ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާޟީ ޢަލީ ރަޝީދު ޤުރުބާންކުރާ ވަގުތު ޖެހިއްޖެ! : ޝުޖާއު

ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު. ފޮޓޯ: ވަން އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ގާޟީ ޢަލީ ރަޝީދު ޤުރުބާންކުރައްވާ ވަގުތުޖެހިއްޖެކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު މިހެން ވިދާޅުވީ ސްޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަންކުރެއްވުމަށްޓަކައި ގާޟީ ޢަލީ ރަޝީދުގެ ނަން ރައީސް ޞާލިޙް ޖޭއެސްސީއަށް ފޮނުއްވެވުމާއި ގުޅިގެންނެވެ. މި ގޮތުން ޝުޖާއުގެ ފޭސްބުކް ޕޭޖްގައި  ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަނޑިޔާރު އަލީ ރަޝީދު ޤުރުބާން ކުރާ ވަގުތު އައިސް ޖެހިފައިވާ ކަމަށާއި މިއީ ރައީސް ޞާލިޙް އެ ކަން ކުރައްވާ މަކަރުވެރި ގޮތްކަމަށެވެ.

މީގެ އިތުރުން ގާޟީ ޢަލީ ރަޝީދުގެ ނަން ޖޭއެސްސީއަށް ފޮނުއްވައި ސްޕްރީމް ކޯޓުގެ ފަނޑިޔާރަކަށް އޭނާ ޢައްޔަންކުރައްވަން ރައީސް ޞާލިޙް އެ އުޅުއްވަނީ ކުރިން ވެވަޑައިގެންފައިވާ ވަޢުދު ފުއްދެވުމަށްކަމަށް ޝުޖާއު ވިދާޅުވިއެވެ.

މި މޭރުމުން ޝުޖާޢު ވިދާޅުވެފައި މިވަނީ 05 އަހަރު ދުވަހަށް ރައީސް ޔާމިނު ޖަލަށްލުމަށް ކުރެއްވި ޙުކުމާއި ގުޅިގެންނެވެ.

ރައީސް ޔާމީންގެ މައްސަލަ ފުރަތަމަ ބައްލަވާފައިވަނީ  ކްރިމިނަލް ކޯޓުގެ އިސް ގާޟީއަކަށް ކުރިން ހުންނެވި އަޙްމަދު ހައިލަމްއެވެ. އެހެންނަމަވެސް ހުސްވި އަހަރުގެ ނޮވެމްބަރު 11 ގައި ނަޞްރު ދުވަހާއި ގުޅިގެން ކްރިމިނަލް ކޯޓުގެ ވައިބާ ގްރޫޕެއްގައި ހައިލަމް ޢާންމުކުރެއްވި ފޮޓޯއަކާއި ގުޅިގެން ޖޭއެސްސީ އިން ވަނީ ހައިލަމް މަޤާމުން ވަކިކުރަން ނިންމާފައެވެ.

ނަމަވެސް ހައިލަމް ވަނީ ވަކިކުރުމުގެ ކުރިން އަމިއްލައަށް އިސްތިއުފާ ދެއްވާފައެވެ. މި ގޮތުން ހައިލަމް އިސްތިއުފާ ދެއްވުމާއި ގުޅިގެން ވަގުތީގޮތުން ކްރިމިނަލް ކޯޓު ހިންގެވުމާއި ހަވާލުކުރެއްވީ ގާޟީ ޢަލީ ރަޝީދުއާއެވެ. އެހެންކަމުން ރައީސް ޔާމިނުގެ މައްސަލަ ބަލައި އެ މަނިކުފާނަށް ހުކުމްކުރެއްވީ ވެސް ގާޟީ ޢަލީ ރަޝީދެވެ.

މި ޙުކުމްކުރެވުމާއެކު ގިނަ ބަޔަކު ވަނީ އެ ޙުކުމަކީ އިންސާފުގެ ހަވާސާއިން ބޭރުގައި ކުރެވުނު ހުކުމެއްކަމަށާއި އަދި އެއީ ޑީލްއެއްކަމަށް ވެސް ތުހުމަތުކޮށްފައެވެ. މީގެ އިތުރުން ގާޟީ ޢަލީ ރަޝީދުގެ ނަން މިއަދު ޖޭއެސްސީއަށް ފޮނުއްވެވުމާއި ގުޅިގެން ރައީސް ޞާލިޙަށްވަނީ ގިނަބަޔެއްގެ ފާޑުކިޔުންތައް އަމާޒުވެފައެވެ.

މި ގޮތުން ޝުޖާއު ވަނީ ދިވެހި ރައްޔިތުން ހޭވެރިވުމަށް ގޮވާލައްވައި މި ސަރުކާރުގައި ތިއްބެވީ ހިޔަޅު ބައެއްކަމަށް ވިދާޅުވެފައެވެ. އަދި އެ މީހުން ޤަބޫލުކުރާގޮތުގައި ދިވެހި ރައްޔިތުންނަކީ ގަމާރުންތަކެއްކަމަށާއި ހަމަހިލާ އެހެނަކުން ނުވާނެކަމަށް ވެސް ޝުޖާއުގެ ޕޯސްޓުގައި ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ޝުޖާއު ވަނީ ރައްޔިތުންގެ ތާއީދާއެކު ރައީސް ޞާލިޙްގެ ސަރުކާރު ބަލިކުރައްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ. ހަމައެއާއެކު އިސްލާމީ ޝަރީއަތް ދަންނަ ފަނޑިޔާރުން ކޯޓުތަކަށް އިސްކުރާނެކަމަށާއި ދިވެހި ރައްޔިތުންނަށް މި ޤައުމު އަނބުރާ ހޯއްދަވައިދެއްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ. އަދި އިޤުތިޞާދު އާރޯ ކުރައްވާނެކަމަށާއި އޭގެ ސަބަބުން ރައްޔިތުންގެ ޖީބުތައް މުއްސަނދިކޮށްދެއްވާނެކަމަށް ވެސް ޝުޖާއު ވަނީ ވިދާޅުވެފައެވެ. އަދި އިސްލާމްދީނަށް ފުރައްސާރަކޮށްފައިވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެންނާނެކަމަށާއި މި ދީން ހިމާޔަތް ކުރައްވާނެކަމަށް ވެސް  ޝުޖާއު ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: