ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް ހުއްޓުވާނީ އަހަންނޭ ބުންޏަކަސް ނުވާނެ!

ކޮވިޑް ޓާސްކް ފޯހުގެ ބައްދަަލުވުމެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19އާ ގުޅޭގޮތުން އާއްމުން އިތުރަށް ހޭލުންތެރިކުރުމަށް ގިނަ މީޑިއާތަކެއް ގުޅިގެން “ކޮވިޑް ހުއްޓުވާނީ އަހަރެން” ގެ ނަމުގައި ކެމްޕެއިންނެއް ފެށިއެވެ. އެ ކެންޕެއިން ފެށީ ކޮވިޑް-19އާ ގުޅޭ ރާއްޖޭގެ ހަގީގީ މަންޒަރު ގިނަ މީހުންނަކަށް ނޭނގޭތީއާއި ރާއްޖެއަކީ ޓޫރިސްޓުންނަށް ރައްކާތެރި މަންޒިލެއްކަން ބުނެދުނިމުގެ ބޭނުމުގައެވެ. ނަމަވެސް ސުވާލަކީ ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވަމުންދަނީ އެކަމުގެ ފުރިހަމަ މައުލޫމާތު ހަމަ ރައްޔިތުންނަށް ނުދެވިގެން ހެއްޔެވެ. އެހެން ކަމަށްވާނަމަ ރެއާ ދުވާލު ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކާއި، ޑޮކްޓަރުންނާއި ކަމާބެހޭ މާހިރުން މެދުނުކެނޑި ކުރަމުން އަންނަ މަސައްކަތް ކޮބައިހެއްޔެވެ.

މައްސަލައަކީ ރައްޔިތުން ހޭލުންތެރި ނުވުމެއްވެސް ނޫނެވެ. މަދު ބަޔެއްގެ ފަރުވާ ކުޑަކަމުން އެންމެންގެ ބޮލުގައި އެކަމެއް ނޭޅުވޭނެއެވެ. ކަމުނުދަނީ މިކަމުގައި ސަރުކާރުން ކަންކަން ކުރަމުން އައިގޮތެވެ. ދައްކާ ވާހަކަތަކާއި ސަރުކާރުގެ ޕޮލިސީތަކަށް އަންނަ ބަދަލުތަކާ ގުޅުވާ ނުލެވެންވީ ސަބަބެއް ނެތެވެ. އެއްފަހަރު ރާއްޖެ އޮންނަނީ ޖަޒީރާކޮށޭ ޓޫރިސްޓުން ތިބެނީ ރިސޯޓުގައޭ ކިޔާފައި، އަނެއްފަހަރު ގެސްޓް ހައުސްތަކާއި ސަފާރީތައް މީހުން ދިރިއުޅޭ ރަށްރަށުގައި އޮޕަރޭޓުކުރަން ފަށުމަކީ ދެކޮޅުޖެހޭ ކަމެއް ނޫނެވެ. އަނެއްކޮޅުން އަމިއްލަ ރަށަށް ދިޔުމުގައި ކަރަންޓީންވާންޖެހޭ އުސޫލުވެސް ދުވާލަކު ހަފަރު ބަދަލުވެއެވެ.

ވީޖަޒީރާ ރަށްތަކެއްގައި ދިރިއުޅޭތީ ކޮވިޑް ކޮންޓުރޯލް ކުރަން ފަސޭހަވާނެ ކަމަށް ބުނެފައި މާލޭގައި ނޫނީ ކޮމިއުނިޓީ ސްޕްރެޑެއް ނެތް ކަމަށް ބުނެ ފަރުޖައްސާލެވޭކަށްނެތެވެ. ބަލި މީހުންތައް ގިނަވެ އެނދުތައް ފުރިދާނެ ކަމަށް ދުވާލު ދެފަހަރު ބުނަންޏާ ރިސޯޓުތަކާއި ގެސްޓް ހައުސްތައް ހުޅުވިއަސް ފަތުރުވެރިންނެއް ނާންނާނެއެވެ. އެމީހުންވެސް ދަތުރުކުރަނީ ގައުމުތަކުގެ ހާލަތަށް ބަލާފައެވެ. އެހެންވެ ފަހަރަކު ދެކޮތަށް ވާހަކަތައް ނުދައްކާ ޒިންމާދާރު ގޮތެއްގައި ސަރުކާރުގެ ސިޔާސަތުތައް ބައްޓަންވާން ޖެހެއެވެ.

ކޮވިޑުގެ ބަލިމަޑުކަމުން ވަރަށް ރަނގަޅު ފިލާވަޅުތަކެއް ލިބިއްޖެއެވެ. ސިއްހީ މާހިރުންގެ އިރުޝާދާއި އުސޫލުތަކަށް ތަބާވާ ތަންތަނުގައި ކޮވިޑް-19 އޮތީ ރަނގަޅަށް ކޮންޓްރޯލު ކުރެވިފައެވެ. ރައްޔިތުންގެ ހޭލުންތެރިކަން ކުޑަ އަޚުލާގީ ގޮތުން ފެންވަރުދަށް ކޮރަޕްޓް ގައުމުތަކުގައި ކޮވިޑު ކޮންޓްރޯލެއް ނުވެއެވެ. އަދި ގައުމުތަކުގެ ލީޑަރުންގެ ލީޑަރޝިޕުވެސް ދައްކުވައިދީފިއެވެ. ރައްޔިތުންނަށްޓަކައި ވެރިކަންކުރާ ހުނަރުވެރި ލީޑަރުންގެ ލީޑަރޝިޕު ފެނިއްޖެއެވެ. މިސާލަކަށް ނިޔުޒިލޭންޑާއި ޓައިވާން ފާހަގަކޮށްލެވެއެވެ.

ރާއްޖޭގައި މި އޮތީ އިއްތިހާދެއްގެ ވެރިކަމެކެވެ. ކޯލިޝަން ސަރުކާރުގެ އިތުރުން ކޮވިޑްގެ ވަބާއާ ގުޅިގެން ސަރުކާރުގެ ނާގާބިލްކަން ވަރަށް ބޮޑަށް ފާހަގަވެއެވެ. ފަސޭހަ ގޮތަކަށް ކޮވިޑް-19  ކޮންޓްރޯލް ކުރެވޭނެ ކަމުގެ މާ ބޮޑު އުއްމީދެއްނެތެވެ. މިފަދަ ދަނޑިވަޅެއްގައި ކުރީގެ ތަޖުރިބާކާރު ސިއްހީ ޚިދުމްތްތެރިންނާ ހިންގުމުގެ ތަޖުރިބާލިބިފަވާ ހަރުދަނާ ގާބިލް ބޭފުޅުން ހިމަނައިގެން ގައުމީ ފެންވަރެއްގައި އަލުން މަސައްކަތް ފަށަންވެއްޖެއެވެ. އޭގެ މިސާލަކީ މިސަރުކާރު އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުން ކުރިން ދެއްވި ވާހަކަތަކާއި ކަންކުރެއްވި ގޮތެވެ.

ކޮވިޑް-19 ގެ ބަލިމަޑު ކަމަކީ އެއްވެސް ކަމެއް ނޫން ކަމަށް ދެކިގެން ޓޮއިލެޓް ރޯލު ކުޅެ އުޅުނު މަންޒަރު ވަނީ ފެނިފައެވެ. ރާއްޖެ މިއީ އެންމެ ފަސޭހައިން މި ބަލި މަޑުކަމުން އަރާގަނެވެން އޮތް ގައުމެވެ. ނަމަވެސް ބޯޑަރު ބަންދު ކުރަން ސިއްހީ މާހިރުން ގޮވި އަޑެއް ނޭހިއެވެ. އެކަންވެސް ކުރީ ދުނިޔޭގެ ހުރިހާ ތަނެއްގެ ބޯޑަރު ބަންދު ކުރުމުން އެނޫން ގޮތެއް ނެތިގެނެވެ. މިހާރު މިއޮތީ އަތޮޅުތެރެ އަށް ކޮވިޑް ދޫވެފައެވެ. ކަންކަން މެނޭޖްކުރަން ސަރުކާރަށް ނޭގުނީމަ ވާނެ 6 އެތި މިއޮތީ ވެފައެވެ. މިހާރު ދުވާލެއްގެ މައްޗަށް ޕޮޒިޓިވް ކޭސް 150 އަށް އެރީއެވެ. އެވަރުންވެސް މަގެއްގެ މަތި ޑިސް އިންފެކްޓް ކޮށްލަންވެސް ހަނދުމާގައި ނެތްކަން ހިތާމަޔާއެކު ފާހަގަ ކުރަންޖެހެއެވެ.

ފަރުދީ ޒިންމާއަކީ ޒަމާންތަކެއް ވަންދެން ހަރުދަނާ ނަމޫނާ ތަކެއް ދައްކައި ރަނގަޅު ސިޔާސަތު ތަކެއް ހިންގައި ގާނޫނަށް އަހުލުވެރިކުރުވައި ގާނޫނުތައް ތަންފީޒު ކޮށްގެން ރައްޔިތުންނަށް ދަސްވާކަމެކެމެވެ. ސިންގަޕޫރާއި ޖަޕާން އަދި ނިޔުޒިލޭންޑާއި ޓައިވާން ފަދަ ގައުމުތަކުން އެފެންނަނީ އެމަންޒަރެވެ. މީޑިއާ ކެމްޕޭން އަކުން ކަންކަން ބަދަލުކޮށް ރައްޔިތުން ފަރުދީ ޒިންމާ އަށް އަހުލުވެރި ކުރުވޭ ވަރަށްވުރެ ރާއްޖޭގެ އިޖުތިމާއީ ހާލަތު މާ ގޯހެވެ. ދެރައީ ސަރުކާރުގެ ހިންގަންތިބި ވެރިންނަށް އެކަން ފަހުމް ނުވާތީއެވެ.

ގޫގަލް އަކީ ދިވެހިންނަށް އާ އެއްޗެއް ނޫނެވެ. މިހާރު ކޮވިޑް ކޮންޓްރޯލް ކުރަން ދުނިޔޭގެ ގައުމުތަކުން ކުރާ މަސައްކަތް ފެންނާނެއެވެ. އެންމެ ފުރަތަމަ މި ވައިރަސް ފެނުނު ޗައިނާގެ ވޫހާން ސިޓީގެ ވާހަކަވެސް އަންނާނެއެވެ. ދިހަ ދުވަހުން އެގާރަ މިލިއަން މީހުން ޓެސްޓުކުރި ވާހަކަ ލިޔުނީވެސް ހަމަ ދިވެހި ނޫސްވެރިންނެވެ. ކޮރޯނާ ކޮންޓްރޯލް ކުރަން ބޭނުން ވަނީ ބަހަށް ވުރެ ޢަމަލު ގިނަ ކުރުމެވެ. ގިނަ ޕީ.ސީ.އާރް މެޝިން ތަކެއް ހޯދުމެވެ. ގިނަ ޓެސްޓްތައް ހެދުމެވެ. ކޮރޯނާ އަކީ ކޯޗެއް ކަމެއް ނޭނގޭ ދިވެއްސަކު ނެތެވެ. ހަތަރު ލައްކަ އެއް ހާ މީހުން ޓެސްޓު ކުރެވޭނެ މަގެއް ނުހޯދުނީ، ރައްޔިތުން ހޭލުންތެރި ނުވެގެނެއް ނޫނެވެ.

ކޮވިޑް-19 ގެ ހާލަތަކީ ދިވެހިންނަށް ލިބުނު ރަނގަޅު ފިލާވަޅެކެވެ. ޚާއްސަކޮސް ސަރުކާރުތަށް ހިންގަން އަންނަ ވެރިންނަށެވެ. މީކަމުން އެއްޗެއް ދަސްނުވަންޏާ ކުރިމަގުގަވެސް ރާއްޖެ އޮންނާނީ އެތައް ހާސް އަހަރެއްވެ، ތާރިހެއް ނެތް ގައުމެއްގެ ގޮތުގައެވެ. ރާއްޖޭގައި މިބަލި ނައްތާލެވުނަސް ރާއްޖެއައް ޓޫރިސްޓުން އަންނާނީ ދުނިޔޭބެ ހާލަތު ބަދަލުވެގެންނެވެ. ގައުމުގެ ހާލަތު ކިޔައިދިނުމަށް ސަރުކާރުން ކުރި މާ ބޮޑުކަމެއްވެސް ނެތެވެ. ދުވާލަކު 150 ނުވަތަ 200 މީހުން ޕޮސިޓިވް ވާ ތަން ފެނެއެވެ. އާބާދީގެ ނިސްބަތުން އެންމެ ގިނަ މީހުން ޕޮސިޓީވް ވި އެއް ގައުމަކީ ދިވެހިރާއްޖެއެވެ.

ކޮވިޑް ކޮންޓްރޯލްކޮށް އިގްތިޞާދު ހަމައަކަށް އެޅުވުމުގެ ވިސްނުމެއް ނެތެވެ. ކެފޭ ހޮޓާ ހިންގާ ވިއްސަކަށް މީހުންގެ ދެކެ ބިރުން ކަމެއް ކުރާކަށް ނުކުރެއެވެ. ކެފޭ ހޮޓާ ރެސްޓޯރަންޓް ހިންގާ ތަންތަނުގެ ބިޒްނަސް ދެތިން މަހަށް ކޮންމެވެސް ވަރަކަށް ޑައުން ކޮށްލައިގެން ކޮވިޑް ކޮންޓްރޯލް ކުރެވުމުގެ ފުރުސަތު ބޮޑެވެ. ދެތިން ހަތަރު މަހަށްފަހު އުފާވެރިކަން ލިބިދާނެވެ. ލޯމަރާލާފައި ފިޔަވަޅު އަޅާށެވެ. އަމިއްލަގެ ނޫން ގޭގެއަށް ދިއުން މަނާކުރާށެވެ. ކޮވިޑް ހުއްޓުވާނީ އަހަންނޭ ބުނެ މޮޅެތި ޝިއާރުތައް ހަދައިގެން ކެންޕޭން ފެށިއަކަސް ތިކަމަކުން އަރައިގަނެވޭނެ މަގެއް ހޯދާކަށް ފަސޭހައެއް ނޫނެވެ.

ވަރަށް ގަދަ
75%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 25%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: