ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާ އުސޫލުގެ ސަބަބުން ޕްރިންސިޕަލުންގެ ހައްޤުތައް ނިގުޅައިގަނެ، ވަޒީފާގެ ރައްކާތެރިކަން ގެއްލިއްޖެ: އިދިކޮޅު

ޝެއާރކޮށްލާ ކަހަލަދޯ؟

ޕްރިންސިޕަލުން ވަޒީފާ އަދާކުރާ ސްކޫލް ކަނޑައެޅުމަށް އެޑިއުކޭޝަން މިނިސްޓްރީން އަލަށް ތަޢާރަފްކުރި އުސޫލުގެ ސަބަބުން ޕްރިންސިޕަލުންގެ ހައްޤުތައް ނިގުޅައިގަނެ ވަޒީފާގެ ރައްކާތެރިކަން ގެއްލިފައިވާ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.

ސަރުކާރު ސްކޫލުތަކުގެ ޕްރިންސިޕަލުން ވަޒީފާ އަދާކުރާ ސްކޫލު ކަނޑައެޅުމުގެ އާ އުސޫލުގައި ބުނެފައި ވަނީ އެއް ސްކޫލެއްގައި ޕްރިންސިޕަލަކަށް އެންމެ ގިނަވަގެން ހުރެވޭނީ 8 އަހަރު ކަމަށެވެ. މި އުސޫލާ ގުޅިގެން ގިނަ ޕްރިންސިޕަލުންނެއް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިކަމާ ގުޅިގެން އިދިކޮޅު ކޯލިޝަނުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ މި އުސޫލުގެ ސަބަބުން ދިވެހި ޕްރިންސިޕަލުން ތަޢުލީމީ ދާއިރާ ދޫކޮށްފާނެކަމުގެ ކަންބޮޑުވުން އުފެދިފައިވާ ކަމަށާއި، އާ އުސޫލުގެ ސަބަބުން ޤާބިލު ޕްރިންސިޕަލުން ލިބުން ދަތިވެ، ސްކޫލްގެ ހިންގުން ދަށްވެ، ދަރިވަރުންގެ ކިޔެވުމަށް ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކާމެދު ބެލެނިވެރިންނާއި ޓީޗަރުން ކަންބޮޑުވާ ކަމަށްވެސް ބަޔާނުގައި ބުނެފައި ވެއެވެ.

“މި އުސޫލުގެ މަޤުސަދުގެ ތެރޭގައި، ދިގު މުއްދަތަކަށް އެއް ސްކޫލެއްގައި ޕްރިންސިޕަލުން ތިބުމުން ދިމާވާ ބައެއް ނޭދެވޭ މައްސަލަތަކަށް ޙައްލު ހޯދުން ކަމަށް ބުނެފައިވީނަމަވެސް، ދިގު މުއްދަތަކަށް ޕްރިންސިޕަލުން މަސައްކަތްކޮށްފައިވާ ގިނަ ސްކޫލްތަކަކީ ރާއްޖޭގައި ކާމިޔާބު ސްކޫލްތަކުގެ ލިސްޓުގެ އެންމެ ކުރީގައި ގުނާލެވޭނެ ސްކޫލްތަކެކެވެ. އަދި އެ އުސޫލުގައި، ގިނަ ދުވަހު ޕްރިންސިޕަލުން ތިބޭ ސްކޫލްތަކުގައި ނޭދެވޭ މައްސަލަތައް އުފެދޭކަމަށް ބަޔާންކޮށްފައިވަނީ އެއްވެސް ދިރާސާއެއްކުރުމެއް ނެތިކަން ފާހަގަކުރެވެއެވެ.” ބަޔާނުގައި ވެއެވެ.

އިދިކޮޅުން ބުނީ ސިވިލް ސާވިސް ކޮމިޝަން ހިންގަންވާނީ ސިޔާސީ މަސްލަޙަތުތަކުން އެކަހެރިވެފައިވާ، ވަކި ފަރާތެއްގެ ނުފޫޒަށް ތަބާނުވާ އަދި ވަކި ފަރާތެއްގެ ރުހުން ހޯދަން މަސައްކަތްނުކުރާ، ޕްރޮފެޝަނަލް މިންގަނޑުތަކަކުން ޚިދުމަތްފޯރުކޮށްދޭ، އަދި މުވައްޒަފުންގެ މެދުގައި ތަފާތުކުރުން ނުގެންގުޅޭ، މަސައްކަތުގެ މާޙައުލެއްގައި ކަމަށް، ސިވިލްސާވިސްގެ ޤާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށާއި، ނަމަވެސް އާ އުސޫލުގެ ސަބަބުން އިސްވެ ބަޔާންކުރެވުނުފަދަ މާޙައުލެއް ނޯންނާނެ ކަމަށެވެ.

“ޕްރިންސިޕަލުންގެ މަޤާމަކީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ މަޤާމެއްގެ ގޮތުގައި ހަމަޖައްސައި، ޕްރިންސިޕަލް ވަޒީފާ އަދާކުރަންޖެހޭ ތަނެއް ނޭނގޭ ގޮތަށް އެކުލަވާލާފައިވާ މި އުސޫލަކީ އެއްވެސް ޤާނޫނީ ބެލެނިވެރިކަމެއް ލިބިފައިނެތް، ވަޒީފާއާ ބެހޭ ޤާނޫނާއި، ސިވިލް ސާވިސްގެ ޤާނޫނާއި ފުށުއެރުންތަކެއް ހުރި، ޤާނޫނު އަސާސީ އާއި ޤަވާއިދުތަކުން މަނާކޮށްފައިވާ އެތައްކަމެއް، ކުރުމަށް ފުރުސަތު ހުޅުވާލެވޭ އުސޫލެކެވެ،” ބަޔާނުގައި ވެއެވެ.

އަދި “ޕްރިންސިޕަލުން ވަޒީފާ އަދާކުރާނެ ސްކޫލް ކަނޑައަޅާ ކޮމިޓީ” އަށް ދީފައިވާ ބާރުތަކަކީ ސިވިލްސާވިސްގެ ޤާނޫނާވެސް ފުށުއަރާ، އަދި ކޮރަޕްޝަނާއި މަޤާމުގެ ނުފޫޒުގެ ބޭނުންކުރުމަށް މަގުފަހިކޮށްދޭނެ ބާރުތަކެއް ކަމަށް ވެސް އިދިކޮޅުން ބުނެއެވެ.

އެހެންކަމުން ސަރުކާރުން އަލަށް ތަޢާރަފްކުރި މި އުސޫލުގެ ސަބަބުން ޕްރިންސިޕަލުންގެ ވަޒީފާގެ ބިރުވެރިކަން ބޮޑުވެ، ތަޢުލީމީ ދާއިރާ ކުރިއެރުމުގެ ބަދަލުގައި އިތުރަށް ހީނަރުވެ، ސްކޫލްތަކުގެ ހިންގުން އިތުރަށް ބޮއްސުންލައިގެން ގޮސްދާނެ ކަމަށްޓަކައި، ދިވެހި ޕްރިންސިޕަލުންގެ ވަޒީފާގެ ހައްޤުތައް ރައްކާތެރިކޮށް އެފަރާތްތަކުން ކުރައްވާ ބުރަ މަސައްކަތުގެ އަގު ވަޒަންކޮށް، މި އުސޫލު ތަންފީޒު ނުކުރުމަށް ސަރުކާރަށް ގޮވާލާ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: