތުރިގެން ދިޔައެވެ.

ޔާސިރުގެ މައްޗަށް ޓެރަރިޒަމްގެ ތުހުމަތުތަކެއް ކުރާއިރު އޭނާގެ އަންެހެނުން ވަނީ އެކަން ދޮގުކޮށްފައެވެ. ޔާސިރު ބަންދުކުރުމާ ގުޅިގެން އަންހެނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އޭނާ އާއި ވަކީލަށް ވެސް އެންގުމަކާ ނުލައި ޔާސިރުގެ ބަޔާންތަކެއް ނެގި ކަމަށެވެ. އޭގެ ތެރޭގައި، އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އާއި ފުލުހުން ހިމެނޭ ކަމަށް ބުނެ އެފްބީއައި އިން ބަޔާން ނެގި ސަބަބާ މެދު އޭނާ ސުވާލު އުފައްދާފައިވެ އެވެ.

ޔާސިރު ބަންދުކޮށްފައި ހުރީ އެކަހެރިކޮށް ކަމަށް އޭނާގެ އަންހެނުން ތުހުމަތު ކުރެއެވެ. އޭނާ ބުނީ އެކަމުގެ ސަބަބުން ނަފްސާނީ ގޮތުންނާއި ސިއްހީ ގޮތުން ޔާސިރު ބަލިކަށިވެފައިވާ ކަމަށެވެ. އޭނާ ގޮޅިން ނެރެނީ ވެސް ބިޑި އަޅުވައިގެން ކަމަށާއި އޭނާ ބަހައްޓާފައި ހުންނަ ގޮޅިއަކީ ހޫނުގަދަ ގޮޅިއެއްކަމަށް ވެސް އޭނާގެ އަންހެނުން ބުނެފައިވެ އެވެ.

ޔާސިރު މަރުވިއިރު އޭނާގެ މައްޗަށް އެއްވެސް ދައުވާއެއް ކޮށްފައެއް ނުވެ އެވެ. އަދި އޭނާގެ މައްޗަށް އެއްވެސް ކޯޓަކުން ހުކުމެއްވެސް ކޮށްފައެއް ނުވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: