ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީ މަޝްރަހު ފެންނަނީ ވަރަށްވެސް ކިލަނބުކޮށެވެ!

ދިވެހި ގައުމީ ދިދަ
ޝެއާރކޮށްލާ ކަހަލަދޯ؟

މިހާރަކަށް އައިސް އަބަދުމެ އިވެނީ އެއް އަޑެކެވެ. ބޭރު ޤައުމެއްގެ އަޅުވެތިކަމުގެ ދަށަށް ދިވެހިރާއްޖެ ގެންދާން އުޅޭ އަޑެވެ. ދިވެހި ދައުލަތާއި ދިވެހިރައްޔިތުންގެ މައްޗަށް އެހެންބައެއްގެ ނުފޫޒް އޮތް ކަމަށް ބުނާ އަޑެވެ. މި ފަސްގަނޑާއި ދައުލަތާއި ރައްޔިތުން އެހެން ބަޔަކަށް ވިއްކާލަން އުޅޭ އަޑެވެ. އެކަމަކު އެއީ ސިޔާސީ ގޮތުން ހަމަ ދައްކާ ވާހަކަތަކެއްގެ އަޑެވެ. ވަކި ބަޔަކަށް އިއްވަން ދައްކާ ވާހަކަތަކެއްގެ އަޑެވެ. އަސްލެއް ހަގީގަތެއް އެކަމުގައި ވާހެނެއް ހިޔެއްނުވެއެވެ.

ޤަބޫލު ކުރަންޖެހޭ ޙަގީގަތްތައް ބައިވަރެވެ. ކިތަންމެ ފައިސާއެއް ގައުމަކަށް، އަދި ކިތަންމެ ދީލަތީ އެހީއެއް ވާ ބަޔަކަސް، އެބަޔަކަށް ދިވެހި ދައުލަތެއް ނުގަނެވޭނެއެވެ. އަދި ކިތަންމެ ފައިސާއެއް އޮތަސް ދިވެހި ރައްޔިތުންނެއް ނުގަނެވޭނެކަންވެސް ޔަގީނެވެ. އަދި ކިއެއްތަ ދިވެހި ދައުލަތް ވިއްކައެއްވެސް ނުލެވޭނެއެވެ. ރައްޔިތުންނެއް ވިއްކައެއް ވެސް ނުލެވޭނެއެވެ. އެކަމާ އުޅޭ މީހަކު ނުވަތަ ބަޔަކު ވެއްޓޭނީ ފުށްކިބަ ދަށަށެވެ. އެހިސާބުން އިނދަޖެހުނީ އެވެ. މީ ތާރީހުން ފެންނާން ހުރި ޙަގީގަތެވެ. ކަން މިހެން އޮތްއިރު، ހަގީގަތެއް ނެތް ވާހަކަތައް ފަތުރައިގެން ރައްޔިތުންގެ މެދުގައި ފިތުނަ އުފެއްދުމުގެ މާނައެއް ނެތެވެ.

ދިވެހި ރާއްޖޭގެ ސިޔާސީ މަސްރަހުގެ ހަފަރާތުގެ އުދަރަހަށް ބެއްޔަސް ފެންނަނީ ކިތަންމެހާވެސް ކިލަނބުކޮށެވެ. އެއްގޮތަކަށްވެސް ސާފެއްނޫނެވެ. އަޑިއެއް ނޭގެއެވެ. ރާއްޖޭގެ ސިޔާސީ ރާޒުވާ މޭޒު މަތީގައިހުރި ކުޅިބައި ހުއްޓިފައި ހުންނަތަނެއް ނުފެނެއެވެ. ވެރިކަންކުރާ ފަރާތުން ވަރަށް އަވަސްކޮށް ކުޅިޖާތަން އެބަފެނެއެވެ. ޤާނޫނު ހަދާ މަޖިލީހުންވެސް އެހާމެ އަވަހަށް ކުޅިތައް ޖަހާތަންފެނެއެވެ. މަންތިރިއާއި ބޮޑުބޯ ކޮޅުކޮޅު މައްޗަށް ދުވާތަން ފެނެއެވެ. އަސްތައް ކަޑަބޮއް ޖަހާފައި ދުވާތަން އެބަފެނެއެވެ. ކުއްލި އަވަސް ބަދަލުތަކެއް އެބައާދެ އެވެ. މިކުޅިގަނޑު ނިމޭނީ ކޮންގޮތަކަށް، ކޮންހެނެއްކަމެއް ހަމައެކަކަށް ވެސް ވިސްނާކަށް ނޭގެއެވެ.

ކޮންމެގައުމެއްގައި ވެސް ހަރުދަނާ ސަރުކާރެއް އޮތުމަކީ، އެންމެ ބޭނުންތެރިކަމެވެ. ރައްޔިތުންގެ އެންމެބޮޑު އެދުމެވެ. ރައްޔިތުންގެ ވިންދާއި ކެކުޅެމުންދާ އިހްސާސްތަކާ އެއްގޮތަށް ސަރުކާރު ހަރުދަނާ ކުރަންޖެހޭނެއެވެ. ޒިންމާދާރު ވާންޖެހޭނެއެވެ. އެކަން ފުރިހަމަ ނުވާ ސަރުކާރެއްނަމަ ވީހާއަވަހަށް އެކަން ފުރިހަމަ ކުރަން ޖެހޭނެއެވެ. އެކަމަކު އެ މަންޒަރެއްވެސް ނުފެނެއެވެ. ރައްޔިތުންނުކުމެ ވޯޓުލައިގެން އިންތިޚާބުކުރާ ރައީސުލް ޖުމްހޫރިއްޔާއެއްގެ މައްޗަށް ލާޒިމުކުރާ އެންމެވަރުގަދަ ބިންގަލަކީ، އަދި އަސާސަކީ، ރައްޔިތުން އުފެއްދި ގާނޫނުއަސާސީގެ ދަށުން ރައްޔިތުންހަދާ ގާނޫނުތަކާ އެއްގޮތަށް ސަރުކާރު ހިންގުމެވެ. ގާނޫނީސަރުކާރެއް ގައިމުކުރުމެވެ. މުޅިސަރުކާރުގެ އޮނިގަނޑު އެގޮތަށް ބައްޓަންކުރުމެވެ. ހަރުދަނާކުރުމެވެ.

ރައްޔިތުންނަށް އެންމެ ފުރިހަމަ ގޮތުގައި ޚިދުމަތްފޯރުކޮށް ދިނުމެވެ. ގާނޫނުތަކުގެ މަތިން ސަރުކާރުގެ ހުރިހާ ފަންތިއަކުން ހަމަހަމަ ގޮތެއްގައި އެގާނޫނުތައް ވަރަށް ފުރިހަމަކޮށް، ތަންފީޒުކުރަން ޖެހޭނެއެވެ. ރައްޔިތުންގެ ސަރުކާރެއް އޮތުމުގެ ބޭނުމަކީ، މުޖުތަމަޢުގެ ހަމަހަމަ ކަމާއެކު އެންމެންގެ ހައްގުތައް ފުރިހަމަ ވެގެންދާނެ ސަލާމާތްތެރި ރީތި ދިރިއުޅުމެއް އެންމެހާ ރައްޔިތުންނަށް ލިބިފައި އޮތުމެވެ. ވަރަށް ޒިންމާދާރު ތެދުވެރި ބަޔަކު އިސްކޮށް ބައިތިއްބައިގެން މިފަދަ ދިރިއުޅުމެއް މުޅި ހަޔާތުގައި ހޭދަ ކުރުމެވެ. ރައްޔިތަކު ކަންބޮޑުވާ ކަމެއް އޮވެއްޖެނަމަ އެކަމެއް ސަރުކާރުން ހާމަކުރަންޖެހެއެވެ. ގައުމީ ސަލާމަތޭ ކިޔާ ފޮރުވޭނޭ ކަންކަން ހުންނަނަމަ ސަރުކާރާ މެދު ރައްޔިތުންގެ ހިތުގައި ޝައްކު އުފެދޭނެއެވެ.

ރައްޔިތުންގެ ޒިންމާދާރު ވެރިކަމެއްގައި މުސްތަގިއްލުކޮށް ހުންނަ އިދާރާތައް މާގިނަ ކުރުމަކީ، ޒިންމާދާރު ކުރުވުމެއް ނޫނެވެ. އެއީ ބާރުތައް ކުދިކުދިކޮށް ލުމެވެ. ބައިބަޔަށް ބަހާލުމެވެ. ދުސްތޫރާއި ޝަރީޢަތް ހިންގުން ބައިބަޔަށް ބަހާލާއިގެން ވަކިވަކިން ތަންފީޒުކުރުމަކީ ޙަޤީޤަތުގައި ދަތިތަކެއް ހުންނާނެކަމެކެވެ. ހުރަސްތަކެއް ކުރިމަތިވާނެއެވެ. އަދި އެންމެންހާ ރައްޔިތުންގެ ހައްގުތައް ދިފާޢު ކުރުމުގައި އޮޅުންތަކެއް ހިނގާނެ ކަމެކެވެ. ހަގީގަތަކީ، ކޮރަޕްޝަން ހިންގުމަށް އިތުރު ދޮރުތަކެއް ހުޅުވުމެވެ. ފުރިހަމަކޮށް އެއް ޒަޢާމަތެއްގެ ބާރުދައުލަތުން ފެނިގެން ނުދިއުމެވެ.

ކޯލިޝަންގެ ވެރިކަމެއްގައި ވިޔަސް މުޅިރައްޔިތުންގެ އަޣްލަބިއްޔަތުން ވެރިމީހާގެ ގޮތުގައި ހޮވާ މީހަކީ، މުޅި ދިވެހި ދައުލަތުގެ ވެރިޔާއެވެ. މުޅިރައްޔިތުންގެ ހިއްސާއޮވެގެން ހޮވާ، ދައުލަތުގެ އެންމެއިސް ވެރިޔާއެވެ. ވަކި ޖަމާއަތެއްގެ ނުވަތަ ވަކި ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ މަދުބައެއްގެ ވޯޓުން އެކަނި ހޮވާމީހެއްނޫނެވެ. އެހެންވުމާއެކު، އެފަދަ މީހެއްގެ ވާޖިބާއި މަސްއޫލިއްޔަތަކީ، މުޅިދިވެހި އުންމަތަށް ޒިންމާނެގުމެވެ. މުޅިދިވެހި އުންމަތަށް ޚިދުމަތްކުރުމެވެ. އަމިއްލަޕާޓީގެ ހަމަތަކާއި އުސޫލުތައް ގައުމުގައި އަށަގަންނުވައި ހިންގުމެއްނޫނެވެ. ގާނޫނު އަސާސީގެ ދަށުން ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ތަސްދީގުކުރުމަށް ފަހު، ގެޒެޓްކުރާ ގާނޫނުތަކާ ޚިލާފަށް އެއްވެސްކަމެއް ކޮއްގެންނުވާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: