ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަރަނިތައް ޑިފޯލްޓު ނުވިޔަސް، ދައްކާ ވާހަކަވެސް އަހަންޖެހޭ!

މިނިސްޓްރީ އޮފް ފިނޭންސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހަފްތާ ފެށިގެން އައީ ރާއްޖޭގައި ބޭރު ފައިސާ މަދުވެ ދަރަނި އިތުރުވުމާއި ގުޅިގެން، ކްރެޑިޓް ރޭޓިން ކުންފުނި ފިޗުން ރާއްޖޭގެ ރޭޓިން “ބީ” އިން “ސީސީސީ” އަށް ދަށްކުރި ޙަބަރާއެކުއެވެ. މިއީ ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އެޖެންސީ، ހޮންކޮންގްގެ ފިޗް ރޭޓިންސް އިން މި އަހަރު ރާއްޖޭގެ ރޭޓިން ދަށްކުރި ދެ ވަނަ ފަހަރެވެ. އޭގެ ކުރިން މިއަހަރުގެ މޭމަހުގެ ތެރޭގައި މޫޑީސް އިންވެސްޓާސް ސާވިސަސް އިން ރާއްޖެ އަށް ދީފައިވާ ރޭޓިން ބީ2 އިން ބީ3 އަށްވަނީ ދަށްކޮށްފައެވެ.

މޭމަހުގެ ތެރޭގައި މޫޑީސް އިން ލަފާކޮށްފައިވަނީ، ރާއްޖޭގެ ޓޫރިޒަމާއި އިގްތިސާދު މި އަހަރުގެ ތެރޭގައި ރަނގަޅުވި ނަމަވެސް ބޭރު ފައިސާ ހޯދުމުގައި ދަތިތަކާ ކުރިމަތިވާނެ ކަމަށެވެ. އެގޮތުން ރާއްޖޭގެ އިގްތިސާދު 10 ޕަސެންޓު ދަށަށް ދާނެ ކަމަށް މޫޑީސް އިން ލަފާކުރެއެވެ. ނަމަވެސް ރާއްޖޭގެ ފަތުރުވެރިކަން އޭރު އަންދާޒާ ކުރެވުނު ވަރާ ގާތަކަށްވެސް ކުރިއަކަށް ނުދިޔައެވެ.

ކޮވިޑްގެ ސަބަބުން ކުރިމަތިވެފައިވާ ކަންކަމާ ހެދި ރާއްޖޭގެ އިގްތިސާދަށް ކުރަމުންދާ އަސަރުތަކަށް ބަލައި، ފިޗުން ރާއްޖޭގެ ރޭޓިން ފުރަތަމަ ދަށްކޮށްފައިވަނީ މިއަހަރުގެ އޭޕްރިލް މަސް ތެރޭގައެވެ. ދަރަނި އަދާކުރުމުގެ ގާބިލްކަން ހުރި މިންވަރު ވަޒަންކޮށް ދޭ މި ރޭޓިންގައި ފިޗުން ރާއްޖެ އަށް ދީފައިވާ “ބީ ޕްލަސް” އެފަހަރު “ބީ” އަށް ދައްކުރިއެވެ. މިފަހަރު ދައްކުރީ ރާއްޖޭގެ ރޭޓިން “ބީ” އިން “ސީސީސީ” އަށެވެ. ސީސީސީ ރޭޓިން އަކީ ދަރަނި ނުދެއްކޭ ދަރަޖަ އަށް މާލީ ހާލަތު ގޯސްވުމެވެ.

ފިޗުން ބުނި ގޮތުގައި ރާއްޖޭގެ ރޭޓިން ދަށްކޮށްފައިވަނީ ބޭރު ފައިސާ ހޯދުން ދަތިވުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ހީނަރުވުމާއި ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ދަރަނި އިތުރު ވުމުގެ ސަބަބުންނެވެ.  އެވާހަކަތައް ދިވެހި ސަރުކާރަކުން ޤަބޫލެއް ނުކުރެއެވެ. ޚާއްސަކޮށް މާލީ ވަޒީރު އިބްރާހިމް އަމީރު އެވާހަކަތައް ޤަބޫލުކުރައްވަން އިންކާރު ކުރައްވައެވެ. އެކަމަކު ރާއްޖެ ރޭޓް ކުރުމަށް ހަވާލުކޮށްފައިވަނީ މޫޑީސް އާއި ފިޗަށެވެ. މި ބޭނުމަށް މި ދެ ކުންފުނިން، ރާއްޖެއާ ގުޅޭ ތަފާސް ހިސާބުތަކާއި މައުލޫމާތު ރާއްޖެ އާއި ރާއްޖޭން ބޭރުގެ އިދާރާތަކުން ހޯދާނެ އެވެ. އެކަން މިނިސްޓަރަށް ހަމަ ރަނގަޅަށް ފަހުމު ވާނެއެވެ.

މޫޑިސް އާއި ފިޗު އެކަންޏެއް ނޫނެވެ. ރާއްޖޭގެ ދަރަނި ބޮޑުވެ، ދަރަނި ނުދެއްކޭ ހާލަތް މެދުވެރިވުމުގެ ނުރައްކާ މިހާރު ވަރަށް ބޮޑު ކަމަށާއި އެހެންވެ މަޝްރޫއުތައް ފަސްކުރަންޖެހޭ ކަމަށް ވޯލްޑް ބޭންކުންވެސް ބުނީ ނިމިދިޔަ އޮކްޓޫބަރު މަހުގެތެރޭގައެވެ. އެވާހަކަތަކަށްވެސް ސަރުކާރުން ދިނީ ބީރު ކަންފަތެކެވެ. ބަޖެޓުގައި ނެތް ކަންކަންވެސް މިނިސްޓަރު ފެއްޓެވީއެވެ. އެކަންކަމަކަށް ޚަރަދުކުރަން ފައިސާވެސް ދޫކުރަނީއެވެ. ދުނިޔޭގެ މައި ބޭންކުންވެސް އެކަންކަން ނުކުރަން އިންޒާރު ދެމުންދަނިކޮށެވެ.

މިނިސްޓަރު ވިދާޅުވަނީ ސޮވެރިން ޑިފޯލްޓަކަށް ނުދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށާއި އެއީ ކަންބޮޑުވާން ޖެހޭ ވަރުގެ ކަމެއް ނޫން ކަމަށެވެ. ސަރުކާރުގެ ތަރައްގީގެ އެޖެންޑާ ކުރިއަށް ގެންދިއުމަށް މިހާރު ބަރޯސާ ކުރަން ޖެހިފައި އޮތީ ބޭރުން ނަގާ ދަރަންޏަށް ކަމަށްވެސް ވިޑާޅުވިއެވެ. އެކަމަކު ދަރަނި ނަގައިގެން ހިންގާ މަޝްރޫއަކުން މިހާތަނަށް އިއްތިޞާދަށް ލިބުނު މަންފާއެއް ނެތެވެ. ހަމަ ވަންނަ އެއްޗެއް މި ލިބެނީ ފަތުރުވެރިކަމުންނެވެ.

އެންމެ ފަހުން އައި އިންޒާރުގައިވެސް ފިޗުން އަންދާޒާކުރާ ގޮތުގައި ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ލިބޭ ގެއްލުން 2004 ވަނަ އަހަރުގެ ސުނާމީ އާއި 2009 ވަނަ އަހަރުގެ ފައިނޭންޝަލް ކްރައިސިސްގައި ލިބުނު ގެއްލުމަށް ވުރެ ބޮޑުވާނެ އެވެ. އަދި ރާއްޖޭގެ ޓޫރިޒަމް ފެށި ނަމަވެސް އިގްތިސާދު ރަނގަޅުވާނީ 2022 ގައި ކަމަށް ފިޗުން ވަނީ ބުނެފަ އެވެ. އަދި ފިޗުން ބުނެފައިވާ ގޮތުގައި ކޮރޯނާވައިރަހާ ހެދި ޓޫރިޒަމްގެ އާމްދަނީ ވަރަށް ބޮޑަށް ދަށްވުމުން ރިސެޝަނަކަށް ނުގޮސް ސަލާމަތްވެދާނެ ކަމަކަށް ނުފެނެ އެވެ.

ދުނިޔޭގައި ފިޗް ފަދަ ބައިނަލްއަގްވާމީ އިންޑިކޭޓަރުން ދޭ އިންޒާރުތައްވެސް ސަރުކާރުން ޤަބޫލު ކުރާކަށް ބޭނުމެއް ނުވެއެވެ. ޚާއްސަކޮށް މާލީ ވަޒީރެވެ. ފަހުގެ ޕޮލިސީތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ބާރުމިނުގައި ކުރިއަރަމުން އަންނަ ކަމަށް ބުނެ ގަދަ ބަސް ވިދާޅުވަމުން ދަނީއެވެ. މީ މާމޮޅު އާދަޔާ ޚިލާފު ބަޔަކު ތިބި ސަރުކާރެކެވެ. އެއްވެސް އެއްޗެއް ގަބޫލު ކުރަނީއެއް ނޫނެވެ. އާޚިރުގަ މިހުރިހާކަމެއްގެ އަގު ދައްކަން ޖެހޭނީ ދިވެހި ނިކަމެތި ރައްޔިތުންނަށެވެ.

ފަތުރުވެރިކަމޭ ކިޔާއިރު، މިވަގުތު މި އަންނަ މަދު ފަތުރުވެރިންކޮޅާއެކު ގައުމުގެ އިގްތިސޯދު އުޑަކަށް ނާރާނެއެވެ. އިގްތިސޯދު ރަނގަޅު ކުރަންވާ ގުރުބާނީއެއް ރައްޔިތުންނަށް ބުނެދޭންވީއެވެ. ލޯނު ނުނަގާ ގައުމަށް ވަންނަ ފައިސާއެއް ބުނެދޭންވީއެވެ. އެތައް ބިލިއަނެއްގެ ލޯނު މިހާރުވެސް ނަގައިފިއެވެ. އެކަމަކު އަދި ވެސް ބޯހަރު ވަޒީރު ވިދާޅުވަނީ ދަރަންޏަށް ފައިސާ ނަގައިގެން ތަރައްގީގެ މަޝްރޫއުތައް ހިންގަނީ ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވި އިގްތިސާދީ ކާރިސާ އިން އަރައިގަނެ ހާލަތު ބަދަލުކުރަން ކަމަށެވެ. ރަށެއްގެ ބަނދަރާއި ފެނާއި ނަރުދަމާއިން މިހާލަތުގައި އިޤތިޞާދަށް ފައިދާއެއް ވާނެ މަގެއް ނެތްކަން ކޮންމެ މީހަކަށްވެސް އެނގޭނެއެވެ.

އިންޒާރުތައް އަޔަސް ހަރަދު ކުޑަކުރަން ކުރާކަމެއްނެތެވެ. މުސާރަތަށް ހަމަ ބަރާބަރަށް އެބަ ނަގައެވެ. ނަމެއްގައި މުސާރަތައް ވަނީ ކުޑަކޮށްފައެވެ. ބޭރު ފައިސާގެ ކޮންޓްރޯލް އޮތީ ބިދޭސީންގެ އަތުގައެވެ. ބޭންކް ރޭޓު އޮތްތަނެއްގައި އޮށްވާ ހިތުހުރި އަގަކަށް ރޭޓުތައް ބަދަލުކޮށް ކަޅު ބާޒާރުގައި ވިއްކަނީ އުސޫލެއްނެތިއެވެ.

މާލީ ވަޒީރު ކިތަންމެ މޮޅު އަނދުނެއް އަޅުވަން އުޅުނަސް އެކަމެއް ނުވާނެއެވެ. ދައްކާ ވާހަކައިން އަމިއްލައަށް ބޭޒާރުވުން ނޫން ކަމެއް ނުވާނެއެވެ. މީ 1970ގެ އަހަރުތަކެއް ނޫނެވެ. މަޢުލޫމާތެއް ހޯދަން ބޮޑެތި ލައިބްރަރީތަކަށް ދާކަށް ނުޖެހެއެވެ. ހިނގަމުންދާ ކަންކަން އެނގެން އޮތީ ދައުލަތުގެ ރޭޑިޔޯ ނުވަތަ ދައުލަތުގެ ޓީވީ އަކުން ނޭނެވެ. ބީސީސީ ރޭޑިއޯ ދިވެހިން އަޑު އެހި ޒަމާންވެސް މާޒީވީއެވެ. ދުނިޔޭގެ ކަންކަންވެސް ވަރަށް ފަސޭހައިން ބަލާލެވެއެވެ.  މިހާރު އެ ހުރިހާ މައުލޫމާތު އޮންލައިންކޮންނާ ސެޓެލައިޓް ޓީވީ މެދުވެރިކޮށް ރިއަލް ޓައިމްކޮށް އެހެރީ ފެންނަނާށެވެ.

މިއަދު ރާއްޖޭގެ ވަރަށް ގިނަ ދިވެހިންނަކީ، ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުންނަށްވުރެ، އަދި ސަރުކާރުގެ މަތީ މަގާމުތަކުގައި ތިބި ގިނަ މީހުންނަށް ވުރެ، ތަރުބިއްޔަތާ، ތަޢުލީމާ އަދި ތަޖުރިބާގެ ގޮތުން ފުންނާބު އުސް ބައެކެވެ. އަމިއްލަ ފައިދާއަށް ގައުމުގެ އިޤްތިޞާދު މާ ބޮޑަށް އިންޑިޔާއަށް ބަރޯސާވާއިރު ގައުމުގެ އިޤްތިޞާދު މިއަހަރު ދައްވާނެކަން ރައްޔިތުންނަށް އެނގެއެވެ. އިންޑިޔާއިން އެހީވަނީ އެމީހުންގެ ހަންފަތުރާށާއި މިނިވަންކަންގެއްލޭ ފަދަ މަޅިތައް ޖަހަންކަންވެސް އެނގޭނެއެވެ.

މީގެ ކުރިން ޕްރައިވެޓު ކުންފުނިތަކެއްގައި މަސައްކަތްކުރިޔަސް ގައުމުގެ މާލިއްޔަތާއި ހަވާލުވުމުން ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ ދެއްކުން ދޫކޮށްލަންޖެހެއެވެ. މޫޑިސް އާއި ފިޗުން ނެރޭ ރިޕޯޓުތަކަކީ ދުނިޔެވީ ފެންވަރުގެ ތަޖުރިބާކާރުން ވިސްނާފައި ތައްޔާރުކުރާ ރިޕޯޓު ތަކެކެވެ. އެއީ ދެތިން އެކްޓިވެސްޓެއް ނެރޭ ރިޕޯޓެއް ނޫނެވެ. އެކަމާމެދު ވިސްނާލަން ނޭންގި ގަބޫލުނުކުރާ ކަމަށް އަވަހަށް ބުނުމަކީ މާލީ ވަޒީރުގެ ތަޖުރިބާނެތްކަމާއި ވިސްނުމުގަ ހުރި ފެންވަރު ދައްކައިދޭ ކަމެކެވެ. ނާ ޤާބިލުކަމުން މި ގައުމު މިދަނީ ހަލާކުން ހަލާކަށެވެ.

މިސާލަކަށް ޑޮކްޓަރަކު ބަލި މީހާ ބެލުމަށްފަހު ވިދާޅުވަނީ ޓެސްޓުތަކުގެ ނަތީޖާން ދައްކަނީ ކެންސަރު ޖެހިފައިވާ ކަމަށެވެ. ދެން ޑޮކްޓަރުގެ ބަސް ގަބޫލް ކޮއްގެން އެކަމުން ސަލާމަތް ވާން މައްސަކަތް ކުރުމުގެ ބަދަލުގައި އެކަމާވެސް އިންކާރުކޮށް ދޮގުކުރާނީ ހެއްޔެވެ. ކުރީ ސަރުކާރުގަ ވެސް ރޭޓިން ދައްވި ފަހަރެއްގައި ޓީވީއަށް އަރާ ދެއްކި ވާހަކަ ހަނދުމަކޮށްލެއްވުން ބުއްދިވެރިވާނެއެވެ. ލިބޭ ވަރައް ވުރެއް ހަރަދު އަހަރުން އަހަރައް ބޮޑުވާނަމަ ދަރަނިވާނެކަން ކޮންމެ ރައްޔިތަކަށްވެސް އެނގޭނެއެވެ. އެކަމަކު  ރޯނު އެދުރު ހެދެނީއެވެ. ދަރަނިތައް ޑިފޯލްޓު ނުވިޔަސް، ދައްކާ ވާހަކަވެސް އަހަންޖެހެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: