ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީނަށް ކުރާ އިތުރު ދައުވާތައް: ޕާޓީގެ ތެރޭގައި ތިބި ބާޒުންގެ އަޑުތައް ގަދަވުން ގާތް!

ކުރީގެ ރައީސް އަބްދުއްﷲ ޔާމީން އަބްދުލް ގައްޔޫމް
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަމުގައި ހުންނަވައިގެން މަނީ ލޯންޑާރ ކުރެއްވި ކަމުގެ ކުށުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ކްރިމިނަލް ކޯޓުން ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އޭރުން ފެށިގެން އިދިކޮޅު ޕީޕީއެމް، ޕީއެންސީގެ މަސައްކަތްތަކުގެ މިސްރާބުޖަހާފައި ވަނީ ރައީސް ޔާމީން މިނިވަން ކުރުމަށެވެ. ސިޔާސީ ތަފާތު އެކި ޖަލްސާތައް ބޭއްވުމާއި، އަދި މަގުމަތީ ހަރަކާތްތައް މި މުއްދަތުގެ ތެރޭގައި ހިންގާފައިވެއެވެ. އެހެން ނަމަވެސް، މީގެއިން އެއްވެސް ހަރަކާތެއް އެއީ، ސިޔާސީ ގޮތުން މާ ބޮޑު ބުރަދަނެއް ހުރި ހަރަކާތްތަކެއް ނޫނެވެ. ރިޔާސީ އިންތިހާބުގެ ބޮޑު ނާކާމިޔާބީ އާއި އެކު ޕާޓީގެ އޮފީސް ދޮރުމަތީގައި އެއްވުންތައް ބޭއްވިއެވެ. އިންތިހާބު އޮޅުވާލާފައިވާ ކަމަށާއި، ވޯޓުގެ ކަރުދާސްކޮޅުން ފާހަގަތައް އެއް ނަމްބަރުން ދެވަނަ ނަމްބަރަށް ދިޔަކަމަށް ބުނަމުން ދިޔައެވެ.

އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މިވަގުތު އޮތް ޕްރޮގްރެސިވް ކޯލިޝަނަށް އިންތިހާބު ކާމިޔާބު ނުކުރެވުނު މައިގަނޑު އެއް ސަބަބަކީ އޭރު ވެސް ޕާޓީގެ ތެރޭގައި ތިއްބެވި ވަރުގަދަ ޝަހުސިއްޔަތުތައް ބޭނުން ނުކުރުމެވެ. އަދި ޕާޓީގެ ލީޑާޝިޕަށް ބޭނުންވި އެތައް މުހިންމު ބަދަލުތަކެއް ނުގެނައުމެވެ. މިއަދު ވެސް ޕާޓީގެ އެތެރެއަށް ބަލާއިރު ބޭނުންވާ ބަދަލުތަކެއް އެބަހުއްޓެވެ. އަހަރެއްހާ ދުވަސްވަންދެން ޕާޓީގެ އެއްވެސް މައި ލީޑަރެއް ނެތި ހިންގާއިރު، ރައީސް ޔާމީން މިނިވަންވާނެ އިރަކަށް ބަލަބަލާ ތިބެންވިއެއް ނޫނެވެ. ސިލްސިލާ ޖަލްސާތައް ފެށިގެން އަނެއްކާވެސް ކުރިޔަށް ގެންދާއިރު، މި ހަރަކާތްތަކުން އަނެއްކާވެސް ފެންނަނީ އޮއްޓަރެއް ނެތް ވާހަކަތަކެކެވެ. ސިޔާސީ ނޫން، ސިޔާސީ ވާހަކަތަކެކެވެ.

ޕާޓީގެ ތެރޭގައި ރަނގަޅަށް ދޫހެލޭ ބޭފުޅުން އެބަތިއްބެވިއެވެ. އެހެން ނަމަވެސް ހިތާމައަކީ ޕޯޑިއަމެއްގެ ކުރިމަތީގައި އިލްމީ ވާހަކަތަކެއް ދެއްކުމުގެ ބަދަލުގައި ތާކުންތާކު ނުޖެހޭ އަސްލެއް ނެތް ކަންތައްތަކެއް އެކުލެވޭ ވާހަކަތަކެއް އެބޭފުޅުން ދައްކަވާތީއެވެ. މަނީ ލޯންޑްރިންގެ ކުށުގައި ދައުވާތައް ކުރިޔަށް ގެންދިޔައިރު ރައީސް ޔާމީން ވަނީ ޕާޓީގެ މެމްބަރުންނާއި އެކި ފަހަރުމަތީން ބައްދަލު ކުރައްވާފައެވެ. މީގެ ތެރެއިން އެއް ހަރަކާތެއްގައި ބައިވެރިވެ ރައީސް ޔާމީން ވަނީ ޕާޓީގެ މައްޗަށް ބާޒުތަކެއް ވެރިވާން މަސައްކަތް ކުރާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެ ފުރުސަތު އެއްވެސް މީހަކަށް ނުދިނުމަށް ވިދާޅުވިއެވެ.

މީގެ ކުރިން ސިޔާސީ ޕާޓީތަކަށް ދިމާވެފައި ހުރި ކަންކަމަށް ބަލާއިރު، މިއީ ނުވުމަށްވުރެ ވުން ގާތް ކަމެކެވެ. ކުރިޔަށް އޮތީ އަނެއްކާވެސް ބޮޑު އިމްތިހާނެކެވެ. 2020 ވަނަ އަހަރު ނިމުމަކާއި ގާތް ވެފައިވާއިރު ދެން އަނެއްކާވެސް އޮންނާނީ ރިޔާސީ އިންތިހާބުގެ ވާދަވެރިކަމެކެވެ. އިދިކޮޅު ޕާޓީއަށް ބަލާއިރު ވެރިކަމަށް އަންނަން ބޭނުންވާ ބޭފުޅުންތަކެއް އެބަތިއްބެވިއެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ނައިބް ރައީސަކަށް ހުންނެވި ޑރ. މުހައްމަދު ވަހީދަކީ އޭގެއިން އެއް ބޭފުޅެކެވެ. ރައީސް ނަޝީދުގެ ވެރިކަން ބަޣާވާތަކުން ވަައްޓާލުމުގެ އެންމެ ކުރީގައި އިންނެވި ބޭފުޅަކީ އެއީ ކަމަށް އެމްޑީޕީން މިއަދާއި ހަމައަށް ވެސް ގަބޫލު ކުރެއެވެ. ދެއަހަރެއް ހާ ދުވަސް ވަން ދެން ވެރިކަން ކުރެއްވުމަށްފަހު ޑރ. ވަހީދު ވެސް 2013 ގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވިއެވެ. އެހެން ނަމަވެސް އޭރު ވެސް އަދި މިހާރު ވެސް ޑރ. ވަހީދަކީ ރައްޔިތުންގެ މާބޮޑު ތާއީދެއް އޮތް ބޭފުޅެއް ނޫނެވެ.

2012 ގައި ހިނގައިދިޔަ ކަންތަކަށްފަހު ޑރ. ވަހީދު ވެގެން ދިޔައީ އެތައް ރައްޔިތުންނެއްގެ ނުރުހުމާއި، ނަފްރަތު އަމާޒުވީ ބޭފުޅަކަށެވެ. އިންތިހާބުގައި ވާދަކޮށް ލިބުނު އެންމެ 05 އިންސައްތައިގެ ވޯޓާއި އެކު ޑރ. ވަހީދު ސިޔާސީ މައިދާނުން ދުރަށް ވަޑައިގަތެވެ. ރައީސް ޔާމީންގެ ވެރިކަން އުފެދި  އެ ދުވަސްވަރުގެ ތެރޭގައި ވެސް، އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތް އެމްޑީޕީން ޑރ. ވަހީދު ސިފަ ކުރީ ބާޣީއެއްގެ ގޮތުގައެވެ. އަދި އެތައް ތުހުމަތަކާއި ފާޑުކިއުންތަކެއް ވެސް އަމާޒު ކުރެއެވެ. އެހެން ނަމަވެސް ޑރ. ވަހީދު މީގެއިން އެއްވެސް ފާޑުކިއުމަކަށް ރައްދު ނުދެއްވައެވެ. ޓްވިޓާގައި ވެސް އެކްޓިވްއެއް ނޫނެވެ. ރާއްޖޭގައި ހިނގައިދާ ސިޔާސީ އެއްވެސް ކަމަކަށް ކޮމެންޓެއް ނުކުރައްވައެވެ. ބޮޑު އިންތިހާބެއް ނިމި، ފަސޭހަކަމާއި އެކު އެމްޑީޕީން އިންތިހާބު ކިހިލީގައި ޖަހާލިއިރު ވެސް ޑރ. ވަހީދު ހުންނެވީ ސިޔާސީ މައިދާނާއި ދުރުގައެވެ.

މިހެން އުޅުމުގެ ތެރޭގައި ޑރ. ވަހީދުގެ ހިލަމެއް ވީ ކޮވިޑުގެ ކަންތަކުގެ ތެރެއިންނެވެ. އެތައް ދުވަހެއް ވަންދެން މާލެ ފުރަބަންދެއްގައި ބޭއްވުމަށްފަހު ވަކި ގަޑިތަކެއްގައި މަގުތަކަށް ނިކުމެވޭ އުސޫލެއް އާއްމު ކުރިއެވެ. އެއަށްފަހު ފެނިގެން ދިޔައީ ޑރ. ވަހީދު ކަސްރަތު ކުރެއްވުމަށް އުސްފަސްގަނޑަށް ވަޑައިގަތުމުން ހިނގައިދިޔަ ކަންތަކެވެ. މި ހާދިސާއަށްފަހު ޑރ. ވަހީދު ސިޔާސީ މައިދާނަށް ނިކުންނެވިއެވެ. އަދި އިދިކޮޅު ޕީޕީއެމާއި ގުޅިވަޑައިގަތުމާއި އެކު އެރުވީ ޕާޓީގެ އެޑްވައިސަރު ކަމެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. ވަހީދާއި އަމާޒުވީ އެންމެ ހޫނު ސުވާލަކަށް ވީ ރާއްޖޭގެ ވެރިކަމަށް ކުރިމަތިލުމަށް ޝައުގު ހުރިތޯއެވެ. ޖަވާބުގައި ޑރ. ވަހީދު ވިދާޅުވީ ޕާޓީގެ ތެރޭގައި އެ ފުރުސަތު ކޮންމެ މީހަކަށް ވެސް އޮންނަން ޖެހޭ ކަމަށެވެ. ނަމަވެސް ހަމަ އެރޭ ލީޑަރުންގެ ވާހަކައިގައި ވިދާޅުވީ 2023 ގެ އިންތިހާބުގައި ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓަކީ ރައީސް ޔާމީން ކަމަށެވެ. އަދި އިންތިހާބު ކާމިޔާބު ކުރާނެ ބޭފުޅަކީ ވެސް އެއީ ކަމަށެވެ.

ޑރ ވަހީދާއި އެކު ފެބްރުއަރީ ހަތެއްގެ ވާހަކަތަކުގެ އަޑުތައް ވެސް ގަދަވެގެން ދިޔައެވެ.

އިދިކޮޅުގައި ރިޔާސީ ޓިކެޓަށް އަމާޒު ހިފައިގެން ތިއްބެވި ބޭފުޅުން މަދެއް ނުވާނެއެވެ. އިންތިހާބުގައި ވާދަ ކުރަން ބޭނުންކަމަށް ވިދާޅު ނުވިޔަސް ހިތާހިތުން ރިޔާސީ ޓިކެޓު ބޭނުންވާ ބޭފުޅުން އެބަތިއްބެވެ. ރައީސް މައުމޫންގެ ޑީއާރުޕީއެއް ވެސް ދެކަފިވީ އޭރު ރިޔާސީ ޓިކެޓަށް އޮތް ވާދަވެރިކަމަކުންނެވެ. އަދި ޕީޕީއެމްގައި ހިޔާލުތަފާތުވުން އުފެދި، ބޮޑު ބޭބޭފުޅު އުފެއްދެވި ޕާޓީގެ ތެރެއިން ކޮޅުފައިން ޖަހާ ބޭރުކޮށްލީ ވެސް ހަމަ އެ ޓިކެޓުގެ ދަހިވެތިކަމުގެ ތެރެއިންނެވެ.

ރައީސް ޔާމީނާއި، ޑރ، ވަހީދު ހަސަން މަނިކު/ ޑރ. ވަހީދަކީ މިވަގުތު ޕާޓީގެ އެޑްވައިޒަރެއް

މާޒީއަށް ބަލާ މިއީ ތަކުރާރުވާނެކަމެއްގެ ގޮތުގައި ހުދު ރައީސް ޔާމީން ވެސް ގަބޫލު ކުރައްވައެވެ. ރައީސް ޔާމީން ޖަލަށް ލާން ހުކުމް ކުރުމުގެ ކުރިން އެމަނިކުފާނު ވެރިކަމުގެ ނައިބް ރައީސް ގެންދެވީ މަޑުމަޑުން ސަރުކާރަށް ފާޑުވިދާޅުވަމުންނެވެ. ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެންނަން އިނގިރޭސިވިލާތުގައި، ރައީސް މުހައްމަދު ނަޝީދުގެ ބޮޑީގާޑެއްހެން ހުންނަވާ ދިން ސްޕީޗެއްގެ މަތީން އެންމެން ވެސް ހަނދާން ހުންނާނެއެވެ. އޭރު އުފެދުނު ޔުނައިޓެޑް އޮޕޮޒިޝަންގެ އިސްލީޑަރެއްގެ ގޮތުގައި ޑރ.ޖަމީލް ހުންނެވިއެވެ. ރައީސް ނަޝީދާއި، އަލީ ވަހީދުމެން ފަދަ ބޭބޭފުޅުންނާއި އެކު ކޮފީ މޭޒުތަކުގައި ހުންނެވިއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާއި ސަރުކާރުގެ ތެރޭގައި ހިނގައިދިޔަ ހުރިހާ އޮޅުވާލުންތަކެއްގެ ކުރީގައި ހުންނެވީ ރައީސް ޔާމީންކަމަށް ހަރު އަޑުން ވިދާޅުވީ ޑރ. ޖަމީލެވެ. ޖަލްސާތަކާއި، އެއްވުންތަކުގައި ރައީސް ޔާމީނަށް ވަރަށް ބޮޑެތި ތުހުމަތުތަކެއް ކުރެއްވިއެވެ. ހަމަ އެއާއި އެކު ނައިބް ރައީސް ކަމުން ޑރ. ޖަމީލް ބޭރުކުރީ ވެސް ރައީސް ޔާމީންގެ ވެރިކަން ބަޣާވާތަކުން ވައްޓާލަން އުޅޭކަމަށް ކުރި ތުހުމަތާއި އެކުއެވެ.

ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވިލިމާލެ ދާއިރާއަށް ޑރ. ޖަމީލް ވާދަ ކުރިނަމަވެސް ދިޔައީ ޗޮކުންނެވެ. ކުރީގެ ނައިބު ރައީސްކަން ކުރެއްވި ބޭފުޅެއްގެ ލަގަބަށްވެސް ހުތުރުވިފަދައެވެ. ކޮންމެއަކަސް ޖޭޕީގައި ހުންނެވި ނަމަވެސް ރިޔާސީ  އިންތިހާބަށް މާބޮޑު ފުރުސަތެއް ޖަމީލްއަށް ނޯންނާނެކަން މާޒީގެ ނަތީޖާއިން އޮތީ ފެންނާށޭވެ. ސަބަބަކީ ޖޭޕީގައި ތިއްބެވީ ވަރުގަދަ ސިޔާސީ ބޭފުޅުންތަކަކަށް ވީތީއެވެ.

އިދިކޮޅުން ބޭއްވި ދަތުރުތަކުގައި ޑރ. ޖަމީލް ބައިވެރިވި. އޭރު ހުންނެވީ ޖޭޕީ މެމްބަރެއްގެ ގޮތުގައި/ ފޮޓޯ: އަވަސް

ޖުމްހޫރީ ޕާޓީގެ ތެރެއިން ޑރ.ޖަމީލަށް ލިބިވަޑައިގެންނެވި ފިނި ތަރުހީބުން އިންތިހާބަށް ކުރިމަތިލާން ބޮޑު ކްރައުޑެއް އެއްކުރުމަށް އޮތް ޝޯޓްކަޓަކީ ޕީޕީއެމްއެވެ. ލީޑަރެއް ނެތެވެ. އެހެން ކަމުން ފަސޭހަކަމާއި އެކު ޕާޓީގެ ލީޑާޝިޕަށް ދެމިގަނެވެގެން އޮތެވެ. އެވިސްނުންފުޅާއި އެކު ޑރ.ޖަމީލް އެޅުއްވި ފުރަތަމަ ފިޔަވަޅަކީ ރައީސް ޔާމީންގެ އިސް ވަކީލަކަށް ވެވަޑައިގަތުމެވެ. ރައީސް ޔާމީނަށް އެތައް ތުހުމަތެއްކޮށް ވާހަކަ ދެއްކެވި ބޭފުޅާ މިއަދު އެ ހުންނެވީ ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގެ މުގުލުގައެވެ. އެންމެ ފުންނާބު އުސް ވަކީލުގެ ގޮތުގައެވެ.

ސުވާލު އުފެދޭ، އަދި ސުވާލު އުފައްދަން ޖެހޭ އެތައް ހާލަތެއް ގޮސްފިއެވެ. މަޑުމަޑުން ސިޔާސީ ބޮޑެތި ކަންތަކަށް އެ ގެންދަވަނީ ފާޑުވިދާޅުވަމުންނެވެ. އެއީ ރައީސް ނަޝީދަކަސް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިޔަސް އެވެ. އެހެން ކަމުން ރައީސް ޔާމީން އެ ވިދާޅުވާ ބާޒަށް ޖަމީލް ވުން ގާތެވެ.

އަލަށް އައިސް ދެން ގުޅުނު ބޭފުޅުންގެ ތެރޭގައި ޑރ. ޝަހީމް ހިމެނިވަޑައިގަންނަވައެވެ. އެހެން ނަމަވެސް ޑރ. ޝަހީމަކީ ރައްޔިތުންގެ ތާއީދު ނެތް ބޭފުޅެއްކަމަށް ބުނެވެން ނެތެވެ. ހަމަ ޔަގީނުން ވެސް ރައީސް ޔާމީނަށް އިންތިހާބުގައި ލިބުނު ވޯޓުތަކުގެ ތެރޭގައި ޑރ. ޝަހީމަށް ކުރާ ތާއީދުގެ ވެސް ވޯޓު ހިމެނޭނެއެވެ.

ޕާޓީގެ ތެރޭގައި ދެން ތިއްބެވީ ޕީޕީއެމްގެ ނައިބް ރައީސް ގައްސާން މައުމޫނާއި، ޕާޓީގެ ނައިބް ރައީސް އަހުމަދު ޝިޔާމެވެ. އޭގެ އިތުރުން ކުރީގެ ހައުސިން މިނިސްޓަރު މުއިއްޒު އާއި، ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ހިމެނެއެވެ. އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވެސް އެބަހުންނެވިއެވެ. މީގެ ތެރެއިން ކޮންމެ ބޭފުޅަކަށް ބަލާއިރު ވެސް މިއީ ޕާޓީގެ ތެރޭގައި މިވަގުތު ތިއްބެވި ލީޑަރުންނެވެ. އަދި ރައްޔިތުންގެ ތެރެއިން ބަޔަކު ތާއީދު ވެސް ކުރައްވާ ބޭފުޅުންނެވެ. އެހެން ކަމުން ވަކި ހިސާބަކުން ލީޑަރުންގެ ތެރެއިން އެއްބޭފުޅެއް އިންތިހާބަށް ވާދަ ކުރަން ޝައުގުވެރިކަން ފާޅުކޮށްފާނެއެވެ. 2018 ގެ އިންތިހާބުގައި ރައީސް ނަޝީދަށް ވާދަ ނުކުރެވުމުގެ ސަބަބުން ޖެހުނީ އިތުރު ކެނޑިޑޭޓަކު ނެރޭށެވެ. އަދި އެ ކެނޑިޑޭޓަކީ ޔުނައިޓެޑް އޮޕޮޒިޝަނެއް އުފެއްދުމުގެ ކުރިން ސައިލެންޓުކޮށް ހުންނެވި ބޭފުޅެކެވެ. އެހެން ނަމަވެސް ވެރިކަމަށް ޝައުގުވެރިކަން ހުރި ބޭފުޅެކެވެ.

އިދިކޮޅު ޕީޕީއެމްގެ ތެރޭގައި މިއަދު މައްސަލައެއް ނެތްކަމަށް ބޭރުފުށުން ފަހަރުގައި ފެނިދާނެއެވެ. އެހެން ނަމަވެސް ޕާޓީގެ ތެރޭގައި އަޑު ހަރު ބޭފުޅުން ގިނަ ވާވަރަކަށް އެތެރޭގައި ލާނެ ރެނދުތައް ގިނަވާނެއެވެ.

ވަރަށް ގަދަ
68%ވަރަށް ގަދަ 5%ވަރަށް ގަޔާވޭ 16%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 11%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. އެޢްވެސް އެއްޗެއް އެނގިގެން ލިޔެފައި ޢޮތް ޢެއްޗެއްނޫން. ހިތުން ތި ލިޔުނީ ވަރަށް މޮޅު އެއްޗެއް. ސުވާލެއް ކޮށްލަން ނޭނގޭ ވާންޗޯއެއް ލިޔެފައި އޮތް އެއްޗެއް ނޫން

    1. ވަރަށް އޮއްޓަރު ހުރި އިލްމީ އާޓިކަލް އެއް މިި ލިޔުމައް ކޮމެންޓު ކޮށްފަ އޮތީ ވ.ވާންޗޯ ސޮރެއް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: