ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަޣްލަބިއްޔަތުދިނީ އެތެރޭގެ ކޯޅުންގަނޑު ބަލާކަށް ނޫން!

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން.. ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ވަޒީރެއްގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން އުޅުމަކީ އާކަމެއް ނޫނެވެ. ރައްޔިތުންގެ މަޖީލީހުން މީގެ ކުރިން އެކަންކޮށްފައިވެސް އެބަހުއްޓެވެ. ވަޒީރުންގެ އެކަންޏެއް ނޫނެވެ. ނައިބު ރައީސުންގެވެސް އިތުބާރު ނެތް ކަމަށް ވޯޓް ނަގައި މަޤާމުން ދުރުކޮށްފައިވެއެވެ. ރައްޔިތުންގެ މަޖިލީހުގެ އުނދަގޫ ބޮޑު ވެގެން މުޅި ކެބިނެޓު އިސްތިއުފާދިން މަންޒަރު މިރާއްޖޭން ފެނުނެވެ. އެފަދަ ކޮންމެ ވަގުތެއްގައި ސިޔާސީ ޕާޓީތަކުގެ އެތެރޭގައި ކޯޅުންތައް ބޮޑުވެ، އެކަމަކު ގެއްލުންވަނީ ނިކަމެއް ރައްޔިތުންނަށެވެ.

ކޯލިޝަންގެ މިސަރުކާރު ވެރިކަމަށް އައިފަހުންވެސް ދެ ވަޒީރަކު މަޤާމުން ދުރުކޮށްފިއެވެ. އެތަނުން އެއް ވަޒީރު އިސްތިއުފާ ދެއްވީ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދާފައި ވަނިކޮށެވެ. އަނެއް ވަޒީރު މަޤާމުން ވަކި ކުރީއެވެ. ޖިންސީ ގޯނާ ތުހުމަތުތައް އިންތިހާއަށް އޮތުމުންނެވެ. އެވާހަކަތައް އިވި ރައީސަށް ކީރިތި ކުރެއްވުނު ވަރެއްގެ ބޮޑުކަމުން ހިތަށް ނުކަތައިގެނެވެ. އަނެއްކާވެސް ވަޒީރެއްގެ އިތުރުބާ ނެތްކަމުގެ މައްސަލައެއް  މިވަނީ ކުރިމަތިވެފައެވެ.

މިހާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް (ފައްޔަ) އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އެމްޑީޕީން ތައްޔާރުވަނީ، އެގަހު ކޭލެއް މިގަހު ކޭލެއް ވަކި ނުވެ ކުއްލި އަކަށް އެ މަސައްކަތް މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ވެސް ރައީސް، މުހައްމަދު ނަޝީދު ފެއްޓެވުމުން ސުވާލުތަކުން ފުނިޖެހުނެވެ. އެކަމަކު މި ދަނޑިވަޅުގައި އެތެރޭގެ ކޯޅުން ގަނޑަކަށްދާން މިމައްސަލަ މާ މުހިތްމުވެގެން އުޅޭ ސަބަބެއް ނޭނގެއެވެ. އިތުބާރު ނެތްކަމުގެ ވޯޓާއެކު އެތެރޭގެ ކޯޅުންތައް ރައްޔިތުންނާއި ޙަމައަށް ތިލަވެގެން ދިޔައެވެ. ޤައުމަށް ދިމާވެފައިވާ ޙާލަތަށްވުރެ، ބިޔަ އަޣްލަބިއްޔަތު އޮތް އެމްޑީޕީގެ މެންބަރުންނަށް މުހިއްމުވީ ސޯޝަލް މީޑިއާގައިވެސް އެކަމާއި ގުޅިގެން ޒުވާބު ކުރާށެވެ.

ރައީސް އިބްރާހިމް މުޙައްމަދު ސޯލިހަށް ވެރިކަމަށް ވަޑައިގަނެވުނީ އެމްޑީޕީގެ “ނޫ އިޤްތިޞާދު” ގައި ވެފައިވާ ވައުދުތައް ވިއްކައިގެން ގުޅިފައިވާ ކޯލިޝަނެއްގެ އެހީތެރިކަމާއެކުއެވެ. ނަމަވެސް އޭގެ ވެސް އަޣްލަބިއްޔަތު ހިއްސާކުރީ އެމްޑީޕީންނެވެ. ރިޔާސީ އިންތިޚާބަށްފަހު މަޖިލިސް އިންތިޚާބުގެ ކެމްޕޭނުގައި އެމްޑީޕީން ރައްޔިތުންނަށް ވިއްކީ ނޫ އިޤްތިޞާދުގައި ހުރި ވައުދުތައް “އަކުރުން އަކުރަށް” ފުއްދޭނީ އެމްޑީޕީ ކެންޑިޑޭޓް ހޮވައިގެންކަމެވެ. އެވާހަކަތައް ޤަބޫލުކޮށް ރައްޔިތުން 65 ގޮޑިއަށް އެމީހުންގެ ވޯޓްތައް ބަންޑުންކޮއްލިއެވެ.

ފަސްދޮޅަސް ފަސް މެންބަރުންނަށް ރައްޔިތުން ގޮނޑިތައް ދިނީ އެތެރޭގެ ކޯލުންގަނޑު ބަލާ އަދި ހުވަފެން ބަލާކަށްވެސް ނޫނެވެ. ރައްޔިތުން ގޮނޑިތައް ދިނީ ޙައްޤުތައް ކަށަވަރުކުރާށެވެ. އެމްއެމްޕީއާރުސީގެ ވައްކަމުގެ ތަހުގީގު ދިގުދަންމާކަށެއްވެސް ނޫނެވެ. ގޮނޑިތައް ދިނީ ދައުލަތުގެ މާލިއްޔާ ޚާއްސަ ހާލަތެއްގައި ދޮވެލާކަށްވެސް ނޫނެވެ. ގޮނޑިތައް ދިނީ ގަވާއިދާއި ހިލާފު ބިދޭސީންގެ މައްސަލަ ހައްލުކުރަން ގަވާއިދުގެ ތެރޭގައި ތިބި މީހުން ފެލާލާކަށްވެސް ނޫނެވެ. ނޫނީ އާއިލާ މީހުންނަށް ބަދަލުގެ ނަމުގައި މިލިއަން ފައިސާތައް ބަހާކަށްވެސް ނޫނެވެ.

ތިޔަ ގޮނޑިތައް ދީގެން ރައްޔިތުންނަށް ވީ ފައިދާ އެއް ނެތެވެ. ތިޔަ މެންބަރުންގެ އަންބޮޑި ބޮނޑި ބޮޑުން ނޫން ކަމެއް ނުވެއެވެ. ސަރުކާރުގެ އިސް ވެރިންނާއި މެންބަރުންގެ ގާތްތިމާގެ މީހުންނަށް ލައްކަ ފައިދާވާތަން އެބަ ފެނެއެވެ. ވަޒީފާތަކާއި ލޯންތަކާއި އިނާޔަތްތައްވެސް މެންބަރުންގެ ގާތްތިމާގެ މީހުންނަށް ލިބިއެވެ. ދެރަ ރައްޔިތުންގެ މަޖިލީހުން ރައްޔިތަކަށް ވީ ފައިދާއެއް ނެތެވެ. މަޖިލިހުގެ ޖަލްސާއެއް އޮތިއްޔާ މީހެއްގެ މަސްކައިފައި ނޫނީ ތާކުންތާކު ނުޖެހޭ ސިޔާސީ ވާހަކައެއް ދައްކާލާފަ ނިކުމެގެންދަނީއެވެ.

މަޖުލިހުގެ ގޮނޑިއެއްގައި އިށީދެ އިނދެ ވުނީމައި ދަޢުލަތުގެތެރެއިން ވަޒީރުން ގަންނަ ގަނޑުތައް މާބޮޑަށް އެނގެނީއެވެ. ރައްޔިތުންގެ ޓެކްސް ފައިސާގެ ތެރެއިން ހަމަ ޒައްރެއްގެ މިންވަރަށްވެސް ފައިސާފޮއްޗެއްގައި އެބަޔަކު ނުޖެހޭނެ ކަމަށް ދެކެނީތޯއެވެ. އެހެން ކަމަށް ދެކޭނަމަ ތި ގޮނޑީ ގައި އިށީދެ އިނުމަކަށް ތަސައްރަފެއް ނުފުދެއެވެ. ކޮރަޕްޝަނާއި ވައްކަމާއި ބަލާނެ ކަމަށް ބުނާއިރަށް ގިނަ މެންބަރުންނަށް ވަނީ މިސްކިތު ހުޅުޖެހިމީހާއަށް ވީހެނެވެ. ރައްޔިތުން މަޖިލިސް “ސުޕަރ މެޖޯރިޓީ” އެމް.ޑީ.ޕީ އަށްދިނީ ސަރުކާރު ޖަވާބު ދާރީ ކުރުވައި ޒިންމާދާރު ކުރުވައި ޖަވާބުދާރީ ކުރުވާށެވެ. ވައްކަން ކުރުމާއި ކޮރަޕްޝަން ހިންގުމަށް ތަރުބުދޭކަށް އަދި އެކަމުގައި ބައިވެރިވާކަށްވެސް ނޫނެވެ.

މުޅިންވެސް މި ފެންނަނީ މޮޅެތި ސްޓަންޓްތައް ހަދާތަނެވެ. ދައުލަތުގެ ރިޒާވް ދައްވެ ސަރުކާރުން ނަގާ ލޯނު ގިނަވެ ރައްޔިތުން އެކަމާއި ކެކި އަރާނެތީވެ މިސްރާބު ބަދަލުކޮށްލަންވެސް ވަރަށް ކުޅަދާނައެވެ. މިކަމުގައި ހުރިހާ މެންބަރުން ހިމެނެއެކޭވެސް ނުދަންނަވަމެވެ. އެކަމަކު މާ އަނގަ ގަދަވެގެން ބައެއް މެންބަރުން އުޅުއްވާތީ ފެނެއެވެ. ބުއްދިވެރި ގޮތަކީ ރީތިކޮއް ބަސް މަދުކޮށްގެން ހުރުމެވެ. ނޫނީ ފަހަރެއްގާ އެހެން އުޅޭ މެންބަރުން ބޭޒާރުވާލެއް އަވަސްވެދާނެއެވެ.

ރައްޔިތުންނަށް މިވާނުވާ އެނގެއެވެ. ދައުލަތުގެ ޙަޒާނާއަށް ވާ ގޮތްވެސް ރައްޔިތުންނަށް އެނގެއެވެ. ކައިފައި ދަތްކޮށްޓަން އިނދެ ބަނޑު ދައްކަނީ ކޮންކޮން މެންބަރުންނެއް ކަންވެސް ރައްޔިތުން ސާފުކޮށް އެނގެއެވެ. އަޤުލަބިއްޔަތު ދިނީ ރައްޔިތުންގެ ޓެކްސް ފައިސާ އިން ވައްކަން ކުރާކަށް ނޫނެވެ. ބައި އެޅުނު މެންބަރުންގެ އަޑު ގަދަވާހެންވެސް ހީވެއެވެ. ކޮންމެ ހެނެއްވިޔަސް އަޣްލަބިއްޔަތުދިނީ އެތެރޭގެ ކޯޅުންގަނޑު ބަލާކަށް ނޫނެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: