ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންސާފު ލިބުމަކީ، އާފިޔާގެ މައްޗަށް ކުށް ސާބިތު ވާނަމަ އެކަން އަވަހަށް ނިންމުން: ޝަމީމް

އިބްތިހާލްގެ މަރުގެ މައްސަލަ
ޝެއާރކޮށްލާ ކަހަލަދޯ؟

ވ. ރަކީދޫގައި، އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލަށް އަނިޔާކޮށް މަރާލި މައްސަލާގައި އޭނާގެ މަންމަ އާފިޔާ މުހައްމަދުގެ މައްޗަށް ކުރާ ދައުވާގައި އިންސާފު ލިބޭނެކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޖެނުއަރީ، 2015 ގައި ތިން އަހަރުގެ އިބްތިހާލަށް އަނިޔާކޮށް، މަރާލި މައްސަލާގައި އޭނާގެ މަންމަ އާފިޔާ މުހައްމަދުގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް ކުރެއެވެ. އެއީ އިބްތިހާލް މަރުވުމުގެ ކުރިން އެކި ދުވަސްމަތިން އަނިޔާކުރި ކަމަށް ބުނެ ކުރާ އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ އާއި އިބްތިހާލް މަރުވި މައްސަލާގައި ކުރާ ގަސްދުގައި ކުއްޖަކު މެރުމުގެ ދައުވާ އެވެ.

އެ މައްސަލައިގައި އިބްތިހާލްގެ މަންމަ އާފިޔާ ހައްޔަރު ކުރުމާއި އެކު އޭރު މުވައްސަސާތަކަކާއި ވުޒާރާތަކުން ވެރިން ބުނަމުން ދިޔައީ މައްސަލަ ވަރަށް އަވަހަށް ތަހުގީގުކޮށް އިބްތިހާލަށް ލިބެންޖެހޭ އިންސާފު ހޯދައިދޭނެކަމަށެވެ. މައްސަލައަށް ފަސް އަހަރުވީއިރު އެންމެ ފަހުން ޝަރީއަތުގެ އަޑުއެހުމެއް ބޭއްވި މި އަހަރުގެ ފެބްރުއަރީ މަހުއެވެ. އަދި އެ ދުވަހު ހުލާސާ ބަޔާން އިއްވާ، ވީހާވެސް އަވަހަށް ހުކުމް ކުރުމުގެ އަޑުއެހުން ބާއްވާނެކަމަށް އިއުލާނު ކުރެއްވިއެވެ. އެހެން ނަމަވެސް އޭގެ ފަހުން އަށް މަސްވީއިރު ވެސް ހުކުމް އިއްވުން ތާވަލުކޮށްފައި ނުވެއެވެ.

ދިވެހި ރާއްޖޭގެ އަޑުން ގެނެސްދޭ “އަހާށޭ ބުނާނަން” ޕްރޮގްރާމުގައި އާއްމުންގެ ފަރާތަކުން ވަނީ އިބްތިހާލަށް އަނިޔާކޮށް މަރާލި މައްސަލައިގެ އިންސާފު ލިބުނުން ލަސްވާތީ އެކަމާއި ގުޅޭގޮތުން ސުވާލުކޮށްފައެވެ. ޕްރޮސެކިއުޓާ ޖެނެރަލްކަމުގެ މަގާމަށް ވަޑައިގަތުމުގެ ކުރިން ޝަމީމް ވަނީ އާފިޔާގެ ވަކީލުކަން ކުރައްވާފައެވެ. އަދި އެ ސަބަބާއި ހުރެ ޕީޖީއިން މި މައްސަލައިގައި ކުރަމުންދާ ހުރިހާ މަސައްކަތްތަކަކުން ތަނާޒުލްވެވަޑައިގެންފައިވާ ކަމަށް ޝަމީމް ވިދާޅުވިއެވެ.

އެތައް އަހަރުތަކެއް ވެފައިވާ އެ މައްސަލައަށް އިޝާރާތް ކުރައްވާ ޝަމީމް ވިދާޅުވީ މި މައްސަލައިގައި އިބްތިހާލް އަދި އާފިޔާއަށް ވެސް އިންސާފު ލިބެންޖެހޭ ކަމަށެވެ. އަދި އިންސާފު ލިބުމުގެ މާނައަކީ އެއީ މައްސަލައިގައި ތުހުމަތު ކުރެވޭ އިބްތިހާލްގެ މަންމަގެ މައްޗަށް ކުށް ސާބިތުވެ އޭނާއަށް ވެސް ހައްގު އަދަބު ލިބުން ކަމަށެވެ.

“އެ މައްސަލަ ވެސް ކޯޓުގައި ހިނގަމުންދާތާ މިހާރު ހަތަރު ފަސް އަހަރެއް މިވަނީ. އަޅުގަނޑު ހިތުން އޭގެ އިންސާފަކަށް ވާނީ ދެކޮޅަށް ވެސް އިންސާފު ލިބުން. މާނައަކީ އިބްތިހާލްއަށް ވެސް އިންސާފު ލިބުން އަދި އެކަމުގައި ތުހުމަތު ކުރެވޭ މީހާއަށް ވެސް އިންސާފު ލިބުން. އޭނައަށް އިންސާފު ލިބުނުކަމަށް ވާނީ އޭނަގެ މައްޗަށް ކުށް ސާބިތު ވަންޏާ އެކަން ވެސް ނިންމުން. ކުށް ސާބިތުވާކަމަށް ނިންމާ އޭނައަށް އެ ޕްރޮސެސް ބަރާބަރަށް ފޯރުކޮށްދިނުން” ޝަމީމް

އިބްތިހާލަށް އާފިޔާ އިހުމާލު ވަމުން ދިޔަކަމުގެ އެތައް މައްސަލައެއް ހުށަހެޅުނު ނަމަވެސް ކަމާއި ބެހޭ އިދާރާއަކުން އޭގެ އެއްވެސް މައްސަލައެއްގެ ތަހުގީގެއް ހިންގާފައި ނުވާތީ ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުންގެ މައްޗަށްވެސް އިހުމާލުވީ ކަމުގެ ދައުވާ އުފުލުނެވެ. އެހެން ނަމަވެސް އެ ތުއްތު ކުއްޖާގެ މަރަށް ފަސް އަހަރު ވެގެންދިޔައިއިރު އިބްތިހާލު މަރާލިކަމަށް، އޭނާގެ މަންމަ އާފިޔާ އެއްބަސްވީ ޝަރީއަތުގެ މަޖިލީހުގައެވެ.

ރަކީދޫގައި އަނިޔާވެރިގޮތަކަށް މަރާލި އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލުގެ މައްސަލައިގައި އޭނާގެ މަންމަގެ މައްޗަށް ދައުވާކުރި މައްސަލަ ކޯޓުގައި އޮންނަތާ ހަތަރު އަހަރުވެއްޖެއެވެ.

އިބްތިހާލަށް ބޮޑެތި އަނިޔާތަކެއް ދީ، އޭނާ މަރާލި މައްސަލާގައި އާފިޔާގެ މައްޗަށް ދައުވާ ކުރާއިރު، މީގެ ކުރިން ތަހުގީގާއި ޝަރީއަތުގެ އެތައް އަޑުއެހުންތަކެއްގައި އޭނާ ވަނީ އިބްތިހާލް މަރުވި ދުވަހު އިބްތިހާލަށް އަނިޔާ ކުރި ކަމަށް އެއްބަސްވެ، އެކަން ކުރި ގޮތް ތަފްސީލްކޮށް ކިޔައިދީފައެވެ. އާފިޔާ ބުނެފައި ވަނީ އޭނާގެ މަންމަ ކައިރިން ދަރިފުޅު އޭނާގެ ކައިރިއަށް ބަދަލު ކުރި ދުވަހުން ފެށިގެން އަނިޔާ ކުރި ކަމަށާއި އަނިޔާ ކުރީ އެއީ ބައްޕަ ނެތް ކުއްޖަކަށް ވާތީ ކަމަށެވެ. އަދި ރުޅި އަންނަ ކޮންމެ ފަހަރަކު އިބްތިހާލަށް އަނިޔާ ކުރާ ކަމަށް ކުރީގެ ޝަރީއަތުގެ މަޖިލީހުގައި އާފިޔާ ވަނީ ބުނެފައެވެ.

މި މައްސަލަ ކުރިޔަށް ނުގޮސް ދިގުލައިގެންދާތީ ޝަމީމް ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ. އަދި މިއީ އިންސާފު ލިބެންޖެހޭ މައްސަލައެއްކަން ފާހަގަކުރެއްވިއެވެ.

“އެހެންވީމަ އަޅުގަނޑު އެދެނީ ވީހާވެސް އަވަހަށް އެ މައްސަލަ ނިމިގެން ދާން. އެހެން ނަމަވެސް މިބުނާހެން މި މައްސަލަ ވެސް ނުނިމި ހަތަރު ފަސް އަހަރެއް މިއޮއް ދަނީ. ދެން އިންސާފުވާނީ ކޮން ގޮތަކަށް ތޯ. އެއީ ވަރަށް ޖެނެރިކް ސުވާލެއް… އެކަމު އަޅުގަނޑު ޖަވާބު އަރުވަން ބޭނުންވާ ސުވާލެއް. އިންސާފު ގާއިމް ވާނެ. ދެން އިންސާފު ގާއިމްވާނެ އޭ މި ދަންނަވަނީ އޭގެ ފަލްސަފީ މާނައިގައި.” ޝަމީމް

މިދިޔަ އަހަރުގެ އޮގަސްޓު މަހު ބޭއްވި އަޑުއެހުމުގައި އާފިޔާ ވަނީ އިބްތިހާލަށް އަނިޔާކޮށްފައި ނުވާނެކަމަށް ބުނެފަެވެ. އާފިޔާ ބުނީ އިބްތިހާލަކީ މަރާލަންޖެހޭ ކުއްޖެއް ކަމަށް ގޮވާފައިވަނީ އަވަށްޓެރިން ކަމަށެވެ. އެގޮތުން ބައެއް އަވަށްޓެރިން ގޮވާފައިވަނީ އިބްތިހާލަކީ މަރާލަންޖެހޭ ކުއްޖެކޭ ކަމަށް އާފިޔާ ޝަރީއަތުގައި ބުނެފައިވެއެވެ.

އިބްތިހާލް މަރުވުމުގެ ދުވަސްތަކެއް ކުރިން މަންމަ އާފިޔާގެ ފަރާތުން އޭނާއަށް އަނިޔާތަކެއް ލިބެމުން ދިޔަ ކަން ޖެންޑާ މިނިސްޓްރީއަށް އެރަށުން ރިޕޯޓްކޮށްފައި ވެއެވެ.

އިބްތިހާލްގެ މަރުގެ މައްސަލައިގައި މިދިޔަ ފެބްރުއަރީގައި ބޭއްވި އަޑުއެހުމުގައި ހުލާސާ ބަޔާން އިއްވަމުން ދައުލަތުން ވަނީ އިބްތިހާލް މަރުވި ދުވަހު ހިނގައިދިޔަ ހުރިހާ ކަމެއް ބަޔާނުގައި ހުށަހަޅާފައެވެ. އަދި އެ ހުރިހާ ވާހަކައެއް ހުށަހަޅަމުން ދިޔައިރު އާފިޔާގެ މޫނުމަތީން އެއްވެސް މާޔޫސްކަމެއް ނުފެނެއެވެ.

އެ ބަޔާން ހުށަހަޅަމުން ދިޔަ ވަގުތު، ކޯޓު ރޫމަށް ހާޒިރުވެތިބި ހުރިހާ ނޫސްވެރިންވެސް ތިބީ އިސްޖަހައިގެންނެވެ. އަދި ދޭތެރެއަކުން އާފިޔާވެސް ފަހަތަށް އެނބުރި ނޫސްވެރިންނަށް ނަޒަރު ހިންގާލައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: