އއ. އަތުރުގާގެ ފަޅުގައި އަޅާފައިވާ އޮތް ލޯންޗެއް ކަނޑަށް ގެއްލިފައިވާތީ ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެދިއްޖެ އެވެ.
އެމްއެންޑީއެފް އިން ބުނީ އެ ހާދިސާ ރިޕޯޓުކޮށްފައިވަނީ ފަތިހު 04:39 ގައި ކަމަށާއި އެ ލޯންޗު ކަނޑަށް ދޫވެފައި ވަނީ ނަގިލީގެ ވާގަނޑު ކަނޑައިގެން ގޮސްގެން ކަމަށެވެ. ވާގަނޑު ކަނޑައިގެން ގޮސްފައިވަނީ 125އެޗްޕީ މާކިއުރީ އިންޖީނެއްގެ ސަބަބުން ކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ.
އެމްއެންޑީއެފް އިން ބުނެފައިވަނީ ގެއްލިފައިވާ ލޯންޗަކީ 25 ފޫޓުގެ ވޯޓާ ސްޕޯޓްސް ލޯންޗެއް ކަމަށެވެ.
ގެއްލިފައިވާ ލޯންޗަކީ ރެޖިސްޓާ ކޮށްފައިވާ ލޯންޗެއް ނޫން ކަމަށްވެސް އެމްްއެންޑީއެފް އިން ވަނީ ބުނެފަ އެވެ.
އެމްއެންޑީއެފް އިން ބުނީ އެ ހާދިސާއާ ގުޅިގެން އަތުރުގާ އޮންނަ ހިސާބު ކައިރިން ދަތުރުކުރާއިރު ސަމާލުވާން ވަނީ އެދިފަ އެވެ. އަދި އެއްވެސް ބަޔަކަށް ލޯންޗާ ގުޅޭގޮތުން މައުލޫމާތު ލިބިފައިވާނަމަ އެކަމެއް ހިއްސާކުރުމަށް އެމްއެންޑީއެފް އިން ބުނެފައިވެ އެވެ.