ފުލުހުންގެ ހުއްދަ ހޯދައިގެން ނޫން ގޮތަކަށް މާލޭގައި އެއްވެނޫޅެވޭ ގޮތަށް “އެއްވެ އުޅުމުގެ ގާނޫނު” އަށް ގެނެސްފައިވާ އިސްލާހު އުވާލުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން ފާސްކޮށްފިއެވެ.
ބުދަ އޮތް ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގައި ފުލުހުންގެ ހުއްދަ އާއި ނުލައި އެއްވެ އުޅެވޭނެ ކަމަށްވަނީ ކަނޑައަޅާފައެވެ.
ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ގޮތަށް އެއްވެ އުޅުމުގެ ހައްގު ދޫކޮށްލުމަށް، މާލޭގައި އެއްވެ އުޅެވޭނީ ފުލުހުންގެ ހުއްދައާ އެކުގައި ކަމަށް ބަޔާންކުރާ މާއްދާ އުވާލުމަށް ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހްމަދު އީސާ ހުށަހެޅުއްވި ހުށަހެޅުން ފާސްވީ ކޮމިޓީގެ އިއްތިފާގުންނެވެ.
ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ޙައްޤު ޤާނޫނު އަސާސީގައި އޮތް މިންވަރަށް ދޫކޮށްލަން ނިންމުމަކީ މި ސަރުކާރުގެ ވައުދެކެވެ. އެގޮތުން ކުރީ ސަރުކާރުން އެކުލަވާލީ އަބުރުގެ ޤާނޫނުވެސް މިސަރުކާރުން ވަނި އުވާލާފައެވެ.
އެއްވެ އުޅުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. އަދި މި ވެރިކަމުގައި މިނިސްޓަރު އިމްރާން ވިދާޅުވެފައި ވަނީ އިސްލާހު އެއްކޮށް އުވާލަން ތާއީދުނުކުރައްވާ ކަމަށެވެ. އެކަމާއި ގުޅިގެން މިނސްޓަރަށް ބޮޑެތި ފާޑުކިޔުންތަކެއްވެސް އަމާޒްވިއެވެ.
ޤާނޫނު އޮތް ގޮތުން ގިނަ ސިޔާސީ ހަރަކާތްތައް ބާއްވަން ޖެހެނީ ކާނިވާ ސަރަހައްދުގައެވެ. ނަމަވެސް ޕޮލިސް ކޮމިޝަނަރު ހަމީދު ވިދާޅުވެފައިވަނީ ކާނިވާ ސަރަހައްދުގައި އެކަނި ކަަމަށް އޮތަސް އެއަށް ވުރެން ފުޅާކޮށް މިހާރު ވެސް އަންނަނީ ފުރުސަތު ދެމުންނެވެ.
މި ފަހަކަށް އައިސް އިދިކޮޅު ކޯލިޝަނުން އަންނަނީ މާލޭގައި އެއްވުންތައް ބާއްވަމުންނެވެ. ކޮވިޑް-19 ފެތުރޭތީ އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ގިނަ މީހުން އެއްވެ އުޅުން މަނާކޮށްފައި ވަނިކޮށް ބާއްވާ އެއްވުންތަކުގެ ބައިވެރިންނާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން ދީފައިވަނިކޮށް ސައިކަލުބުރާ އެއްވުންތައް ބާއްވާފައިވެއެވެ.
ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ރައްޔިތުން ނުރައްކަލުގެ ތެރެއަށް ހުށަހެޅޭ ގޮތަށް އެޗްޕީއޭގެ ގައިޑްލައިންތަކާ ހިލާފަށް އެއްވުމާ ގުޅިގެން 41 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ޖޫރިމަނާވެސް ކޮށްފައިވެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނެރެފައިވާ ރައްކާތެރިކަމުގެ މިންގަނޑުތަކާ ޚިލާފަށް މުޒާހަރާކުރި މައްސަލައިގައި އިދިކޮޅު ޕީޕީއެމާއި ޕީއެންސީ ކޮންމެ ޕާޓީއެއް 75،000ރ. އިން ޖޫރިމަނާކުރިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ޖޫރިމަނާކުރީ ސިޔާސީ ޕާޓީތަކުގެ ގާނޫނާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާއި އާއްމު ސިއްހަތު ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން އެޗްޕީއޭ އިން ކަނޑައަޅާފައިވާ ގައިޑްލައިންތަކާ ތަކުރާރުކޮށް ޚިލާފުވުމުން ކަމަށެވެ.