ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޅ. އަތޮޅުގެ 5 ސަރަހައްދެއް ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއް ކަމުގައި ހަމަޖައްސައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ޅ. އަތޮޅުގެ 5 ސަރަހައްދެއް ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއް ކަމުގައި ހަމަޖައްސައިފިއެވެ.

މިނިސްޓްރީ އޮފް އެންވަޔަރަމަންޓްއިން ބުނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ 4 ވަނަ މާއްދާއާ ހަވާލާދީ، އެމިނިސްޓްރީއަށް ލިބިދޭ ބާރުގެ ދަށުން 8 އޮކްޓޫބަރު 2020 އިން ފެށިގެން ޅ. އަތޮޅު މާގަނޑު ތިލަ ސަރަހައްދާއި، ސެއްޅިފުށި – ހިރިޔަދޫ ސަރަހައްދާއި، މާކޯ ސަރަހައްދާއި، ވައްވަރާއި ދަނޑިފަޅު ފިނޮޅާއި ދަނޑިފަޅު ކަނޑުއޮޅި ސަރަހައްދު އަދި ދަށުގިރި ފިނޮޅު ސަރަހައްދަކީ ޙިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއް ކަމުގައި ހަމަޖައްސާފައިވާ ކަމަށެވެ.

މި ސަރަހައްދުތައް ބެލެހެއްޓުމުގައި ޢަމަލު ކުރާނީ ގުދުރަތީ ނުވަތަ ތަބީއީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަނާބެހޭ ގަވައިދުގައިވާގޮތުގެ މަތިންކަމަށް މިނިސްޓްރީއިން މައުލޫމާތުދެއެވެ.

  • މާގަނޑު ތިލަ

މާގަނޑު ތިލަ ނުވަތަ އެނިމޯން ސަރަހަައްދަކީ ޅ އަތޮޅުގެ އުތުރަށްވާ ގޮތަށް އަތޮޅުގެ މެދުގައި އޮންނަ ގިނަ އަދަދަކަށް މާގަނޑު ހެދިފައި އޮންނަ، ސޮފްޓް އަދި ހާާާޑް ކޮރަލް ގިނަ ސަރަހައްދެކެވެ. މިތިލަ އަކީ އެކި ފުންމިނުގައި ގިނަ ބާވަތްތަކުގެ މާގަނޑުތަކާއި، މާގަނޑު މަސްތައް ފެތުރިފައިވާ އެއްތަނަކުން އެންމެ ގިނަ އަދަދެއްގެ މާގަނޑު ފެންނަކަމަށް ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަކުރެވެ ތަނެކެވެ. މި ތިލައިން އެންމެ ގިނައިން ފެންނަކަމަށް ފާހަގަކުރެވިފައިވާ މާގަނޑުގެ ބާވަތަކީ މެގްނިފިސެންޓް ސީ އެނިމޯން އެވެ. މީގެ އިތުރަށް ތަފާތު ވައްތަރުގެ މުރަކަ، މިޔަރު އަދި ވެލާ ކަހަނބު ފެންނަ ކަމަށް ފާހަގަކުރެވިފައިވާއިރު، މި ސަރަހައްދުން 27 އާއިލާއަކަށް ނިސްބަތްވާ ފަރުމަށް ފެންނަކަމަށް ވަނީ ރިކޯޑް ކުރެވިފައެވެ. މިސަރަހައްދު ރައްކާތެރިކޯށް ދަމަހައްޓާ ގިންތިއަކީ ސްޕީޝީސް/ހެބިޓެޓް މެނޭޖްމަންޓް އޭރިއާއެވެ.

  • ސެއްޅިފުށި – ހިރިޔަދޫ ސަރަހައްދު

ސެއްޅިފުށި އަދި ހިރިޔަދޫ އަކީ ޅ އަތޮޅުގައި އޮންނަ އެންމެ ބޮޑު އެއް ފަޅު ރަށެވެ. އިދާރީ ގޮތުން ފަސް ރަށަކަށް ބަހާލާފައިވާއިރު، މިއީ އެންމެ އުތުރަށް އޮންނަ 2 ރަށެވެ. ތާރީހީ ގޮތުން ބަލާއިރު، މި ފަސް ރަށް ވަކިން އޮންނަކަމަށް ރިކޯޑް ކުރެވިފައިވީ ނަމަވެސް، މި ފަޅުތެރޭގައި އޮއެ ބަދަލުވަމުންދާ ގޮތަށް ބަލައި ރަށްތަކަށް އަވަސް ބަދަލުތަކެއް އަންނަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. މި ސަރަހައްދުގައިވާ ބޭ ނުވަތަ ކޮއްލަވާނި އަކީ ރާއްޖެއިން ވަރަށް މަދުން ފެންނަ މާހައުލެކެވެ. މި ރަށުގައިވާ ކުޅި ވަށައިގެން 19 ބާވަތެއްގެ ގަސްގަހާގެހި ހެދިފައިވެއެވެ. އަދި މިރަށުގައިވާ ކަހެރުވައް ގަހަކީ ރާއްޖެއިން ވަރަށް މަދުން ފެންނަ ބާވަތުގެ ގަސްތަކެކެވެ. މިސަރަހައްދު ރައްކާތެރިކޯށް ދަމަހައްޓާ ގިންތިއަކީ ޕްރޮޓެކްޓެޑް އޭރިއާ ވިތު ސަސްޓެއިނެބަލް ޔޫޒްއެވެ.

  • މާކޯ

މާކޯ އަކީ މާފިލާފުށިގެ އިރުން އޮންނަ ބޮޑު ކަކުންޏާއި ބޮނޑު އުޅޭކަމަށް ފާހަގަކުރެވިފައިވާ ގަސް ބޯ ރަށެކެވެ. މިރަށް ޚާއްސަވަނީ މި ރަށުގައިވާ ކުޅި އާއި އެކުޅީގައިވާ އަދި ކުޅި ވަށައިގެންވާ ދިރޭ ތަކެތީގެ ސަބަބުންނެވެ. ކުޅީގައި ގިނަ އަދަދަކަށް ބޭންގު ވިހައި، އާލާވަމުންދާކަން ފާހަގަކުރެވިފައިވާއިރު، ރަށުގެ ކުޅި، ފައު އަދި ޗަސްބިމުގައި ގިނަ އަދަދަކަށް ކަނޑޫގަސް ހިމެނިފައިވާކަން ވަނީ ފާހަގަކުރެވިފައެވެ. މިސަރަހައްދު ރައްކާތެރިކޯށް ދަމަހައްޓާ ގިންތިއަކީ ޕްރޮޓެކްޓެޑް އޭރިއާ ވިތު ސަސްޓެއިނެބަލް ޔޫޒްއެވެ.

  • ވައްވަރާއި ދަނޑިފަޅު ފިނޮޅާއި ދަނޑިފަޅު ކަނޑުއޮޅި ސަރަހައްދު

ޅ. ވައްވަރަކީ ނައިފަރުގެ ދެކުނަށް އޮންނަ ފަޅުު ރަށެކެވެ. މިރަށުގެ ވަށައިގެން އޮންނަ ފަރަކީ ގުދުރަތީ ގޮތުން މުއްސަނދި ފަރެކެވެ. މިފަރުތަކުން ފާހަގަކޮށްލެވޭ ދިރުންތަކުގެ ތެރޭގައި ގިނަ އަދަދެއްގެ ސޮފްޓް ކޮރަލް އާއި، މަދުން ނޫނީ ނުފެންނަ “ޔެލޯ މައުތްޑް މޮރޭ އީލް” ފާހަގަކޮށްލެވެއެވެ/ މީގެ އިތުރަށް އެކި ބާވަތްތަކުގެ ކަޅު ވެނާއި، ދަންބޮޑު މަހުގެ އައިންތައް ފާހަގަކޮށްލެވެއެވެ. ދަނޑިފަޅު ކަނޑުއޮޅި ސަރަހައްދަކީ ތިމާވެށިގެ ގޮތުން މުއްސަނދި މަދުން ނޫނީ ނުފެންނަ ބާވްތަކުގެ މަސްމަހާމެއްސާއި، މުރަކައިގެ ބާވަތްތައް ގިނަ ކަނޑުއޮޅިއެކެވެ. މިސަރަހައްދު ރައްކާތެރިކޯށް ދަމަހައްޓާ ގިންތިއަކީ ސްޕީޝީސް/ހެބިޓެޓް މެނޭޖްމަންޓް އޭރިއާއެވެ.

  • ދަށުގިރި ފިނޮޅު

މި ފިނޮޅަކީ މާފިލާފުށީގެ އުތުރުގައި ވޭވަށުގެ އިރުމައްޗަށްވާހެން، އުފެދިފައިވާ ބޮޑު ވެލިގަނޑެކެވެ. ވެލިގަނޑު މޫސުމާއެކު ބަދަލުވަމުންދިޔަކަމުގައިވިޔަސް، ހުރިހާ މޫސުމެއްގައިވެސް އެންމެ ގިނައިން ދޫނި ފެންނ ައެއް ފިނޮޅުގެ ގޮތުގައި ފާހަގަކުރެވިފައިވެއެވެ. މިސަރަހައްދު ރައްކާތެރިކޯށް ދަމަހައްޓާ ގިންތިއަކީ ސްޓްރިކްޓް ނޭޗަރ ރިޒާވްއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: