ކުވެއިތުގެ އަމީރު ސަބާހް އަލްއަހުމަދު އަލްޖާބިރު އަލްސަބާހަކީ ސުލްހަގާއިމްކުރެއްވުމަށް މަސައްކަތްކުރެއްވި ބޭފުޅެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ކުވެއިތުގެ އަމީރު އަވަހާރަވުމާއި ގުޅިގެން ކުވޭތުގެ ވަލީއަހުދު ނަވާފް އަލްސަބާހުލް އަހުމަދު އަލްޖާބިރު އައްސަބާހަށް ފޮނުވި ތައުޒިޔާގެ މެސެޖުގައި ރައީސް ވިދާޅުވީ، ކުވޭތުގެ އަމީރަކީ ބައިނަލްއަޤްވާމީ މައިދާނުގައި، ޚާއްސަކޮށް ސަރަހައްދީ މައްސަލަތައް ހައްލުކުރުމުގައި، އިސް ދައުރެއް އަދާކުރެއްވި ލީޑަރެއްކަމަށް ވިދާޅުވިއެވެ. އަދި، އެމަނިކުފާނަކީ ރާއްޖެއާއި ވަރަށް ގާތް ގުޅުމެއް ބެހެއްޓެވި ލީޑަރެއްކަމަށާއި ރާއްޖޭގެ ތަރައްގީއަށް ފޯރުކޮށްދެއްވި އެހީތެރިކަމާއި ރާއްޖެއަށް ދެއްވަމުން ގެންދެވި އެއްބާރުލެއްވުމަށްޓަކައި ދިވެހިން އެ ބޭފުޅަކަށް ދަރަނިވެރިވެފައިވާ ލީޑަރެއްކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.
ކުވޭތުގެ އަމީރު އަވަހާރަވުމުގެ ހިތާމައިގައި، ސެޕްޓެންބަރު 30 ވާ ބުދަ ދުވަހުން ފެށިގެން އޮކްޓޫބަރު 2 ވާ ހުކުރު ދުވަހުގެ ނިޔަލަށް، ތިން ދުވަހަށް ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.
ކުވެއިތުގެ އަމީރު އަވަހާރަވިއިރު އުމުރުފުޅަކީ 91 އަހަރެވެ. އިއްޔެގެ ވަގުތެއްގައި އެމަނިކުފާނު އާލާސްކަންފުޅާއި އުޅުއްވާތާ ވަނީ ގިނަ ދުވަސްތަކެއް ވެފައެވެ. އަދި މިއަހަރުގެ ޖުލައި މަހު އެމެރިކާއަށްވެސް ވަޑައިގެން، ސާޖަރީއެއްވެސް ކުރައްވާފައިވެއެވެ. އެހެންނަމަވެސް، އެއީ ކޮންކަމަކާއި ގުޅިގެންކަމެއް ކުވެއިތު ސަރުކާރުން ހާމަކުރައްވާފައެއް ނުވެއެވެ.
2006 ވަނަ އަހަރު ކުވެއިތުގެ އަމީރުކަމަށް ވަޑައިގަތުމުގެ ކުރިން، އެމަނިކުފާނު ވަނީ 1963 ވަނަ އަހަރުން ފެށިގެން 2003 ވަނަ އަހަރާއި ހަމައަށް، 40 އަހަރުވަންދެން ކުވެއިތުގެ ފޮރިން މިނިސްޓަރުކަންވެސް ކުރައްވާފައެވެ. އެމަނިކުފާނަށްފަހު، ދެން ކުވެއިތުގެ އަމީރުކަމަށް ވަޑައިގަންނަވާނީ އުމުރުން 83 އަހަރުފުޅުގައި ވަލީއަހުދު ނަވާފް އަލްސަބާހުލް އަހުމަދު އަލްޖާބިރު އައްސަބާހެވެ.