ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕާޓީތަކުގެ އެތެރޭގައި ހިނގާނީ ސިޔާސީ ކަންކަން، އެއީ އެތެރޭގެ ކޯޅުމެއް ނޫން: ޝިފާއު

ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ޕާޓީތަކުގެ އެތެރޭގައިވެސް ސިޔާސީ ކަންކަން ހިނގާނެ ކަމަށާއި އެއީ އެއްވެސް ހާލެއްގައި ޕާޓީގެ އެތެރޭގެ ކޯޅުމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.

އިކޮނޮމިކް މިނިސްޓަރކަމުގެ މަގާމުގައި ހުންނެވި ފައްޔާޒު އިސްމާއީލްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން އުޅޭ މައްސަލައަށް އިޝާރާތް ކުރައްވާ ސަންގުޓީވީގެ “ޚަބަރަށްފަހު” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝިފާއު ވިދާޅުވީ އެމްޑީޕީގެ އެތެރޭގައި މިނިވަންކަމާއެކު ހިޔާލުފާޅުކޮށް މިނިވަންކަމާއެކު މަސައްކަތްކުރާނެ ޖާގަ ކޮންމެ މީހަކަށްވެސް އޮންނަ ކަމަށެވެ.

ޝިފާއު ވިދާޅުވި ގޮތުގައި އެމްޑީޕީގެ އެންމެ ތަފާތު އެއް ސިފައަކީ ޕާޓީގެ ކޮންމެ މަޤާމެއްގައި ހުނެވި ބޭފުޅަކަސް، ނުވަތަ އާންމު މެންބަރަކަށްވިޔަސް މިނިވަންކަމާއެކު ޚިޔާލު ފާޅުކުރުމާއި، އެމީހަކު ދެކޭގޮތް ހާމަކުރުމުގެ ފުރިހަމަ އިޚުތިޔާރު ލިބިފައިވުމެވެ.

އެމްޑީޕީގައި ތިއްބެވީ ސިޔާސީ ބޭފުޅުން ކަމަށާއި ސިޔާސީ ބައެއްގެ ތެރޭގައި ހިނގާނީވެސް ސިޔާސީ މަސައްކަތްތައް ކަމަށް ޝިފާއު ވިދާޅުވިއެވެ. އަދި އެއީ އެއްވެސް ހާލެއްގައި ސަރުކާރު ހުއްޓުވުމަށް، ނުވަތަ އުނދަގޫ ކުރުމަށްކުރާ ކަމެއް ނޫން ކަމަށްވެސް ޝިފާއު ވިދާޅުވިއެވެ.

ޝިފާއު ވިދާޅުވީ މިވަގުތު ވަކި ވަޒީރެއްގެ އިތުބާރު ނެތް ކަމަށް ޤާބޫލުކުރެވި، އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން ވަކި މެންބަރުން ތަކަކަށް ފެނިވަޑައިގަންނަވާ ނަމަ އެކަމާއި ޚިޔާލު ފާޅުކޮށް މަސައްކަތް ކުރުމަކަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށެވެ. އަދި 19 ވަނަ މަޖިލީހަކީ ސަރުކާރުގެ ފުރިހަމަ އަޣްލަބިއްޔަތު އޮވެ ސަރުކާރު ޖަވާބުދާރީ ކުރުވާ މަޖިލީހަކަށްވާނެ ކަމަށްވެސް ޝިފާއު ވިދާޅުވިއެވެ.

“އަޅުގަނޑު ޤަބޫލެއް ނުކުރަން މީ އެތެރޭގެ ކޯލުމެއް ކަމަކަށްވެސް، ސިޔާސީ މީހުން ސިޔާސީ މަސައްކަތްކުރާނެ، ފަހަރެއްގައި އަޅުގަނޑަށް އެންމެ ފުރިހަމަކޮށް މަސައްކަތްކުރާ ކަމަށް ފެންނަ ވަޒީރަކު އަނެއް މީހާއަށް އެއީ ރަނގަޅު މީހަކަށް ނުވެދާނެ، އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހުގެ 65 މެންބަރުންގެ ވެސް ޚިޔާލު ތަފާތުވާނެ، ހުރިހާ މެންބަރުން އެއްގޮތަކަށް ވިސްނަންޏާއި މެންބަރުންގެ ބޭނުމެއް ނެތް” ޝިފާއު ވިދާޅުވިއެވެ.

މީގެ އިތުރުން ޝިފާއު ވިދާޅުވީ އަތޮޅުތެރޭގެ ތަރައްޤީއަށް މިހާތަނަށް އެންމެ ގިނަ މަސައްކަތެއް ކުރީ މިސަރުކާރުން ކަމަށެވެ. މިދިއަ ދެ އަހަރު ދުވަހުގެ މަސައްކަތަށް ބެލިނަމަވެސް އެކަން ދޮގު ނުކުރެވޭނެ ކަމަށްވެސް ޝިފާއު ވިދާޅުވިއެވެ.

ޝިފާއު ވިދާޅުވީ މިސަރުކާރުގެ ވިސްނުންހުރީ ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގުން ކަމަށާއި، ރާއްޖޭގެ އެކި ކަންކަކޮޅުތަކުގައި ވަސީލާތައް ޤާއިމްކޮށް، މާލެއަށް އޮންނަ ބަރޮސާވުން ކުޑަކުރުން ކަމަށެވެ. މީގެ ކުރިން ރާއްޖެ ތަރައްޤީ ކުރުން ކަމަށްވެފައި އޮންނަނީ މާލެއަށް ވަސީލަތްތައް ފުނިޖެއްސުން ކަމަށްވެސް ޝިފާއު ވިދާޅުވިއެވެ.

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހަކީ ވަރަށް ގިނަ ގޮތްގޮތުން ތަފާތު މަޖިލީހެއް ކަމަށް ޝިފާއު ވިދާޅުވިއެވެ. ސަރުކާރު އެމްޑީޕީއަށް ލިބި، މަޖިލީހުގެ އަޣްލަބިއްޔަތު ރައްޔިތުންދީފައިވާ ކަމަށާއި، މަޖިލީހުގެ އެންމެ ބޮޑު އެއް ދައުރަކީ ސަރުކާރު ޖަވާބުދާރީ ކުރުވުން ކަމުގައި ޝިފާއު ވިދާޅުވިއެވެ.

ޝިފާއު ވިދާޅުވީ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ރައްޔިތުން އެމްޑީޕީއަށް ދިނީ، އަޅުމަކުން ނުވަތަ އިއްތިފާގަކުން ކަމަށް ޤަބޫލު ކުރައްވަން ބޭނުން ނުވާ ކަމަށާއި އެ ސުޕަރ މެޖޯރިޓީއަކީ ރައްޔިތުންގެ ހުވަފެންތަކަކާއެކު ޙަވާލުކުރި ޒިންމާއެއް ކަމަށެވެ. އަދި ނަވާރަވަނަ މަޖިލީހުން ރައްޔިތުން މާޔޫސްވިޔަކަ ނުދޭނެ ކަމަށްވެސް ޝިފާއު ވިދާޅުވިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: