ރައްޔަތުންގެ ފައިސާއިން ޕާޓީތައް ހިންގާނަމަ ޕާޓީތަކުން ކުރާކަންކަމަށް ފިޔަވަޅު އަޅަންޖެހޭ ކަމަށް 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
މޫސަ މިހެން ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެނައުމަށް އިލެކްޝަންސް ކޮމިޝަނުން އިސްނަގައިގެން ސިޔާސީ ޕާޓީތަކާއި އެކު މަޝްވަރާކުރަން ފެށާފައިވަނިކޮށެވެ.
އެގޮތުން މޫސަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔަތުންގެ ފައިސާގައި ޕާޓީތައް ހިންގާނަމަ ޕާޓީތަކުން ކުރާކަންކަމަށް ފިޔަވަޅު އަޅަންޖެހޭ ކަމަށާއި ޕާޓީތަކަށް ވެސް ޤާނޫނުގެ އިންތަކެއް އޮންނަންޖެހޭ ކަމަށެވެ.
”ދަވްލަތުގެ ހުރިހާ މުވައްސަސާއަކަށް އޮންނަ އުސޫލު ސިޔާސީ ޕާޓީތަކަށްވެސް އޮންނާން ޖެހޭނީ.“ މޫސަ ވިދާޅުވިއެވެ.
ރައްޔަތުންގެފައިސާގައި ޕާޓީތަށް ހިންގާނަމަ ޕާޓީތަކުންކުރާކަންކަމަށް ފިޔަވަޅު އަޅަންޖެހޭ ، ޕާޓީތަކަށް ވެސް ޤާނޫނުގެ އިންތަކެއްއޮންނަންޖެހޭ. ދަވްލަތުގެ ހުރިހާމުވައްސަސާއަކަށް އޮންނައުސޫލު ސިޔާސީ ޕާޓީތަކަށްވެސް އޮންނާންޖެހޭނީ
— Moosa Maniku (Reeko) (@ReekoMoosa) September 30, 2020
ސިޔާސީ ޕާޓީތަކާއި އެކު މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުން ފެށުމުގެ ގޮތުން ވާހަކަ ދައްކަވަމުން އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ މީގެ ކުރިން ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރަމުން އައީ ޕާޓީތަކުގެ ދަފްތަރުގައި ހުރި މެންބަރުންގެ އަދަދުން ކަމަށާއި، ހަމަ އެކަނި މެންބަރުންގެ އަދަދުން ސިޔާސީ ޕާޓީގެ ސަޕޯޓް ނޭނގޭ ކަމަށެވެ. އަދި އަލަށް އެކުލަވާލި ޑްރާފްޓްގައި އެކަމަށް އިސްލާހުތަކެއް ހުށަހަޅާފައިވާނެ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.
ޕާޓީތަކަށް ފައިސާ ބައި އެޅެން ޖެހޭ އަދަދަކަށް ވަނީ ތިން ހާސް މީހުންނާއި އެކު ޕާޓީއެއް ރަޖިސްޓުރީ ކުރުމުންނެވެ. ފައިސާ ދޫ ކުރަނީ ޕާޓީގައި ރަޖިސްޓުރީ ކޮށްފައި ތިބި މެމްބަރުން ގެ މައްޗަށް ބަލައިގެންނެވެ.

