ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޭސީސީގެ ރައްދު: ދައުވާކޮށްދޭން އެދި ފޮނުވީ އަމީން އަމިއްލަ މަންފާއަށް މަސައްކަތް ކުރިކަން ސާބިތު ވާތީ!

ކުރީގެ ހެލްތް މިނިސްޓަރު އަބްދުﷲ އަމީން/ ފޮޓޯ: ހެލްތް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ހެލްތް މިނިސްޓްރީއިން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލު ކުރި މައްސަލަގައި ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާނީ، ތުހުމަތުކުރެވޭ ފަރާތްތަކުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ހިލާފުވެ ވަކި ފަރާތަކަށް ނާޖާއިޒު މަންފާއެއް ހޯދާފައިވާކަން އެކަށީގެންވާ މިންވަރަށް ހެއްކާއި ޤަރީނާ ހުރިކަމަށް ތަހުގީގަށް ސާބިތުވާތީކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ހާމަކޮށްފިއެވެ.

އޭސީސީއިން މިހެން ބުނެފައިވަނީ ދާދި ދެންމެއަކު ނެރުނު ބަޔާނެއްގަ އެވެ.

އޮޑިޓާރ ޖެނެރަލްގެ އޮފީހުން އެކުލަވާލި ކޮމްޕަޔަންސް އޮޑިޓު ރިޕޯޓުގައި އަމީނާއި، މިނިސްޓްރީގެ ބިޑު ކޮމިޓީއިން އަމިއްލަ މަންފާއަށް މަސައްކަތް ކުރި ކަމުގެ ތުހުމަތުތަކެއް ކުރެވެއެވެ. މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަނުން އެކުލަވާލި ރިޕޯޓުގައި ވެސް ތުހުމަތުތައް ކުރީ އަމީންގެ މައްޗަށެވެ. އަދި މައްސަލައިގެ ރިޕޯޓު ނިންމާ ޕްރޮސެކިއުޓާރ ޖެނަރަލްގެ އޮފީހަށް ފޮނުވިއެވެ.

ވެންޓިލޭޓަރުތައް ހޯދުމުގައި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލު ކޮށްފައިވާ ބުނެ ހެލްތު މިނިސްޓްރީގެ އެކި މީހުންގެ މައްޗަށް ދައުވާކޮށްދޭން އެދި އޭސީސީއިން ފޮނުވިއެވެ. ކޮމިޝަނުން އެދުނީ އަމީނާއި އެކު އިތުރު 11 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް ކަމަށްވާއިރު، އޭގެ ތެރޭގައި މިނިސްޓްރީގެ ބައެއް އިދާރީ މުވައްޒަފުންތައް ވެސް ހިމެނެއެވެ. އެހެން ނަމަވެސް ޕީޖީއިން ވަނީ އެ މައްސަލައިގައި އެއްވެސް މީހެއްގެ މައްޗަށް ދައުވާ ކުރެވެން ނެތް ކަމަށް ނިންމާ، މައްސަލައިގެ ރިޕޯޓު އަނބުރާ އޭސީސީއަށް ފޮނުވާފައެވެ.

ފާޑުކިއުންތަކާއި ގުޅިގެން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީން ވިދާޅުވީ އެ މައްސަލަ ކޯޓަށް ސާބިތު ކުރެވޭ ވަރުގެ ކަމެއް އޭސީސީގެ ރިޕޯޓުގައި ނެތް ކަމަށެވެ. ޕީޖީ އޮފީހުން ބަލަނީ ޖިނާއީ ދައުވާއެއް ކޮށްގެން ސާބިތު ކުރެވިދާނެތޯ ނުވަތަ ނޫންތޯ ކަމަށާއި އޭސީސީގެ ރިޕޯޓުގައި އެކަން ސާބިތު ކުރެވޭ ވަރުގެ ވާހަކައެއް ނެތް ކަމަށް ޝަމީމް ވިދާޅުވިއެވެ.

އޭސީސީ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދާނެ ކަމަށް ބުނެ މެމްބަރުންގެ ނުރުހުން އަމާޒުވަމުން ދަނިކޮށް، ކޮމިޝަނުން މިރޭ އާއްމު ކުރި ބަޔާނުގައި ބުނެފައި ވަނީ  މައްސަލާގައި ދައުވާކޮށްދިނުމަށް އެދި ޕީޖީއަށް ފޮނުވާފައި ވާނީ، މި މައްސަލާގައި ތުހުމަތުކުރެވޭ ފަރާތްތަކުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ހިލާފުވެ ވަކި ފަރާތަކަށް ނާޖާއިޒު މަންފާއެއް ހޯދައިދީފައިވާކަން އެކަށީގެންވާ މިންވަރަށް ހެއްކާއި ގަރީނާ ހުރިކަމަށް ތަހުގީގަށް ސާބިތުވާތީ ކަމަށެވެ. އަދި ޕީޖީއިން މައްސަލަ އަނބުރާ ފޮނުވާ އެ އިދާރާއިން ފާހަގަކޮށްފައިވާ ކަންކަން މުރާޖައާ ކުރަމުން ގެންދާ ކަމަށް އޭސީސީއިން ވަނީ ބުނެފައެވެ.

“75 ވެންޓިލޭޓަރ ސަޕްލައިކުރުމާގުޅޭ އެއްބަސްވުމުގެ ޑްރާފްޓް 20 އެޕްރީލް 2020 ގައި މިނިސްޓްރީ އޮފް ހެލްތުން އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން، ހަމަ އެދުވަހު އެ އޮފީހުން ލަފާދީފައެވެ. އެ އޮފީހުން ދީފައިވާ ލަފާގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާގޮތަށް އެޑްވާންސް ޕޭމަންޓް ގެރެންޓީއާއި ޕަރފޯމެންސް ގެރެންޓީ ނުނަގައި އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންކަން ކުރިއަށްގެންދެވޭނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.03 ވަނަ މާއްދާގެ ދަށުން މިނިސްޓަރ އޮފް ފިނޭންސް އަންގާ ގޮތެއްގެ މަތިން ކަމަށް ބަޔާންކޮށްފައިވެއެވެ. ނަމަވެސް، 16 އޭޕްރިލް 2020 ގައި މިނިސްޓްރީ އޮފް ހެލްތުން ބެކް ޑޭޓްކޮށް އެއްބަސްވުމުގައި ސޮއިކުރިއިރު އަދި އޭގެ ފަހުންވެސް އެކަމާ ގުޅޭގޮތުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.03 ގެ ދަށުން މިނިސްޓަރ އޮފް ފިނޭންސްގެ ހުއްދައެއް ހޯދާފައިނުވާކަން ތަޙުޤީޤަށް ހޯދާފައިވާ ހޯދުންތަކުން އެނގެއެވެ. އެހެންކަމުން، މިނިސްޓްރީ އޮފް ހެލްތަށް ވެންޓިލޭޓަރތައް ހޯދުމާ ގުޅޭގޮތުން މިނިސްޓަރ އޮފް ފިނޭންސް ދީފައިވާ ހުއްދަތަކަކީ ވަކިވަކި ކަންކަމާ ގުޅިގެން ދީފައިވާ ހުއްދަތަކެކެވެ.” އޭސީސީ

ހެލްތް މިނިސްޓްރީއަށް ކުރެވޭ ތުހުމަތުތަކާއި ގުޅޭ ތަފްސީލީ ބަޔާނެއް އާއްމުކޮށް އޭސީސީއިން އިތުރަށް ބުނެފައި ވަނީ ވެންޓިލޭޓަރުތައް ހޯދި ދުވަސްވަރު ޢަމަލުކުރަމުން ދިޔަ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.03 ގައި ދައުލަތުގެ އޮފީހަކުން، ދައުލަތުގެ އޮފީސްތަކަށާއި، މުޢައްސަސާތަކަށް ތަކެތި ގަތުމާއި، ހިދުމަތް ހޯދުމާއި، މަސައްކަތްތައް ކުރުވުމުގައި، އެ ގަވާއިދަށް ޢަމަލުކުރުން ލާޒިމު ނުވާ ހާލަތްތައް ބަޔާންކޮށްފައިވާ ކަމަށެވެ.

އެގޮތުން 10.03 ގެ (ހ) ގައި ޤައުމީ ސަލާމަތާ ގުޅުންހުރި ކަންކަމާއި ދައުލަތުގެ މުހިއްމު މަސްލަޙަތެއް ހިފެހެއްޓުމާއި، ދައުލަތަށް ނުވަތަ ރައްޔިތުންނަށް ދުރުރާސްތާގައި ލިބިދާނެ ގެއްލުމެއް ކުޑަކުރުމަށް އެ ފަހަރަކު ބޭނުންވާ މިންވަރަށް ފިނޭންސް މިނިސްޓްރީން އަންގާ ގޮތެއްގެ މަތީން، ދައުލަތުގެ ފައިސާ ހަރަދު ކުރެވިދާނެކަމަށް ބަޔާންކޮށްފައިވާކަން އޭސީސީއިން ފާހަގަ ކުރިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: