ރޫޓް ފިހާރައިގެ ގިނަ އަދަދެއްގެ ފައިސާތަކެއް މަގުމަތީން ފޭރެން އުޅުނު މައްސަލާގައި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
ރޫޓުގެ ފައިސާތަކެއް ބެންކް އޮފް ސިލޯނަށް ޖަމާ ކުރަން ގެންދިޔަ މަގުމަތީގައި ބަޔަކު ފޭރެމް ހަމަލާއެއް ދިނީ މި ހަފުތާގެ އާދީއްތާ ދުވަހު އެވެ. އެ ފޭރުން ނާކާމިޔާބު ކޮށްލާފައި ވަނީ، ބޭންކް އޮފް ސިލޯނުގެ ސެކިއުރިޓީ ގާޑާއި، އަދި ފައިސާ ހިފައިގެން އައި މީހުންގެ އަވަސް މަސައްކަތުންނެވެ.
އާންމުވެފައިވާ ވީޑިއޯ އިން ފެންނަ ގޮތުގައި ފައިސާ ޖަމާކުރަން ރޫޓްގެ ވޭނެއް ބޭންކުގެ ކުރިމައްޗަށް މަޑުކޮށްލައި ވޭނުގެ ދޮރު ހުޅުވާލުމާއެކު އެވަގުތު އެ ސަރަހައްދުގައި ދެ ސައިކަލަކުން ގޮސް ތިބި ހަތަރު މީހަކު ވަނީ ވޭނު ކައިރީގައި ތިބި އެ ފިހާރައިގެ މުވައްޒަފުން އެތަނުން ދުރަށްލައި ފައިސާ ފޭރެން މަސައްކަތްކޮށްފައެވެ.
ސައިކަލުގައި ދިޔަ 4 މީހުންގެ ތެރެއިން 3 މީހަކު ތިބީ ހެލްމެޓް އަޅައިގެންނެވެ. އަނެކަކު ހުރީ މާސްކެއް އަޅައިގެންނެވެ.
ފައިސާ ފޭރެން މަސައްކަތް ކުރުމުން އެސަރަހައްދުގައި ތިބި ގިނަ ބަޔަކު އެތަން ދޫކޮށްދާ މަންޒަރު ފެންނައިރު ވެހިކަލުން ފޭބި މީހުންގެ ފޮނުވާލުމަށާއި އެމީހުންގެ ކިބައިން ފައިސާ ސަލާމަތްކުރުމަށް ބޭންކް އޮފް ސިލޯންގެ ސެކިއުރިޓީން މަސައްކަތްކުރާ މަންޒަރު ވެސް ފެނެއެވެ.

