ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑުގެ ކޭސްތަކުގެ އަދަދުތައް ބިރުވެރި: ދެން ވެސް ގެއަށް ވަދޭ!

ރާއްޖޭން ފެންނަ ޕޮޒިޓިވް ކޭސްްތައް ވަނީ ފަހަކަށް އައިސް ވަރަށް ބޮޑުތަނުން އިތުރުވެފައި/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސިޓީއިން އެއްވެސް ޓްރެވެލްސް ހިސްޓްރީއެއް ނެތް މީހެއްގެ ފަރާތުން ބަލި ފެނުނުތާ ފަސް މަސް ފުރުނީއެވެ. އަދި އެއަށްފަހު ފެންނަމުން ދިޔަ ކޭސްތައް އިތުރުވަމުން އައިސް އަދަދުތައް މިވަނީ 8,140 އިން މައްޗަށް އަރާފައެވެ. ބަލި ޖެހިގެން ފަރުވާދެމުން ދިޔަ 29 މީހަކު ނިޔާވެއްޖެއެވެ. ބައްޔާއި ގުޅިގެން މިހާތަނަށް 115،727 އަށް ވުރެ ގިނަ ސާމްޕަލް ވަނީ ނަގާފައެވެ.

ލޮކްޑައުންގެ ސަބަބުން، ބަލި ފެތުރިދާނެކަމަށް ލަފާ ކުރި ވަރަށް ބޮޑުތަނުން ދަށް ކުރެވުނެވެ. އެ ދުވަސްތަކުގެ ތެރޭގައި އަންނާނެކަމަށް ލަފާ ކުރި ސާޖް އާއި ޕީކް ވެސް ދަށް ކުރެވުނެވެ. ގިނަ ބަޔަކު ގަބޫލު ކުރީ އެއީ ރާއްޖެއިން ބަލި ކޮންޓްރޯލް ކުރެވުނީ ކަމަށެވެ.

ޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކުގައި އެތައް އިރުޝާދުތަކެއް ދެވުނެވެ. އެއްވުންތައް ނުބޭއްވުމާއި، ބޭރުތެރެއަށް ނިކުމެ އުޅުން ހުއްޓާލުމަށް ދިޔައީ ތަކުރާރުކޮށް ބުނަމުންނެވެ. އެއީ އާއިލީ ބައްދަލުވުންތަކެއް ވިޔަސް މެއެވެ.

އެއްވުންތައް ނުބޭއްވުމަށް އިރުޝާދުތައް ދެމުންދިޔަ މައިގަނޑު އެއް ސަބަބަކީ، ކޮންޓެކްޓް ޓްރޭސް ކުރަން އުނދަގޫ ވުމާއި، އެ މީހަކަށް ވެސް އޭނާއާއި ބައްދަލުވެފައި ހުރި އަދި ދެވުނު ތަންތަން ހަނދާން ނެތޭ ހިސާބަށް ދިޔަ ނުދިނުމަށެވެ. އަދި އެއްވެސް ބަޔަކު ނުރައްކަލެއްގެ ތެރެއަށް ނުލުމަށެވެ. ތިމާގެ ގައިގައި ބަލީގެ އެއްވެސް އަސަރެއް ނެތް ނަމަވެސް ގްރޫޕަކާއި އެކު ދެވޭ ތަނެއްގައި މި ވައިރަހުގެ އަސަރު ހުރި އެންމެ މީހެއް ވެސް ހުރެދާނެއެވެ. އޭނާގެ ފަރާތުން ބަލި ޓްރާންސްމިޓް ވުމުގެ ފުރުސަތު އޮންނާނެއެވެ.

މާލޭން އެންމެ ފުރަތަމަ ފެނުނު ކޭސްގައި ކޮންޓެކްޓް ޓްރޭސިންއަށް ފާހަގަކުރެވުނު މީހުންގެ އަދަދުތައް އޭރު ހުރީ 200 އިން މަތީގައެވެ. އެންމެ ފުރަތަމަ ކޭސްއާއި އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންއީއޯސީން ބުނެފައިވަނީ “ފާހަގަ ކުރެވޭ މިންވަރަށް ބޮޑެތި މޫވްމެންޓުތަކެއް” ހިނގާފައި ހުރި ކަމަށެވެ. އޭގެ ތެރޭގައި ބުރު ޖަހަން ދިއުމާއި، މަސްދަތުރު ދިއުމާއި، އާއިލީ ޕާޓީތަކާއި، ރައްޓެހިންގެ މެދުގައި ޕާޓީތައް ބޭއްވުން ހިމެނޭ ކަމަށެވެ. އަދި އެ އަދަދަށް ކޮންޓެކްޓުތައް ފެނުނު ސަބަބަކީ އެކި ތަންތަނަށް އެހާ ގިނައިން އެއްވެފައި ހުރުމުގެ ސަބަބުންނެވެ. މިއީ އެއްގޮތަކަށް ވެސް ކުށްވެރި ކުރުމުގެ ނިޔަތުގައި ދައްކާ ވާހަކައެއް ނޫނެވެ. އެހެން ނަމަވެސް، އޭރުގެ ހާލަތާއި މިއަދުގެ ހާލަތު ބަޔާން ކުރަން ބޭނުންވާތީއެވެ.

މިދިޔަ އޭޕްރިލް މަހުގެ 15 ވަނަ ދުވަހު މާލެއިން ކޮވިޑުގެ ކޭސްއެއް ފެނުމާއި އެކު މުޅި މާލެ ސަރަހައްދު އެއްކޮށް ލޮކްޑައުންކޮށް އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުން މަނާ ކުރިއެވެ. ދުނިޔޭގެ އެތައް ގައުމެއް ކޮވިޑުގެ ސަބަބުން ސުންނާފަތިވަމުން ދާއިރު މި ރާއްޖޭގެ ސިއްހީ ދާއިރާއަކީ ބަލި ކޭޓަރ ކުރެވޭނެ ވަރުގެ ނިޒާމެއް ނޫނެވެ. ރާއްޖޭގެ ރަށްތަކަކީ އެހާ ވަސީލަތްތައް މަދު، އަދި ބޭސްފަރުވާގެ އެއްވެސް ގޮތެއް ނެތި އޮތް ރަށްތަކެކެވެ. އެހެން ކަމުން މާލެއިން މި ބަލި ބޭރުވިޔަ ނުދީ ބަލި ކޮންޓްރޯލް ކުރުމަށް ކުރީ ބޮޑު އަދި އެހާމެ ބުރަ މަސައްކަތެވެ.

ބަލި ފެތުރުން ހުއްޓުވުމުގެ ގޮތުން އެންމެ ފުރަތަމަ ވެސް ބޮޑު ތަޅުއެޅީ ދިވެހި ރާއްޖޭގެ އިގްތިސޯދުގައެވެ. ގައުމުގެ މައި ދޮރާށި ބަންދުކޮށް ފަތުރުވެރިކަން އެއްކޮށް ހުއްޓާލީއެވެ. ބަލި ފެތުރުމުގެ ސާކަލްއަށް ބޮޑު ބަދަލެއް އައިސް ކޭސްތަށް މަދުވާން ފެށުމާއި ގުޅިގެން، ލޮކްޑައުންއަށް ލުއިތަކެއް ދީ ފޭސްތަކަކަށް ބަހާލިއެވެ. އެގޮތުން ފޭސް ދޭއްގެ ދަށުން މާލޭގެ މަގުތަކަށް ހުއްދައަކާއި ނުލާ ނިކުމެވޭގޮތަށް އުސޫލު ބަދަލު ކުރުމާއި އެކު ފެނުނީ “އެއް ފަހަރާ އެތައް އީދެއް” އައި މަންޒަރެވެ.

 

Dhevana Raalhegge rangabeeluge adu gadha vefai, lock-down ge hithi handhaan nethi Dhivehin majaa kurumugai - One Online
މާލޭގެ މަގުތައް ވަނީ ފުރިފައި/ ކޭސްތައް ދުވަހުން ދުވަހަށް މައްޗަށް- ފޮޓޯ: ވަން

މިއަދު ސިއްހީ މާހިރުންގެ އެންގުންތަކަށް ބޯ ލެނބުމެއް ނެތެވެ. އެއްތަނުން އަނެއްތަނަށް ދުވެ ނަގަނީ އެވެ. ބޭރަށް ނިކުތުން އެއީ އޭގެ ޒާތުގައި ގޯހެއް ނޫން ނަމަވެސް އަބަދު މަގުމަތީ އުޅޭނަމަ އެއީ ގޯހެކެވެ. ވަޒީފާ އަދާ ކުރާ މީހާ މަގުމައްޗަށް ނިކުންނަން އެބަ ޖެހެއެވެ. އެހެން ނަމަވެސް އެއްވެސް ކަމެއް ނެތި ގޯޅިތަކުގެ ކަންމަތީ ކޮފީ ޓޭކްއަވޭއެއް ނަގައިގެން ސައިކަލުގެ މަތީ ތިބުމުގެ އެއްވެސް ބޭނުމެއް ނެތެވެ.

ސޯޝަލް ޑިސްޓެންސިންއަށް ދެނީ ބީރު ކަންފަތެކެވެ. ކޮފީތައްޓެއް ހިފައިގެން ތިބެ ބަލީގެ ނުރައްކާތެރިކަމާއި މެދު ޑޮކްޓަރުން ދައްކަމުން ގެންދާ ވާހަކަތަކަށް ޖޯކު ޖަހަމުންދާއިރު ތިމާ ވަށައިގެން ތިބި މީހުންގެ ތެރޭގައި ބަލީގެ އަސަރު ހުރި މީހަކު ނެތްކަމާއި މެދު އޮތީ ކިހާވަރެއްގެ ޔަގީންކަމެއް ބާއެވެ؟ މިއީ އާދައިގެ ރޯގާއެއްކަމަށް، ޕެނަޑޯލް ގުޅައެއް ކާލައިގެން ރަނގަޅުވާނެ ކަމަށް މިއަދު އެތައް ބަޔަކު އެބަދެކެއެވެ. ރާއްޖޭގެ ގިނަ މީހުންގެ ލޯމަތީން ބައްޔާއި މެދު މާބޮޑު ހާސްވުމެއް ކަންބޮޑުވުމެއް ހުރިތަން ނުފެނެއެވެ.

ކޮވިޑުގެ ވަކިތައް ރާއްޖޭގައި ހިއްޕާލާފައިވާ މިންވަރު އިގެނީ ފާއިތުވީ މަހެއް ހާ ދުވަހުގެ ތެރޭގައި ފެނުނު ކޭސްތަކުންނެވެ. އެންމެ ފަހުން ލަފާ ކުރި ޕްރޮޖެކްޝަންގެ އަދަދުތަކަށް ވުރެ ވެސް ކޭސްތައް ދުވާލެއްގެ މައްޗަށް ފެންނަ އަދަދުތައް މަތިއެވެ. ކޮންމެ ދުވަހަކު ވެސް ފެންނަ ކޭސްތައް 100 އިން މަތީގައި ހުންނައިރު، މިވީ މަހެއް ހާ ދުވަހުގެ ތެރޭގައި ފެނުނު ކޭސްތައް 1000 އިން ވެސް މަތިއެވެ.

އޮކްޓޯބަރު މަސް ވެސް ފެށިގެން އައީ ރިޕޯޓު ކުރި 199 ކޭސް އާއި އެކުއެވެ. މާލެއިން ކޮވިޑުގެ ކޭސްތައް ފެނުމުން އެންމެ ހަރު އަޑުން އެންމެން ވެސް ގޮވަމުން ދިޔައީ ތޮއްޖެހިގެން ތިބޭ ބިދޭސީންގެ ފަރާތުން ބަލި ފެތުރޭނެ ކަމަށެވެ. މާލޭގައި ކޮވިޑުގެ ހާލަތު ނުރައްކާތެރި ހާލަތަކަށް ދާނީ ބިދޭސީންގެ ސަބަބުންނޭ ބުނި މީހުންވެސް މަދެއް ނޫނެވެ. އެއާއި އެކު އެ ބިދޭސީން ވެސް ދޮޅު މަހެއް ހާ ދުވަސް ވަން ދެން ގޭ ބަންދުގައި ބޭތިއްބިއެވެ. އިންސްޕެކްޝަންތަކެއް ހެދި، ބަލީގެ ނުރައްކާ އޮތްހެން ހީވާ ހިސާބުތަކާއި ގެތައް ބަންދުކޮށް 24 ގަޑިއިރު އެތަނުގައި ފުލުހުން ޑިއުޓީގައި ބޭތިއްބިއެވެ. ކެއުންތަކާއި، ކެއްކުމަށް ބޭނުންވާ ސާމާނުތައް ފޯރުކޮށްދެމުން ދިޔައީ މޯލްޑިވިއަން ރެޑް ކެރެސެންޓުންނެވެ.

Covid-19: nurahkaatherikan bidheyseen nah! - vNews.mv
މާލެއިން ބަލި ފެނުމަށްފަހު އެތައް ބައެއްގެ ފާޑުކިއުމާއި ނުރުހުން ބިދޭސީންނަށް އަމާޒުވި/ ފޮޓޯ: ސޯޝަލް މިޑިއާ

މިއަދު ފެންނަމުންދާ ކޭސްތަކަށް ބަލާއިރު، ބިދޭސީންނަށް ބަލި ޖެހޭ މިންވަރު ދަށެވެ. އެންމެ ފަހުން ވެސް ރިޕޯޓު ކުރި 199 ކޭސްއަށް ބަލާއިރު އޭގެ ތެރެއިން 145 މީހުންނަކީ ދިވެހިންނެވެ. އަދި މިއީ މާލެއިން ފެނުނު ކޭސްތަކެވެ.

ގައުމުގެ ސިއްހީ ދާއިރާގެ ފަރާތްތަކާއި، ބައްޔާއި ދެކޮޅަށް ކުރާ މަސައްކަތުގައި އެތައް ބަޔަކު އަރާމުކުރުމެއް ހަމަ ނިދި ނުލިބި މަސައްކަތް ކުރާތާ ހަ މަސް ވީއެވެ. މިއަދު ގައުމަށް އޮތް އެންމެ ބޮޑު ބިރަކީ ސިއްހީ ވަސީލަތްތައް މަދުވުމެވެ. ސިއްހީ ފަރުވާ ދޭ މީހުންނަށް މި ބަލި ޖެހުމެވެ. ރާއްޖޭގައި ކޮވިޑަށް ފަރުވާ ދޭ ކޮންމެ 30 މީހަކަށް ފަރުވާ ދިނުމުގައި ހުރީ އެންމެ ނަރުހެކެވެ. ޑޮކްޓަރުންގެ އަދަދުތައް އެހާ މަދުއިރު، ބައްޔަަށް ފަރުވާ ދިނުމާއި އަދި އެ ނޫން ވެސް ގޮތްގޮތުން ސިއްހީ ދާއިރާގެ ހިދުމަތުގައި އުޅޭ މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ކޮވިޑާއި ގުޅިގެން އެޅި ފިޔަވަޅުތަކަށް ދިން ލުއިތަކަށް ފަރުވާކުޑަވުމުގެ ނަތީޖާ މިހާރު އެބަ ފެނެއެވެ. އެއްވެސް ކޭސްއަކާއި ގުޅުމެއް ނެތް އެތައް ބަޔަކު ދަނީ ބައްޔަށް ޕޮޒިޓިވްވަމުންނެވެ.

ދުނިޔޭގެ ގިނަ ގައުމުތަކާއެކު، ރާއްޖޭގައި ވެސް މިހާރު ފެންނަމުން ދަނީ ދެވަނަ ރާޅެކެވެ. ކޭސްތައް އިތުރުވެ، ހާލަތު އިތުރަށް ގޯސްވާނަމަ، ކުރީގެ ފިޔަވަޅުތައް އަލުން އަޅަންޖެހިދާނެ ކަމުގެ އިންޒާރު ވަނީ ދީފައެވެ. އޭގެ ސަބަބުން ގައުމުގައި މިވަގުތު ކިރިޔަ ކިރިޔާ ސަލާމަތުން އޮތް ވަޒީފާ ވެސް ގެއްލޭނެއެވެ. ބަނގުރޫޓު ވެފައިވާ ވިޔަފާރިތައް ބަންދުކުރުން ނޫން ގޮތެއް ވެސް ނޯންނާނެއެވެ.

މިއީ އެއްވެސް މީހަކު ބޭނުންވާނެ ގޮތެއް ނޫނެވެ. ގައުމުގެގެ އިގްތިސާދު ހަލާތުވެ ރައްޔިތުންގެ ވިޔަފާރިތައް ވަނީ އިނދަ ޖެހިފައެވެ. މާލީ ގޮތުން ގައުމު މިއޮތީ ހަލާކެއްގެ ތެރޭގައެވެ.

ބަލި ޖެހޭ މިންވަރު އެތައް ގުނައެއް އިތުރުވެފައި ވާތީ، ހެލްްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވި ގޮތުގައި މިހާރު ބައްޔަށް ޕޮޒިޓިވްވާ ގިނަ މީހުނަކީ ކުރީގެ ކޭސްތަކާ ގުޅުމެއް ނެތް މީހުނެވެ. އަދި ކޮންޓެކްޓް ޓްރޭސިން ހަދާއިރު، ޕޮޒިޓިވްވާ މީހުންނާ ސީދާ ބައްދަލުވާ މީހުންގެ އަދަދުވެސް އިތުރުކަމަށް ވިދާޅުވިއެވެ.

 

ވަރަށް ގަދަ
10%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 20%ބޮޑު ޖޯކެއް 10%ހައިރާންވެއްޖެ 0%ވަރަށް ދެރަ 10%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: