ކޮވިޑުގެ ތެރެއިން ހެލްތް މިނިސްޓްރީން ކުރިޔަށް ގެންދިޔަ މަސައްކަތްތަކުގައި ކޮރަޕްޝަނާއި އޮޅުވާލުންތަކެއް ހާމަވުމާއި ގުޅިގެން މައްސަލަ ބަލާ ނިމެންދެން މަގާމުން އަބްދުﷲ އަމީން އެކަހެރިވެއްޖެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެޑްރެސް ކުރައްވާ އަމީން ފޮނުވާފައިވާ އެ ސިޓީގައި ބުނެފައިވަނީ، ކޮވިޑާއި ގުޅޭ މިނިސްޓްރީގެ ހަރަދުތަކުގެ ކޮމްޕްލައިންސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތަކާއި ގުޅިގެން ކަމާއި ބެހޭ މުވައްސަސާތަކުން މި މައްސަލަ ތަހުގީގުކޮށް ނިމެންދެން ނުވަތަ ވަކި ގޮތެއް އަންގަން ދެން މިނިސްޓްރީގެ މަސައްކަތްތަކުން އެކަހެރިވުމަށް ނިންމާފައިވާ ކަމަށެވެ.
މީގެ ކުރިން ނޫސްވެރިން ޕްރެސްތަކުގައި އެންމެ ގިނައިން ދެއްކި ވާހަކަތައް އެއީ ހަގީގަތެއްކަން އެނގުނީ، ހެލްތްގެ އޮޑިޓުންނެވެ. ގިނަ ކަންތަކެއް ހާމަވެގެން ދިޔަ އެ އޮޑިޓުން މިލިއަނުން ހަރަދު ކުރި ފައިސާތަކަށް ވީނުވީއެއް ނޭނގެއެވެ. ނޫނީ އޭގެއިން ހަރަދު ކުރި އިކުއިޕްމެންޓުތަކުގެ އެއްވެސް ތަފްސީލެއް ނޫނީ، އެތަކެތި ކޮބައިކަން ނޭނގެއެވެ.
ހެލްތްއިން ވެސް ވަނީ މާލިއްޔަތުގެ ގާނޫނާއި ހިލާފަށް ގިނަ އަމަލުތަކެއް ހިންގާފައެވެ. އަދި މަކަރާއި އޮޅުވާލުން އަދި ކޮރަޕްޝަންގެ އަމަލުތަކެއް ވަނީ ވެންޓިލޭޓަރުތައް ގެނައުމުގައި ހިންގާފައެވެ.
ގިނަ ކަންތަކެއް ހާމަވެގެން ދިޔަ އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ ހެލްތް މިނިސްޓްރީއިން، ޕާރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމެންޓްސް (ޕީޕީއީ) އާއި އެހެނިހެން މެޑިކަލް ސާމާނު ހޯދުމަށް ރެސްޓްރިކްޓެޑް ޓެންޑަރިންގެ އުސޫލުން އެކިފަރާތްތަކާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި މި ތަކެތި ހޯދުމަށް ހަވާލުކުރާނެ ފަރާތްތައް ކަނޑައަޅާފައި ވަނީ، ތަކެތި ފޯރުކޮށްދިނުމަށް ނަގާ މުއްދަތަށް 35 އިންސައްތަ ޕޮއިންޓް ލިބޭގޮތަށް އަދި އެންމެ ކުރު މުއްދަތެއް ހުށަހަޅާ ފަރާތަށް މުއްދަތުގެ ބައިން އެންމެ މަތިން ޕޮއިންޓް ލިބޭ ގޮތަށް ކަމަށެވެ.
ޕީޕީއީތައް މިއީ އަވަހަށް ބޭނުންވާ ތަކެތިކަމަށް ވުމުން، ތަކެތި ފޯރުކޮށް ދިނުމަށް ހުށަހަޅާ މުއްދަތަށް ނިސްބަތުން ގިނައިން ޕޮއިންޓް ލިބޭގޮތަށް ބިޑްތައް ވަޒަންކޮށްފައި ވީ ނަމަވެސް ބިޑްތައް ވަޒަންކުރުމުގައި، އެކި ފަރާތްތަކުން ހުށަހަޅާފައިވާ މުއްދަތަކީ އެކަށީގެންވާ މުއްދަތެއްތޯ ބިޑް ކޮމިޓީން ބަލައި ވަޒަންކޮށްފައި ނުވާކަނަށް އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފައެވެ.