ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަހީހް މުސްލިމް ދިވެހި ތަރުޖަމާގެ 11 ވަނަ އަދަދު ރައީސް ނަޝީދު ނެރެއްދެއްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ޝައިހް ހުސައިން ރަޝީދު އަހުމަދު، ތަރުޖަމާ ކުރަވާފައިވާ ސަހީހް މުސްލިމްގެ ހަދީސް ފޮތުގެ 11 ވަނަ ބައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ނެރެ ދެއްވައިފިއެވެ.

ސަހީހް މުސްލިމްގެ ހަދީސްތައް ދިވެހި ބަހަށް ތަރުޖަމާކޮށް އެކި ބައިބައަށް ނެރެމުން އަންނަތަކާއި އަހަރުތަކެއް ވެއްޖެއެވެ. އެގޮތުން 2012 ވަނަ އަހަރުން ފެށިގެން ހުސައިން ރަޝީދު ގެންދަވަނީ އެމަސައްކަތްޕުޅު ކުރައްވަމުންނެވެ.

ހޮނިހިރު ދުވަހު އެމްޑީޕީގެ އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި ސަހީހް މުސްލިމްގެ ހަދީސް ތަކުގެ ދިވެހި ތަރުޖަމާފޮތުގެ 11 ވަނަ ބައި ރައީސް ނަޝީދު ނެރެދެއްވި އިރު، މި ފޮތުގެ ކުރީގެ އަދަދުތައްވެސް ނެރެދެއްވާފައިވަނީ ރައީސް ނަޝީދެވެ.

ޞަޙީޙް މުސްލިމް ޝަރަޙައަކީ ކީރިތި ރަސޫލާގެ ޙަދީޡް އަދި ސުންނަތުގެ މައްޗަށް ބިނާކޮށް ލިޔެވި ޝާޢިއު ކުރެވިފައިވާ އެންމެ މުހިއްމު އެއް ފޮތް ކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ. މިފޮތުގައި 2200 ޙަދީޡް ރިވާވެގެންވާކަމުގައި ޢިލްމުވެރިން ވިދާޅުވެއެވެ.

ފޮތް ނެރެދެއްވުމަށްފަހު ރައީސް ނަޝީދު ވިދާޅުވީ ދީނީ މައުލޫމާތާއި ތަރުބިއްޔަތު ރާއްޖެއަށް ލިބުނީ އިސްލާމް ދީން އުނގަންނައި ދިނުމަށް އިލްމުވެރިން ކުރެއްވި ބުރަ މަސައްކަތުން ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ރާއްޖޭގައި އިސްލާމް ދީން ފެތުރުނީ އިލްމީ ގޮތުންނެވެ. އަދި ހުސެއިން ރަޝީދުގެ އެ މަސައްކަތަކީ އެތައް ޒަމާނެއް ވަންދެން ދަމަހައްޓަމުން މަސައްކަތެއް ކަމަށް ގަބޫލުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގައި ތާރީޚުގައި ދީނީ ކަންކަމަށް އަހުލުވެރިވަމުން އައި ގޮތަށް އަލި އަޅުވާލައްވަމުން ރައީސް ނަޝީދު ވިދާޅުވީ އިސްލާމް ދީން ރާއްޖޭގައި ފެތުރުމަށް އެންމެ ބުރަ މަސައްކަތެއް ކުރީ ދެކުނުގެ މީހުންކަން އެނގޭ ކަމަށެވެ.

އެގޮތުން އައްޑޫގެ އެކިއެކި މީހުން ދީނީ އިލްމު ދިރާސާކޮށް އުނގަންނައިދިނުމަށް ގިނަ މަސައްކަތްތައް ކޮށްފައިވާކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން އައްޑޫ މީދޫ ބޮޑު ފަނޑިޔާރު މަނިކުފާނުގެ މަދަރުސާ އާއި ވާދޫ ދަންނަ ކަލޭގެ ފާނަކީ ދުނިޔޭގެ އެކި ތަންތަނުން މީހުން އިލްމު ހޯދަން އައިސް އުޅުނު ތަންތަން ކަމަށާއި އައްޑޫ ކޯގަންނު ގަބުރުސްތާނަށް ބަލާލުމުން އެކަން ސާފުވާކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ހުސެން ރަޝީދު ކުރައްވާ މަސައްކަތައް ރައީސް ނަޝީދު ޝުކުރު އަދާކުރެއްވިއެވެ.

“އަޅުގަނޑުދެކޭ ގޮތުގައި އަޅުގަނޑުމެންނަށް އިތުބާރު ހިފޭ އެއް ސަބަބަކީ މި ދެންނެވިހެން އެތައް ސަތޭކަ އަހަރެއްގެ އިލްމީ ބެލެނިވެރިކަމެއް ތިޔަ ހިފަހައްޓަވާދެއްވަނީ، އަޅުގަނޑު ހުސެއިންއަށް ފަށްފަށުން ޝުކުރު ދަންނަންވަން. އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް މި ފޮތް ހުޅުވުމުގެ ޝަރަފު އަޅުގަނޑަށް ކޮންމެ ފަހަރަކުވެސް ލިބުން” ރައީސް ނަޝީދު

ފޮތާއި ގުޅޭގޮތުން ހުސެން ރަޝީދު ވިދާޅުވީ އެފޮތުގެ މައިގަނޑު ބަޔަކަށް ހިމެނިފައިވާނީ ވެރިކަމާ ގުޅޭ މައުލޫމާތު ކަމަށެވެ. ނަމަވެސް، ކެއިންބުއިމާ މެދުވެސް އެ ފޮތުގައި މައުލޫމާތުތައް ހިމަނާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހުސެއިން ރަޝީދު ވިދާޅުވީ ރަސޫލުﷲ އަލައިހި ވަސައްލަމަގެ ބަސްފުޅުތަކަކީ އިލްމުން ފުރިގެންވާ ބަސްތަކެއް ކަމަށާއި އެއީ އާދައިގެ މީހަކު ބުނާ ބުނުމަކާއި އެއް ހަމައެއްގައި ބެލޭނެ ބަސްތައް ނޫން ކަމަށެވެ.

ސަހީހް މުސްލިމް އަކީ މިލާދީން 800 ވަނަ ގަރުނުގައި ދިރިއުޅުއްވި އިސްލާމީ ޢިލްމުވެރިއެއް ކަމަށްވާ މުސްލިމް ބިން ހައްޖާޖް (އިމާމް މުސްލިމް) އެކުލަވާލައްވާފައިވާ ހަދީސް ފޮތެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: