ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާޒިމާގެ މައްޗަށް ކުރާ މަނީލޯންޑާއަށް މަގުފަހިކޮށްދިނުމުގެ ދައުވާ: މިއަދު އާޒިމާ ޑޮކްޓަރަށް ދައްކަން ޖެހޭތީ މައްސަލަ އަންނަ މަހަށް!

ކުރީގެ ރައީސް އަބްދުލް ޔާމީންގެ ސަރުކާރުގެ ލީގަލް އެފެއާޒް މިނިސްޓަރު ޢައިޝަތު އާޒިމާ ޝަކޫރު/ ފޮޓޯ: ވަން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުލް ޔާމީންގެ ސަރުކާރުގެ ލީގަލް އެފެއާޒް މިނިސްޓަރު ޢައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމާއި، މަނީލޯންޑަރިންއަށް މަގުފަހިކޮށްދިނުމުގެ ދައުވާގެ އަޑުހެން އާޒިމާގެ ބޭސްފަރުވާގެ ކަމަކާއި ގުޅިގެން ފަސްކޮށްފިއެވެ.

ކުރިމިނަލް ކޯޓުގައި އާޒިމާގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުން ތާވަލުކުރީ މިއަދުގެ މެންދުރު 1:30 ގައެވެ.

އާޒިމާގެ މައްޗަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ ކުރަނީ ވެރިކަމިުގައި ހުންނަވައިގެން މަނީލޯޑާރ ކުރެއްވި ކަމުގެ ކުށް ސާބިތުވެ، ފަސް އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރު އެސްކްރޯ އެކައުންޓަށް ޖަމާކުރި މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އާޒިމާ ދޮގު މައުލޫމާތު ދީފައިވާ ކަމަށް ބުނާ މައްސަލައިގައެވެ. އަދި މަނީ ލޯންޑްރިންއަށް މަގުފަހިކޮށްދިނުމުގެ ދައުވާ ކުރަނީ އެ ފައިސާ އެސްކްރޯ އެކައުންޓަށް ޖަމާނުކޮށް، އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކުރުމުގައި ބޭންކުން ލިޔުމެއް ހޯދުމުގައި އާޒިމާ މަސައްކަތްކޮށް، އެ ފައިސާ އަސްލު އޮޅުވާލަން މަސައްކަތް ކުރި ކަމަށް ތުހުމަތުކޮށެވެ.

މައްސަލައިގައި ބޭއްވި ޝަރީއަތުގެ މަޖިލީސް ފައްޓަވައިދެއްވަމުން ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު ވަނީ އާޒިމާގެ ފަރާތުން ކޯޓަށް ހުށަހަޅާފައިވާ ސިޓީއެއްގެ ވާހަކަ ފާހަގަ ކުރައްވާފައެވެ. އަދި ދިމާވި ކަމަކާއި ގުޅިގެން ޝަރީއަތް އެހެން ދުވަހަކަށް ފަސް ކުރުމަށް އެދިފައިވާކަން ގާޒީ ފާހަގަ ކުރެއްވިއެވެ.

ދައުލަތަށް ދިން ފުރުސަތުގައި ދައުލަތުން ވަނީ، ޝަރީއަތުން ފާހަގަ ކުރިކަންކަން ސާފު ނުވާ ކަމަށް ބުނެފައެވެ. އަދި އެއަށްފަހު އާޒިމާއަށް ދިން ފުރުސަތުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ މިއަދުގެ 02:00 އަށް ޑޮކްޓަރަށް ދެއްކުމަށް އެޕޮއިންޓެމްންޓެއް ހަމަޖެހިފައިވާ ކަމަށެވެ. އެހެން ކަމުން، ސިއްހީ ސަބަބުތަކަށްޓަކައި ހޮސްޕިޓަލަށް ދާން ބޭނުންވާ ކަމަށް އާޒިމާ ފަހަގަ ކުރެއްވިއެވެ. ކޯޓަށް ހުށަހެޅި ސިޓީގައި ސިއްހީ ސަބަބު ފާހަގަކޮށްފައިވާނެ ކަމަށާއި، އެހެން ނަމަވެސް ޝަރީއަތުގެ މަޖިލީހަށް ނޫސްވެރިން ވެސް ހާޒިރުވެތިބުމުން އޭގެ ތަފްސީލަކަށް ދާން ބޭނުންފުޅު ނުވާ ކަމަށް އާޒިމާ ވިދާޅުވިއެވެ. އެއަށްފަހު ދައުލަތުން ވަނީ ޝަރީއަތް ކުރިޔަށް ގެންދަން ބޭނުންފުޅުތޯ ނުވަތަ ހޮސްޕިޓަލަށް ވަޑައިގަންނަވާނީ ތޯ ސުވާލު ކުރައްވާފައެވެ. ޖަވާބުގައި އާޒިމާ ވިދާޅުވީ އޭނާ ބޭނުންވަނީ ޑޮކްޓަރަށް ދައްކަން ދާން ކަމަށެވެ.

ގާޒީ ވަނީ ހުށަހެޅިފައިވާ ނުކުތާތަކަށް ވާހަކަ ދެއްކުމުގެ ވަގުތު އޮތްތޯ ސުވާލު ކުރައްވާފައެވެ. އެހެން ނަމަވެސް އާޒިމާ ބޭނުންފުޅުވީ ޑޮކްޓަރަށް ވަޑައިގަންނަވާށެވެ. މީގެ އިތުރުން ވަކީލު ބަދަލުވެފައިވާކަން ފާހަގަކޮށް، އާޒިމާ ވަނީ ތައްޔާރުވުމަށް އިތުރު ވަގުތު ދިނުމަށް އެދިވަޑައިގެންފައެވެ. އަދި އޭނާގެ ވަކީލު އެދިވަޑައިގަތީ 15 ދުވަހުގެ މުއްދަތެއް ދެއްވުމަށެވެ.

މައްސަލައިގައި ގާޒީ ވަނީ މިއީ ގިނަ ދުވަސްވެފައިވާ މައްސަަލައެއްކަމުން އެންމެ ރަނގަޅީ، ވީހާވެސް އަވަހަށް އަޑުއެހުންތައް ނިންމާލާ މައްސަލައިގައި ގޮތެއް ކަނޑައެޅުންކަން ފާހަގަ ކުރައްވާފައެވެ. އެގޮތުން ޝަރީއަތުން ވަނީ އަންނަ މަހުގެ 10 ގައި ޝަރީއަތް ތާވަލު ކުރުމަށް ދެ ފަރާތުގެ ވެސް މައްސަލައެއް އޮތް ތޯ ސުވާލު ކުރައްވާފައެވެ. އަދި ދެ ފަރާތުގެ ވެސް އެއްވެސް އިއުތިރާޒެއް ނެތުމުން ޝަރީއަތް ތާވަލު ކުރީ އަންނަ މަހުގެ ދިހަ ވަނަ ދުވަހަށެވެ.

ޝަރީއަތް ނިންމަވާލަށްވަމުން ގާޒީ ވަނީ ދެން އޮންނަ އަޑުއެހުމަކަށް ދެ ފަރާތުން ވެސް ރަނގަޅަށް ތައްޔާރުވުމަށް އެދިވަޑައިގެންފައެވެ.

މައްސަލައިގައި މިއަހަރުގެ މާޗު މަހުގެ ތެރޭގައި އަޑުއެހުމެއް ބޭއްވިއެވެ. ޝަރީއަތުގެ މަޖިލީހުގައި އާޒިމާ ވިދާޅުވެފައިވަނީ އެސްކްރޯ އެކައުންޓެއް ހުޅުވަން އޭނާ އޭސީސީ އަށް ލަފާ ދެއްވި ކަމަށް ދައުވާގައި ބުނާއިރު އެފަދަ ލަފައެއް އޭނާ ދެއްވާފައި ނުވާނެ ކަމަށެވެ. އަދި އެފަދަ ލަފައެއް އޭނާ ދެއްވިކަމުގެ ހެއްކެއް ވެސް ހުށަހަޅާފައި ނެތް ކަމަށް އާޒިމާ ވިދާޅުވެފައި ވެއެވެ. އާޒިމާ ވިދާޅުވީ އޭނާ އަކީ އޭސީސީ އަށް ލަފާ ދިނުމުގެ ޒިންމާއެއް އޭރު އޮތް މީހެއް ނޫން ކަމަށާއި ލަފާ ދެއްވި ކަމަށް ބުނާއިރު އެ ލަފަ އަކީ ކޮބައިތޯ ވެސް ސުވާލު އުފެދޭ ކަމަށެވެ.

އާޒިމާ ވިދާޅުވީ، އޭސީސީއަކީ ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު ލަފާ ދޭން ޖެހޭ ތަނެއް ނޫންކަން އޮޅިވަޑައިގެންފައި ނެތް ކަމަށެވެ. އަދި އެސްކްރޯ އެކައުންޓަށް ފައިސާ ޖަމާކުރި ކަމުގެ މައުލޫމާތު އާޒިމާ ސިޓީއަކުން އޭސީސީއަށް ދެއްވި ކަމަށް ދައުލަތުން ބުނި ނަމަވެސް އޭސީސީއަށް ފޮނުވި ސިޓީގައި ވަނީ އެސްކްރޯ އެކައުންޓުގެ އެކައުންޓު ނަމްބަރު ނޫން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް ރައްދުގައި ދައުލަތުން ބުނެފައިވަނީ އެސްކްރޯ އެކައުންޓު ހަދަން އޭސީސީއަށް ލަފާދެއްވީ އާޒިމާކަން ރައީސް ޔާމީންގެ ޝަރީއަތުގައި ހެކިވެރިން ދީފައިވާ ހެކިބަހުންނާއި އެ ޝަރީއަތުގައި ދެކުވެނު ވާހަކަތަކުން އެނގެން އެބައޮތް ކަމަށެވެ. އަދި ފައިސާ ޖަމާކުރި ކަމުގެ މައުލޫމާތު ދެއްވައި އޭސީސީއަށް އާޒިމާ ފޮނުވި ސިޓީގައި އޮތް އެކައުންޓު ނަމްބަރާއި އެސްކްރޯ އެކައުންޓުގެ ނަމްބަރާ ދިމާނުވީ ނަމަވެސް، އެ ސިޓީއަކީ އެސްކްރޯ އެކައުންޓަށް ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވި ފައިސާ ޖަމާކުރިކަމުގެ މައުލޫމާތު ދިނުމަށް ފޮނުވި ސިޓީއެއްކަން އެ ސިޓީގެ އިބާރާތުން އެނގޭކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: