ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫ-ހުވަދޫ ސީޕްލޭން އެއްބަސްވުމަކީ މޭޒުމައްޗަށް ދޫކޮށްލާ އެއްބަސްވުމަކަށް ނުވާނެކަމަށް އުންމީދު ކުރަން: ސޯބެެ

ދަތުރުތައް ފެށުމުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވ ިރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީ ގޭން އިންޓަނޭޝަނަލް އެއާޕޯޓާއި ހުވަދު އަތޮޅާއި ދެމެދު ސީޕްލޭން ދަތުރުތައް ފެށުމަށް ވީ އެއްބަސްވުމަކީ މިއީ މޭޒުމައްޗަށް ދޫކޮށްލާ އެއްބަސްވުމަކަށް ނުވާނެކަމަށް އުންމީދު ކުރާ ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވެއްޖެއެވެ.

އައްޑު އަތޮޅާއި ގއ. ގދ. އަތޮޅާ ދެމެދު ސީޕްލޭންގެ ހިދުމަތް ފަށަން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ) އާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަދުއެވެ. ގަން އެއާޕޯޓުގައި ބޭއްވި މި ރަސްމިއްޔާތުގައި ބައެއް ވަޒީރުންނާއި އައްޑު އާއި ގއ. ގދ. އަތޮޅަށް ނިސްބަތްވާ މަޖިލީސް މެމްބަރުން ބައިވެރިވެ ވަޑައިގަތެވެ. ވަޒީރުންގެ ތެރޭ ޓުއަރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާއި، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ހިމެނި ވަޑައިގަންނަވަ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ކުންފުނީގެ އެމްޑީ ގައިސް ނަސީރު ވިދާޅުވީ މިއަދަކީ ތާރީހީ އަދި އުފާވެރި ދުވަހެއް ކަމަށެވެ. ރާއްޖޭގެ ދެކުނުގެ އަތޮޅުތަކާއި އުތުރުގެ ރަށްތަކާއި ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވާލާ، ފަތުރުވެރިކަމަށް ބޮޅެއް އިތުރުވެގެން ދިއުމަކީ މި ސަރަހައްދު ތަރައްގީގެ މައި ތަނަކަށް ހެދުމަށް ކުރާ މަސައްކަތްތަކަށް ލިބުނު ކުރިއެރުމެއްގެ ގޮތުގައި ގައިސް ވިދާޅުވިއެވެ.

ގައިސް ވިދާޅުވީ އައްޑޫ އެއާޕޯޓާއި ހަވާލުވެ އޭނާގެ އެންމެ ބޮޑު އަމާޒަކަށްވީ، އައްޑޫގެ ސަރަހައްދަކީ ފަތުރުވެރިކަމުގެ ސިނާއަތުން ނަފާ ލިބޭ ތަނެއްގެ ގޮތުގައި ހެދުން ކަމަށެވެ. އަދި އައްޑޫގެ އެއާޕޯޓާއި އެހެން ރަށްތަކާއި ސީޕްލޭން ދަތުރުތަކުން ގުޅުވާލުމަކީ ފަތުރުވެރިކަން އިތުރުކޮށް، ޒުވާނުން ދާއިރާއަށް ނެރުމަށް ލިބިގެންދާ ބޮޑު ފުރުސަތެއްގެ ގޮތުގައި ގައިސް ވަނީ ފާހަގަ ކުރައްވާފައެވެ.

ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދުތައް އިތުރު ކުރުމަށް ކުރާ މަސައްކަތްތައް ފާހަގަ ކުރައްވާ ގައިސް ވަނީ، މި ދަތުރުތަކާއި އެކު ސަރަހައްދުގެ ބެޑް ކެޕޭސިޓީ އިތުރު ވެގެންދާނެމަށް ވިދާޅުވެފައެވެ. ރާއްޖޭގެ އެންމެ ދެކުނުގެ އެއާޕޯޓަކީ އިންޓަނޭޝަނަލް އެއާޕޯޓެއް ނަމަވެސް، އެންމެ ބޮޑު ގޮންޖެހުމަކަށް ވީ އެއާޕޯޓަށް އިންޓަނޭޝަނަލް ދަތުރުތައް ކުރުން ކަމަށް ގައިސް ވިދާޅުވިއެވެ. އެހެން ނަމަވެސް ކޮވިޑުގެ ސަބަބުން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައި ބޭއްވުމަށްފަހު އަލުން ހުޅުވާލުމަށް ކުރި މަޝްވަރާތަކުގެ ތެރެއިން، ސީޕްލޭން ދަތުރުތައް ފަށަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ލަފާ ދެއްވީ ކަމަށް އޭނާ ވިދާޅުވިއެވެ.

އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު ވާހަކަ ދައްކަވަމުން އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވީ ދިވެހި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ފުޅާ ކުރުމަށް ގައުމީ އެއާލައިނުން އިސްރޯލެއް އަދާ ކުރަމުން ދާ ކަމަށެވެ. އަދި އެއާލައިންގެ އެންމެ ބޮޑު އަމާޒަކީ އަބަދުވެސް ދަތުރުފަތުރުގެ ހިދުމަތްތަކުގެ ދަށުން، ރާއްޖެއަށް އަންނަ ފަތުރުވެރިން ރިސޯޓުތަކަށް ކެރީ ކުރުން ކަމަށެވެ.

ސަރުކާރުގެ އިސް ބޭފުޅުންނާއި، ހާއްސަކޮށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށް ޝުކުރު ދަންނަވާ ރިޒްވީ ވިދާޅުވީ މިއީ ފައްޔާޒްގެ އިސްނެންގެވުމެއް ކަމަށެވެ. ސީޕްލޭން ދަތުރުތަކުގެ މަޝްވަރާތައް އެންމެ ފުރަތަމަ ފެށިގެން އައީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކަމަށާއި، އަދި އޭރު އަމާޒަކަށް ވީ 2020 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ދަތުރުތައް ފެށުމަށް ކަމަށް ރިޒްވީ ވިދާޅުވިއެވެ. އެހެން ނަމަވެސް އެ މަސައްކަތްތަކަށް ކޮންމެވެސް ވަރެއްގެ މަޑުޖެހުމެއް އައީ، ކޮވިޑުގެ ސަބަބުންކަން ރިޒްވީ ފާހަގަ ކުރެއްވިއެވެ.

ރިޒްވީ ވިދާޅުވީ އުންމީދަކީ މި ދަތުރުތަކާއި އެކު ހުވަދު އަތޮޅާއި، އައްޑޫ ސިޓީ އަދި ފުވައްމުލަކުގެ ސަރަހައްދުގެ ލޯކަލް ޓޫރިޒަމެއް ތައާރަފްވެ، ރިސޯޓުތަކުގެ ވެސް ބެޑް ކެޕޭސިޓީ އިތުރުވެގެން ދިއުން ކަމަށެވެ.

ރަސްމިއްޔާތުގައި އައްޑޫ ސިޓީ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ގެ ވާހަކައިގައި ވިދާޅުވީ އޭނާގެ އެންމެ ބޮޑު އުންމީދަކީ މިއީ ހަމައެކަނި ސޮއި ކުރެވޭ އެއްބަސްވުމަކަށް ވެގެން ނުދިއުން ކަމަށެވެ. އަދި އެއްބަސްވުންތަކަށް ފަހު މޭޒުތަކުގެ މައްޗަށް ލިޔެކިއުންތައް ދޫކޮށްލާ ނުބަހައްޓާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

ސޯބެ ވިދާޅުވީ މިއީ ތާރީހީ އަދި މުހިންމު ދުވަހެއް ކަމަށެވެ. އައްޑޫގެ ދެ ރިސޯޓެއްކަމަށް ވާ ޝަންގްރިއްލާ އާއި، ކެނަރީފް ރިސޯޓު ބަންދުކޮށްފައިވާއިރު އެ ރިސޯޓުތައް ވެސް ހުޅުވުން އެއީ މުހިންމުކަމެއްގެ ގޮތުގައި ސޯބެ ވިދާޅުވިއެވެ. ވަކިން ހާއްސަކޮށް ދަތުރުތައް ފަށާ އިގްތިސޯދު ބަންދުވެފައި އޮވެގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އިގްތިސޯދެއް ހިނގާނީ ރަނގަޅު މެކޭނިޒަމްއެއްގެ ދަށުގައި އޮތް ދަތުރުފަތުރުގެ ނިޒާމެއްގައިކަމަށް ސޯބެ ވިދާޅުވިއެވެ.

އައްޑޫ ސިޓީ ގަމާއި ހުވަދޫ އަތޮޅު ސީޕްލޭންގެ ހިދުމަތުން ގުޅާލުމުން މި ސަރަހައްދާއި، އަތޮޅު ރިސޯޓުތަކަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށް ވެސް ފަސޭހަތަކެއް ލިބިގެންދާނެއެވެ. އަދި ރަށުގައި ވަޒީފާތަކެއް އުފެދޭނެއެވެ.

މި އެއްބަސްވުމުގެ ސީދާ ފައިދާ މަދު ދުވަސްތަކެއްގެ ތެރޭގައި ނުކުރިނަމަވެސް، މިއީ ކުރިޔަށް އޮތް އަހަރުތަކަށް އެޅިގެން ދިޔަ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފައްޔާޒް ވެސް ވަނީ ވިދާޅުވެފައެވެ. އަދި މި ސަރުކާރުގެ ސިޔާސަތަކީ ލާމަރުކަޒީ އުސޫލުން ރައްތަކަށް ތަރައްގީ ގެނައުން ކަމަށް ރަސްމިއްޔާތުގައި ބައިވެރިވި ބޭފުޅުން ވަނީ ފާހަގަކޮށްފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: