ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި ތިބީ ކިތައް ބިދޭސީން؟ ގަވާއިދާ ހިލާފުވި އަދަދު ހޯދޭނީ މިސުވާލުގެ ޖަވާބަށްފަހު!

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި ބިދޭސީ މަސައްކަތު މީހުން ފައިހިއްޕައިލާ އެ މީހުންގެ ކަންކަން ބޮއްސުން ދިޔައީ ދާދި ފަހަކުންނެވެ. މީގެ ކުރީގައި އެތައް ޒަމާނެއް ވަންދެން ޤަވާއިދުން ބިދޭސީން ރާއްޖެ އެތެރެކޮށް ބަރާބަރަށް ކަންކަން ފުރިހަމަ ކުރަމުން ސަރުކާރުގެ އިދާރާތަކުން ވަރައް ރަނގަޅަށް ބަހަލައްޓަމުން ގެންދިޔައެވެ. އެއްވެސް ފަރާތެއްގެ ބޭނުމަކަށް ބިދޭސީ މަސައްކަތްތެރިއަކު ރާއްޖެ އެތެރެކުރާ ނަމަ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ހުއްދަ ހޯދައި، އެ ހުއްދައާއި ގުޅިގެން ސަރުކާރަށް ދަންކަންޖެހޭ ފީތައް ބަރާބަރާށް ދައްކައި ޤަވާއިދުން އަހަރުންއަހަރަށް ހުއްދަތައް އާކުރަމުން ބަލަހައްޓަމުން ދިޔައެވެ. އޭރު މަސައްކަތު އެއް ސައިޓަށް ގެންނަ ބިދޭސީ މީހާއަށް އަނެއް ސައިޓުގެ މަސައްކަތަށް ދެވެނީ ސަރުކާރުގެ ހުއްދަތަކުން އެކަން ފުރިހަމަ ކޮށްގެންނެވެ. އަދި ހުއްދަ ދެވިފައިވާ މަސައްކަތު ސައިޓު ފިޔަވައި އެހެން ސައިޓެއްގައި ބިދޭސީން މަސައްކަތް ކުރުމަކީ ސަރުކާރުގެ އިތުރުން ދިވެހިރައްޔިތު މީހާއަށް ވެސް މައްސަލަޔަކަށް ފާހަގަ ކުރަމުން ދިޔައެވެ. ސަރުކާރުން އޭރު މި ކަމަށް ދިން ސަމާލުކަމުގެ ތެރޭގައި ބިދޭސީން މަސައްކަތްކުރާ ސައިޓުތަކަށް ސަރުކާރުގެ ޓީމުތައް ޒިޔާރަތްކޮށް އެ ސައިޓުގައި ތިބީ ހުއްދަ އޮތް ބިދޭސީންތޯ، އެ މީހުން ނިދަނީ ކޮން ތަނެއްގައިތޯ، ކެއިންބުއިމާއި ފާޚާނާ ބޭނުންކުމުގެ ކަންކަން ހުރީ ރަނގަޅަށް އިންތިޒާމުވެފައިތޯ، މުސާރަ ދޭތޯ އެމީހުންނާމެދު ބޮސް އެއްވެސް އިހުމާލެއް ވޭތޯ ބަލާ ޗެކު ކުރަމުން ދިޔައެވެ. ނަޖީތާއަކީ ދިވެހިންގެ ތެރޭގައި އޭރު މަސައްކަތްކުރި ބިދޭސީންގެ ވެސް ޤަދަރެއް އޮވެމެ އެ މީހުންނަށް މައްސަލަތަކާ ކުރިމަތި ނުވެ ދިވެހި ރާއްޖޭގައި އުފާވެރިކަމާއެކު މަސައްކަތް ކުރުމުގެ ފުރުޞަތު ލިބުމެވެ.

ނަމަވެސް މި ފަހަކުން ބިދޭސީން އެތެރެކުރުމާ ހަވާލުވެ ތިއްބެވި ސަރުކާރުގެ ބައެއް ވެރީން މި ކަމުގެ ތެރެއިން ބޮޑެތި މަންފާތައް ނަގަމުން އެއްވެސް ހަމައެއް އުސޫލެއްނެތި ދިވެހިރާއްޖެއަށް ގިނަ ޢަދަދެއްގެ ބިދޭސީން އެތެރެކޮށް ދިވެހީންގެ ތެރެއަށް ދޫކުރަމުން ދިޔަކަމުގެ ވާހަކަތަކަކީ އާންމު ވާހަކަތަކެވެ. މިކަމާ ގުޅުންހުރި ސަރުކާރުގެ އިދާރާތަކުގައި ތިބި ބަޔަކު ހިންގި މި ނޭއްގާނީ ޢަމަލު ބަލާ އެ މީހުން އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހެވެ. ދިވެހިރާއްޖެއަށް މިއަދު ކުރިމަތިވެފައިވާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލަތަކުގެ ޒިންމާ އެ މީހުން އުފުލާން ޖެހެއެވެ.

ދިވެހިރާއްޖޭގައި މިހާރު ދިރިއުޅެމުންގެންދާ ބިދޭސީންގެ ޢަދަދެއް ދިވެހި ސަރުކާރަކަށް ނޭނގެއެވެ. މިއަހަރުގެ ޖޫން މަހު ލަފާ ކޮށްފައިވަނީ ގާތްގަނޑަކަށް 225،000 ބިދޭސީ މަސައްކަތު މީހުން ދިވެހިރާއްޖޭގައި އުޅޭ ކަމަށާއި، މީގެ ތެރޭގައި ޤަވާއިދާ ޚިލާފަށް އުޅޭ 70،000 އަށްވުރެ ގިނަ ބިދޭސީން ހިމެނޭ ކަމަށެވެ. ގިނައީ ބަނގުލަދޭޝްގެ ރައްޔިތުންނެވެ.

މިހާ ގިނަ ޢަދަދެއްގެ ބިދޭސީން ސަރުކާރުގެ އިދާރާތަކަށް ފިލައިގެން ދިވެހިރާއްޖޭގައި އުޅެނީ މިކަމުގައި ސަރުކާރުގެ ނާގާބިލު ކަމުންނެވެ. ދިވެހިރާއްޖެ އަށްވުރެ މާބޮޑު އާބާދީތަކުގައި، ދިވެހިރާއްޖޭގެ ސަރަހައްދަށް ވުރެ ދިރިއުޅޭ ސަރަހައްދު މާބޮޑެތި ޤައުމުތަކުގައި އެ ޤައުމުތަކަށް އެތެރެވާ ބިދޭސީނަށް މަދު ދުވަސްކޮޅަކު ވެސް އެ ޤައުމުގެ ސަރުކާރަށް ނޭނގި ފިލައިގެން ނޫޅެވެއެވެ. ކުޑަ ހިނދުކޮޅަކަށް އެއިން ޤައުމަށް އެތެރެ ވިޔަސް އެ ޤައުމުތަކުގެ އިދާރާތަކުން އެ މީހަކަށް ދޭ ސަމާލުކަން އަޅުގަނޑުމެން ގިނަ ބަޔަކު ތަޖުރިބާ ކޮށްފައި ވާނެއެވެ. ދިވެހިރާއްޖެއަށް އެތެރެވާ ބިދޭސީންނަށް ފަސޭހަކަމާއެކު ސަރުކާރަށް ފިލައިގެން ރާއްޖޭގެ ރަށްތަކުގައި އުޅެވެނީ ސަރުކާރަށް މިކަން ނުބެލެހެއްޓޭތީއެވެ. ނުބެލެހެއްޓޭ ވަރަށް ބިދޭސީން އެތެރެ ކުރީތީއެވެ. ބިދޭސީންގެ މައްސަލަތަކުން ސަލާމަތްވާން އެދޭނަމަ ސަރުކާރުގެ އިދާރާތަކުގެ ޤާބިލްކަން އިތުރުކޮށް އެ އިދާރާތަކުން އިޚުލާސްތެރި މަސައްކަތްތަކެއް ކުރަން ޖެހެއެވެ. އެންމެ ގިނަވެގެން އެތެރެ ކުރެވޭނެ ބިދޭސީންގެ ޢަދަދު ވަކިވަރެއްގައި ހިފެހެއްޓެން ޖެހެއެވެ.

ބިދޭސީ މަސައްކަތު މީހުން ހަމައެކަނި ރާއްޖެ އެތެރެވަނީކީ ނޫނެވެ. އެމީހުން ރާއްޖޭގައި ”ހަކި“ ހިއްޕާލާފައިވާލެއް ބޮޑުކަމުން މިއަދު ބިދޭސީއެއް ދިވެއްސެއް ވަތްކެއް ނުވެއެވެ. ވަގު ބިދޭސީންގެ ވިޔަފާރިތަކާއި، ގެސްޓުހައުސްތައް އެބަހުއްޓެވެ. މާލޭގެ ލޯކަލް މާރުކޭޓާއި، މާލެއަށް މުދާއުފުލާ ބޯޓްފަހަރުގެ ފުރިހަމަ ކޮންޓުރޯލް އޮތީ ބިދޭސީންގެ އަތްމަތީގައެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކޮންސްޓަރަކުޝަން މަސައްކަތް ކުރާ ސައްތައިންސައްތަ ބިދޭސީ ގުރޫޕްތައް މަދެއް ނޫނެވެ. ރަށުވަލު ތެރޭގައި ބިދޭސީން އަމިއްލައަށް ޖިފުޑި ޖަހައިގެން އަމިއްލަ ދަނޑުވެރިކަން ކުރެއެވެ. ރަށްރަށުގައި މީސްމީހުންގެ ރުއްގަހު ވަގަށް އަޅައި،  ދިވެހި މީހާ ވަލަށްވަދެ ހޮވަމުންދިޔަ ކާށި ވެސް މިހާރު ހޮވަނީ ބިދޭސީންނެވެ. ރާއްޖޭގެ ރަށްރަށުގައި ވަގު ބިދޭސީންގެ އުނދަގޫ އިންތިހާއަށް ބޮޑެވެ. މި ކޮންމެ ވިޔަފާރިއަކުން ބިދޭސީން ދަނީ ނުހަނު ގިނަ މަންފާ ހޯދަމުންނެވެ.

ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ދޭތެރެދޭތެރެއިން ސަރުކާރުން މަސައްކަތްތަކެއް ކުރާތަން ފެނެއެވެ. ނަމަވެސް މި މަސައްކަތް ކުރެވެމުން ދަނީ ސަރުކާރުގެ އިދާރާ ތަކުގެ މެދުގައި އޮންނަންވާ ގުޅުން ރަނގަޅަށް އޮވެގެނެއް ނޫނެވެ. މިސާލަކަށް އައްޑޫ ސިޓީގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަނެ އެމީހުން ހޯދުމުގެ މަސައްކަތްތަކެއް އައްޑޫ ސިޓީ ކައުންސިލާއި، ފުލުހުން ގުޅިގެން ފަށާފާނެއެވެ. މިފަދަ ހަރަކާތެއް ހަމަ ފަށާތަނުން އައްޑޫ ސިޓީގައި ދިރިއުޅޭ ބިދޭސީންނަށް މިކަން އެނގެއެވެ. އަދި އެހެން އަތޮޅުތަކަށް ދާންފަށައެވެ. އެއް ރަށުން އަނެއް ރަށަށް ބަދަލުވާން ފަށައެވެ. ނަތީޖާއެއްގެ ގޮތުން އައްޑޫ ބަލައި ޗެކު ކުރާއިރު އެ ސިޓީއިން  އަތުލައިގަނެވެނީ މަދުބަޔެކެވެ. ގިނަ ބިދޭސީންތައް އެހެން އަތޮޅުތަކަށް ގޮސް ފިލާ ރައްކާވެއެވެ. އެހެން އަތޮޅުތަކަށް މިދާ ބިދޭސީން އެ އަތޮޅުތަކަށް އެރުން ހުއްޓުވުމަށް އެ އަތޮޅުތަކުގައި ހުންނަ ސަރުކާރުގެ އިދާރާތަކުން އެއްވެސް ކަމެއް ކުރާތަނެއް ނުފެނެއެވެ. ދުވަސްކޮޅަކުން އެއްކަލަ އައްޑޫން ފިލައި ރައްކާވި ބިދޭސީންތައް އަނެއްކާ ވެސް އެނބުރި އައްޑޫ ސިޓީއަށް ހިނގައިދެއެވެ. މައްސަލައަށް ހައްލެއް ނުލިބެއެވެ. ކޮންމެފަހަރަކު ސަރުކާރުން ހިންގަވާ ޕްރޮގްރާމަށް ވަމުންދަނީ މިފަދަ ދެރަ ގޮތެކެވެ.

ރާއްޖޭގައި އޮތް ބިދޭސީ މަސައްކަތު މީހުންގެ މައްސަލަ ހައްލުވާނީ ރާއްޖޭގައި އުޅެނީ ކިތައް ބިދޭސީންތޯ އެންމެ ފުރަތަމަ ދަނެގަނެވިގެންނެވެ. އެއް ރަށުން އަނެއް ރަށަށް ބިދޭސީން ދަތުރުފަތުރު ކުރުމުގައި ހައްދުތަކެއް ކަނޑަ އެޅިގެންނެވެ. މިކަމަށްޓަކައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަން ޖެހެއެވެ. މުޅިރާއްޖޭގެ އެއްގަމާއި ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރި ވަނީ ކިތައް ބިދޭސީންތޯ ދަފުތަރު ކުރަން އެބަޖެހެއެވެ. ރަނގަޅު ޢަދަދު ދެނެގަތުމަށާއި، މިތަނުގައި އުޅެނީ ކޮންބަޔެއްކަން ކަށަވަރު ކުރުމަށެވެ. އަޅުގަނޑު ދެކޭ ގޮތުގައި ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ކުރާ މަސައްކަތް ކާމިޔާބު ވާނީ މި މަސައްކަތުގެ ކޮންމެ މަރުހަލާއެއްގައި ވެސް ވަރަށް އިޚުލާސްތެރި ބަޔަކު މަސައްކަތް ކޮށްގެންނެވެ. ދިވެހިރާއްޖޭގައި ދިރިއުޅޭ ހުރިހައި ބިދޭސީން ދަފުތަރު ކުރުމަށްޓަކައި ވަކި މުއްދަތަކަށް މުޅި ރާއްޖެ ”ލޮކްޑައުން“ ކޮށްގެން ނަމަވެސް ބިދޭސީންގެ ޢަދަދާއި ސައްހަ މަޢުލޫމާތު ދަނެނުގަނެވޭނަމަ ބިދޭސީންގެ މައްސަލައަށް ހައްލެއް ނެތެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: