ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑރ އަފްރާޝީމް އަވަހާރަކޮށްލިތާ އަށް އަހަރު، އިންސާފް ލިބޭނެ ކަމުގެ އެއްވެސް އުންމީދެއް ނެތް!

ޑރ އަފްރާޝީމް އަލީގެ ޖަނާޒާގެ ތެރެއިން: ފޮޓޯ ބަގީ ބަގީ ފޮޓޯސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދީނީ ޢިލްމްވެރިޔާ ޑރ އަފްރާޝީމް އަލީ އަވަހާރަ ކޮށްލާފައި ވަނީ އޮކްޓޯބަރު 1، 2012 ދުވަހުގެ ރޭ 10:00 އިން 11:00 އަށް ޓީވީއެމްގައި ދެއްކި ދީނީ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގަތުމަށް ފަހު އެރޭ ދަންވަރު 12:00 ހާއިރު އެމަނިކުފާނު ދިރިއުޅުއްވާ ގެއަށް ވަދެ ވަޑައިގަތް ވަގުތުގަ އެވެ. ރަހުމު ކުޑަ އެ މަރަށް އަށް އަހަރުވީ އިރު އޮތީ ތަހުގީގު ފުރިހަމަ ނުވެ މަރުގެ ހަގީގަތްތައް ނުހޯދި ފޮރުވިފަ އެވެ. މިއަދު ޑރ އަފްރާޝީމްގެ މަރާއި ގުޅޭ އެތައް ސުވާލުތަކަކަށް ޖަވާބު ނުލިބޭކަން އެއީ ދެބަސް ވެވެން ނެތް ހަގީގަތެކެވެ.

މިއަދުގެ ރައީސުލްޖުމްހޫރީއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ރިޔާސީ އިންތިހާބުގެ ދުވަސްވަރު ރާއްޖޭގެ އެކިއެކި ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުގައި ވިދާޅުވެފައި ވަނީ ބިރުވެރިކަމާއި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ހިނގާފައިވާ ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތް ހޯއްދައްވާނެ ކަމަށެވެ. ހާއްސަކޮށް ޑރ.އަފްރާޝީމްގެ މަރުގެ ހަގީގަތް ހޯއްދަވާނެ ކަމަށް ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރުގައި މިއަދުގެ ރައީސް ސާލިހު ވަނީ ވިދާޅުވެފައެވެ.

އެމަނިކުފާން ދެއްކެވި އެ ވާހަކަފުޅަށް އަމަލީ ސިފައެއް ގެނައުމަށްޓަކައި ވެރިކަމުގެ ހުވާ ކުރެއްވި ދުވަހު ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންނާއި ގޮތް ނޭނގޭ ގޮތަށް މަރާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމަށްޓަކައި ރިޔާސީ ކޮމިޝަނެއް އުފެއްދެވިއެވެ. އަދި ގިނަ ގޮންޖެހުންތަކާއިއެކު ކޮމިޝަނަށް ބޮޑެތި ގާނޫނީ ބާރުތަކެއް ހޯއްދަވައި ދެއްވިއެވެ.

އޭގެ ފަހުން ދިވެހިރާއްޖޭގެ ހުރިހައި ރައްޔިތުން އެންމެ ބޮޑަށް އިންތިޒާރު ކުރަމުން ދިޔައީ ރާއްޖޭގައި މިހާތަނަށް އެންމެ އަނިޔާވެރިކޮށް މަރާލެވުނު ދީނީ ޢިލްމްވެރިޔާ އަދި 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ  މެމްބަރު ޑރ އަފްރާޝީމް އަލީގެ މަރުގެ ހަގީގަތް ހޯދައި ހާމަ ކުރާނެ ވަގުތަކަށެވެ.

ރައްޔިތުން ކުރަމުން އައި ދިގު އިންތިޒާރަށް ނިމުން އައީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރަށް އަހަރުވާން ކައިރިވެފައި ވަނިކޮށެވެ. ޑރ އަފްރާޝީމްގެ މަރުގެ ތަހުގީގުކޮށް ރައީސް ސާލިހު އުފެއްދެވި މަރު ކޮމިޝަނުން ރިޕޯޓް އާންމުކުރިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހު —-

ރިޕޯޓުގައިވާ ގޮތުން އަފްރާޝީމް އަވަހާރަކޮށްލި މީހުނާއި އެކަން ކުރި ސަބަބު ހޯދަން މަރުގެ ކޮމިޝަނުން ކުރި ތަހުގީގު ބިނާ ކޮށްފައި ވަނީ ހަތަރު ކަމެއްގެ މައްޗަށެވެ. އެއް ކަމަކީ އަފްރާޝީމް އަވަހާރަކޮށްލީ އޭރު އިދިކޮޅުގައި ތިބި އެމްޑީޕީގެ ބަޔަކު އަޑީގައި ތިބެގެން ސިޔާސީ މަގްސަދެއް ހާސިލު ކުރާށެވެ. ދެވަނަ ކަމަކީ އަފްރާޝީމް އަވަހާރަކޮށްލާފައި ވަނީ އޭނާ އެވަގުތު ހުންނެވި ޕީޕީއެމްގެ ތެރޭގައި އޮތް ސިޔާސީ ވާދަވެރި ކަމެއްގެ ސަބަބުން ޖެހުނު މައްސަލަތަކުގެ ތެރެއިންނެވެ. ތިން ވަނަ ކަމަކީ އަފްރާޝީމް އަވަހާރަކޮށްލާފައި ވަނީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކުރިއަ ނުދިނުމަށްޓަކައި އެ ޕާޓީގެ ބޮލުގައި އޭނާގެ މަރުގެ ތުހުމަތު އެޅުމުގެ ބޭނުމުގައި ސިޔާސީ އެހެން ބައެކެވެ. އަދި ފަހު ކަމެއްގެ ގޮތުން ތަހުގީގު ފޯކަސްކޮށްފައި ވަނީ އަފްރާޝީމް އަވަހާރަކޮށްލީ ދީނީ ގޮތުން އުފެދިފައިވާ ހިޔާލު ތަފާތުވުމެއްގެ ތެރޭގައި ދީނީ ހަރުކަށި ބައެކެވެ.

މި ފާހަގަ ކުރި ހަތަރު ކަންތަކުގެ ތެރެއިން ޑރ އަފްރާޝީމް މަރާލުމުގައި ކޮމިޝަނުން ގަބޫލު ކުރާ ގޮތުގައި ސިޔާސީ މީހުންގެ އެއްވެސް އަތެއް ނެތެވެ. އެމްޑީޕީއާއި ޕީޕީއެމްއަށް ނިސްބަތްވާ ނުވަތަ ނިސްބަތްވި ބައެއްގެ ވެސް އަތެއް ނެތެވެ. އޭގެ ބަދަލުގައި ޑރ އަފްރާޝީމް މަރާލުގެ ފަހަތުގައި ތިބީ ދީނީ ގޮތުން ހައްދު ފަހަނައަޅާފައިވާ ނުވަތަ ހަރުކަށި ދީނީ ފިކުރުގެ ބައެއް ކަމަށް މަރުގެ ކޮމިޝަނުން ގަބޫލު ކުރެއެވެ.

އެގޮތުން މަރު ކޮމިޝަންގެ ރިޕޯޓުގައި ބުނެފައި ވަނީ ދީނީ އެކި ކަންކަމާ ގުޅޭ ގޮތުން ޑރ އަފްރާޝީމް ދައްކަވާ ވާހަކަތަކާ ގުޅޭ ގޮތުން އިލްމުވެރިންގެ ގިނަަ ބައެއްގެ ހިތުގައި ރުޅިވެރިކަމާއި ނަފްރަތު އުފެދިފައިވާ ކަމަށާއި ހާއްސަކޮށް ރާއްޖޭގެ ނުފޫޒު ގަދަ ދީނީ އިލްމުވެރިންގެ ޖަމާއަތަކުން އަފްރާޝީމް ކުށްވެރިކޮށް ފަތުވާ ނެރެ އޭނާގެ މައްޗަށް ޝިރުކުގެ ބޮޑެތި ތުހުމަތުތައް ކުރުމުން އަފްރާޝީމްގެ ފުރާނަ ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށް ބުނެފައިވެއެވެ.

އެހެން ނަމަވެސް އަފްރާޝީމް ދައްކަވާ ވާހަކަތަކެއްގެ ސަބަބުން އޭނާ އަވަހާރަކޮށްލުމަކީ ފުރިހަމައަށް ދީނީ އިލްމު އުނގެނިގެން ތިބި އިލްމުވެރިން ކުރާނެ ކަމެއް ނޫން ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ. އަދި އެފަދަ ކަމެއް ކުރާނީ ދީނުގެ ނަމުގައި މީހުން މެރުމުގެ ވިސްނުން ހުރި ޖިހާދީ ފިކުރުގެ ޖަމާއަތެއް ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

ޑރ އަފްރާޝީމް މަރާލި ކަމުގެ ގާތިލް ހުމާމް: ފައިލް ފޮޓޯ

އަފްރާޝީމް އަވަހާރަކޮށްލުމުގެ މަސައްކަތް އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށްވާ ހ. ހިކޯސްޓް އަލީ ޝާން (ސަޓޯ) އާއި ހ. ހިލްޓަން އަޒްލީފް ރައުފްއާ ހަވާލުކޮށްފައި ވަނީ ހަރުކަށި ފިކުރުގެ ޖަމާއަތެއް ރާއްޖޭގައި ހިންގާ މުހައްމަދު މަޒީދު ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ. އަދި އަފްރާޝީމް ދައްކާ ވާހަކަތަކުގެ ސަބަބުން އޭނާ އަވަހާރަކޮށްލަން ޖެހޭކަން އަޒްލީފް ގަބޫލު ކުރާ ކަމަށާއި އޭނާ މަރާލާނެ ގޮތުގެ ކަންތައްތައް ރާވާ ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެފައި ވަނީ އަޒްލީފް އާއި ޝާން ކަމަށް ވެސް އެ ރިޕޯޓުގައި ވަނީ ބުނެފަ އެވެ. އަޒްލީފް އާއި ހުމާމް އަދި ޝާންގެ އިތުރުން ވެސް އެހެން ބަޔަކު އަފްރާޝީމް އަވަހާރަކޮށްލުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާ ކަމަށް ގަބޫލު ކުރެވޭ ކަމަށް އެ ރިޕޯޓުގައި ވަނީ ބުނެފަ އެވެ. ނަމަވެސް އެއީ ކޮން ބައެއްކަން ދެނެގަނެވިފައެއް ނުވެ އެވެ.

މިހިސާބުން ޑރ އަފްރާޝީމްގެ މަރާ ގުޅޭ ގޮތުން މަރުގެ ކޮމިޝަނުން ނެރެފައިވާ ރިޕޯޓުގައި ބަޔާން ކޮށްފައިވާ ވާހަކަތައް ކުރުކޮށްލާނަމެވެ. ސަބަބަކީ ޑރ އަފްރާޝީމްގެ މަރުގެ މައްސަލައިގެ މުޅި ތަހުގީގު ރިޕޯޓުގައި ވަނީ ހުސް ބުންޏޭ ބުންޏޭއެވެ. އެ ނޫން އެއްވެސް އެއްޗެއް ނެތެވެ. ޑރ އަފްރާޝީމްގެ މަރާ ގުޅޭ ގޮތުން ނުވަތަ މަރާލި ގޮތާއި ބެހޭ ގޮތުން އެންމެ އަޑު ހަރުކޮށް އެ ވާހަކަ ދެއްކެވި އެއްވެސް މީހެއްގެ ނުވަތަ ބޭފުޅެއްގެ ބަޔާނެއްހާ މިންވަރު ވެސް ނެތެވެ. ސުވާލެއް ވެސް ކޮށްފައެއް ނެތެވެ. މީގެ އިތުރުން ޑރ.އަފްރާޝީމްގެ މަރާގުޅޭގޮތުން ތުހުމަތުގެ އިނގިލިތައް ދިއްކުރެވުނުު އެއްވެސް ސިޔާސީ ބޭފުޅަކާ މަރުކޮމިޝަނުން އެއްވެސް ސުވާލެއް ކޮށްފައެއް ނުވެއެވެ. އޭގެ ތެރޭގައި އޭރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތް އެމްޑީޕީގެ އޭރުގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކުގެ ދަނބިދަރިފުޅު މ. ޖަރީމާގޭ އަބްދުﷲ ޖާވިދު (ޖާ) ހިމެނެއެވެ.

ޖާއަށް ކުރެވުނު ތުހުމަތަކީ ޑރ. އަފްރާޝީމް އަލީ އަވަހާރާކޮށްލުމުގެ ބަދަލެއްގެ ގޮތުގައި ހަތަރު މިލިއަން ރުފިޔާ ދޭން ބުނި ކަމުގެ ތުހުމަތެވެ. ޖާ އަށް އެ ތުހުމަތުތައް ކުރެވުނުއިރު ޑރ. އަފްރާޝީމް މަރާލުމުގެ ކަންކަން ރާވާ ހިންގުމުގެ އަޑީގައި ތިބީ އެމްޑީޕީއަށް ނިސްބަތްވާ މީހުންކަމަށްވެސް ތުހުމަތުކުރެވުނެވެ. ނަމަވެސް އެމްޑީޕީން އޭރުވެސް އެތުހުމަތަކުތަަކަށް ވަނީ އިންކާރުކޮށްފައެވެ. އަދި ޑރ. އަފްރާޝީމް އަލީ މަރާލުމުގައި އެމްޑީޕީގެ ބައިވެރިވުމެއް އޮތްކަމަށް އެމްޑީޕީއާއި އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރީ ރިޔާސީ އިންތިހާބު އެމްޑީޕީ އަށް ކާމިޔާބު ނުވެވޭނެފަދަ ހާލަތްތަކެއް އުފެއްދުމަށް ކަމަށް އެމްޑީޕީއިން އޭރުވަނީ ބުނެފައެވެ.

އަފްރާޝީމް އަވަހާރަކޮށްލި މައްސަލަ ފުލުހުން ތަހުގީގު ކުރި ދުވަސްވަރު ވެސް އެމްޑީޕީ އާއި ރީކޯ މޫސަ އަށް ތުހުމަތުކޮށް، އޭނާގެ ނަން އައުމުން ވަނީ ތަކުރާރުކޮށް އެ ވާހަކަތައް ދޮގު ކުރައްވައިފަ އެވެ. ކޮމިޝަނުން ބުނެފައި ވަނީ އަފްރާޝީމް އަވަހާރަކޮށްލީ ސިޔާސީ މަގްސަދެއްގައި ކަމަށް، އޭރުގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒާއި އޭރުގެ ސަރުކާރުގެ އިސްވެރިން ވިދާޅުވަމުން ގެންދެވި ނަމަވެސް އެކަމަށް ބާރު ލިބޭ ހެއްކެއް ނެތެވެ. މައްސަލަ ތަހުގީގުކޮށް ފުލުހުން ކުރިން ބުނެފައި ވަނީ، އެ ގަތުލު ހިންގާފައި ވަނީ ސިޔާސީ މަންފާ އަކަށް ކަމަށެވެ. ދުރާލައި ތައްޔާރުވެ، އަފްރާޝީމް އަވަހާރަކޮށްލީ ހަތަރު މިލިއަން ރުފިޔާ ހުށަހަޅައިގެން ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

ދެންއޮތީ މަރުކޮމިޝަންގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ޑރ.އަފްރާޝީމް އާއި އެހެން ދީނީ އިލްމުވެރިންނާއި ހިޔާލު ތަފާތުވާ ކަމަށް ބުނާ ނުވަތަ ދެކެވުނު ވާހަކަ ތަކެވެ. ޑރ. އަފްރާޝީމް އާއި ދީނީ އިލްމުވެރިންނާއި ހިޔާލު ތަފާތުވުންތަކެއް އުފެދުނުކަމަށް ބުނާ މައިގަނޑު ސަބަބުތަކަކީ ދިޓީވީ އާއި ވީޓީވީގެ އެތައް ޕްރޮގްރާމެއްގައި ޑރ.އަފްރާޝީމް އަލީ ދީނީ ގޮތުން ނެރުއްވި ބައެއް ފަތުވާ ތަކާއި ހިތްހަމަޖެހިވަޑައިނުގެން ބައެއް އިލްމުވެރިން މި ދެންނެވި ޓީވީ ސްޓޭޝަންތަކުގައި ޕްރޮގްރާމްތައް ކުރިއަށް ދިޔަވަގުތު އެސަރަހައްދުތަަކަށް އިލްމުވެރިން އެއްވެ ޑރ. އަފްރާޝީމް އާއި ދެކޮޅަށް އަޑުއުފުލާފައިވާތީއެވެ.

މީގެ އިތުރުން މާލޭގެ ބައެއް މިސްކިތްތަކުގައި ދަރުސް ދެއްވަމުން ގެންދަވަނިކޮށްވެސް ބައެއް ދީނީ އިލްމުވެރިން ޑރ. އަފްރާޝީމް އަށް ހުރަސްއަޅުއްވައި މިސްކިތްތަކަށް އެއްވެ ޑރ. އަފްރާޝީމް އާއި ދެކޮޅަށް އަޑުއުފުލާފައިވެއެވެ. އެގޮތުން މާލޭގެ މިސްކިތެއްގައި ޑރ. އަފްރާޝީމް ދަރުސްދެއްވުމަށްފަހު ނިކުމެވަޑައިގެންނެވިއިރު އެ މަނިކުފާނާއި ދެކޮޅަށް ބަޔަކު މީހުން އިހްތިޖާޖް ކުރަމުން ދިއުމާއި ގުޅިގެން އެސަރަހައްދުން އެމަނިކުފާނު ވަޑައިގެންނެވީ ފުލުހުންގެ އެހީތެރިކަމާއި އެކުގައެވެ. މިނޫންވެސް ތަފާތު އެތައް ހާދިސާތަކެއް ހިނގާފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ. ނަމަވެސް މަރުކޮމިޝަންގެ ލޮލަށް ނުވަތަ ކަންފަތަށް ވިޔަސްވެސް މިއިން އެއްވެސް ކަމެއް އަޑުއިވި ފެންނަގޮތެއް ނުވިއެވެ.

ކުރީގެ ރައީސް ނަޝީދުއާއި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް. ފޮޓޯ: މުންޝިދު[ޓްވިޓަރ]
ޑރ އަފްރާޝީމްގެ މަރާއި ގުޅޭ ގޮތުން ޖަވާބު ނުލިބޭ އެތައް ސުވާލުތަކެއް ހުރިއިރު  ޑރ އަފްރާޝީމް މަރާލި ގޮތް އެންމެ ތަފްސީލީ ގޮތެއްގައި ރައްޔިތުންނަށް ވިދާޅުވެ ދެއްވި ބޭފުޅުންނަކީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، މިއަދުގެ ހޯމް މިނިސްޓަރު ޝޭޙް އިމްރާން އަބްދުﷲ އޭ ދެންނެވުން ކުށަކަަށް ނުވާނެއެވެ.

އެންމެ ފުރަތަމަ ޑރ އަފްރާޝީމްގެ މަރާ ގުޅޭ ގޮތުން ރައީސް ނަޝީދު ދައްކަވާފައިވާ ވާހަކަފުޅަށް ބަލާލާނަމެވެ. އެގޮތުން 2012 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ދެ ވަނަ ދުވަހު އެމްޑީޕީން ބޭއްވި އެއްވުމެއްގައި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ޑރ އަފްރާޝީމް ޢަލީ އަވަހާރަކޮށްލާފައި ވަނީ ބޭރު މީހެއް ކަމަށެވެ.

ވަޢުދުގެ ދަތުރުގެ ނަމުގައި އެމްޑީޕީން އުތުރުގެ ރައްތަކަށް އޭރު ކުރި ދަތުރުގައި ހދ. ވައިކަރަދޫގައި އެރަށު ރައްޔިތުންނާ ބައްދަލު ކުރަށްވާ ވާހަކަ ދައްކަވަމުން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ ޑރ އަފްރާޝީމް މަރާލާފައި ވަނީ “އެކުވެރި 2 ދައުލަތަކުން” ކަމަށާއި “އެކަން ކޮށްފައިވަނީ ބޭރުމީހެއް” ކަމަށެވެ. އަދި “އަފްރާޝީމް މަރާލުމަށް ފަހު އެ މީހާ އެ ރޭ ރާއްޖެ ދޫކޮށް ގޮސްފައިވާ” ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ. އަދި އެމަނިކުފާނަށް މިމައުލޫމާތު ދެއްވީ އެކުވެރި ގައުމުތަކުގެ 2 އިންޓެލިޖެންސް އޭޖެންސީ ތަކުން” ކަމަށް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އަދި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ:ފައިލް ފޮޓޯ

ޑޜ އަފްރާޝީމްގެ މަރާ ގުޅޭ ގޮތުން މިހާ ތަފްސީލީ ގޮތެއްގައި ރައީސް ނަޝީދު ވާހަކަފުޅު ދައްކަވާފައި ވީނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސާލިޙް އުފެއްދެވި މަރުގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނުން ރައީސް ނަޝީދުއާއި އެއްވެސް ސުވާލެއް ކުރައްވާފައެއް ނުވެއެވެ. ރައީސް ނަޝީދުއަށް ޑރ އަފްރާޝީމްގެ މަރާ ގުޅޭ ގޮތުން އެ މައުލޫމާތު ލިބިވަޑައިގެންނެވި ގޮތެއް ވެސް ހޯދުމަށް މަސައްކަތް ކުރައްވާފައެއް ނުވެއެވެ.

މަރުގެ ކޮމިޝަނުން އާންމުކޮށްފައިވާ ރިޕޯޓުގައި އެންމެ ބޮޑަށް ތުހުމަތު ކުރައްވާފައިވާ އެއް ބޭފުޅަކީ ޑރ އަފްރާޝީމް މަރާލިއިރު އިސްލާމިކް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ މުހައްމަދު ޝަހީމް އަލީ ސައީދުއަށެވެ.

ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ޑރ އަފްރާޝިމް އަވަހާރަކޮށްލުމުގެ ކުރިން ޑރ ޝަހީމަށް ލިބުނު މެސެޖެއްގައި ޑރ.އަފްރާޝީމް ރުޖޫއަވެ، މީޑިޔާގައި އިއުލާންކޮށްފިނަމަ އެ މެސެޖު ފޮނުވި ބަޔަކު އަފްރާޝިމް ދެކެ އަލުން އަނބުރާ ލޯބިވާނެ ކަމަށް ބުނެފައިވެއެވެ. މި މެސެޖު ޑރ.ޝަހީމްއަށް ފޮނުވި ފަރާތެއް، ޑރ ޝަހީމް ރިޔާސީ ކޮމިޝަނަށް ސާފުކޮށްދީފައެއް ނުވާ ކަމަށް ވަނީ ބުނެފައެވެ. އަދި ކޮމިޝަނުން ބުނާގޮތުގައި ޑރ.ޝަހީމު ކޮމިޝަނަށް ދެއްވާފައިވާ މައުލޫމާތަކީ ތެދު މައުލޫމާތެއް ނޫނެވެ. މަޖިލީހުގެ ތަޅުމުގައި ރައީސް ނަޝީދު ވެސް ވަނީ މިފަދައިން ވިދާޅުވެފައެވެ. އަދި ކޮމިޝަންގެ ރިޕޯޓުގައި ނެތް މައުލޫމާތެއް ވެސް ރައީސް ނަޝީދު ވަނީ ހިއްސާ ކުރައްވާފައެވެ. އެއީ ޑރ އަފްރާޝީމް މަރާލި ދުވަސް ނޫން އޭގެ އަނެއް ދުވަހު ރާއްޖެއިން ފުރައިގެން ދިޔަ މީހުންގެ ނަން ލިސްޓުގައި ޑރ. ޝަހީމްގެ ނަމެއް ނެތެވެ. ނަަމަވެސް އެ ވާހަކަ ވިދާޅުވީ ރައީސް ނަޝީދު އަމިއްލަފުޅަށެވެ.

ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު: ފައިލް ފޮޓޯ

ޑރ އަފްރާޝީމްގެ މަރާ ގުޅޭ ގޮތުން ހިނގާދިޔަ ބައެއް ކަންކަން ޑރ ޝަހީމްއަށް ތުހުމަތު ކުރެވޭ ގޮތަށް ރައީސް ނަޝީދު މަޖިލީޙުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވާފައިވާއިރު މީގެކުރިން ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ޑރ. އަފްރާޝީމްގެ މަރާ ޑރ. ޝަހީމްއާ އެއްވެސް ގުޅުމެއް ނެތް ކަމަށާއި އަދި އެއީ އެމަނިކުފާނުގެ ހިތްޕުޅުގައި ޝައްކެއް ވެސް ހިނގާ ކަމެއް ނޫން ކަމަށެވެ.

އެގޮތުން ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ޑރ. އަފްރާޝީމްގެ ތަހުގީގަކީ ހަމައެކަނި މީހެއްގެ އިއުތިރާފްގެ މައްޗަށް ބިނާކޮށް ހިންގާ ތަހުގީގަކަށް ވެގެން ނުވާނެ ކަމަށެވެ. އަދި ޑރ އަފްރާޝީމްގެ މަރުގެ ތަހުގީގު ވާން ޖެހޭނީ ފޮރިންސިކް ހޯދުންތަކާއި ސައިންޓިފިކް ތަހުލީލްތަކުގެ މައްޗަށް އެކުލެވޭ ތަހުގީގަކަށް ކަމަށާއި އަދި އެ ނޫން ގޮތަކަށް ޑރ އަފްރާޝީމްގެ މަރުގެ މައްސަލައިގެ ތަހުގީގު ކޮށްގެން ހާމަ ކުރާ އެއްވެސް ތަހުގީގެއް ގަބޫލު ކޮށްގެން ނުވާނެ ކަމަށް ވެސް ރައީސް ނަޝީދު ވަނީ އޭރު ވިދާޅުވެފައެވެ.

ނަމަވެސް މިއަދުގެ ހަގީގަތަކީ ރައީސް ސާލިޙް އުފެއްދެވި ރިޔާސީ ކޮމިޝަނުން ޑރ އަފްރާޝީމްގެ މަރުގެ މައްސަލަ ތަހުގީގު ކުރުމަށް ފަހު ނެރުނު ރިޕޯޓް ރައީސް ނަޝީދު ވަނީ ގަބޫލު ކުރައްވާފައެވެ. ބަލައިވެސް ގަނެފައެވެ. އެ ރިޕޯޓަކީ އެއްވެސް މިންވަރަކަށް ސައިންޓިފިކް ހޯދުންތަކެއް ހޯދިފައިވާ އަދި ހޯދާފައިވާ ތަހުގީގު ރިޕޯޓެއް ވެސް ނޫނެވެ.

ދެން ހުންނެވީ ޑރ އަފްރާޝީމްގެ މަރާ ގުޅޭ ގޮތުން ހެއްކާއެކު ލިޔުންތައް ދައްކަވާ ވާހަކަފުޅު ދެއްކެވި މިހާރުގެ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲއެވެ. އިމްރާން ޑރ. އަފްރާޝީމްގެ މަރާ ގުޅޭ ގޮތުން އެތައް ތަނެއްގައި އެތައް ޕޯޑިއަމްއެއްގައި ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން 2015 ވަނަ އަހަރު ބޭއްވި މޭޑޭ މުޒާހަރާގައި އިމްރާން ވިދާޅުވީ ޑރ. އަފްރާޝީމްގެ މަރަށް ފަހު ހަތް ޒުވާނަކު މާލޭގެ މަގުމަށްޗަށް މަރާލެވުނު ކަމަށާއި އެކަމުގެ ހެކި އެބަހުރި ކަމަށެވެ.

ނަމަވެސް މަރުގެ ކޮމިޝަނުން ޝޭޙް އިމްރާންއާ ވެސް އެއްވެސް ސުވާލެއް ކޮށްފައެއް ނުވެއެވެ. އަދި ޑރ. އަފްރާޝީމް މަރާލުމުގައި ހުރިހައި ކަމެއް ރޭވީ އަޒްލީފް ރައުފް ކަމަށް ބުނެފައިވާއިރު އޭނާ އެތައް ފަހަރެއްގެ މަތިން އޭރު ޕީޕީއެމްގެ ޕީޖީ ލީޑަރަކަށް ހުންނެވި ރައީސް އަބްދުﷲ ޔާމީންއާއި ބައްދަލު ކުރި ސަބަބުތައް ހޯދުމަށް ކޮމިޝަންގެ ފަރާތުން އެއްވެސް ސުވާލެއް ރައީސް ޔާމީންއާއި ކޮށްފައެއް ނުވެއެވެ.

ޑރ. އަފްރާޝީމްގެ މަރާ ގުޅޭ ގޮތުން އެންމެ އަޑުހަރުކޮށް ވާހަކަ ދެއްކި އެއްވެސް ސިޔާސީ މީހެއްގެ ބަޔާނެއް ނަގާފައި ނުވަނީ ހަމަ އެންމެ ބޭނުމެއްގައެވެ. އެއީ ޑރ އަފްރާޝީމްގެ މަރަކީ ދީނީ ގޮތުން އުފެދުނު ހިޔާލް ތަފާތުވުމެއްގެ ތެރެއިން ހިނގި މަރެއްކަން ދެއްކުމަށެވެ. އެކަން އެގޮތަށް ކޮށްފިއެވެ. މުޅި ތަހުގީގު ހިންގާފައި ވަނީ އެ މަގުންނެވެ. މީގެ އެންމެ ހެއްވާ ކަމަކީ ނުވަތަ ޖޯކަކީ ޑރ އަފްރާޝީމްގެ މަރާ އެއްވެސް ގުޅުމެއް ނެތް އެތައް ވާހަކަތަކެއް ރިޕޯޓުގައި ހިމަނާފައިވުމެވެ. އެގޮތުން ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް ރައީސް ނަޝީދު މަރާލަން އުޅުނު ކަމަށް ބުނާ ވާހަތަކަކާއި ރައީސް ޔާމީން ތާސްކުޅުއްވަން އިންނަވާ ވާހަކަތަކަކާއި އަދި ރައީސް ޔާމީންއަށް މީހަކު މެސެޖު ކިޔައިދޭ ވާހަކައެވެ. މި ވާހަކަތައް ޑރ އަފްރާޝީމްގެ މަރާ ގުޅޭ އެއްވެސް ގޮތެއް ނުވިސްނެއެވެ.

ނަމަވެސް އެއްކަމެއް ވިސްނެއެވެ. ސާފުވެސް ވެއްޖެއެވެ. އެއީ މަރުގެ ކޮމިޝަނުން ތަހުގީގު ކުރި ޑރ އަފްރާޝީމްގެ މަރުގެ މައްސަލައިގެ ތަހުގީގުގެ ހަގީގަތެވެ. އެއީ ޑރ އަފްރާޝީމްގެ މަރަކީ ސިޔާސީ މަރެއް ނޫންކަން ކަނޑައަޅައި ދީނީ ކަމެއްގެ ގޮތުގައި ކަނޑައެޅުމެވެ. އެކަން ވަރަށް ފުރިހަމައަށް ކޮށްފިއެވެ. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ޑރ އަފްރާޝީމް އަވަހާރަކޮށްލިތާ އަށް އަހަރު ފުރިގެން ދިޔައިރު މަރުގެ ކޮމިޝަނުން ކުރީ އެންމެ ކަމެކެވެ. އެއީ ޑރ އަފްރާޝީމްގެ މަރުގެ ހަގީގަތް ކަފުންކޮށް ވަޅުލުމެވެ. އިންސާފުގެ ހުޅުކޮޅު ނިވާލުމެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: