ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޚިޔާނަތް ނައްތާލުމަށް ކޮންމެ މީހެއްގެ ގައިގައިވެސް އަތްލާން ކެރެން ޖެހޭނެ!

ކޮވިޑް ޓާސްކް ފޯހުގެ ބައްދަަލުވުމެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެއަކީ ސިޔާސީ ގޮތުން އާދަޔާ ޚިލާފު ތަފާތު ޤައުމެކެވެ. ވެރިކަމަށް އަންނަން ކޮންމެފަދަ ވާހަކައެއްވެސް ދައްކަފާނެއެވެ. ކުލަނުވާ ހުވަފެންތަކާއެކުއެވެ. ކަޅާހުދުހުގެ މަންޒަރުތަކުންނެވެ. ރިޔާސީ ވައުދުތަކުގެ ފަތިވަރު އަމުނާލާއިރު، ވައްކަމާއި، ކޮރަޕްޝަނާ، ޚިޔާނާތުގެ ވާހަކަތައް އެންމެ ކުރިއަށް ނެރޭނެއެވެ. ރައްޔިތުން ގުނބޯ ހައްދާ، ބިލާހެއްފަދަ ވާހަކަތަކަށް ހައްލުވައިގެން، ވެރިކަމަށް އާދެވުމުން އެހުރިހާ ވައުދާ އަހުދެއް ބަދަލުވަނީ ރުކަށްއެރި މީހާގެ ނަދުރަށެވެ. ކޮންމެއަކަސް ބަދަލުނުވި ސަގާފަތެކެވެ. ޚިޔާނާތްތެރި ވައުދުތަކެކެވެ.

މިސަރުކާރު ވެރިކަމަށް އައީ ދިވެހި ތާރީޚުގައިވެސް ހިނގާފައިވާ އެންމެބޮޑު ޚިޔާނާތުގެ މައްސަލަ ބަލާ ކޮޅެއްގައި ޖެއްސުމުގެ ވައުދާވެސް އެކުއެވެ. ނަމަވެސް އެކަން ނުބެލިއުޅެނިކޮށް، އިތުރު ޚިޔާނާތްތަކުގެ މައްސަލަ ފެންމަތިވަނީއެވެ. ވީއެއްވެސް ކަމެއް ނެތެވެ. ކީހާ ޅެން ފަރިއްސަށް ބަދަލުވެ ނިމިއްޖެއެވެ. އެމްއެމްޕީއާރުސީ ޖަރީމާތައް ކޮޅެއްގައި ނުޖެހިގެން އުޅެނިކޮށް، ނޭވާ ހޮޅިން ވައްކަންކުރީއެވެ. ދަތްކޮށްޓާ އިލޮށިން، ކާޑުގެ ބާވަތްތަކުން ވައްކަންކުރީއެވެ. އެކަމަކު ޚިޔާނާތްތެރިން ދައުލަތް ދަވާލުމަށްފަހު މިނިވަންކަމާއެކު އެނބުރެނީއެވެ. ނިކަމެތިން ހަނާވަނީއެވެ. ރިހާކުރުފުޅި ނެގި މީހާ ހުރަގޭގައި އޮތްއިރު ދައުލަތުގެ ޚަޒާނާ ފެންފޮދަކާއި ނުލައި ދިރުވާލި މީހުން ގޭގައި ތިބީއެވެ.

ޚިޔާނަތްތެރިންނަށްވުރެ ވަކިން ބޮޑެތި މުޖްރިމުންނެއް ނުތިބޭނެއެވެ. އެހެންވެ އެމީހުންގެ މައްޗަށް ތުހުމަތެއް ކުރެވުމުން ހިފާހައްޔަރުކޮށް އެކަހެރިކޮށް ބައިތިއްބައިގެން ތަހުގީގު ހިންގަން ނުޖެހޭ ސަބަބެއް ނެތެވެ. އެމީހުންގެ އެތެރެފުށް ރައްޔިތުންނަށް ފާޅުވާންޖެހެއެވެ. އިންސާފުގެ ކުރިމައްޗަށް ގެންނަންޖެހެއެވެ. އަދި އަމުދުން ދައުލަތަށް ޚިޔާނަތްތެރި ވެފައިވާ މީހުންނާމެދު، ގާނޫނީފިޔަވަޅު އެޅުމަކީ، ސަރުކާރުން ކޮންމެހެން ވެސް ކުރަންޖެހޭ މަޖުބޫރުކަމެކެވެ. އެފަދަ އެއްވެސް މުޖްރިމަކު މިނިވަންކަން މަތީގައި ދޫކޮށްލާފައި ހުރެގެން ނުވާނެއެވެ. އަދި އެހެން މީހުންނަށްވުރެ ލުއި ގޮތްތަކެއް އޮވެގެން ވެސް ނުވާނެއެވެ.

ރައްޔިތުންގެ ޝަރީއަތް ކަމުގައިވާ ގާނޫނު އަސާސީ އެއްފަރާތްކޮށް، ރައްޔިތުންގެ މިލްކު މުދަލަށް އެގޮތްމިގޮތް ހަދާފައި ގައުމުގެ ސިޔާސަތާ ކުޅެން ރައްޔިތުންގެ ފައިސާއިން ޚަރަދުކުރަން ބައިތިއްބައިގެން ނުވާނެއެވެ. ބޮޑު ކެކުރި ކުޑަ ކެކުރީގެ މި ސަގާފަތަކީ މިހާތަނަށް ޑިމޮކްރަސީގެ ނަމުގައި ކުރެވުނު އެންމެ ނުބައި މުޑުދާރު ކަންތަކެވެ. ވަކި މީހެއްގެ މޫނަކަށް ކަނދުރާއަކަށް ނުބައިލާ ވަރުގަދައަށް ތަހުގީގުކޮށް އެމީހަކު ކޮށްފައިހުރި ކަންތައްތައް ނިއުޅާބެލެންހުރި ހުރިހާގޮތަކަށް ބަލަންޖެހޭނެއެވެ. އެނޫން ގޮތަކަށް އިންސާފު ޤާއިމެއް ނުކުރެވޭނެއެވެ. ލަދެއްނެތި އިންސާފުގެ ވާހަކަ ދައްކަން ބޭނުންވާ ނަމަ، ކަންކަން ހިނގާންވާނީވެސް އިންސާފުގެ މަގުންނެވެ.

މިދިޔަ ކުރު މުއްދަތުގެ ތެރޭގައި، ކޮންޕްލަޔަންސް އޮޑިޓް ރިޕޯޓުތަކުން ސަރުކާރުގެ އެކި މުއައްސަސާ ތަކުގެ ބަޖެޓުން ސީދާކޮށް ފައިސާގައި ޖެހިފައި އެބަހުރިކަން ހާމަވެއެވެ. ސާބިތު ހިފޭވަރަށް ރިޝްވަތުގެ މައްސަލަތައް ފެންމަތީގައި އެބަހުއްޓެވެ. މިފަދަ ހެކިތައް ފެންނަންހުރެ މިކަންތައް ނުބެލިގެން މިއުޅެންޖެހޭ ސަބަބެއް ނޭނގެއެވެ. މިކަންކަން ނުބެލެނީ ކޮންބައެއްގެ ނުފޫޒުންތޯއެވެ؟ ކާކުގެ ބާރަކުންތޯއެވެ؟ މިހާރުގެ ސަރުކާރު ތެރޭގައި އެފަދަ ނުފޫޒެއް އުޅޭނަމަ ވަގުތުން އެނުފޫޒެއް ބޭރުކުރެވެން ޖެހޭނެއެވެ. ނައްތާލަން ޖެހޭނެއެވެ. ވަގުތުން ހަމައަކަށް އަޅުވަން ޖެހޭނެއެވެ. ކޮންމެ މުއައްސަސާ އެއްގައި ހުންނަންވާނީ އެއްވެރިއެކެވެ. އަމުރު އަންނަންވާނީ އެއްދިމާލުންނެވެ. ސަރުކާރުގެ އޮފީހެއްވިއްޔާ އެއޮފީސް ހިންގާނީ އެއޮފީހެއްގައި ހުންނަވާ އެންމެއިސް ސިޔާސީމީހާއެވެ. ޒިންމާވާންޖެހޭނީ އެ މީހެކެވެ. އަމުރު މައުރޫފް ހިންގާން  ވަކި މީހަކު ހުރެފައި، ޒިންމާ ނަގަން އާދައިގެ މުވައްޒަފަކު ހުރެގެން ނުވާނެއެވެ.

ހަމައެކަނި ވެރިމީހާ ބަދަލުކޮށް ލުމަކުން ނުފުދޭނެއެވެ. މިސަރުކާރު ޒިންމާދާރު ކުރުވާ، ޚިޔާނަތްތެރިން ސީދާ މަގަށްއެޅުވުމަކީ، ރައްޔިތުންގެ ކަމެކެވެ. ޚިޔާނަތްތެރިން ހިމާޔަތްކުރުމަކީ އެއްވެސް ޑިމޮކްރަސީއެއްގައި އޮންނަކަމެއް ނޫނެވެ. ސަރުކާރުން ދައްކާ ދެކޮޅުނުޖެހޭ ވާހަކަތައް ރައްޔިތުންގެ ތެރެއަށް މަދު ބަޔަކު ނަމަވެސް ނެރެނީ ސަރުކާރުން އެފުރުސަތު ހުޅުވާލާފައި އޮންނާތީއެވެ. ޚިޔާނަތް ތެރިންނަށްވެސް ސިޔާސީ ކަންކަމުގައި އަމަލީގޮތުން ބައިވެރިވުމުގެ ދޮރުހުޅުވާލާފައި އޮތީމައެވެ. ރައްޔިތުންގެ ތެރެއަށް ސަރުކާރުން އެފަދަކަންތައް ހުއްޓަން ޖެހޭނެއެވެ. ފިޔަވަޅު އަޅަންޖެހޭނެ އެވެ. ރައްޔިތުން އެވާހަކަތައް ދައްކަން ބިރުގަނެގެން ނުވާނެއެވެ. ފަހަތަށް ޖެހިގެން ނުވާނެއެވެ.

ފޮނި އުންމީދަތަކާއެކު ރައްޔިތުންގެ ވެރިއަކަށް، އިސްކުރާ ވެރިމީހާ ބިރުގަންނަންޖެހޭ އެއްވެސް ހާލަތެއް މެދުވެރިވެގެން ނުވާނެއެވެ. ދެކަފި ޚިޔާލުތަކަށް ދީލާލައިގެން ނުވާނެއެވެ. ޚިޔާނަތްތެރި ވެއްޖެމަނަ، ހަމައެކަކަށް ވެސް ބަލާކަށް ނުޖެހެއެވެ. ވަކިފަރުދެއްގެ ކަނދުރާއަށް ބޮލަކަށް ބަލާކަށް ނުޖެހެއެވެ. ނުރައްކާތެރި ބައްޔެއްފެތުރޭނަމަ ކަރަންޓީނު ކޮށްގެންވެސް އެކަމުން މުޅިރައްޔިތުން ސަލާމަތްކުރަން ޖެހޭނެއެވެ. އަދި އިއްތިހާދުވީ އިއްތިހާދީންނަކަށް ބަލާކަށް ނުޖެހެއެވެ.  ރައްޔިތުންނަށް އަދުލްވެރި، އިންސާފުވެރި ސަރުކާރެއްގެ ދުސްތޫރީ ހަމަތައް ބަހައްޓަންވީ ގޮތަކީމިއެވެ. މުޖްތަމައުން ޚިޔާނަތް ނައްތާލުމަށް އަތްލަންޖެހޭ ކޮންމެއެއްޗެއްގައި އަތްލަން ކެރެން ޖެހޭނެއެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: