ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސޯލިހަކީ “ގާހަކައެއް”، އުޅެނީ މެކުނެއްހެން ފުމެގަންނަން: މުހައްމަދު އިސްމާއިލް

މަޖިލީސް އިންތިހާބަށް ބޭއްވި ކެމްޕެއިނެއްގެ ތެރެއިން މުހައްމަދު އިސްމާއިލް ވަހަކަ ދައްކަވަނީ/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދުގެ މި ސަރުކާރުގައި ގައުމެއް ހިންގޭނެ ވަރުގެ ފެންވަރެއް ނެތް ކަމަށާއި، ބަލާލި ކޮންމެ ދިމާލަކުން ވެސް ފެންނަކީ ފެއިލްވެފައިވާ ނިޒާމުތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީނަށް އިއްވާފައިވާ ހުކުމަކީ ސިޔާސީ ހުކުމެއް ކަމަށް ބުނެ، އިދިކޮޅުން ދަނީ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލަމުންނެވެ. އަދި ޕީޕީއެމް، ޕީއެންސީއިން ރައީސް ޔާމިން މިނިވަން ކުރުމަށް ގޮވާލާ ސިޔާސީ ހަރަކާތްތައް ބާއްވަމުން ދާއިރު، މިހާރު އެންމެ ބޮޑު ފާޑުކިއުންތަކެއް އަމާޒުވެފައިވަނީ އިންޑިޔާއިން އައި ފުރަތަމަ ކާގޯ ފެރީ އާއި ގުޅިގެންނެވެ.

ކާގޯ ފެރީގެ ފުރަތަމަ ދަތުރުގައި އިމާރާތްކުރުމަށް ބޭނުންވާ ގިނަ އަދަދެއްގެ ސާމާނާއި، ދަނޑުވެރިކަމަށް ބޭނުންވާ ބައެއް ސާމާނު ގެނެސްފައިވާއިރު އިދިކޮޅުން ތުހުމަތު ކުރާ ގޮތުގައި ކާގޯއިން ގެނައި ތަކެތީގެ ތެރޭގައި ގޮތް ނޭނގޭ ބައެއް މުދާތަކެއް ވެސް ހިމެނެއެވެ. އިންޑިޔާއާއި ރާއްޖެއާ ދެމެދު ފަށާ ކާގޯ ފެރީގެ ސަބަބުން ރާއްޖެއަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާނެކަމަށްބުނެ އިދިކޮޅު ކޯލިޝަނުން ސަރުކާރަށް އަންނަނީ ވަރަށް ބޮޑަށް ފާާޑުކިޔަމުންނެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާނެ ކަމަށް އިދިކޮޅު ލީޑަރުން އަންނަނީ ބުނަމުންނެވެ.

ކޮޗިން ފެރީގެ ނަމުގައި ފަށާ ގޮތަށް ވާހަކަ ދެއްކުމަށްފަހު މިއަދު ދަތުރުތައް ފެށި ކޯގޯ އުފުލާ ބޯޓުގެ ފުރަތަމަ ދަތުރުގައި ރާއްޖެ ގެނެސްފައި ވަނީ ދެ ކޮންޓެއިނާގެ މުދަލެވެ. އިދިކޮޅުން ތުހުމަތު ކުރާ ގޮތުން މި ދަތުރުތަކުގެ ފަހަތުގައި ފޮރުވިފައިވާ ސިއްރުތަކެއް ވާނެއެވެ.

ދުވަސްތަކަކަށް ފަހު އިދިކޮޅުން ލީޑާޝިޕްގެ ބޭފުޅުންގެ ބައިވެރިވުމާއި އެކު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުހައްމަދު އިސްމާއިލް ވިދާޅުވީ، ޕާޓީގެ ތެރޭގައި ވެސް ތިބީ ބޮޑުތިލަދުންމަތީގެ ދިވެހި ދަރީން ކަމަށެވެ. ގައުމުގެ މިނިވަންކަމަށްޓަކާ ގުރުބާންވާނެ ލޭ ހިނގާ ދިވެހި ދަރީންތަކެއް މި ގައުމުގައި ތިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ދިމާވާ ކޮންމެ ހާލަތެއްގެ ތެރެއިން، ދިވެހިންގެ ތެރެއިން އަބްތޯލުންތަކެއް ގައުމުގެ މިނިވަންކަމުގެ ދިފާއުގައި ނިކުމެފައިވާއިރު، މިއަދު ވެސް ހަމަ ހިއްވަރާއި އެކު ނިކުންނާނެ ދިވެހި ލޭ ހުރި ދަރީން ވާނެ ކަމަށް މުހައްމަދު އިސްމާއިލްގެ ވަހަކައިގައި ވިދާޅުވިއެވެ.

އެމްޑީޕީއިން 2008 ވަނަ އަހަރުގެ ވެރިކަމާއި ހަވާލުވެ ދެން ގައުމަށް ވެގެން ދިޔަ ގޮތް ކޮންމެ ދިވެހި ރައްޔިތަކަށް ވެސް އޮޅިފައި ނޯންނާނެ ކަމަށް މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ. އަދި އިސްލާމްދީނާއި ހިލާފު އެތައް ވާހަކަތަކެއް ދައްކާ، މި ގައުމުން އިސްލާމް ދީން ފޮހެލުމަށް ކުރި މަސައްކަތް ވެސް ހަނދާނުން ފިލައިގެން ނުދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ރާއްޖެއަށް ކުރިމަތިވި ނޮވެމްބަރު 03 ގެ އުދުވާނީ ހަމަލާއަށް އިޝާރާތް ކުރައްވާ މުހައްމަދު އިސްމާއިލް ވިދާޅުވީ، މިއަދު ވެރިކަމުގައި ތިއްބެވީ އެ ދުވަހު ގައުމަށް ގައްދާރުވީ ބައެއް ކަމަށެވެ. އަދި އެ މީހުންގެ އާއިލާގެ މީހުން ކަމަށެވެ.

މުހައްމަދު އިސްމާއިލް ވިދާޅުވީ ފަހުރުވެރިކަމާއި އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ މަޖިލީހުގައި 25 އަހަރު ހޭދަ ކުރެއްވި ބޭފުޅެއްކަމަށް އެމްޑީޕީއާއި ސަރުކާރުގެ އިސްވެރިން ބުނަމުން ދާއިރު ފާއިތުވެ ދިޔަ އެ އަހަރުތަކުގެ ތެރޭގައި މަޖިލީހުގައި ހުންނަވައިގެން ނުވަތަ އެ ނޫންވެސް މުނާސަބަތެއްގައި އިސްލާމްދީނާއި، ގައުމުގެ ދިފާއުގައި ރައީސް ދެއްކެވި ވާހަކަފުޅެއް ނޯންނާނެ ކަމަށެވެ. އަދި މަޖިލީހުގެ ތަޅުމުގައި ވެސް ސަރުކާރަކާއި ގުޅޭގޮތުން ދެއްކެވި ވާހަކައެއް ވެސް ނޯންނާނެ ކަމަށެވެ.

“މިއަދު ވެސް އާކައިވް ކުރެވިފައި މިކަންކަން އެބަހުރި ފެންނާން. ދުވަހަކުވެސް ރައްޔިތުންގެ މަޖިލީހުގައި ބިލަކަށް އެއްޗަކަށް ވާހަކައެއް ދެއްކެވި ބޭފުޅެއް ނޫން. ގައުމާއި ރައްޔިތުންގެ ދިފާއުގައި ތަނެއްގައި އަޑު އުފުލި ބޭފުޅެއް ނޫން. ދެން މިއަދު ޔޫއެންއަށް ގޮސް އިނގިރޭސި ހިތޯބެއް ދިވެހިން ލިޔެފައި ދިނީމާ މާ ބޮޑު މީހަކަށް ވެގެން އުޅުނަސް އެއީ އަޅުގަނޑުމެން ގަބޫލު ކުރާނެ ކަމެއް ނޫން. އެއީ އެއްވެސް އެއްޗެއް، ތަނެއް ދޮރެއް އެނގޭ ބޭފުޅެއް ނޫން މިއަދު ގައުމުގެ ވެރިކަމުގައި މިހުރީކީ. ސީދާ އަޅުގަނޑުމެން ހަމަ ބުނާނަން އެއީ ހަމަ ގާހަކައެއް. އެހެންނޫން ނަމަ ގާހަކައަށް އެނގޭނެ، މެކުނު ފުމުނަކަސް ގާހަކައަކަށް ނުފުމޭނެކަން. މީނަ އުޅެނީ ފުމެން، އެކަމު ނުފުމެވޭނެ.” މުހައްމަދު އިސްމާއިލް

ރައީސް ސޯލިހުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން މުހައްމަދު އިސްމާއިލް ވިދާޅުވީ، އާރާއި ބާރުގައި ތިއްބެވިޔަސް އެ ބާރުތައް ނެތިގެން ދާނެ ދުވަހެއް އަންނާނެ ކަމަށެވެ. ސަރުކާރުގެ އަމަލުތަކުގެ ސަބަބުން، އިދިކޮޅާއި ގުޅޭ ރައްޔިތުން ގިނަ ވެއްޖެ ކަމަށާއި، ހާއްސަކޮށް ޒުވާނުން މި ސަރުކާރު ދެކެ ފޫހިވެފައިވާ ކަމަށް މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ.

އަވައްޓެރި އިންޑިއާއަށް އަމާޒުކޮށް އިދިކޮޅުން ފާޑުކިއުންތައް އަމާޒު ކުރަމުން ދާއިރު، ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި އެ ގައުމާއި އެކު އޮތް ގުޅުން ވަރަށް ބޮޑަށް ހީނަރުވެގެން ދިޔައެވެ. އޭރު ސަރުކާރުން ބޮޑެތި މަޝްރޫތައް ހަވާލުކޮށް، ލޯނުތައް ނަގަމުން ދިޔައީ އިންޑިއާ އާއި އެންމެ ވާދަވެރި ޗައިނާއިންނެވެ. އަދި އެ މައްސަލައިގައި ޗައިނާ އާއި އިންޑިއާއި ދެމެދު ބަހުގެ ހަމަލާތަކެއް ވެސް ރައްދުވެފައި ވެއެވެ.

އޭރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތް އެމްޑީޕީން ޗައިނާގެ އެހީތައް ސިފަ ކުރަނީ ދަރަނީގެ ދަންތުރައެއްގެ ގޮތުގައެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: