ވަކި ގައުމަކާއެކު މަސައްކަތްނުކުރުމަށް ނުވަތަ ވިޔަފާރީގެ މުއާމަލާތް ނުހިންގުމަށް ނޫޅުއްވާކަމަށް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޒަހާ ވަނީ މިއަދުގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރުކުރައްވާފައެވެ. މަޖިލީހަށް ހާޒިރުކުރައްވައި، ޗައިނާއާއެކު ގާއިމްކޮށްފައިވާ ފްރީ ޓްރޭޑް އެންގްރީމަންޓާއި މަސްވެރިންނަށް ދިމާވާ މައްސަލަތަކާއި ގުޅިގެން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވަނީ ސުވާލުކުރައްވާފައެވެ.
މަސްވެރިންނަށް ނަފާ ހޯދައިނުދޭ ކަމަށްބުނެ އަދި ޗައިނާއާއެކު ވެފައިވާ ފްރީ ޓްރޭޑް އެގްރީމަންޓާއި ގުޅިގެން ޖާބިރު ވަނީ މިދިޔަ ހަފްތާގައި ފިނޭންސް މިނިސްޓަރ އުބްރާހިމް އަމީރުވެސް ވަނީ މަޖިލީހަށް ހާޒިރުކުރައްވައި ސުވާލުކުރައްވާފައެވެ. އަދި މިއަދު މިނިސްޓަރ ޒަހާއާއި ވެސް ކުރައްވާފައި ވަނީ ހަމަމިސުވާލެވެ. އަދި ޗައިނާއަކީ ރާއްޖެއިން ބާނާ މަހުގެ 300 ގުނަ ކޮންސިޔުމް ކުރާ ބައެއް ކަމަށާއި ޗައިނާގެ މާކެޓަށް ވަނުމަށް މިނިސްޓްރީން ކުރައްވަނީ ކީއްތޯ ވަނީ ސުވާލު ކުރައްވާފައެވެ.
މަސްވެރިންނަށް ލިބޭ އާމްދަނީ ދަށްވެ، ބިކަވެފައިވާއިރު، ޔޫރަޕަށް އެކަނި މަސްވިއްކާ ވިއްކުން ބަދަލުކޮށް ޗައިނާގެ މާކެޓަށް ޑިޔުޓީ ފްރީކޮށް އެކްސްޕޯޓް ކުރުމަށް ކުރެވުނީ ކޮން މަސައްކަތެއްތޯ؟ މިހާތަނަށް މިކަމުގައި އެއްވެސް ފިޔަވޅެއް އެޅިފައި ނެތީ ކީއްވެތޯ؟ ވައުދުތަކާއި އެއްގޮތަށް ބޮޑެތި މާކެޓްތައް ޓެޕް ނުކުރެވިގެން މިއުޅެނީ، ވަޒީރު ދެކިލައްވަނީ އެއީ ވަޒީރުގެ މޮޅުކަންތޯ؟ އަޅުގަނޑު ދެކެނީ އެއީ ވަޒީރު ފެއިލްވީކަމަށް!
މެމްބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަށް ޖާވަބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ވަކި ގައުމަކާއެކު މަސައްކަތް ނުކުރުމަށް ނޫޅޭ ކަމަށެވެ. އަދި ޗައިނާ ވިޔަސް ނުވަތަ ރަޝިޔާ ކަމުގައިވިޔަސް ވިޔަފާރިކުރުމަށް ފުރުސަތު އޮތްނަމަ، އެފުރުސަތުގެ ބޭނުން ހިފާނެކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް، ޗައިނާއާއެކު މަސައްކަތް ފެށުމަށް ޚާއްސަ ސެޓިފިކޭޝަން ޕްރޮސެސްތަކެއް ނިންމަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، ފްރީ ޓްރޭޑް އެގްރީމަންޓްގެ މަސައްކަތްތަަކަކީ އިކޮނޮމިކް މިނިސްޓްރީއާއި ފިނޭންސް މިނސިްޓްރީއާ ގުޅިގެން ކުރިއަށްގެންދާ މަސައްކަތްތަކެއް ކަމަށެވެ. އަދި އެއްވެސް އިރެއްގައި އެމަސައްކަތް ފިޝަރީޒް މިނިސްޓްރީއާ ހަވާލުކޮށްފައިނުވާ ކަމަށެވެ. އަދި މިނިސްޓަރ އަމީރުވެސް ފާހަގަކުރެއްވި ފަދައިން އެއެގްރީމަންޓަކީ މިވަގުތަށް އޮަޕަރޭޝަނަލް އެގްރީމެންޓެއް ނޫންކަމަށް ޒަހާ ވިދާޅުވިއެވެ. އަދި މިނިސްޓްރީގެ ފަރާތުން މަސްވެރިންނަށް ލިބިދޭންޖެހޭ އެއްވެސް މަންފާއެއް ހިފަހައްޓާފައިނުވާކަމަށް ވިދާޅުވިއެވެ.
މިހާލަތުގައި އެކި މަސްވެރިކަން ކުރާ މީހުންނަށް އެކި މިންވަރަށް ގެއްލުންވޭ. ބޮޑު ކަންނެލި، ފާނަ އަދި ހުއިފިލަނޑާގެ މަސްވެރިކަމަށް ހީނަރުކަން އައިސްފައިވޭ. ރިޒޯޓްތައް ބަންދުކުރުމާއި ގުޅިގެން ފަރުމަސްވެރިކަމަށްވެސް ހީނަރުކަން އައިސްފައިވޭ. ބޮޑު ކަންނެލީގެ އެންމެ ބޮޑު މާކެޓެއް އޮންނަނީ ޔޫރަޕްގައި. އެކަމަކު ޔޫރަޕްގެ އިގްތިސާދަށް ހީނަރުކަން އައިސް ފްލައިޓްތައް އޮޕަރޭޓް ކުރުން މަދުވުމާއި، އެއާޕޯޓްތަކާއި ފްލައިޓްތަކުން ނަގާ ފީތައް މައްޗަށް ދިޔުމާއި ގުޅިގެން މަސްވެރިކަމަށް ހީނަރުކަން އައިސްފައިވޭ
ބޮޑު ކަންނެލީގެ މަސްވެރިކަން ހުއްޓުމަކަށް ނައިސް ކުރިއަށް ގެންދިޔުމަށް ލޯ އިންޓްރެސްޓް ލޯން ފެސްލިޓީއެއް ފޯރުކޯށްދީފައިވާކަމަށް ޒަހާ ވިދާޅުވިއެވެ. އަދި އެހެނިހެން މަސްވެރިކަމުގައި އުޅޭ މީހުންނަށް އިންކަމް ސަޕޯޓް ސްކީމްގެ ދަށުން އެހީ ފޯރުކޮށްދެމުންދާކަމަށް ވިދާޅުވިއެވެ. ދޮށީގެ މަސްވެރިކަމުގައި، މަސްގަތުމުގެ ވިޔަފާރި އާާންމުކޮށް ހުޅުވާލާފައިވާާކަންވެސް ޒަހާ ފާހަގަކުރެއްވިއެވެ.
ބޮޑު ކަންނެލީގެ މަސްވެރިކަން ކުރިއެރުވުމަށް ކުރަމުންދާ އެންމެ ބޮޑު އެއް މަސައްކަތަކީ ޔޫރަޕަށް ފޮނުވާއިރު ނަގާ 24 އިންސައްތަ ޑިޔުޓީއަށް ލުޔެއް ހޯދުމަށް ކުރަމުންދާ މަސައްކަތްކަމަށް ވިދާޅުވިއެވެ. މިކަމުގައި މަޝްވަރާތަކެއް ކުރެވި މިނިސްޓްރީއިން ހުށައަޅަންޖެހޭ ކަރުދާސްތައް ފޮނުވާފައިވާ ކަމަށާއި މިކަމަށް ލުޔެއް ލިބިެގންދާނީ ޔޫރިޕައަން ޔޫނިއަނުން ކުރަންޖެހޭ މަސައްކަތްތައް ކޮށް ނިމުމުންކަމަށް ވިދާޅުވިއެވެ.