ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗެކު ބައުންސް ވި މައްސަލަ: ހައިކޯޓުން ވެސް ހުކުމް ކުރީ ޝަރޫއިން ފެނަކައަށް 17 މިލިއަން ދޭން!

ދިވެހިރާއްޖޭގެ ހައިކޯޓު --- ފޮޓޯ އެޑިޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ފެނަކަ ކޯޕަރޭޝަނަށް އެއް މިލިއަން ޑޮލަރު ގަތުމަށް ޝަރޫ ލޯންޗް ސާވިސް އަށް ދިން 17 މިލިއަން ރުފިޔާ އަނބުރާ ފެނަކަ ކޯޕަރޭޝަނަށް ދައްކަން ސިވިލް ކޯޓުން ކޮށްފައިވާ ހުކުމް ހައި ކޯޓުން ދަމަހައްޓައިފި އެވެ.

ފެނަކައަށް ޑޮލަރު ގަތުމަށް ޝަރޫއަށް 17 މިލިއަން ރުފިޔާ ދިނުމުން ޑޮލަރު ދޫކުރަން ޝަރޫއިން ފެނަކައަށް ދިން ޗެކުތައް ވަނީ ބައުންސްވެފައެވެ. އެ މައްސަލައިގައި ފެނަކައިން 17 މިލިއަން ރުފިޔާ އަނބުރާ ހޯދުމަށް ދައުވާ ކުރިއެވެ. އަދި ސިވިލް ކޯޓުން 2017 ވަނަ އަހަރު ވަނީ އެ ފައިސާ ހަތަރު މަސްތެރޭގައި އަނބުރާ ދެއްކުމަށް ޝަރޫގެ މައްޗަށް ހުކުމްކޮށްފައެވެ.

ސިވިލް ކޯޓުގެ ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ ޝަރޫގެ ފަރާތުންނެވެ. އަދި އެ މައްސަލައިގައި ހައިކޯޓުން ހުކުމްކޮށްފައިވަނީ ފެނަކައިން ޝަރޫއަށް 17 މިލިއަން ރުފިޔާ ދިން އިރު، ޝަރޫއިން ދޫކުރި ޗެކު މެދުވެރިކޮށް ފެނަކައަށް ފައިސާ ލިބިފައިނުވާ ކަމަށެވެ. ހުކުމުގައި ބުނެފައިވަނީ އެކަމުގައި އެއްވެސް ސުވާލެއް ނެތް ކަމަށާއި، ޝަރޫއިން އެ ފައިސާ ފެނަކައަށް ދޭންޖެހޭނެކަން ސާފުވާ ކަމަށެވެ.

ޝަރޫގެ ފަރާތުން މި މައްސަލަ އިސްތިއުނާފު ކުރިޔަސް، ދަށު ކޯޓުގެ ހުކުމަށް ބަދަލު ގެންނަން ޖެހޭ އެއްވެސް ސަބަބެއް ނެތްކަން ހައިކޯޓުގެ ހުކުމުގައި ވަނީ ފާހަގަކޮށްފައެވެ. ހުކުމުގައި ބުނެފައިވަނީ އިސްލާމީ ޝަރީއަތުގައި ނުވަތަ ގާނޫނުގައި ކަނޑައެޅިގެން މަނާކޮށްފައިނުވާ ކޮންމެ ކަމެއް ކުރުމުގެ މިނިވަންކަން ގާނޫނު އަސާސީގެ 19 ވަނަ މާއްދާއިން ލިބިގެންވާ ކަމަށެވެ. އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ދޫކުރާ ބޭރު ފައިސާ ގަނެ ވިއްކުމުގެ ލައިސަންސް ނެތި ބޭރު ފައިސާ ގަނެ ވިއްކުމާއި ބޭރު ފައިސާ ގަނެ ވިއްކާކަމަށް ދެއްކުމަކީ މަނާކަމެއް ކަމަށެވެ.

ހުކުމުގައި ވަނީ ޝަރޫއަށް ދޫކުރި 17 މިލިއަން ރުފިޔާ އެއީ ޑޮލަރު ގަތުމަށް ދޫކުރި ފައިސާއެއްކަން އެނގެން އެބައޮތްކަން ފާހަގަކޮށްފައެވެ. އަދި ޑޮލަރު އެއީ ބޭރު ފައިސާއަކަށްވެފައި ޑޮލަރު ގަތުމަށް ދިވެހި ރުފިޔާ ދޫކުރުމުގެ ކުރިން އެ ފައިސާ ދޫކުރެވޭނީ ބޭރު ފައިސާ ގަނެ ވިއްކުމުގެ ހުއްދަ އޮތް ފަރާތަކަށް ތޯ ކަށަވަރު ކުރުން އެއީ އިސްވެރިންގެ ޒިންމާއެއް ކަމަށެވެ.

މީގެ އިތުރުން އެ ފައިސާ ފެނަކައަށް ދޫކޮށްފައިވަނީ ޝަރޫ ލޯންޗް ސަރވިސަސް ޕްރައިވެޓް ލިމިޓެޑަކީ ބޭރު ފައިސާ ގަނެ ވިއްކުމުގެ ހުއްދަ ޤާނޫނީ ގޮތުން ލިބިފައިވާ ފަރާތެއްކަން ކަށަވަރުނުކޮށްކަން ސާބިތުވާކަމާއި، ޝަރޫ ލިމިޓެޑަކީ ގާނޫނީ ގޮތުން ޑޮލަރު ގަނެ ވިއްކުމުގެ ހުއްދަ އޮންނަ ފަރާތެއްކަން ކަށަވަރު ކުރުމަކާނުލައި، ފެނަކައިގެ ފަރާތުން ޝަރޫއަށް ފައިސާ ދިން ދިނުމަކީ، ފެނަކައިގެ އިސްފަރާތްތަކުން ވެސް ޝަރުއީ ގާނޫނީ ގޮތުން ހުއްދަނޫން މުއާލަމާތެއްގެ ތެރެއަށް ވަނުމުގެ ޒިންމާ ގާނޫނީ ގޮތުން އުފުލަންޖެހުމުގެ އިތުރުން އެ ކަމުގެ ތަގްޓީރީ ޒިންމާވެސް އުފުލަންޖެހޭނެކަމަށް ހުކުމުގައި ވަނީ ބުނެފައެވެ.

ފެނަކަ އަށް ޝަރޫއިން ދޫކުރި ޗެކް ބައުންސްވި މައްސަލާގައި މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ) ގެ މުވައްޒަފަކާއި އިތުރު ބަޔަކު ހައްޔަރުކޮށް، އެ މައްސަލަ ތަހުގީގު ވެސް ކުރިއެވެ. އަދި ބޭރު ފައިސާ ވިއްކުމުގެ ހުއްދަ ނެތީސް، ޝަރޫ އަށް ޑޮލަރު ގަތުމަށް ހަވާލުކުރި މައްސަލާގައި ފެނަކައިގެ އޭރުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލާއި އެ ކުންފުނީގެ އިތުރު ބައެއް އިސް މުވައްޒަފުންނަށް ދައުވާކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން އެ އިދާރާއިން އޭރު ނިންމީ އެ މައްސަލާގައި ދައުވާ ކުރެވެން ނެތް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: