ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކެމިކަލް ގުދަނުގެ އަލިފަނުގެ ހާދިސާއަށް އަހަރެއް!

އަބަދަށްފެހި މަގުގައި ހިންގި އަލިފާނުގެ ބޮޑު ހަދިސާގެ ތެރެއިން - އަހުމަދު ޝުރާއު | ވީފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ނިމިދިޔަ 2019 ވަނަ އަހަރު ރާއްޖެގައި ހިނގި އެންމެ ނުރައްކާތެރި އަދި އެންމެ ބޮޑު ގެއްލުމެއް ގިނަބަޔަކަށް ލިބުނު ހާދިސާއަކީ ހ. ތިލަފުށީގޭގައި ހިނގި އަލިފާނުގެ ހާދިސާއެވެ. ތިލަފުށީގޭގައި ހުރި ކެމިކަލް ގުދަނުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްވިއިރު އެހިސާބުގައި ހުރި ގެތަކަށާއި ގުދަންތަކަށް އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ. ބައެއް އިމާރާތްތައް އެއްކޮށް އަނދައި ހުލިވިއިރު،400 އަށްވުރެ ގިނަ މީހުން ހާލުގައި ޖެހި ވަގުތީ ހިޔާތަކަށް ބަދަލުކުރަން ޖެހުނެވެ. މިހާދިސާގައި މީހެއްގެ ފުރާނަވެސް ގެއްލިފައިވެއެވެ.

އެސަރަހައްދު މިހާރު ހުރި ހާލަތަށް ބަލައިލާއިރު، ބައެއް ގެތައް އަލުން ތަޅާލުމަށްފަހު، އިމާރާތްކުރުމުގެ މަސައްކަތް އަންނަނީ ކުރަަމުންނެވެ. ގިނަ އާއިލާތައް އަދިވެސް އުޅެމުން އަންނަނީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ އެހީއާއެކު ވަގުތީ ބޯހިޔަވަހިކަމުގައެވެ.

އަލިފާނުގެ ހާދިސާއަށް އަހަރެއް ވެގެން ދިޔައިރު މިފަދަ ހާދިސާތައް މަދުކުރުމަށް ކޮންމެެސް ވަރެއްގެ މަސައްކަތްތަކެއް މިދޔަ އަހަރު ފަހުކޮޅު ފެށިތަން ވަނީ ފެނިގެން ގޮސްފައެވެ. އެގޮތުން މީހުން ދިރިއުޅޭ ހިސާބުތަކުގައި ހުރި ގުދަންތައް ތިލަފުށްޓަށް ބަދަލުކުރުމުގެ މަސައްކަތް ފަށައި، ކެމިކަލް ރައްކާކުރުމަށް ޚާއްސަކޮށް34 ގުދަނެއް ތިލަފުށީގައި ގާއިމްކުރިއެވެ. މިގުދަންތަކުގެ ތެރޭގައި 300 އާއި 800 އަކަފޫޓާއި ދެމެދުގެ ޔުނިޓުތައް ހިމެނޭކަމަށް އެކުންފުނިން ބުނެއެވެ. މިތަންތަން ބަލައިލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ އެތަނަށް ޒިޔާރަތްކޮށްފައެވެ.

ތިލަފުށްޓަށް ގުދަންތައް ބަދަލުކުރުމަށް ބޭނުންވާ މީހުންނަށް އެފުރުސަތުވެސް ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްއިން ހުޅުވާލިއެވެ. އަލިފާނުގެ ޙާދިސާއަށް ފަހު މާލެ ސަރަހައްދުގައި ނުވަތަ މީހުން ދިރިއުލޭ ހިސާބުތަކުގައި ހުރި ގުދަންތައް ބަލައި ފާސްކުރުމަށްފަހު މާލޭގައި128 ގުދަނެއް ހުރިކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯހުން ވަނީ ހާމަކޮށްފައެވެ. މީގެތެރެއިން 82 ގުދަން ހުރީ މާލޭގައި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ކަމަށް އެމްއެންޑީއެފްއިން ބުނެފައިވާއިރު، ވަގުތުން ތިލަފުށްޓަށް ބަދަލުކުރަންޖެހޭ ގުދަންތަކުގެ ގޮތުގައި26 ގުދަނެއް އޭރު ވަނީ ފާހަގަކޮށްފައެވެ.

ސަންގު ޓީވީއަށް މައުލޫމާތު ދެއްވަމުން ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯންގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ރަޝީދު އަބޫބަކުރު ވިދާޅުވީ މިހާރު ހުރިހާ ކެމިކަލް ގުދަންތަކެއް ވަނީ ތިލަފުށްޓަށް ބަދަލުކުރެވިފައި ކަމަށެވެ. އަދި މީހުން ދިރިއުޅޭ ހިސާބުތަކުގައި ކެމިކަލް ރައްކާކޮށްގެން މިހާރު ގެންގުޅެގެން ނުވާނެ ކަަމަށާއި އެއީ ގާނޫނާއި ޚިލާފު އަމަލެއް ކަމަށެވެ.

އަލިފާނުގެ ހާދިސާއަށްފަހު ރާއްޖެއަށް ކެމިކަލް އެތެރެކުރުން ވަގުތީގޮތުން ހުއްޓާވެސްލިއެވެ. އަދި އެއަށްފަހު ކެމިކަލް އެތެރެކުރުމާއި ގުދަންކޮށް ވިއްކުމާ ބެހޭ ގަވާއިދެއް އެކުލަވާލިއެވެ. މި ގަވާއިދުގައިވާ ގޮތުން، ކެމިކަލް އެތެރެކުރުމުގެ ހުއްދަ ދެވޭނެ ޝަރުތުތަކުގެ ތެރޭގައި، ރައްކާތެރިކަމާއެކު ގުދަންކުރެވޭނެ އިންތިޒާމު ހުރުމާއި، ރައްކާތެރިކަމާއެކު ކެމިކަލް އުފުލައި ގެންގުޅުމުގެ އިންތިޒާމް ހަމަޖެހިފައިވުމާއި، ނުރައްކާތެރި ކެމިކަލް ގުދަންކޮށްފައި ބަހައްޓާ ތަނަށް ލިބިދާނެ ގެއްލުމަކަށް ޒިންމާވާނެ ގޮތަށް ކޮމްޕްރިހެންސިވް އިންޝުއަރެންސް ޕޮލިސީއަކުން އިންޝުއާކޮށްފައި ހުރުމާއި، ވިޔަފާރިއަށް އެތެރެކުރާ ކެމިކަލެއް ރައްކާތެރިކަމާއެކު ގެންގުޅެ ބޭނުންކުރާނެ ގޮތުގެ މައުލޫމާތު ކެމިކަލް ގަންނަން ފަރާތްތަކަށް ފޯރުކޮށްދިނުން ހިމެނެއެވެ.

އަބަދަށްފެހި މަގުގައި ހިންގި އަލިފާނުގެ ބޮޑު ހަދިސާގެ ތެރެއިން – އަހުމަދު ޝުރާއު | ވީފޮޓޯ

މީގެ އިތުރުންވެސްް، މުހިންމު އިތުރު ކަންކަން ފުރިހަމަ ކުރުމަށް ގަވާއިދުގައި ޝަރުތުކޮށްފައިވާއިރު، ގަވާއިދާ ޚިލާފަުވާނަމަ ޖޫރިމަނާ ކުރާނެ އުސޫލުތައްވެސް ގަވާއިދުގައިވެއެވެ.

އަލިފާނުގެ ހާދިސާއަށް އަހަރެއް ވެގެންދިޔައިރު، އަދިވެސް ގެއްލުމުން އަރައިގަނެވިފައެއް ނުވެއެވެ. ގިނަ އާއިލާތައް ވަގުތީ ހިޔާތަކުގައި އުޅެމުންދާއިރު، އަލިފާނުގައި އެއްވެސް ވަރަކަށް ނޫޅެވޭ ވަރަށް ގެއްލުންވި އިމާރާތްތައްވެސް އެބަހުއްޓެވެ. އެގެތައް އަލުން އިމާރާތްކޮށް މީހުން ދިރިއުޅެން ފެށުމަށް އަދިވެސް އެތައް ދުވަހެއް ނަގާނެކަމަށް ބެލެވެއެވެ.

ކެމިކަލް ގުދަންތައް ތިލަފުށްޓައް ބަދަލުކުރެވުނުކަމުގައިވިޔަސް، އެހިސާބުން އެކަން ނިންމާލުމަކީ އެންމެ ބުއްދިވެރި ގޮތްކަމަށް ގިނަ ބަޔަކު ނުދެކެއެވެ. މާލޭގައި މީހުން އުޅޭ ހިސާބުތަކުގައި ގަރާޖުތަކާއި، އެކިކަހަލަ ގުދަންތަކާއި ވަޑާމުގެ މަސައްކަތް ކުރާ ތަންތަން އެބަހުއްޓެވެ. މިތަންތަން މީހުން ދިރިއުޅޭ ހިސާބުތަކުގައި ބަހައްޓައިގެން އުޅުމަކީވެސް ރައްކާތެރިކަމެއް ނޫނެވެ. މިތަންތަންވެސް މީހުން އުޅޭ ހިސާބާއި ދުުރުހިސާބެއްގައި ގާއިމްވެގެން ދިޔުމަކީ މިފަދަ ނުރައްކާތެރި ހާދިސާތައް ހިނގުން މަދުކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: