ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޓަނެޓަކީ އަޑި ނޭނގޭހާ ފުން ނުރައްކާތެރި ވަސީލަތެއް، އޭގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ދަރިންނަށް ދަސްކޮށްދީ: ހުތުބާ

ޝެއާރކޮށްލާ ކަހަލަދޯ؟

އިންޓަނެޓަކީ އޭގެ އަޑި ނޭނގޭހާ ފުން، ނުރައްކާތެރި ކަނޑެއް ފަދަ ވަސީލަތެއް ކަމަށާއި އެ ނުރައްކާތެރިކަން ތިމާގެ ދަރިން ސަލާމަތް ކުރުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފިއެވެ.

މިއަދު އިއްވި ހުކުރު ހުތުބާގައި ބުނެފައި ވަނީ ދަރިންނަކީ ﷲ ތައާލާ މައިންބަފައިންނާ ހަވާލުކުރައްވާފައިވާ ވަރަށް ބޮޑު އަމާނާތެއް ކަމަށާއި އެ ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަކީ މައިންބަފައިންގެ ޒިންމާއެއް ކަމަށެވެ. އަދި އެ މައްސޫލިއްޔަތު އަދާކުރި ގޮތަކާ މެދު މާދަމާ ﷲގެ ހަޟްރަތުގައި ޖަވާބުދާރީ ވާން ޖެހޭނެ ކަމަށެވެ.

ހުތުބާގައި ބުނެފައ ވަނީ ބަވަނަ ވެފައިމިވާ ދުނިޔޭގައި ހުޅުވިފައިވާ ވަސީލަތްތަކުގެ ތެރޭގައި 21 ވަނަ ގަރުނުގެ ގޮންޖެހުންތަކާ ކުރިމަތިލެވޭ ފަދަ ގާބިލު ދަރިންތަކެއް ތަރުބިއްޔަތު ކުރުމުގެ މަސްއޫލިއްޔަތަކީ ބޮޑުވެގެންވާ މަސްއޫލިއްޔަތެއް ކަމަށާއި އެކަމާ މެދު ފަރުވާކުޑަކޮށްފި ނަމަ އޭގެ ގެއްލުން ނުހަނު ބޮޑުވެގެން ހިނގައިދާނެ ކަމަށެވެ.

“މި ޒަމާނުގައި އަޅުގަނޑުމެންގެ ދިރިއުޅުމަށް ބޭނުން ޖެހިފައިވާ އެންމެ މުހިންމު އެއް ވަސީލަތަކީ އިންޓެނެޓުގެ ވަސީލަތެވެ. އިންޓަނެޓާ ގުޅިފައިވާ ތަފާތު ޓެކްނޮލޮޖީތަކެވެ. މި ވަސީލަތުގެ ބޭނުން ހެޔޮގޮތުގައި ހިފައިފިނަމަ މީ ވަރަށް ބޮޑު ނިއުމަތެކެވެ އާއިލީ ގުޅުން ބަދަހުކުރުމާއި އުނގެނުމާއި މައުލޫމާތު ބަދަލުކުރުމާއި މި ނޫންވެސް ދިރިއުޅުމުގެ ކޮންމެ ދިމާއަކަށް ފަސޭހަކަމާއި ލުއިކަން ގެނެސްދެވޭނެ ފަދަ ވަސީލަތެކެވެ، ފަހެ އިންސާނާއަށް ނޭނގޭ ކަންތައްތައް އުނގަންނަވައިދެއްވި ﷲ ސުބްހާނަހު ވަތައާލާގެ ހުސްތާހިރުވަންތަކަމާއެވެ.” ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނެފައި ވަނީ އިންޓަނެޓުގެ ޒަރިއްޔާއިން ލިބޭ ލުއިތަކާއެކު ވެސް އެ ނިއުމަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފާ ބަޔަކު އުޅޭކަން ދަންނަން ޖެހޭ ކަމަށެވެ. ހާއްސަކޮށް ކޮވިޑާ ގުޅިގެން މުޅި ދުނިޔެ އިންޓަނެޓަށް އަހުލުވެރިވަމުންދާ ދަނޑީވަޅެއްގައި ދައުލަތުގެ އިދާރާތަކާއި އާންމު ވިޔަފާރިތަކާއި ކިޔަވައިދޭ މުއްސަސަތައް އިންޓަނެޓުގެ މައްޗަށް ބަރޯސާވަމުން ދާހިނދު ނަހަމަ ގޮތުގައި އިންޓަނެޓު ބޭނުން ހިފުން މިވަނީ އިންހިތާއަށް ބޮޑުވެފައި ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

“އިންޓަނެޓަކީ އޭގެ އަޑު ނޭނގޭހާ ފުން ނުރައްކާތެރި، ކަނޑެއް ފަދަ ވަސީލަތެކެވެ. ނުވަތަ އެ ތަނުގެ އެތެރޭގެ ނުރައްކާތެރިކަން ނޭނގޭހާ ބޯ ޖަންގައްޔެއް ފަދަ އެއްޗެކެވެ. އެ ތަނުގައި އުޅޭނެ ރައްކާތެރި ގޮތްތައް ދަރިންނަށް ދަސްކޮށްދިނުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ. އެ ކުދިންނަށް ޒިންމާދާރު ޑިޖިޓަލް ރައްޔިތަކަށް ވެވޭނެ ގޮތްތަކާއި މަގުތައް ދައްކުވައި ދޭން ޖެހެއެވެ. އިންޓެނެޓް މެދުވެރިކޮށް އަތުވެދާނެ ނުރައްކާތެރި ހަމަލާއެއްގެ ޝީކާރައަކަށް ނުވެ އަމިއްލަ ނަފްސާއި އެހެން މީހުންގެ ރައްކާތެރިކަން ކަށަވަރުކުރާ ހާލުގައި އިންޓަނެޓް ބޭނުން ކުރުމަށް ދަސްކޮށްދޭން ޖެހެއެވެ.” ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނެފައި ވަނީ އިންޓެނެޓު މެދުވެރިކޮށް އެކިއެކި އުކުޅުތައް ބޭނުންކޮށްގެން ދަރިން ގޯސް މަގުތަކަށް ގެންދިއުމަށް މަސައްކަތްކުރާ މީހުންގެ ކެހިވެރި މަޅީގައި ނުޖެހި ތިބެން އެ ކުދިންނަށް ދަސްކޮށްދެއްވުމަށް ގޮވާލާ ކަމަށެވެ. އަދި މަގުމަތިން ފެންނަ ނުދަންނަ މީހާއާ ވާހަކަ ނުދައްކަން ދަސްކޮށްދޭ ފަދައިން ނުވަތަ އެއަށްވުރެ ބޮޑަށް އިންޓަނެޓުގެ ތެރެއިން ނުދަންނަ މީހުންނާ ވާހަކަ ނުދެއްކުމަށް ދަރިންނަށް ދަސްކޮށްދިނުމަށް ވެސް ހުތުބާގައި ވަނީ ގޮވާލާފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: