ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުން ކައިރީ ބުނީ އަތް ދޮންނަން، އެއަށްފަހު ދޮވެލީ ރައްޔިތުންގެ ނޭވާ ހޮޅި!

ހެލްތް މިނިސްޓްރީ އާއި، ޓޫރިޒަމް މިނިސްޓްރީގެ އޮޑިޓުން ބޮޑެތި އޮޅުވާލުންތަކާއި ކޮރަޕްޝަންގެ އަމަލުތަކެއް/ ހެލްތް މިނިސްޓަރު އަމީނާއި، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ކޮވިޑުގެ ކޭސްއެއް ފެނުމުގެ ކުރިން ވެސް ދަރުބާރުގޭގައި ދިޔައީ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި ބައްޔާއި ދެކޮޅަށް މަސައްކަތްތަކެއް ހިންގަމުންނެވެ. ދައުލަތުގެ އެކި މުވައްސަސާތަކާއި، ވުޒާރާތައް ގުޅިގެން މަސައްކަތް ފަށާ އެންމެ ހަރު އަޑުން ދައްކަމުން ދިޔަ ވާހަކައަކީ ރާއްޖެ މިއޮތީ “ވޯސްޓް ކޭސް ސިނާރިއޯއަކަށް” ނުވަތަ އެންމެ ގޯސް ހާލަތަށް ވެސް ތައްޔާރަށް ކަމަށެވެ.

މިއަދު ވެސް ދަރުބާރުގޭގައި އެންމެ ފުރަތަމަ ބޭއްވި ނޫސްވެރިންގެ ބައްދަލުވުން މަތީން ހަނދާން އެބަހުއްޓެވެ. ހެލްތް މިނިސްޓަރު އަމީން އާއި، ކުރީގެ ޓޫރިޒަމް މިނިޓަރު އަލީ ވަހީދު ބައިވެރިވީ އެ ޕްރެސްގައި އެންމެ ބާރަށް ދެއްކި އެއް ވާހަކައަކީ ރައްޔިތުންގެ ސިއްހަތަށް އަބަދުވެސް އިސްކަން ދޭނެ ކަމަށެވެ. ދުނިޔެއަށް ދިމާވެގެން އުޅޭ ބޮޑު ބަލިމަޑުކަމެއްގެ އަސަރު ރާއްޖެއާއި ހަމައަށް އަޔަ ނުދިނުމަށާއި އަދި ބައްޔާއި ދެކޮޅަށް ކުރެވޭ މަސައްކަތްތަކަކީ އެއީ ދެފުށް ފެންނަ މަސައްކަތަކަށް ވެގެން ދާނެ ކަމަށެވެ.

ހަމަ އެއާއި އެކު، ކޮރަޕްޝަންގެ އަމަލުތަކާއި އެއްވެސް އޮޅުވާލުމެއް އޮޅުވާލާފައި ނޯންނާނެ ކަމަށް ވިދާޅުވަމުން ގެންދެވިއެވެ. މިއީ ވަކި އަމީން އާއި، އަލީ ވަހީދުގެ ވާހަކަ އެކަންޏެއް ނޫނެވެ. ކޮންމެ މުވައްސަސާއަކުން ވެސް ދެއްކި ވަހަކައަކީ އެއީއެވެ. ސިޔާސީ ވެރިން ޓީވީ ޕްރޮގްރާމްތަކާއި، އަދި ޓްވީޓުތަކެއްކޮށް ބުނަމުން ދިޔައީ “މިއީ ޔާމީންގެ ސަރުކާރެއް ނޫން ކަމަށާއި، ޔާމީން ނަމަ ވައްކަން ކުރީސް” ކަމަށެވެ. މިއަދު ވެރިކަމުގައި ހުރީ ރައީސް ޔާމީންނަމަ ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ބަދަލުގައި، ލިބޭ އެހީތަކާއި އަދި އެ ނޫން ވެސް މަސައްކަތްތައް ކުރިޔަށް ދާނީ ލާރިގަނޑު ޖީބަށް އަޅައިގެންކަމަށް ބުނަމުން ދިޔައެވެ. މިއީ ސޯޝަލް މީޑިއާއިން އެ ދުވަހު ފެންނަމުނ ދިޔަ މަންޒަރުތަކެވެ.

ކޮންމެއަކަސް، ރާއްޖޭގެ ކޮންމެ ރައްޔިތެއްގެ ވެސް އެންމެ ބޮޑު ކަންބޮޑުވުމަކީ ރާއްޖެ ފަދަ ސިއްހީ ނިޒާމު ނާޒުކު ގައުމެއްގައި މި ބަލި ކޮންޓްރޯލް ކުރާނެ ގޮތާއި މެދުއެވެ. ކިރިޔާވެސް ރަނގަޅު ފަރުވާއެއްގެ ނިޒާމެއް އޮތީ ވެރިރަށް މާލެ ސިޓީގައިކަމަށްވާއިރު އެންމެ ފުރަތަމަ ވެސް ޕްލޭންގައި އޮތީ މާލެ ސިޓީން ކޭސްއެއް ފެނިއްޖެނަމަ މުޅި މާލެ އެކީ ލޮކްޑައުން ކުރުމަށެވެ.

ބައްޔާއި ދެކޮޅަށް ކުރި މަސައްކަތްތަކުގެ ތެރެއިން ރާއްޖެއަށް މެޑިކަލް އިކުއިޕްމެންޓުތަކެއް ގެނެވުނެވެ. މާސްކާއި، އަދި އާދައިގެ ހުން ރޯގާއަށް ބޭނުން ކުރާ ބޭސް ވެސް ގެނައެވެ. އޭގެ އިތުރުން ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމެންޓް (ޕީޕީއީ) އަދި އެ ނޫންވެސް މެޑިކަލް ސާމާނުތައް ރާއްޖެއަށް ގެނައެވެ.

ރާއްޖެއަށް ގެނައި 9N5 މާސްކުތަކަކީ ކޮލިޓީތައް، ބްރޭންޑެއްކަމަށް ހެލްތް މިނިސްޓްރީގެ އޮޑިޓުން ދައްކައެވެ. އެހެން ނަމަވެސް މިއީ ގިނަ ނޫސްވެރިންނަށް އާ ވާހަކައެއް ނޫނެވެ. މާސްކުތައް ރާއްޖެއަށް ގެނައުމުގައި އޮޅުވާލުންތަކެއް އުޅޭތީ އެ ސުވާލު ތަކުރާރުކޮށް އަމީނަށް އަމާޒު ކުރިއެވެ. އެހެން ނަމަވެސް ދިނީ ހަމަ އެއް ޖަވާބެއްކެވެ. “މިނިސްޓްރީއިން އެއްވެސް ކަމެއްގައި ގޯސްކޮށް އަމަލުކޮށްފައި ނޯންނާނެ” ކަމަށެވެ.

ވެންޓިލޭޓަރުތަކުގެ ވާހަކަތައް މީގެ ކުރިން ބަޔަކަށް ވީ ފޫހި ވާހަކައަކަށެވެ. ނޫސްވެރިޔާ ސުވާލުކޮށް ނިންމާ، ޓްވިޓާތެރެ ހުޅުވާލާއިރު އެ މީހަކަށް އޮންނަނީ ފާޑުކިޔުންތަކެއް ކިޔާފައެވެ. ތަކުރާރުކޮށް ވެންޓިލޭޓަރުގެ މައްސަލައިގައި ސުވަލު ކުރީ ސަބަބުތަކެއް ހުރެގެންނެވެ. އެ ވެންޓިލޭޓަރުތައް ގެނައުމަށް ކުންފުނިތަކާއި ހަވާލު ކުރުމުގައި އޮޅުވާލުންތަކެއް ހުރިކަން އެނގޭތީއެވެ.

ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާއިން ވެންޓިލޭޓަރު ވިއްކާ ކުންފުންޏެއްކަމަށް ބުނެ، ކުންފުންޏެއްގެ ނަން ރެކަމަންޑް ނުކުރާނެކަން ބުއްދިއަށް ގަބޫލު ކުރާތީއެވެ. އެޑްވާންސް ގެރަންޓީއަކާއި ނުލާ، ޕޭމަންޓު ހެދުމުން ދެން ވެންޓިލޭޓަތައް ފޯލްޓީ ވިޔަސް ސަރުކާރަށް ކުރެވޭނެ ކަމެއް ނޯންނާނެކަން އެނގޭތީއެވެ.

ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏަކީ ސައްހަ ކުންފުންޏެއް ނޫންކަން އެނގިތިބެ ސުވާލު ކުރުމުން އެއީ ސައްހަ ކުންފުންޏެއްކަމާއި، މިނިސްޓްރީގެ ސްޓާފުންނާއި ވެސް ވާހަކަ ދެއްކިކަމަށް ވިދާޅުވީ އޭރުގެ އެންއީއޯސީ ތަރުޖަމާނު މަބްރޫކް އަޒީޒެވެ. ކޮންމެ މީހަކު ވެސް އެ މީހެއްގެ ދުލަށް ޒިންމާ ވާން ޖެހޭނެއެވެ. ނޫސްވެރިން ތަކުރާރުކޮށް ސުވާލު ކުރުމުން، އޭގައި ގޯހެއްވާނަމަ އެކަން ހޯދުން އެއީ މަބްރޫކްގެ ޒިންމާއެކެވެ.

ވެންޓިލޭޓަރުތަކުގެ މައްސަލަ އެއީ ހަގީގަތުގައި ވެސް ބޮޑު އޮޅުވާލުމެއްކަން ޔަގީނެވެ. ނޫސްވެރިން އެތައް ސުވާލެއް ކުރިއިރު ހެލްތް މިނިސްޓްރީން ދިނީ އެޔަށް ބީރު ކަންފަތެކެވެ. އަދި ބެލީ، އަމީންގެ ކޮޓަރިކޮޅު ގަނޑުވަރަކަށް ހެދޭތޯއެވެ.

މި ދުވަސްވަރު ބޮޑު ހޭދައެއްކޮށްގެން ފެންވަރު މަތީ ކޮންފަރެންސް ހޯލެއް ހެލްތު މިނިސްޓްރީގައި ހަދާފައިހުރުން ގިނަ ބައެއްގެ ފާޑުކިޔުން

އަމީން އަބަދުވެސް، ފޮޓޯއަށް މަސައްކަތް ކުރިކަން އެއީ އެންމެން ދަންނާނެ ހަގީގަތެކެވެ. ހެލްތް މިނިސްޓްރީގެ އިންސްޓަގްރާމް އެއީ މީގެ ކުޑަ ކުޑަ މިސާލެކެވެ.

އޭގެ ފަހުން ދެން އައި އަލީ ވަހީދުގެ ވާހަކަތަކެވެ. ނޫސްވެރިންގެ ބައްދަލުވުންތަކުގައި ފޮނި ބައިސާ ކެނޑުން އާއްމުކަމަކަށް ހައްދަވާ، ރާއްޖެ ކޮވިޑު ފްރީ ގައުމަކަށް ނަހައްދާ ހުރީ ނަސީބަކުންނެވެ. ސަރުކާރުގެ މޮޅެތި ވާހަކައާއި، ޓޫރިޒަމް މިނިސްޓްރީގެ މޮޅެތި ވާހަކަތައް ދެއްކިއިރު މީޑިއާތަކުން ސުވާލު އުފެއްދީ ބޮޑެތި ހަރަދުތަކެއް ކުރި ކަރަންޓީނު ފެސިލިޓީތަކަށެވެ. ފަރުކޮޅުފޮށި މީހުންނަށް ފަރުވާ ދޭ ސެންޓަރަކަށް ހަދަން ދިޔަ ހަރަދު ފެނި ސަހަރޯ ހީވިއެވެ.

މިވާހަކަތައް ދެއްކުމުން، ނޫސްވެރިޔާ ގޯސްކޮށް ބުނީ ބޮޑު ބަލިމަޑުކަމެއްގެ ތެރެއިން ގައުމު ފިތުނައެއްގެ ތެރެއަށް ވައްޓާލުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިދެންނެވި ފަރުކޮޅު ފުށީގައި މީހުން ބައިތިއްބާ ފަރުވާ ދޭން ފެށުމުން މައްސަލަތައް އައީ ފުލުފުލުގައެވެ. އެތައް ފުރިހަމައެއްކޮށް ހެދިކަމަށް ބުނާ އެ ފެސިލިޓީގައި ކުޑަމިނުން ފޮތިގަނޑެއްހާ މިނުން ވެސް ދަމާފައި ނެތެވެ. މަދިރީގެ އުނދަގޫ އިންތިހާއަށް ބޮޑުވިއެވެ. ވާރޭ ވެހި، ތަނުން ކަރަންޓު ގޮސް ތަނުގެ ތެރެއަށް ވާރޭ ވެހުނެވެ. ފާހަނާ ހުންނަނީ ވަކިންނެވެ. ޅަ ދަރިން ގޮވައިގެން އެތަނުގެ ތެރޭގައި ތިބެން ކެތް ނުކުރެވުނު މައިންގެ މެސެޖުތައް އަދި ވެސް މި ފޯނުގައި ހުންނާނެއެވެ. މި ވާހަކަތައް މީޑިއާތަކަށް އައިސް ނޫސްވެރިންގެ ޝަކުވާތަކާއި އެކު، ތަން ބޭނުން ކުރުން ވަގުތީ ގޮތުން ހުއްޓާލައި އަނެއްކާވެސް މަރާމާތެއް ފެށިއެވެ. ޓުރިޒަމް މިނިސްޓްރީއިން މި މަސައްކަތްތައް ނިންމާ ނޫސްވެރިން ހަމަ އެ ފެސިލިޓީއަށް ގެންދިޔައެވެ. ފެނުނު ބަދަލެއް ނެތެވެ. އެހެނަސް ކުރި ހަރަދުތައް ބޮޑެވެ.

މީގެ އިތުރުން ވިލިވަރުގައި ކަރަންޓީން ފެސިލިޓީއެއް ހެދިއިރު، ތަނަށް 2.1 މިލިއަން ރުފިޔާ ހަރަދު ކުރިއެވެ. އެހެން ނަމަވެސް، ތަނުގެ ފެންވަރުން އެއީ އެއްގޮތަކަށް ވެސް ދެ މިލިއަން ހަރަދު ކުރިތަނެއްހެން ހީއެއް ނުވެއެވެ.

ވިލިވަރުގައި ފެންވެރަން ހަދާފައި ހުރިތަން، އެއްވެސް ނިވާކުރުމެއް ނެތް/ ހުޅުމާލޭގެ ފެސިލިޓީގެ ފެންވެރުން ވެސް ހަމަ މި އުސޫލުގެ ދަށުން

މިފަދަ ކިތަންމެ ހަރަދުތަކެއް ކުރިއިރު، ކޮވިޑުގެ ހަރަދުތައް ބިލިއަނަކުން މައްޗަށް ދިޔައިރު، އެ ހަރަދުތަކުގެ އެކިއުރޭޓު ތަފްސީލަކީ ކޮބައިކަން ނޭނގެއެވެ. ރާއްޖެއަށް އެތައް ގޮތަކުން އެހީތަކެއް ލިބުނުއިރު އެ ފައިސާތަކަށް ވީނުވީއެއް ނޭނގެއެވެ. އެކި ގައުމުތަކުން ދޭ ފައިސާތަކުގެ އެހީތަކުގެ ވާހަކައަކީ އަބަދުމެހެން މީޑިއާތަކުގެ ފަލަ ސުރުހީގައި އޮތް ވާހަކައެކެވެ.

ކޮވިޑާއި ގުޅިގެން ފްރަންޓްލައިނުގައި މަސައްކަތް ކުރި ސްޓާފުންނަށް މުސާރައާއި އިނާޔަތްތައް ނުދެވެއެވެ.

ރައްޔިތުން ކައިރީ ގޭގައި ތިބެ، އަތްދޮންނަން ބުނި މީހުން ރައްޔަތުންގެ ނޭވާ ހޮޅި ވެސް ދޮވެލީއެވެ. މަޖިލީހެއް ހޭލައި އަނެއްކާ މަސައްކަތް ފަށައިފިއެވެ. ސުވާލަކީ މި ރިޕޯޓުގައި އާ ވާހަކައެއް ނެތްއިރު މަޖިލީހުން މި މައްސަލަ ބަލަން ނޫޅުނު ސަބަބާއި މެދުއެވެ. އަދި އެންޓި ކޮރަޕްޝަން ކޮމިޝަނުންގެ ތަހުގީގަށް މި ބޮޑު އޮޅުވާލުން ނޭނގުނީތީ ވެސް ހައިރާނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: