ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުސޫލުން ބޭރުން އެލަވަންސް ނުނެގުމަށް އައިއޭސްގެ ވެރިންނަށް އެންގުމަށް ނިންމައިފި!

ޝެއާރކޮށްލާ ކަހަލަދޯ؟

އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް)ގެ އިސްވެރިން އުސޫލުން ބޭރުން އެލަވަންސް ނުނަގަން އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ފާސްކޮށްފިއެވެ.

މަޖިލީހުގެ ކޮމޮޓީން އެގޮތަށް ފާސްކޮށްފައިވަނީ އައިއޭއެސް އިން އޮޕަރޭޓްކުރާ ފްލައިޓްތައް މަދުވެ ކުންފުންޏަށް ގެއްލުންވަމުންދާ ދަނޑިވަޅެއްގައި ފިނޭންސް މިނިސްޓްރީން އެކުލަވާލާފައިވާ އުސޫލްތަކާއި ފާސްކޮށްފައިވާ މުސާރަ އާއި އިނާޔަތްތަކުގެ ބޭރުން އައިއޭއެސްގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރި މައްސަލަ ބެލުމަށްހުގައެވެ.

ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީން ބެލި މައްސަލަތަކުގެ ތެރޭގައި އެކުންފުނީގެ ވެރިންގެ މުސާރަ ބޮޑުކުރުމާއި ފިނޭންސް މިނިސްޓްރީން އެކުލަވާލާފައިވާ އުސޫލްތަކާއި ފާސްކޮށްފައިވާ މުސާރަ އާއި އިނާޔަތްތަކުގެ ބޭރުން އިތުރު އެލަވަންސެއް އެކުންފުނީގެ ހަމަޖައްސާފައިވާ މައްސަލަ ހިމެނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީން އެމައްސަލަ ބަލަމުންދަނިކޮށް ރައީސް އޮފީހުންވެސް ވަނީ އައިއޭއެސްގެ ޚާއްސަ ރިވިއުއެއް ހެދުމަށް އޮޑިޓް އޮފީހުގައި އެދިފައެވެ. އަދި އަދި އޮޑިޓް އޮފީހުން ހެދި ޚާއްސަ ރިވިއުވެސް ކޮމިޓީން ބަލާފައިވެއެވެ.

ރިޕޯޓުގައިވާ ގޮތުން ފިނޭންސް މިނިސްޓްރީން ޖޫން، 2019 ގައި މުސާރައާ ގުޅޭ ގޮތުން އައިއޭއެސް އަށް ފޮނުވި ސިޓީގައި ކަނޑައަޅާފައިވާ މުސާރަ އާއި އިނާޔަތްތަކުގެ ބޭރުން އިތުރު އެލަވަންސްތަކެއް އެކުންފުނީ ވެރިންނަށް ލިބެއެވެ.

ރިޕޯޓުގައި ބުނެފައިވަނީ ޕްރޮމޯޝަން ދީފައިވާ ބައެއް މުވައްޒަފުންގެ މުސާރަ 10،000ރ. އިން 25،000ރ. ދެމެދުގެ މިންވަރަކަށް ބޮޑުކޮށްފައިވާ ކަމަށާއި އެއީ މާކެޓުގައި މުސާރަ ބޮޑުކުރާ ނިސްބަތަށް ވުރެން ވަރަށް ބޮޑު އަދަދެއް ކަމަށެވެ.

އައިއޭއެސްގެ ބައެއް ޑިޕާޓްމެންޓްތަކުގެ ވެރިންގެ މުސާރަ ބޮޑުކުރީ ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދުމަކާ ނުލާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި މުސާރަ ބޮޑުކުރި ފަހުން ކުންފުންޏާއި ފިނޭންސް އިން މަޝްވަރާކޮށް، ބައެއް މުސާރަތަކަށް ބަދަލު ގެނައުމުގެ ހުއްދަ ދީ، ބޮޑުކުރި މުސާރަ ހޯދަން ކުންފުންޏަށް އެންގި ކަމަށް ވެސް ރިޕޯޓުގައިވެ އެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި މެނޭޖިން ޑިރެކްޓަރު ރިޒްވީ އާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އާއިޝަތު ޖެނިފާގެ މުސާރަ އަށް ބަދަލު ގެނައީ އުސޫލާ އެއްގޮތަށެވެ. އެގޮތުން މެނޭޖިން ޑިރެކްޓަރަކަށް ކަނޑައަޅާފައި ވަނީ އަސާސީ މުސާރަ އަށް 53،000ރ. އާއި ފައިނޭންޝަލް ޕާފޯމަސް އެލަވަންސާއި މެނޭޖްމަންޓް ޕަފޯމަންސް އެލަވަންސްގެ އިތުރުން ބޯޑު އެލަވަންސާ އެކު ޖުމްލަ 81،950ރ. އެވެ.

ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޖެނިފާގެ އަސާސީ މުސާރަ އަށް 42،880ރ. ހަމަޖައްސައި ފައިނޭންޝަލް ޕަފޯމަސް އެލަވަންސާއި މެނޭޖްމަންޓް ޕަފޯމަންސް އެލަވަންސްގެ އިތުރުން ބޯޑު އެލަވަންސާ އެކު ޖުމްލަ 67،630ރ. ލިބިވަޑައިގަންނަވާ ގޮތަށް ބަދަލު ކުރެވުނެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން މުވައްޒަފުންނަށް މަގާމުގެ ކުރިއެރުމާއި މުސާރައިގެ ކުރިއެރުން ދޭން އެޕްރޫވްކޮށްފައިވާ އުސޫލެއް ނެތެވެ. ޕްރޮމޯޝަން ދިން ބައެއް މުވައްޒަފުންގެ ޕާފޯމަންސް ވަޒަންކޮށްފައިވާ ކަން އެނގެން ނެތް ކަމަށް ރިޕޯޓުގައިވެއެވެ. އަދި ގިނަ ޕްރޮމޯޝަންތަކަކީ މަގާމެއް ހުސްވުމުން އެ މަގާމަށް މުވައްޒަފަކު ޕްރޮމޯޓްކުރުމުގެ ބަދަލުގައި އެއްފަހަރާ ގިނަ މުވައްޒަފުންތަކެއް ޕްރޮމޯޓްކުރުމުގެ ގޮތުން ދީފައިވާ ޕްރޮމޯޝަންތަކެއް ކަން ފާހަގަކޮށްފައިވެއެވެ.

މުސާރަ ބޮޑުކުރި މައްސަލައިގައި، ކުންފުނީގެ އިސްވެރިން ވެސް ކޮމިޓީއަށް ހާޒިރުކުރި އެވެ. އެއް ބައްދަލުވުމުގައި، މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވެފައި ވަނީ، މުސާރަ ބޮޑުކުރީ ވާދަވެރި ކުންފުނިތަކުގެ ހުށަހެޅުންތަކާ ހެދި، މުވައްޒަފުން ވަކިވާތީ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: