ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަރަންޓީނުވާ މީހުންނަށް ހާއްސަ ޗުއްޓީއެއް ދޭން ލާޒިމްކުރާ ބިލު ރައީސް ތަސްދީގު ކުރައްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19އާ ގުޅިގެން ކަރަންޓީނުވާން ޖެހޭ މީހުންނަށް ހާއްސަ ޗުއްޓީއެއް ދޭން ލާޒިމުކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފިއެވެ.

އެގޮތުން އެ ބިލުގައިވާ ގޮތުން ކޮވިޑް -19 އާ ގުޅިގެން އިޢުލާންކޮށްފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތުގައި، ވަޒީފާ އަދާކުރާ ފަރާތެއް ދިރިއުޅޭ ރަށް ނޫން އެހެން ރަށެއްގައި އެފަރާތެއް ހުރި ވަގުތެއްގައި ދަތުރުފަތުރުކުރުމާ ގުޅޭގޮތުން އަޅާ ފިޔަވަޅަކާ ގުޅިގެން އޭނާ ވަޒީފާއަށް ނިކުތުމަށް ހުރަސްއެޅޭ ފަރާތްތަކަށް މެޑިކަލް ސެޓްފިކެޓެއް ހުށަހަޅަންޖެހުމަކާ ނުލައި، މުސާރަ ލިބޭ ގޮތަށް، ޚާއްޞަ ޗުއްޓީއެއް ވަޒީފާދޭ ފަރާތުން ހަމަޖައްސައިދޭން ވާނެއެވެ.

އަދި ރާއްޖެއިން ބޭރަށް ދަތުރުކުރުމަށްފަހު އަނބުރާ އައުމުގެ ސަބަބުން ނުވަތަ ރާއްޖޭގެ ވަކި ރަށެއްގައި ހުރުމަށްފަހު އެ ރަށް ދޫކޮށްދިޔުމުގެ ސަބަބުން ކަރަންޓީން މަރުކަޒެއްގައި ނުވަތަ ގޭގައި ނުވަތަ އެނޫންވެސް ތަނެއްގައި ކަރަންޓީނު ވާންޖެހޭ މުވައްޒަފުންނަށް ވެސް މުސާރަ ލިބޭ ގޮތަށް ޗުއްޓީ ހަމަޖައްސައިދޭންވާނެ ކަމަށް ވަނީ ބުނެފައެވެ.

މީގެެއިތުރުން ވަޒީފާ އަދާކުރާ ފަރާތެއްގެ ޢާއިލާގެ މެންބަރަކު އެ ބައްޔަށް ޕޮޒިޓިވްވެއްޖެނަމަ، އަދި އެ ޢާއިލާގެ މެންބަރަކީ ސީދާ އޭނާ ބެލުން ޙަވާލުވެފައިވާ ފަރާތެއް ކަމުގައިވާނަމަ، އަދި އެ ބައްޔަށް ފަރުވާ ހޯދަންޖެހެނީ ގޭގައި މަޑުކޮށްގެން ކަމުގައިވާނަމަ، އޭނާގެ ޢާއިލާގެ މެންބަރު އެ ބައްޔަށް ފަރުވާ ހޯދުމަށް ހޭދަވާ މުއްދަތަށްވެސް ޗުއްޓީ ހަމަޖައްސައިދޭން ވާނެ ކަމަށް ބިލުގައި ހިމަނާފައިވެއެވެ.

ބިލުގައިވާ ގޮތުން އެ ޗުއްޓީ ހަމަޖައްސައިދޭން ވަޒީފާ ދޭ ފަރާތަށް ލާޒިމް ވާނީ ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް ނުވަތަ އޭނާ ކަނޑައަޅާ މީހަކު ސޮއިކޮށް ދީފައިވާ ލިޔުމެއް ދެއްކުމުންނެވެ.

މީގެއިތުރުން ހާއްޞަ ޗުއްޓީގެ ގޮތުގައި ދެވޭ ދުވަސްތައް މުވައްޒަފަށް ޙައްޤުވާ އެހެން ޗުއްޓީތަކުގެ މުއްދަތުން އުނި ނުކުރެވޭނެ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.

އަދި މި ބިލުގައިވަނީ ކޯވިޑް-19 އާއި ގުޅިގެން ކުރިމަތިވެފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ ސަބަބުން، ޟަރޫރީ ބޭނުންތައް ފުއްދުމަށް ދަތިވެފައިވާ ޢާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ބޯހިޔާވަހިކަން ގެއްލިފައިވާ ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ހޯދައިދިނުމާއި، އެއްވެސް ފަރާތެއް މަގުމަތިވިޔަ ނުދިނުމަށްޓަކައި ޤާނޫނުން ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދިނުމުގައި އަމަލުކުރަންޖެހޭ އުޞޫލުތައް ވެސް ހިމަނާފައެވެ.

އޭގެއިތުރުން ޚާއްޞަ އިސްތިސްނާ ޙާލަތްތަކެއްގައި މެނުވީ ކޯވިޑް-19 އާއި ގުޅިގެން ވަޒީފާގެ ޙާލަތަށް ބަދަލުގެނައުން ހުއްދަނުވާނެ ކަމަށްވެސް ބިލުގައި ކަނޑައަޅާފައިވެއެވެ.

މި ބިލަށް އަމަލުކުރަންޖެހޭނީ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި އިޢުލާންކޮށްފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު، ނުވަތަ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި އިޢުލާންކުރާ އެނޫންވެސް ކުއްލި ނުރައްކަލުގެ ނުވަތަ ކާރިސާގެ ޙާލަތެއް ނިމުމަކަށް ގެންނަތާ 60 ދުވަސް ހަމަވާ ތާރީޚުގެ ނިޔަލަށެވެ.

ވަރަށް ގަދަ
80%ވަރަށް ގަދަ 20%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: