ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހި ގައުމު ނުރައްކާތެރި ފައްތަރެއްގައި، ރައީސުލްޖުމްހޫރިއްޔާ ކޮބާ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރެމުން އައި ނުރައްކާތެރި ކޮވިޑު ބަލި، ރާއްޖެއިން ފެނުނީ މިދިޔަ އޭޕްރިލް މަހުގެ ތެރޭގައެވެ. އޭގެ ކުރިން ނޫސްވެރިންގެ ބައްދަލުވުންތަކާއި، އަދި އެ ނޫންވެސް އެކި ޕްލެޓްފޯމުތަކުން އަޑު އިވެމުން ދިޔައީ ރާއްޖެ އޮތީ އެންމެ ގޯސް ހާލަތަަކަށް ވެސް ތައްޔާރަށް ކަމަށެވެ. އެ ބުނާ ގޯސް ހާލަތަކީ ކޮބައިކަން ބުނެ ނުދެވުނު ނަމަވެސް، މެޑިކަލް ފެސިލިޓީތަކާއި، އިކުއިޕްމެންޓުތައް، އަދި ރާއްޖެއަށް ބޭސްތައް އެތެރެ ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާނެކަމަށް ސަރުކާރުން ދިޔައީ ބުނަމުންނެވެ.

ރާއްޖެއިން ކޮވިޑުގެ ކޭސްއެއް ފެނުމަށް ފަހު، ދިވެހި ރާއްޖޭގެ ރައްޔިތުންނައި މުހާތަބު ކުރައްވާ ވާހަކަ ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ދިވެހި ސަރުކާރަށް އަބަދުވެސް މުހިންމު ވާނީ ރައްޔިތުން ކަމަށެވެ. ރައްޔިތުންގެ މައްޗަށް އިގްތިސޯދު އިސް ނުކުރާނެ ކަމަށެވެ. އަދި އަބަދުވެސް މަސައްކަތް ކުރިޔަށް ގެންދާނީ ސިއްހީ މާހިރުންގެ ލަފަޔާއި އެއްގޮތަށް ކަމަށެވެ. އަޑު އަހާނީ ސިއްހީ މާހިރުންގެ ބަސް ކަމަށާއި، އަޅާ ކޮންމެ ފިޔަވަޅަކީ އެއީ އެ ބޭފުޅުންގެ އަޑުކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުންތަކުގައި، ޑޮކްޓަރުން ދެއްކެވި ވާހަކަތައް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން އެތައް ދުވަހަކު އޮޅުވާލާ، އެ ވާހަކައަށް ހުރަސް އަޅުއްވާފައި އެބަހުއްޓެވެ. ދިވެހި ރާއްޖޭގެ އެންމެ ނާޒުކު ދާއިރާއަށް، މަސައްކަތުގެ ތަޖުރިބާ ހުރި ފަންނީ ބޭފުޅެއް މަގާމަށް އިސް ކުރުމުގެ ބަދަލުގައި މުހިންމު ވީ ކޯލިޝަނެވެ. އޭގެ ހިތި ނަތީޖާ މިއަދު މިދަނީ ފެންނަމުންނެވެ. ރައްޔިތުންގެ ނެވާ ހޮޅިން ވައްކަންކޮށް، ކޮރަޕްޝަންގެ އެތައް އަމަލެއް ހިނގީ ދިވެހި ރާއްޖެއަށް ދިމާވި ނުރައްކާތެރި ބޮޑު ބަލިމަޑުކަމެއްގެ ތެރެއިންނެވެ.

ސަރުކާރަށް ކަންކަން ނުބެލެހެއްޓުން އެއީ، ނާގާބިލުކަމެވެ. ކޮންމެ ކަމެއް ރައްޔިތުންގެ ބޮލުގައި އަޅުވާ ނިންމާ ނުލެވޭނެއެވެ. ރައްކާތެރިކަމަށް އެޅި ފިޔަވަޅުތަކާއި މެދު ހަގީގަތުގައި ވެސް ސުވާލު އުފެދެއެވެ. ފާއިތުވީ 08 މަސް ދުވަހު ހަގީގަތަށް ކުރި މަސައްކަތެއް ކޮބާ ތޯ އެވެ. މާސްކެއް އެޅުން މަޖުބޫރު ކުރުން، ކާފިއު ހިންގުމެއް ނޫނެވެ. ގެނެވުނު މެޑިކަލް ސާމާނުތަކާއި، ރާއްޖެއަށް މި މުއްދަތުގައި އެތެރެ ކުރެވުނު ބޭސްތަކާއި ބެހޭ މައުލޫމާތާއި، އަދި އިންސާނީ ވަސީލަތްތައް މަދުކަމަށް ބުނާއިރު އެ ވަސީލަތްތައް އިތުރު ކުރަން ކުރި މަސައްކަތަކުގެ ތަފްސީލެއް ނެތެވެ.

ކުރި މަސައްކަތެއް އެ އޮތީ ހެލްތް މިނިސްޓްރީ އާއި، ޓޫރިޒަމް މިނިސްޓްރީގެ އޮޑިޓުން ހާމަވާށެވެ. ދެން ދައްކާނެ އިތުރު ވާހަކައެއް ނެެތެވެ. 75 މިލިއަން ހަރަދުކޮށް ގެންނަން ހަވާލު ކުރި ވެންޓިލޭޓަރެއް ގެނެވުނީ އެއް ނޫނެވެ. ޕީޕީތަކަށް 35 މިލިއަނުން ހަރަދުކޮށް އެއަށް ވީނުވީއެއް އެނގޭނެ ގޮތެއް އޮތީ އެއް ނޫނެވެ. ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީން އެދުނު އަދަދަށް މެޓީރިއަލް ފޯރުކޮށް ދެވުނީ އެއް ނޫނެވެ. އެ އޮތޯރިޓީން އެދުނު ތަކެއްޗެއް ގެނައީ އެއް ވެސް ނޫނެވެ. ގެނައި ނަމަ ގެނައީ ކޮލިޓީ ދަށް، ބޭނުން ނުުކުރެވޭ ވަރުގެ ތަކެއްޗެވެ.

އެންމެ ކުޑަމިނުން ގެނައި 10 ވެންޓިލޭޓަރުގައި ބާ ބެޓަރިއެއް ހާ މިނުން ވެސް ނެތެވެ. ބެޓަރިއެއް ހޯދާ، ބެޓަރި އިންސާޓްކޮށް ބެލިއިރު އޮކްސިޖަންއެއް ހިފަހައްޓަނީއެއް ނޫނެވެ. މިއީ މި ދިވެހި ރާއްޖޭގެ ހާލަތު ހުރި ގޮތެވެ. ހަގީގަތަކީ މިއީ އެވެ. ބަޔަކަށް ގައުމު ބަލިމަޑުކަމަކުން ސަލާމަތް ކުރުމުގެ ބަދަލުގައި މުހިންމުވީ އަމިއްލަ ޖީބު ފުރުވާލުމެވެ. ތިމާގެ އެކުވެރިއަކަށް ކޮންމެވެސް ނާޖާއިޒް ފައިދާއެއް ހޯދައި ދިނުމަށެވެ.

ހިތާމައަކީ މީގެއިން ތަހުގީގުކޮށް، ފިޔަވަޅު އެޅޭނެ އެއްވެސް މައްސަލައެއް ނެތީމައެވެ. އަހަރު ނިމިގެން ދާއިރު ދިވެހި ރާއްޖެ ދުށް، އެންމެ ބޮޑު ހިޔާނާތުގެ މައްސަލަ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސްގެ މައްސަލަ އެއް ފަރާތްކޮށް ބަލަން ޖެހޭނީ ކޮވިޑު ހިޔާނާތެވެ. ފާއިތުވީ ހަ މަސް ދުވަހުގެ ހާލަތަކީ މިއީ އެވެ. އޮޅުވާލުމާއި، ހިޔާނާތްތަކެވެ.

ވެންޓިލޭޓަރުގެ އޮޑިޓު: ދުބާއީ ކުންފުންޏަށް 30 މިލިއަން ރުފިޔާ ދެއްކީ، ކުންފުނީގެ ސައްހަކަން ނުބަލާ!

މި ބަލިމަޑުކަމުގެ ތެރެއިން އެންމެ އުނދަގޫތަކާއި ކުރިމަތިލާން ޖެހުނީ ދިވެހިި އާއިލާތެކެވެ. ވަޒީފާ ގެއްލި، އާމްދަނީ އެއް ލިބޭނެ ވަސީލަތްތައް މެދުކެނޑިގެން ދިޔައެވެ. މާލެ ސަރަހައްދުގައި ހިންގާ އެތައް ވިޔަފާރިއެއް ބަނގުރޫޓު ވެއްޖެއެވެ. ނިކަމެތި މީހާ، ނިކަމެތިކަން މަތީ ކޮންމެ ދުވަހެއް ހޭދަ ކުރަމުން ދާއިރު ސަރުކާރުގެ މަގާމުތަކުގައި ތިބޭ މީހުންނަށް މިއީ ކިހާ ވަރެއްގެ ވޭނެއްކަން ވެސް ހިތަށް ނުގެނެވި ދާނެއެވެ.

ދިވެހި ސަރުކާރަށް އަމާޒު ކުރަން ބޭނުންވާ ސުވާލަކީ، މި ވިޔަފާރިތަކާއި ދިވެހި ރައްޔިތުންނަށް އެހީވާން ކުރީ ކީއްތޯއެވެ. އެއްވެސް އެސެސްމެންޓެއް ހަދާ، ރީސާޗްއެއް ތައްޔާރުކޮށްފައި ވޭތޯ އެވެ. ޖުމްލަ ކިތައް ވަޒީފާ ގެއްލުނުތޯ އާއި، ކިތަށް ވިޔަފާރި ބަނގުރޫޓުވެ ޝަޓްޑައުންއަކަށް ދާން ޖެހުނު ތޯ ސަރުކާރުން ބަލާފައި ވޭބާއެވެ؟

އެންމެ ފަހުން ވެސް ނަމަކަށް މީގެ އެސެސްމެންޓެއް ހެދީ މިދިޔަ ޖޫން މަހުއެވެ. އެގޮތުން ރާއްޖޭގެ ކޮންމެ 10 މީހަކުން އެކެއްގެ ވަޒީފާ ގެއްލުނުކަމަށް އާއްމުކޮށްފައިވާ އިންފޯގްރެފިކްސްއިން ދައްކައެވެ. އަދި ޖުލައި މަހުގެ ތެރޭގައި އެކަނިވެސް ކޮންމެ 10 މީހަކުން އެކެއްގެ ވަޒީފާ ގެއްލުމުގެ ބިރު އެބައޮތް ކަމަށް އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. މީގެ ފޮލޯއަޕްއެއް ފެންނާކަށް ނެތެވެ.

ކޮވިޑާއި ގުޅިގެން ހާލަތަށް ބޮޑެތި ބަދަލުތަކެއް، ގިނަ ބައެއްގެ ވަޒީފާ ވަނީ ގެއްލިފައި: ފޮޓޯ/ އަވަސް

ވަޒީފާ ގެއްލުނު މީހުންނަށް ދޭން، ތައާރަފް ކުރި އިންކަމް އެލެވެންސްއަށް ބޮޑެތި ހަރަދުތަކެއް ކުރެވިއްޖެކަމަށް ފިނޭންސްއިން ބުނާއިރު އަދި މިހާތަނަށް އެ އެލަވެންސްއެއް ލިބުނު ބަޔަކާއި ދިމާވާ ގޮތެއް ނުވެއެވެ. ސޯޝަލް މީޝިއާއިން މުޅިން ވެސް ގެންނަނީ ކަންބޮޑުވުންތަކެވެ. އެލަވެންސްގެ އީމެއިލް ރިޖެކްޓު ވީ ވާހަކައާއި، ރިޖެކްޓު ކުރި ސަބަބެއް ވެސް އެނގެން ނެތް ކަމަށެވެ. މިހެން ކިތަންމެ ވާހަކައެއް ދެއްކިދާނެއެވެ.

މިއަދު އަނެއްކާ ވެސް ކޮވިޑުގެ ނުރައްކާ ކުރިޔަށް ވުރެ، ބޮޑުވެފައިވާއިރު ސަރުކާރުގެ މަސަައްކަތްތައް ކޮބައިތޯ އެވެ. މާލެ ސަހަރައްދުގެ ކޮވިޑު ބެޑް ކެޕޭސިޓީ ފުލްވެއްޖެކަމަށް ބުނާއިރު އެ ފެސިލީޓިތަށް އިތުރު ކުރަން މަސައްކަތް އެބަ ކުރޭ ތޯއެވެ. ދިވެހި ދައުލަތް ބަނގުރޫޓު ވާން ވީ ކީއްވެގެންތޯއެވެ. ލިބުނުހާ އެހީތަކާއި، ލިބުނު އެހީގެ ފައިސާ އަދި ލޯޯނުތައް ކޮބައި ތޯ އެވެ. އެ ހަަރަދުތަކުގެ ތަފްސީލަކީ ކޮބައި ތޯއެވެ.

ކޮވިޑަށް ކުރެވުނު ހަރަދުތައް މިހާރު، ދެ ބިލިއަނާއި ގާތް ކުރާނެ ކަމަށް ބެލެވެއެވެ. އެ ކުރި ހަރަދުތަކުގެ ވަކި ވަކި ތަފްސީލުތައް ބެލެހެއްޓި ތޯ ސުވާލު އުފެދެއެވެ. ހާއްސަކޮށް އެއް ބިލިއަން ހަރަދު ކުރިއިރު، ކަރަމްޓީން ފެސިލީޓިަކާއި، ހުޅުމާލެ މެޑިކަލް ފެސިލިޓީ ނޫން ދެން ކުރެވުނު މަސައްކަތެއް އެބައޮތް ތޯ އެވެ.

މި ދެންނެވި، ކަރަންޓިން ފެސިލިޓީތަކުގެ ހަރަދުތައް ވެސް ވަރަށް ރަނގަޅަށް ޓޫރިޒަމް މިނިސްޓްރީގެ އޮޑިޓުން ފެނެއެވެ.

ވިލިވަރު ފެސިލިޓީ ބަޔަކާއި ހަވަލުކުރީ ބިޑް ކޮމިޓީން ހުއްދަ ދިނުމުގެ ކުރިން: އޮޑިޓް ރިޕޯޓް

މި ބަލިމަޑު ކަމުގައި ޑޮކްޓަރުން ގެންދަވަނީ 24/7 މަސައްކަތް ކުރަމުންނެވެ. އެހެން ނަމަވެސް، ޑޮކްޓަރުންނަށް ދޭން ބުނި ފްރަންޓް ލައިން އެލަވެންސްއެއް ނުދެވެއެވެ. ކޮންމެ މަހެއް ނިމިގެން ދާއިރު ތިމާ ކުރި މަސައްކަތަށް ހަމަ އުޖޫރަށް ނުލިބުމުން ކުރާ އަސަރު ސިޔާސީ މީހާއަކަށް ނޭނގޭނެއެވެ.

އާއިލާ އާއި އެންމެފަހުން ބައްދަލުވީ ދުވަހެއް ނޭނގެއެވެ. ތިމާގެ އަނބިި ދަރީންނާއި ދިމާ ނުވެއެވެ. މައިންބަފައިންނާއި ދިމާ ނުވެއެވެ. އެހެނަސް އެކަން ބަލައިގަނެ، ބަޔަކު އެކަމުގެ އަގުވަޒަން ކުރޭހެއްޔެވެ.؟

މިއަދު މި ވާހަކަތައް ދައްކާއިރު، ކޮވިޑަށް އަޅާފައި ހުރި ފިޔަވަޅުތަލަށް ލުއިތައް ދިން އިރު އޭގެ ފަހުން އަންނާނެ އިމްޕެކްޓު ކިހާވަރަކަށް ދިރާސާ ކުރިތޯ އެއީ އުފެދޭ ސުވާލެކެވެ. ފޮތެއްގައި ސިނާރިއޯތަކެއް ލިޔެލުމަކުން ނުފުދެއެވެ. ދިރަސާތަކެއް މުހިންމެވެ. ފިޔަވަޅުތަކާއި އެކު، ވިޔަފާރިތަކާއި، އާއްމު ފަރުދުންނަށް އެހީވާނެ ގޮތްތަކާއި، އަންނާނެ ގޮންޖެހުންތައް ހުންނަންވާނީ ސްޓަޑީ ކުރެވިފައެވެ.

މީގެއިން އެއްވެސް ކަމެއް ފެންނާކަށް ނެތެވެ. ރައްޔިތުންގެ ޝަކުވާ އިންތިހާގައެވެ. ކުދި ވިޔަފާރިތައް އިނދަ ޖެއްހިއްޖެ އެވެ.

ގައުމުގެ ހާލަތު މިހާ ދަށް ވެފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ކޮބައިތޯ އެވެ. ދިވެހި ރައްޔިތުންނާއި މުހާތަބު ކުރައްވާ، ސަރުކާރުގެ މަސައްކަތްތަކުގެ މައުލޫމާތުތައް ފޯރުކޮށް ދެއްވާނީ ކޮން ދުވަހަކުން ތޯ އެވެ. ގައުމެ ނުރައްކާތެރި ދިމާލަކަށް ދާއިރު ގައުމުގެ ވަލިއްޔުލް އަމްރުގެ ބަހެއް މުހިންމެވެ. ބޮޑު ދެ އޮޑިޓު ރިޕޯޓަކުން ބަލިމަޑުކަމެއްގެ ތެރޭގައި ހިމގި ކޮރަޕްޝަން ހާމަވީ އިރު ވެސް ބަހެއް ހަމަ މުހިންމު ނޫނީ ތޯ އެވެ.

ވަރަށް ގަދަ
4%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 4%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 85%ވަރަށް ދެރަ 12%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. ރައީސުލް ޖުމްހޫރިއްޔާ ފުއްޖަހާ މޭކަޕުކޮށް ނަލަވެގެން ދެއިރު ދެ ދަޅައަށް ޕްރެސް ކޮންފަރެންސް ނުބާއްވައިގެންތޯ ތިޔައުޅުއްވަނީ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: