ރާއްޖޭގައި ކަނޑުފޭރުން މިހާރު ހުއްދަވީތޯ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޑިފެންސް މިނިސްޓަރު މާރިޔާ ދީދީގެ އަރިހުގައި ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޒާރު ސުވާލުކުރައްވައިފިއެވެ.
ނިޒާރު މިހެން ވިދާޅުވެފައިމިވަނީ ވަޑިނޮޅު ކަނޑުގައި އެންދަމަން އޮތް މަސް ދޯންޏަކަށް ތޫނު އެއްޗެއްސާއި އެކު ގްރޫޕަކުން އަރައި އެދޯނި ހައިޖެކުކޮށް ކުރި މައްސަލައާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން ނިޒާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ދޯންޏަށް ހަތިޔާރާއެކު އަރައި، ކަނޑު ފޭރިގެންގޮސް ދޯނި އަތުލައި ފަޅުވެރިން ރަށުން ބާލާފައިވާ ކަމަށެވެ.
އަދި މިނިސްޓަރު އިމްރާން އާއި މިނިސްޓަރު މާރިޔާ ޓެގް ކުރައްވައި ނިޒާރު ވަނީ ކަނޑު ފޭރުން ރާއްޖޭގައި ހުއްދަވީތޯ ނުވަތަ ގާނޫނު ނަގަހައްޓަން ނުކުޅެނީތޯ ސުވާލު ކުރައްވާފައެވެ.
Mi dhoanyah hathiyaaraai eku arai, kandu feyri gengos dhoani athulai falhu verin vanee rashun baalaafa. @ShimranAb @MariyaDidi kandu feyrun raajeyga huhdha veetho? Noonee Qaanoonu nagahattan nukulhedhunee tho?. https://t.co/fiVNxaqfq9
— Ali Nizar (@DhekunuNizar) October 26, 2020
އެ މައްސަލައާ ގުޅިގެން ފުލުހުން މައުލޫމާތު ސާފުކުރުމުން، އެ ދޯނި ލ. ގަމު ތުނޑިއަށް ކައިރިކޮށްފައިވާ ކަން އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބެލި ބެލުމުން އެ ލޯންޗަށް ބަޔަކު އެރިކަން ހުރިކަންވެސް ފުލުހުން ބުނެފައިވެ އެވެ.
ފުލުހުން ބުނެފައިވަނީ ދޯންޏަށް ބަޔަކު ދިޔައިރު ގެންދިޔަ ކަމަށް ބެލެވޭ ތޫނު އެއްޗެހި ދޯނިތެރޭ ހުރި ކަމަށެވެ. އެހެންކަމުން އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ދޯންޏަށް ބަޔަކު އެރި ނަމަވެސް އެ ދޯނީގެ ތެރޭގައި މާރާމާރީއެއް ހިނގާފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ދޯންޏަށް ބަޔަކު ގޮސްފައިވަނީ އެއްބަސްވުމެއްގެ މައްސަލައިގައި ކަމަށް ފުލުހުން ބުނެ އެވެ. ފުލުހުން ބުނީ ބަޔަކު އެ ދޯންޏަށް އަރާފައިވަނީ އެއްބަސްވުމެއްގެ ދަށުން ގަނެފައިވާ ދޯންޏަކަށް ވެފައި އެ އެއްބަސްވުމަށް އަމަލު ނުކުރާތީ ކަމަށް ބުނެ ކަމަށެވެ.

