ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިސްޓަރު އިމްރާނަށް ފިޔަވަޅު އަޅައިދިނުމަށް އެދި މަޖިލީހަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލެ ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލަ އާ ގުޅިގެން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ޒިންމާދާރުކަން ކުޑަ ގޮތެއްގައި ވާހަކަދައްކަވާފައިވާ މައްސަލަ ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ސިޓީ އެއް ފޮނުވައިފިއެވެ.

މި ސިޓީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވާފައިވަނީ އެ ހާދިސާގައި އަނިޔާ ލިބުނު އަންހެން މީހާގެ ގާނޫނީ ވަކީލުން ކަމަށްވާ ރިޒާ އެންޑް ކޯ އިންނެވެ.

މަޖިލީހަށް ފޮނުވި ސިޓީގައި ބުނެފައިވަނީ މި މައްސަލައިގެ ތަޙުޤީޤަށް އެ އަންހެން މީހާ މިހާތަނަށް ދީފައިވާ ބަޔާންތަކުގައިވެސް، އެފަރާތް މަރާލާނެ ކަމަށް ބިރުދައްކައި، އެފަރާތުގެ ޖިންސީ ގުނަވަނުގައި ދަމައި ހިފައިގަނެ، އެފަރާތަށް ޖިންސީ އަނިޔާކުރި ފަރާތުގެ ޖިންސީ ގުނަވަނުގައި ހިފުމަށް އަންގައި، ސަފާރީގައި ހުރި ކޮޓަރިއަކަށް ގަދަކަމުން ގެންދިއުމަށް މަސައްކަތްކޮށްފައިވާކަން ހާމަވާން އެބައޮތް ކަމަށެވެ.

ނަމަވެސް މި ޙާދިސާއަކީ، “އާންމު ޕަބްލިކް ތަނެއްގައިވެސް ހުރެފައިވެސް ބަޔެއްގެ ތެރޭގައި ހުރެފައިވެސް މީހަކަށް ކޮށްލެވިދާނެ ވަރުގެ ކަމެއް” ކަމާއި، “އަދި ކުރީމަ ކަމެއް ކުރިކަންވެސް ނެނގޭ ވަރުގެ ކަމެއް ހިނގާފައި އޮތީ” ކަމަށް މި މައްސަލަ ތަޙުޤީޤުކުރާ އިދާރާއާ ޙަވާލުވެ ހުންނެވި ވަޒީރު ވިދާޅުވުމުން، އިމްރާން މިހެން ވިދާޅުވެފައި ވަނީ، މި މައްސަލައިގެ ތަޙުޤީޤަށް ޖިންސީ އަނިޔާ ލިބުނު ފަރާތުން ދިން މަޢުލޫމާތެއްގެ މައްޗަށް ބިނާކޮށް ނޫން ކަމަށް އެ ސިޓީގައި ބުނެފައިވެއެވެ.

“މި މައްސަލައިގެ ތަޙުޤީޤު ފުރިހަމަވެފައިނުވާ ދަނޑިވަޅެއްގައި، ޖިންސީ އަނިޔާގެ މިފަދަ ބޮޑު ޢަމަލެއް ހިމެނޭ މައްސަލައެއް އެއީ ކުޑަކަމެއްގެ ގޮތުގައި ވިދާޅުވެ، ޢާންމުންނަށް ޙަޤީޤަތް އޮޅޭގޮތަށް، އަދި މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތައް ކުށުގެ ޒިންމާއިން ބަރީޢަވާގޮތަށް، އިމްރާން ވާހަކަދައްކަވާފައިވާތީ، އިމްރާންގެ ޤާބިލުކަމާމެދު ސުވާލުއުފައްދާ މަގާމުގެ މަސްޢޫލިއްޔަތު އަދާކުރެވޭނެކަމުގެ އިތުބާރެއް ނެތްކަން އަޅުގަނޑުމެން ފާހަގަކުރަމެވެ” އެ ސިޓީގައި ބުނެފައިވެއެވެ.

އަދި މި މައްސަލައިގެ ތަޙުޤީޤުކުރިއަށްދާ ގޮތުގެ ގިނަ ކަންބޮޑުވުންތަކެއްގެ މައްސަލަ ކަމާބެހޭ އިދާރާތަކަށް ހުށަހަޅާފައިވަނިކޮށް، މި މައްސަލަ ތަޙުޤީޤުކުރާ އިދާރާއާ ޙަވާލުވެހުންނެވި ވަޒީރު މިފަދައިން ވާހަކަދައްކަވާފައިވާތީ، އިންޞާފުވެރިކަމާއި ޢަދުލުވެރިކަމާއެކު މި މައްސަލަ ތަޙުޤީޤުކުރެވޭނޭކަމުގެ އެއްވެސް ޔަޤީންކަމެއް މިހާރު ނެތްކަން ކަމަށްވެސް ބުނެފައިވެއެވެ.

ގާނޫނުއަސާސީގެ 132 ވަނަ މާއްދާގެ (ކ) ގެ ދަށުން ވަޒީރުންނަކީ، ޤާނޫނުގެ ވެރިކަން ޙިމާޔަތްކޮށް ކުރިއަރުވަންޖެހޭ ބައެއް ކަމަށްވާއިރު، މި މައްސަލައިގެ ޖިނާއީ ޢަދުލުގެ ފުރަތަމަ މަރުޙަލާ ކުރިއަށްދަމުންދަނިކޮށް، މައްސަލައިގެ އިންޞާފަށް ހުރަސްއަޅާ ގޮތަށް އިމްރާން ޢާންމުކޮށް ވާހަކަދައްކަވާފައިވާ ކަމަށް ގާނޫނީ ވަކީލުން ފާހަގަކުރެއެވެ.

އެހެންކަމުން އިމްރާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ބައްލަވައިދެއްވައި، ޤާނޫނުއަސާސީން ރައްޔިތުންގެ މަޖިލީހަށް ލިބިދޭ ބާރުތަކުގެ ދަށުން މި މައްސަލައާގުޅިގެން އިމްރާންއާ މެދު އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅުއްވައި ދެއްވުމަށް މަޖިލީހުގެ ރައީސްގެ ކިބައިން ވަނީ އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: