ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑްގެ ތެރޭގައި ރައްޔިތުންނަށް ލިބުނު އެންމެ ރަނގަޅު ނިއުމަތަކީ ހެޔޮލަފާ ވެރިއެއް: ރޮޒައިނާ

އައްޑޫ މީދު ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް، ރައީސް ސާލިހުގެ ކެމްޕެއިން ޖަލްސާގައި.
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް 19 ގެ ބަލިމަޑުގެ ތެރޭގައި ރާއްޖޭގެ ރައްޔިތުންނަށް ލިބުނު އެންމެ ރަނގަޅު ނިއުމަތަކީ ހެޔޮލަފާ، ރައްޔިތުންދެކެ ލޯބިވާ ވެރިއެއްކަމަށް އައްޑޫ މީދު ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޭ އައްޑޫގައި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ކެމްޕެއިން ޓީމުގެ ފަރާތުން ބޭއްވި “އިބޫ 2023” ގެ ފަހު ޖަލްސާގައި ވާހަކަދައްކަވަމުން ރޮޒައިނާ ވިދާޅުވީ ޕްރައިމަރީގައި ރައީސް ސާލިހު ހޮވައިގެން ނޫނީ، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ނުކުރެވޭނެކަމަށެވެ. ލޯބިވުމާއި، ރަނގަޅު ގޮތުގައި ކަންކަން ނިންމުމަކީ ތަފާތުދެކަމެއްކަމަށް ފާހަގަކުރައްވާ ރޮޒައިނާ ވިދާޅުވީ، އެމްޑީޕީ އޮތީ މީހަކުދެކެވާ ލޯތްބަކުން ހަގީގަތާއި ހިލާފަށް ވާހަކަދައްކައިގެން މަގުން ކައްސައިގެން ދެވޭނެ ހާލަތެއްގައެއް ނޫންކަމަށެވެ. އޭނާ އެވާހަކަތަސއް އަމާޒުކުރީ ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށްކަމަށް ބެލެވެއެވެ. ރޮޒައިނާ އިތުރަށް ވިދާޅުވީ ހޮނިހިރު ދުވަހު ނަގާ ވޯޓަކީ ޕާޓީގެ މުސްތަގުބަލިކަމަށާއި، ރައީސް ސާލިހަށް އިންތިހާބު ކާމިޔާބުކޮށްނުދިނުމަކީ ޕާޓީގެ މެންބަރުންނަށް އޮތް ޗޮއިސެއްނޫންކަމަށެވެ.

ޖަލްސާއަށް ހާޒިރުވެ ތިބި ސަރުކާރުގެ ވަޒީރުންނާއި، ކުންފުނިތަކުންގެ މެނޭޖިން ޑިރެކްޓަރުންގެ ފާހަގަކޮށް މިސާލުދައްކަވާ ރޮޒައިނާ ވިދާޅުވީ ރައީސް ސާލިހު ހޮވުމުގެ މަސައްކަތް އެބޭފުޅުން އެ ކުރައްވަނީ ވަޒީފާ ގެއްލިދާނެކަމުގެ ބިރުގައި ނޫންކަމަށެވެ. އަދި އެއީ އެމްޑީޕީ މަގުމަތިވެދާނެތީ ކުރައްވާ މަސައްކަތެއްކަމަށް ވިދާޅުވިއެވެ. މިއީ ފެނ،ި ތަޖުރިބާވެސް ކޮށްފައިވާ ކަންތައްތަކެއްކަމަށް ރޮޒައިނާ ވިދާޅުވިއެވެ. އެގޮތުން 2013 ވަނަ އަހަރު ޕީޕީއެމް އަށް ވެރިކަން ލިބުމަށްފަހު އެމްޑީޕީގެ އާންމު މެންބަރުވެސް ވަޒީފާއިން ކަޑާލިކަމަށް ރޮޒައިނާ ފާހަގަކުރެއްވިއެވެ.

މިކަން އަޅުގަނޑޫމެން ކުރީ މި މި އިންނެވި ޝައުނާގެ ނުވަތަ އައިޝަތު އަލީގެ ވަޒީރުކަމަކަށްޓަކައެއް ނޫން. އަދި މިކަން އަޅުގަނޑުމެން ކުރަން މިއުޅެނީ މި އިންނެވި ފެނަކައިގެ އެމްޑީ ސައީދުއަށްޓަކައެއްވެސް ނޫން. އަދި މި އިންނެވި ނަސީމެއްވެސް ނޫން މަގުމަތިވާނީ. މަގުމަތިވާނީ އެމްޑީޕީ

ރޮޒައިނާ ފާހަގަކުރެއްވި ގޮތުގައި އެބޭފުޅުން ކުރަމުން އެގެންދާ މަސައްކަތަކީ އެމްޑީޕީގެ ސިޔާސަތުތައް ތަންފީޒްކުރުމެވެ. އަދި މިއީ ހުއްޓުމަކަށް ގެނެވެން ހުރި ކަންތައްތަކެއް ނޫންކަމަށް ވިދާޅުވިއެވެ. މިދިޔަ 50 އަހަރު ތެރޭގައިވެސް ދެކިފައިނުވާހާ ބޮޑެތި ބިޔަ ތަރައްގީ ރައީސް ސާލިހު މުޅި ރާއްޖެއަށް ގެެނެސްދީފައިވާކަމަށާއި، މިއީ 2 އަހަރުގެ ތެރޭގައި ކުރެއްވިހާ މަސައްކަތްކަމަށް ފާހަގަކުރައްވާ، އޭނާ އިޝާރާތްކުރެއްވީ ކޮވިޑް 19 ގެ ބަލިމަޑުކަމާއި ގުޅިގެން ސަރުކާރަށް އަމާޒުވި ފާޑުކިޔުންތަކަށެވެ.

ކޮވިޑްއަކީ އާ އެއްޗެއްކަމަށް ބަޔަކު ގަބޫލުކުރަން ބޭނުން ނެތަސް، ކޮވިޑަކީ އައި އެއްޗެއް. 2 އަހަރު ދުވަސްވަންދެން އަޅުގަނޑުމެންގެ އިގްތިސާދު އޮތީ ވަޅުޖެހިފަ. އަޅުގަނޑުމެންގެ ގައުމަށް ވަންނަން ޖެހޭ ބޭރު ފައިސާއެއް ނުވަދޭ. ލޯނު ލޯނު ލޯނޭ މިއަދު ކިޔާއިރުގައި، އެ ލޯނު އެދުވަހު ނުނެގިނަމަ އަޅުގަނޑުމެން ތިބޭނީ ބަނޑަށޭ.

ކޮވިޑްއަކީ އައި އެއްޗެއްކަމަށް ގަބޫލުކުރަން ބައެއް ފަރާތްތަކުން ބޭނުންނުވީ ނަމަވެސް، އެ ބަލިމަޑުކަމުގެ ސަބަބުން ގައުމުގެ އިގްތިސާދު ވަޅުޖެހިފައި 2 އަހަރު ދުވަސް އޮތްކަމަށް ރޮޒައިނާ ވިދާޅުވިއެވެ. އެ ހާލަތުން އަރައިގަތުމަށްޓަކައި ލޯނު ނެގި ވާހަކަދައްކާކަމަށް ފާހަގަކޮށް ރޮޒައިނާ ވިދާޅުވީ އެ ލޯނު ނުނެގިނަމަ ދިވެހި ރައްޔިތުން ތިބޭނީ ބަނޑަށްކަމަށެވެ. ގައުމު މިފަދަ ހާލަތަކަށް ދިޔައިރު ލޯނު ނުނަގާ ދެން ލޯނު ނަންގަވަން ޖެހޭ ހާލަތަކީ ކޮބައިކަމާއިމެދު އޭނާ ސުވާލުއުފެއްދެވިއެވެ.

ބޭރުގެ ގައުމުތަކުގެ ބޭފުޅުން ރާއްޖެ ކޮވިޑް އަރައިގަތީ ކިހިނެއްކަމާއިމެދު ސުވާލުކުރާކަމަށް ފާހަގަކޮށް ރޮޒައިނާ ވިދާޅުވީ ރާއްޖެއަށް ކޮވިޑުން އަރައިގަނެވުމުގެ ސިއްރަކީ ރައީސް ސާލިހުކަމަށެވެ. އަދި ކޮވިޑްގެ ތެރޭގައި ދިވެހި ރައްޔިތުންނަށް ލިބުނު އެންމެ ބޮޑު ނިއުމަތަކީ ހެޔޮ ލަފާ ރަނގަޅު ވެރިއެއް ލިބުމުގެ ނަސީބުކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

މީގެ އިތުރުން ރޮޒައިނާ ވަނީ ރައީސް ނަޝީދު ޕީޕީއެމްއާއި އެމްޑީޕީ އެއްފަދަކަމަށް ދޭހަވާފަދަ މޭރުމަކުން ދައްކަވާ ވާހަކަތަކަށްވެސް ރައްދުދެއްވާފައެވެ. ރޮޒައިނާ ވިދާޅުވީ އެމްޑީޕީގެ ސިޔާސަތަކީ ޕީޕީއެމްގެ ސިޔާސަތު ނޫންކަމަށެވެ.

އެމްޑީޕީއަކީ ޕީޕީއެމް ނޫންކަމަށް ވިދާޅުވެ ރޮޒައިނާ އިިޝާރާތްކުރެއްވީ އިދިކޮޅުގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ތެރޭގައި ހިންގާފައިވާކަމަށް އެމްޑީޕީގެ މެންބަރުން އަބަދުވެސް ފާހަގަކުރާ ކަންތައްތަކެވެ. އެކަންތައްތަކުގެ ސަބަބުން އެމްޑީޕީ އުޅެން ޖެހުނީ މަގުމަތީގައިކަމަށާއި، ނަމަވެސް މިހާލަތު އޭރު ރައީސް ނަޝީދު އިގިރޭސި ވިލާތުގައި ހުންނެވުނު ނޭގުން އެކަށީގެންވާކަމަށް ރޮޒައިނާ ވިދާޅުވިއެވެ. އޭރު އެމްޑީޕީގެ މެންބަރުން ހަމައެކަނި ކުރި މަސައްކަތަކީ ރައީސް ނަޝީދު މިނިވަން ކުރުމަށްޓަކައި ކުރި މަސައްކަތްކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: