ގއ. މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހްމަދު ޝުކޫރު ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެ މައްސަލަ އިތުރަށް ދިރާސާ ކުރުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއަށް ފޮނުވައިފިއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާ މައްސަތަކަކާ ގުޅިގެންކަމަށް ބުނެ އެންމެ ފުރަތަމަ ޝުކޫރު ސަސްޕެންޑުކޮށްފައިވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގަ އެވެ. އަދި ދެވަނަ ފަހަރަށް އޭނާ ސަސްޕެންޑް ކުރުމަށް ޖޭއެސްސީން ނިންމާފައި ވަނީ އާދީއްތަ ދުވަހު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައެވެ.
ޖޭއެސްސީއިން ޝުކޫރުއަށް ތުހުމަތުކޮށް ތަހުގީގު ކޮށްދައިވާ މައްސަލަތަކީ ، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ވޯޓު ހޯދުމަށް އަމަލީގޮތުން ކެމްޕެއިން ކުރި މައްސަލައާއި ހައްޔަރުގައި ހުރި މީހެއްގެ ވަކީލަކު ދިން ސީޓީ އުރައަކާ ހަވާލުވި ކަމަށް ބުނާ ތުހުމަތެވެ.
ޖޭއެސްސީ އިން ބުނީ ގއ. ވިލިނގިލީ ގެއެއްގައި އޮތް ބައްދަލުވުމުއްގައި ކުރީގެ ފަނޑިޔަރުންތަކަކާއި ޝުކޫރުވެސް ބައިވެރިވެ ވަކި ރިޔާސީ ކެންޑިޑޭޓަކަށް ތާއީދުކުރާކަން ހާމަކޮށް، ވާހަކަދައްކައި ވޯޓޫ ހޯދުމަށް އޭނާ މަސައްކަތްކޮށްފައިވާ ކަމަށެވެ. އޭގެ އިތުރުން ރިޔާސީ އިންތިހާބުގެ ދުވަސްވަރު ވިލިނގިލީ ކެފޭއެއް ތެރޭ ސިޔާސީ ވާހަކަ ދައްކައި، ރިޔާސީ ކެންޑިޑޭޓަކަށް ވޯޓު ހޯދުމަށް އެދިފައިވާކަންވެސް ސާބިތުވެފައިވާ ކަމަށެވެ.
ހައްޔަރުގައި ހުރި މީހާގެ ވަކީލާވެސް ޝުކޫރު ބައްދަލުކުރީ އެމީހާގެ ޝަރީއަތް އޮތް ދުވަސްވަރު ވިލިނގިލީ ރެސްޓޯރެންޓަކުން ކަމަށް ޖޭއެސްސީން ބުންޏެވެ. އަދި ހައްޔަރުގައި ހުރި މީހާއަކީ އޭނާއާ ގާތް ގުޅުމެއް އޮންނަ ފަރާތްތެއް ކަމަށްވެސް ޖޭއެސްސީން ބުންޏެވެ. އެ ވަކީލާ ބައްދަލުކޮށް އޭނާ ދިން ސިޓީ އުރައަކާ ހަވާލުވިކަން ސާބިތުވާކަމަށްވެސް ޖޭއެސްސީން ބުންޏެވެ.
މީގެއިތުރުން ދެން އޭނާގެ މައްޗަށް ސާބިތުވެފައި ވަނީ، އޯގަސްޓު 2018 ގައި ގއ. ކޮލަމާފުށީން ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި ބައެއްގެ ބަންދާމެދު ގޮތެއް ނިންމުމަށް އަޑުއެހުން ބޭއްވުމުގެ ކުރިން، އެމީހުންގެ ބަންދާމެދު ނިންމަވާނެ ގޮތްކޯޓުން ބޭރުގައި ހުރެ ފުލުހުންނާ ޝުކޫރު ހިއްސާކުރެއްވި ކަމުގެ މައްސަލައެވެ. ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުމުގައިވެސް އޭނާ އަމަލުކުރައްވާފައިވަނީ އަދުލުވެރިކަމުގެ އުސޫލުތަކާ ހިލާފަށް ކަމުގައި ޖޭއެސްސީން ބުންޏެވެ.

