ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސްގެ ސެކިއުރިޓީ ފެއިލްވުން: އެމްއެންޑީއެފްގެ ފިނި ޖަވާބެއް، ރައީސް އޮފީހުގެ ބަހެއް ނެތް!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު -- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ކޮންގްރެސް ކޯލިޝަނުން، ކުރިޔަށް ގެންދިޔަ އިހުތިޖާޖުގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މޮޓޯކޭޑަށް ހުރަސް އެޅި މައްސަލައިގައި ނޫސްވެރިންގެ ސުވާލުތަކަށް އެމްއެންޑީއެފުން ފިނި ޖަވާބެއް ދީފި އެވެ.

ސިލްސިލާކޮށް ކުރިޔަށް ގެންދާ މުޒަހަރާގެ ތެރެއިން، އެއްވުމުގެ ބައިވެރިން ރައީސްގެ ކާރުކޮޅަށް ހުރަސްއަޅާފައި ވަނީ ރޭ ހުޅުމާލޭގައި އޮތް ރަސްމީ ޖަލްސާއަކަށް ފަހު އެމަނިކުފާނު މާލެ ވަޑައިގެންނެވި ވަގުތު ޕާޓީގެ އޮފީސް ކުރިމަތީންނެވެ.

ކޮންމެ ރެއަކު ވެސް އިދިކޮޅުން މި މުޒާހަރާ ކުރިޔަށް ގެންދާތީ، އާއްމުން ވަނީ ރައީސްގެ މޮޓޯކޭޑު ޕީޕީއެމް/ޕީއެންސީ އޮފީސް ހުންނަ ސަރަހައްދު ބޭނުން ކުރި ސަބަބާއި މެދު ސުވާލު އުފައްދާފަ އެވެ. އަދި ހާއްސަކޮށް ސަރުކާރާއި ދެކޮޅު ޕާޓީއެއްގެ އެއްވުމެއްގެ ފަސްކޮށް ރައީސްގެ މޮޓޯކޭޑު ދިއުމަށް މަސައްކަތް ކުރީ އެކަން ނޭނގި ތިބެތޯ ވެސް ގިނަ ބަޔަކު ދަނީ ސުވާލު ކުރަމުންނެވެ.

ރައީސްގެ ކާރުކޮޅަށް ހުރަސްއެޅި މައްސަލަ އާއި، ސެކިއުރިޓީ ފެއިލްވި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ވަނީ ބަލަން ފަށާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެމްއެންޑީއެފްގެ ޒިންމާއަކަށްވާއިރު މިއީ ސެކިއިރުޓީ ބްރީޗެއްކަމަށް ގަބޫލު ކުރަން ތޯ އާއި، އަދި މީގެ ކުރިން ވެސް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއަކީ ވެސް ސެކިއުރިޓީ ބްރީޗެއްކަން ނޫސްވެރިން ފާހަގަކުރުމުން އެ އިދާރާގެ އެއްވެސް ބަހެއް ނުލިބުނެވެ. އެކަމަކު، އޭގެ ފަހުން މިއަދުގެ ވަގުތެއްގައި ކުރު މެސެޖެއް މީޑިއާ ގުރޫޕަށް ފޮނުވުމަށް ފަހު އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވީ މައްސަލަ ބަލަމުން ދާކަމަށެވެ. އިތުރު ތަފްސީލެއް އެނާ ނުދެއްވަ އެވެ.

އެމްއެންޑީއެފްގެ ޖަވާބަކީ ފިނި ޖަވާބެއްކަން ފާހަގަކޮށް، މީޑިއާތަކުން ދަނީ އެކަން ރިޕޯޓު ކުރަމުންނެވެ.

މޮޓޯކޭޑު މައްސަލައިގައި އިދިކޮޅުން ބުނެފައި ވަނީ، ރައީސްގެ ކާރުކޮޅު އެއްވުމުގެ ބައިވެރިންގެ ތެރެއަށް ވަދެގަތީ ކުއްލިއަކަށްކަމަށާއި އެއީ ގަސްތުގައި ކުރިކަމެއްގެ ގޮތުގައި ބެލެވޭ ކަމަށެވެ.

މަޖިލީހަށް މައްސަލައިގައި އިދިކޮޅުން ކުއްލި މައްސަލައެއް ހުށަހެޅި ނަމަވެސް، އެ ބަލައިނުގަނެ ވަނީ ބޭރުކޮށްލާފަ އެވެ.

އެމްޑީޕީގެ ގިނަ މެމްބަރުން ވެސް ދަނީ، މުޒާހަރާ ކުރިޔަށް ދިޔަ ވަގުތު ޕީޕީއެމް އޮފީސް ކުރިމަތިން ކާރު ދާން ޖެހުނު ސަބަބާއި މެދު ސުވާލު އުފައްދާފަ އެވެ. އަދި މިއީ ސީރިއަސް މައްސަލައެއްކަމާއި، ސެކިއުރިޓީގެ ފެއިލިއާއެއް ވޭތޯ ތަހުގީގު ކުރުމަށް ވެސް މެމްބަރުން ގޮވާލި އެވެ.

ސޯޝަލް މީޑިއާގައި ދައުރު ވަމުންދާ އެކި ވީޑިއޯތަކުން ފެންނަ ގޮތުގައި، މުޒާހަރާގެ ބައިވެރިން ތިބީ ޕާޓީގެ ދިދަތަކާއި އެކު ރައީސްގެ ކާރުކޮޅު ކުރިމަތީ އެވެ. އަދި އެމަނިކުފާނުގެ ސެކިއުރިޓީންގެ ތެރެއިން ކާރު ކުރިމަތީން ފެންނަނީ ދެތިން އޮފިސަރުންނެވެ. އެވަގުތު ފުލުހުން ދިޔައީ، އެއްވުމުގައި ތިބި މީހުން ދުރަށް ޖެއްސުމަށް މަސައްކަތް ކުރަމުންނެވެ.

ގިނަ އަދަދެއްގެ އުޅަނދުތައް ދުއްވާ، އަދި ބަސް ސްޓޮޕެއް ވެސް ހުންނަ އެ މަގު ބްލޮކްވެ ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހުނުއިރު ރައީސްގެ ކާރުކޮޅު އެންމެ ފަހުން ޖެހުނީ އަނބުރާލައި ބޮޑުތަކުރުފާނު މަގުން މާފަންނާއި ވީކޮޅަށް ދާށެވެ.

މި މައްސަލައިގައި ގިނަ ބަޔަކު ކަންބޮޑުވުންފާޅު ކުރަމުންދާއިރު މިހާތަނަށް ސަރުކާރުގެ އިދާރާއެއްގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެސް ރަސްމީ ބަހެއް ނެތެވެ. އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވެސް ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: