ދުނިޔޭގެ އެހެންވެސް ގައުމުތަކާއި ގުޅިގެން ތަރައްޤީގެ މަސައްކަތްތަކަށް ރާއްޖެ އަބަދުވެސް އޮންނާނީ ހުޅުވާލެވިފައި ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޖަޕާނުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއިން ވަރޗުއަލްކޮށް ބޭއްވި ރިސެޕްޝަންގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ޖަޕާނު ސަރުކާރުން ވަމުންއަންނަ އެހީތެރިކަން ފާހަގަކުރައްވާ ދިވެހި ރައްޔިތުންގެ ނަމުގައި ޝުކުރުއަދާކުރައްވާ ކަމަށެވެ.
ޝާހިދު ވިދާޅުވީ މާލޭ ވަށައިގެން ލާފައިވާ ތޮއްޓާއި އަދި ސޯޝަލް ސެންޓަރފަދަ މަސައްކަތްތަކަކީ ޖަޕާނުން ރާއްޖެއަށް ވެދިން ވަރަށް ބޮޑު އެހީތެރިކަމެއް ކަމަށެވެ.
ދިވެހިރާއްޖޭއަށް މިނިވަންކަން ލިބުނު އިރު ފަޤީރު ޤައުމުތަކުގެ ލިސްޓުގައި ރާއްޖެ އޮތަސް މިހާރު ރާއްޖެއަށް އިޤްތިޞާދީގޮތުންނާއި އިޖްތިމާއީގޮތުން ލިބިފައިވާ ކުރިއެރުމުގައި ޚާރިޖީ ގުޅުންތަށް މުހިއްމު ދަޢުރެއް އަދާކުރާކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދު ބިނާވަނީ ފަތުރުވެރިކަމަށް ކަމަށާއި ކޮވިޑާއި ގުޅިގެން ފަތުރުވެރިކަމުގެ ވިޔަފާރިތަށް ހުއްޓުމުން ރާއްޖެއަށް ވަންނަ ފައިސާއާއި، މީހުންގެ އާމްދަނީއާއި އަދި އިޖްތިމާޢީ މައްސަލަތައްވަނީ ދިމާވެފައި ކަމަށެވެ.
ކުރިން ސުނާމީ ކާރިސާއިންވެސް އަރައިގަނެވުނީ ބޭރު ގައުމުތަކުގެ އެހީތެރިކަމާއެކުގައި ކަމަށާއި މިހާރުގެ ޙާލަތުން އަރައިގަތުމަށްވެސް ބޭރުގެ އެހީ ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި މިނިސްޓަރ ޝާހިދު ވަނީ ޖަޕާނު ބަހުންވެސް ވާހަކަފުޅު ދައްކަވާފައެވެ. ރާއްޖެ އާއި ޖަޕާނާއި ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރިތާ، މިއަހަރު ވަނީ 53 އަހަރު ފުރިފައެވެ.

