ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުނާފިގުންގެ ސިފަތައް އިމްރާންގެ ކިބައިންނާއި އަދާލަތު ޕާޓީން ފެނެއޭ ބުނާކަށް އަޅުގަނޑެއް ނެތީމެވެ!

މޭޑޭ މުޒާހަރާގެ ތެރެއިން އިމްރާން އަބްދުﷲ މި ގަނޑުތައް ދެއްކީ އެއީ ހެކިތައް ކަމަށް ވިދާޅުވެ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރާއި ދެކޮޅަށް 2015 ވަނަ އަހަރުގެ މޭޑޭގައި ބޭއްވި ބޮޑު އެއްވުމުގައި މިހާރުގެ ހޯމް މިނިސްޓަރ އަދި އަދާލަތު ޕާޓީގެ ރައީސް ޝޭޙް އިމްރާން އަބްދުﷲ ދެއްކެވި ވާހަކަ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ހަނދާން ނެތިފައިވާ ކަމަށް ޝޭޙް އިމްރާން ވިދާޅުވުމުން އަޅުގަނޑުގެ ހަނދާނަށް އައީ ޝޭޙް އިމްރާން އެމްޑީޕީއާއި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދާ ބެހޭ ގޮތުން ދައްކާފައިވާ ވާހަކަތަކެވެ.

އަދާލަތު ޕާޓީގެ އިސް ބޭފުޅުން އެމްޑީޕީއާއި ރައީސް ނަޝީދުއަށް ނިސްބަތްކޮށް ނުދައްކާކަށް ވާހަކައެއް ނެތެވެ. އަޅުގަނޑާއެކު 2013 ވަނަ އަހަރުގެ ރިޔާސީ ކެމްޕެއިންއަށް ހިންގަވާށެވެ. 2013 ވަނަ އަހަރުގެ ރިޔާސީ ކެމްޕެއިންގެ ފުރަތަމަ ބުރުގައި އަދާލަތު ޕާޓީ މަސައްކަތް ކުރީ ޖުމްހޫރީ ޕާޓީއާއެކުގައެވެ. އަދާލަތާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއަށް ތާއިދު ކުރައްވާ ބޭފުޅުން މަސައްކަތް ކުރައްވަމުން ގެންދެވީ ޖުމްހޫރީ ގުޅުމުގެ ނަމުގައެވެ. މި ދެންނެވި ޖުމްހޫރީ ގުޅުމުގެ ޖަލްސާއެއްގައި އަދާލަތު ޕާޓީގެ ރައީސް ޝޭޙް އިމްރާން އަބްދުﷲ އެމްޑީޕީއާއި ރައީސް ނަޝީދުއާ ބެހޭ ގޮތުން ދައްކަވާފައިވާ ވާހަކަތައް އިމްރާން ހަނދާން ނައްތަވާލެއްވިޔަސް އަޅުގަނޑެއް އަދި އެމްޑީޕީއާއި ދިވެހިން ރައްޔިތުން ހަނދާން ނުނެތޭކަން ޔަގީނެވެ.

ޝޭޙް އިމްރާން އެމަނިކުފާނު ދައްކަވާފައިވާ ވާހަކަފުޅު ހަނދުމަފުޅު ނެތުމުން އަޅުގަނޑު ގަސްދުކުރަނީ ޝޭޙް އިމްރާންއަށް އެ ވާހަކަތައް ހަނދުމަފުޅުކޮށްދޭށެވެ. ހަނދާން ކޮށްދިނުމަކީ އިސްލާމް ދީން ބާރުއަޅުއްވާ ގޮތް ކަމަށްވާތީއެވެ. އަދި އެއްވާހަކަ ދަންނަވާލާނަމެވެ. މީގެ ހަތް އަހަރު ކުރިން އިމްރާން ދެއްކެވި ވާހަކަފުޅު ހަނދުމަ ނެތުމަކީ ކަންބޮޑުވެ ދެރަވާން ޖެހޭ ކަމެއް ނޫނެވެ. އެހެނީ ޝޭޙް އިމްރާން ޖަލު ގޮޅީގައި ނެންގެވި ނަފްސީ ހަނދުމަފުޅު ނެތިފައިވާތީއެވެ. މައްސަލައެއް ނޫނެވެ. މީހާގެ އުމުރުން ދުވަސްވަމުންދާ ވަރަކަށް އެފަދަކަންކަން ދިމާވުމަކީ ވެދާނެ ކަމެކެވެ.

ކޮންމެއަކަސް އިމްރާން ނަޝީދާއި އެމްޑީޕީއާއި ބެހޭ ގޮތުން ދެއްކެވި ވާހަކަތަކަށް ޖެހިލާނަމެވެ. އިމްރާން ވިދާޅުވެފައިވާ ގޮތުގައި ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދު ކުރައްވާ ފަރާތްތަކަކީ އިސްލާމްދީނުގެ އަދުއްވުންނެވެ. ދިވެހި ގައުމީއްޔަތާއި ދެކޮޅު މީހުންނެވެ. ދިވެހި ގައުމީއްޔަތުގެ މިނިވަން ކަމަށް ފެންބޮވައިގެންފައިވާ މީހުންނެވެ. އަދި ރައީސް ނަޝީދަކީ އިސްލާމްދީނާއި ދިވެހި ގައުމީއްޔަތު ނެތިކޮށް ފަނާކޮށްލުމަށް ތައްޔާރުކޮށް ފޮނުވާފައިވާ ހުޅަނގުގެ ގައުމުތަކުގެ އެޖެންޓެއް ކަމަށް ވެސް އިމްރާން ވަނީ ވިދާޅުވެފައެވެ.

އިމްރާން ވިދާޅުވެފައިވާ ގޮތުގައި ރައީސް ނަޝީދުގެ ކިބައިން މި ރާއްޖެއަށް ދުވަހަކުވެސް ހެވެއް ނާންނާނެއެވެ. މިވާހަކަފުޅު މިހެން ވިދާޅުވުމަށް ފަހު އިމްރާން ނިންމަވާލެއްވީއެއް ނޫނެވެ. އިމްރާން ވިދާޅުވާ ގޮތުގައި ރައީސް ނަޝީދާއި އެމްޑީޕީއަށް ހަރަދު ކުރަނީ ފައްޅިތަކުންނެވެ. އަދި ނަޝީދަށް ކަމެއް ވެދާނެތީވެސް ބިރުން އުޅެނީ ހުޅަނގުގެ ގައުމުތަކުގެ މީހުން ނުވަތަ ފާދިރީންނާއި އެފަދަ މީސްމީހުން ކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން އެމްޑީޕީއަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ އެމްޑީޕީން ކަންކުރާނެ ގޮތް ދިވެހިރައްޔިތުންނަށް ހާމަކޮށްދިނީ މި ދެންނެވި އަދާލަތުޕާޓީއާއި ޝޭޙް އިމްރާން އަބްދުﷲއެވެ. މީގެކުރިން ބޭއްވި މަޖިލީހުގެ އިންތިހާބުގައި އަދާލަތު ޕާޓީން ދައްކާފައިވާ ބައެއް ވާހަކަތައް އަނެއްކާވެސް ހިއްސާކޮށްލާނަމެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަޣްލަބިއްޔަތެއް އެމްޑީޕީއަށް ލިބިއްޖެ ނަމަ މިގައުމުގެ އިސްލާމީ ވަހުދަތު ފުނޑުފުނޑުކޮށްލައި އެހެން ދީންތަކަށް ރާއްޖެ ހުޅުވާލުމަށް ފަސް ނުޖެހޭނެ ކަމަށް އަދާލަތު ޕާޓީން އޭރު ވަނީ ބުނެފައެވެ. ހަމައެހެންމެ ރައްޔިތުންގެ މަޖިލީހުގެ ހަނި އަޣްލަބިއްޔަތެއް އެމްޑީޕީއަށް ލިބުނުއިރު އެޕާޓީގެ އަމަލުތައް ހުރީ ކޮންމެ ދިވެހި ރައްޔިތަކު ކަންބޮޑުވާން ޖެހޭފަދަ ގޮތަކަށް ކަމަށާއި އިސްލާމީ ޝަރުޢީ އުސޫލުތަކާއި އަދި ގާނޫނީ ބާރު ގައުމުގައި ދެމެހެއްޓުމަށްޓަކައި ދިވެހިރާއްޖޭގެ ގާނޫނު އަސާސީގައި ކަނޑައެޅިފައިހުރި މާއްދާތައް ބަދަލުކޮށް ނުވަތަ އުވާލަން އެމްޑީޕީން މަސައްކަތް ކުރާނެ ކަމަށް އަދާލަތު ޕާޓީން އޭރު ވަނީ ބުނެފައެވެ.

ދެން އޮތީ މޭޑޭ މުޒާހަރާގެ ވާހަކައެވެ. 2015 ވަނަ އަހަރު މެއި އެއްވަނަ ދުވަހު ދިވެހި ރާއްޖޭގެ ގާނޫނު އަސާސީ އާއި، ކަރުދާސްތަކެއް އެއްކުރައްވައިގެން މުޒާހަރާގެ ކުރިމައްޗަށް އިމްރާން ނިކުތެވެ. ގާނޫނީ ގޮތުން ބުނާނަމަ އެ ލިޔެކިއުންތައް އެއީ މައްސަލަތަކުގެ “ކިތާބީ ހެއްކެވެ”. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމާއި ދެކޮޅަށް ބޭއްވި އެ އެއްވުމުގައި އިމްރާން ގެންގުޅުވި އޭގެއިން ކޮންމެ ލިޔެކިއުމެއް އެއީ އޭރު ފެންމަތިވެގެން އައީ ބޮޑެތި މައްސަލަތަކުގެ ހެކިތަކުގެ ގޮތުގައި ވިދާޅުވިއެވެ. ހާއްސަކޮށް އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ އަފްރާޝިމް އަވަހާރަކޮށްލި ހާދިސާއާއި ގުޅުވާ އެތައް ވާހަކައެއް އިމްރާން ދެއްކެވިއެވެ. އަދި ނޫސްވެރިޔާ އަހުމަދު ރިޟްވާން އަބްދުﷲ ގެއްލުވާލި މައްސަލައިގައި ލިޔެކިއުންތަކެއް ހުރި ކަމަށް ވިދާޅުވިއެވެ.

އަފްރާޝީމް އަވަހާރަކޮށްލި ހާދިސާއާއި ގުޅިގެން އެ މަރުގެ އަސްލު ފޮރުވުމަށް މާލޭގައި އެތައް ޒުވާނުންތަކެއް މަރާލާފައިވާކަމަށް ވިދާޅުވީ ވެސް ހަމަ އިމްރާނެވެ. އެގޮތުން އަފްރާޝިމް އަވަހާރަކޮށްލި ހާދިސާގައި އޭރުގެ ރައީސް ޔާމީންގެ އަތެއް ވާކަމަށާއި، އެކަމުގެ ހެކިތައް އެބަހުރި ކަމަށް އިމްރާން ވިދާޅުވިއެވެ. އަދި “ލިޔެކިއުންތަކެއް” ދެއްކުމަށްފަހު، އެއީ އެކަން ސާބިތު ކުރެވޭވަރުގެ ހެކީގެ ގޮތުގައި ވަނީ ވިދާޅުވެފައެވެ. އަފްރާޝީމްގެ މަރާއި ގުޅުވާ، މާލޭގައި ގަތުލުތަކެއް ހިނގައިދިޔަ ކަމަށް ވިދާޅުވެ ވެސް އިމްރާން ލިޔެކިއުންތަކެއް ދެއްކިއެވެ. އަދި އެ ނޫން ވެސް އެތައް ތުހުމަތުތަކެއް އޭރުގެ ނައިބް ރައީސް އަހުމަދު އަދީބު އަބްދުލް ޤަފޫރަށް ވެސް ކުރެއްވިއެވެ.

މީގެއިތުރުން މުޒާހަރާގެ ބައިވެރިންނާއި މުހާތަބް ކުރައްވާ ވާހަކަދައްކަވަމުން އިމްރާން ވިދާޅުވެފައިވަނީ، ރިޟްވާން ގެއްލުވާލި މައްސަލައިގެ ލިޔެކިއުންތައް ހިފަހައްޓަނީ އަދީބު ކަމަށެވެ. އަދި މައްސަލައިގެ ހުރިހާ ރިޕޯޓެއް ފުލުހުންގެ އަތުގައި ހުންނާނެ ކަމަށް ވިދާޅުވިއެވެ.

އިމްރާނަކީ ސިޔާސީ ގޮތުން ކިހާ އެދުންވެރި ބޭފުޅެއްކަން މިހުރިހާ ވާހަކަތަކަށް ފުންކޮށް ވިސްނުމުން އެނގޭނެއެވެ. މިއަދު ހޯމް މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި އިމްރާން އެދުވަހު، ކިތަށް އާއިލާގެ އިހުސާސްތަކާއި ކުޅުނުކަމާއި، ކިތަށް ބޭފުޅުންގެ އަބުރަށް އަރައިގެނެވުނުތޯ އިމްރާން އަމިއްލަފުޅަށް ވިސްނަން ވީއެވެ.

ދެން އޮތީ އިމްރާން ރައީސްކަން ކުރައްވާ އަދާލަތު ޕާޓީގެ ވާހަކައެވެ. އިސްލާމްދީން ކުރިއަރުވާން އުފެއްދި ސިޔާސީ ޕާޓީއެއްކަމަށް އެބައިމީހުން ދަނީ އަބަދުވެސް ދައުވާކުރަމުންނެވެ. އެހެންނަމަވެސް މިއަދު ފެންނަމުންދަނީ އިސްލާމްދީނަކީ އެމީހުން ހިތުހުރިގޮތަކަށް ބަދަލުކުރެވޭ އެއްޗެއް ކަމަށް ރައްޔިތުންނަށް ވިސްނާދޭން މަސައްކަތް ކުރަމުންދާތަނެވެ.

ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަޙަށް އައި ބަދަލާއި އެކު އުފެދިގެން އައި ސިޔާސީ ޕާޓީތަކުގެ ތެރެއިން ” އަދާލަތު ޕާޓީ ” އަކީ ދީނީ ޢިލްމުވެރިންގެ ގިނަބައަކު އިސް ނަންގަވައިގެން އުފެއްދި ޕާޓީއެކެވެ. އެޕާޓީން ބުނަމުން ދަނީ އެޕާޓީގެ އެންމެ ބޮޑު މަޤްޞަދަކީ އިސްލާމްދީން ކުރިއަރުވައި ރައްޔިތުން ދީނީގޮތުން ހޭލުންތެރިކުވުން ކަމަށެެވެ. ޕާޓީގެ މަޤްޞަދާއި އެއްގޮތަށް އިސްލާމް ދީން ކުރިއަރުވައި ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ ގޮތުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ދިޔަތަން ފެނުނެއެވެ. ތަފާތު އެކި މައުޟޫއަށް ދީނީ ދަރުސް ދީ އެދަރުސްތަކުގެ ސީޑީ ރައްޔިތުންނަށް ފޯރުވައިދީ އެކި މީޑިއާތައް މެދުވެރިކޮށް ދީނީ ޕްރޮގްރާމްތައް ފޮނުވައި އެކި ރަށްރަށަށް ޒިޔާރަތްކޮށް ރައްޔިތުންނަށް ދީނީ މަޢުލޫމާތު ފޯރުކޮންދޭން ފެށިއެވެ.

ދެން ފެނިގެން ދިޔައީ އޭރުގެ ރައީސް މައުމޫނު ޢަބްދުލް ޤައްޔޫމަކީ ދިވެހި ރައްޔިތުންނަށް 30 އަހަރުވަންދެން އަނިޔާކޮށް އިސްލާމް ދީން ފޮހެލަން މަސައްކަތް ކުރާ ޙައްޤުބަސް ބުނާ ދީނީ ޢިލްމުވެރިންގެ ދޫތައް ބަންދުކޮށް ބޮޑެތި އަނިޔާދީ ޗިލީސޯސް ޖަހައި ތުނބުޅިބޭލި މީހެއްކަމަށް ބުނެ އަދި އެމަނިކުފާނަކީ ސުއްނަތް ޖަމާޢަތުގެ މުސްލިމެއް ނޫންކަމަށް 40 އެތައް ދަންނަބޭކަލުން ސޮއިކޮށް ފަތުވާ ނެރުއްވިތަނެވެ. މިފަތުވާ ނެރުމުގައި ގިނައިން ތިބީ އަދާލަތު ޕާޓީއަށް ނިސްބަތްވާ ދަންނަބޭކަލުންނެވެ.

އަދާލަތު ޕާޓީގެ މިސްރާބު ބަދަލުވެ މަހުޖަނުންނަށް ވިކި ދީނާއި ޤައުމަށްޓަކައި ދިވެހިންގެ ތެރޭގައި ފިތުނަފަސާދަ އުފައްދަން ފެށީ 2011 ވަނަ އަހަރުގެ ތެރޭގައެވެ. މިދަންނަވާލީ އަދާލަތު ޕާޓީގެ ދީނީ ސިޔާސަތުތައް މިހާރު ބައްޓަން ކޮށްފައިވާ ގޮތެވެ. ދިވެހިރައްޔިތުން ވިސްނުންތެރިކަަން އިސްކުރަން ޖެހެއެވެ. ދީނޭ ކިޔާހާއިރަށް އެއީ މުނާފިގެއްތޯ؟ނުވަތަ ތެދުވެރިއްތޯ ބަލަން ޖެހެއެވެ. ހާއްސަކޮށް އަދާލަތުން ލާދީނީއޭ ބުނި ނަޝީދުއާއި އެމްޑީޕީއާއެކު އަދާލަތު ޕާޓީގެ ރައީސް ޝޭޙް އިމްރާން އަބްދުﷲ މަސައްކަތް ކުރައްވަން ފެއްޓެވުމަކީ އެމްޑީޕީއާއި ދިވެހި ރައްޔިތުން ސަމާލުވާން ޖެހޭ ކަމެކެވެ.

ކޮންމެއަކަސް އެމްޑީޕީއަކީ ދިވެހިރާއްޖެއިން އިސްލާމްދީން ފޮހެލަން މަސައްކަތް ކުރި ބައެއް ކަމަށް ތަފްސީލް ކޮށްދިން ގޮތަށް ލާދީނީއޭ ބުނި ނަޝީދާއި އެމްޑީޕީ އޯކޭވި ގޮތް ވެސް ދިވެހި ރައްޔިތުންނަށް ޝޭޙް އިމްރާންއާއި އަދާލަތު ޕާޓީން ކިޔައިދޭން ޖެހޭނެއެވެ. އެހެން ނޫންނަމަ އަދާލަތު ޕާޓީއާއި ޝޭޙް އިމްރާންގެ ކަރުގައި މުނާފިގުންގެ ޓެގް އެޅުވިގެން ދިއުމަކީ ދުރުގައިވާ ކަމެއް ނޫނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: