އަންނަ އަހަރަށް ލަފާކޮށް34 ބިލިޔަން ރުފިޔާގެ ބަޖެޓެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
2021 ވަނަ އަހަރަށް ހުށަހަޅާ ދައުލަތުގެ ބަޖެޓުގެ ޖުމްލައަކީ 34,787,720,151 (ތިރީސް ހަތަރު ބިލިއަން ހަތް ސަތޭކަ އައްޑިހަ ހަތް މިލިއަން ހަތް ސަތޭކަ ވިހި ހާސް އެއް ސަތޭކަ ފަންސާސް އެއް ރުފިޔާ). ކަމަށެވެ.
މީގެ ތެރެއިން، ޚަރަދުގެ ގޮތުގައި ހިނގާނެކަމަށް ބެލެވެނީ 33.3 ބިލިއަން ރުފިޔާއެވެ. ބަޖެޓާއި ޚަރަދާއި ހުރި ތަފާތުގެ ބޮޑު ބައެއް ހިއްސާކުރަނީ، ދައުލަތުގެ ދަރަނި އަދާކުރުމަށް ދައްކާ 1.5 ބިލިއަން ރުފިޔާއެވެ. މިނިސްޓަރ ވިދާޅުވި ގޮތުގައި 2021 ވަނަ އަހަރުވެސް ވާނީ އާމްދަނީގެ ގޮތުން ތަދު އަހަރަކަށެވެ. 2021 ވަނަ އަހަރު ޖުމްލަ އާމްދަނީ އާއި ހިލޭއެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކުރެވެނީ 17.8 ބިލިއަން ރުފިޔާއެވެ.
2020 ގައި ހުށަހެޅި ބަޖެޓަށްވުރެ މިބަޖެޓު ކުޑަކުރި ނަމަވެސް، އާމްދަނީ ދަށްވާ މިންވަރު ބޮޑުކަމުން، ބަޖެޓުގެ ޑެފިސިޓް ބޮޑެވެ. 2021 ވަނަ އަހަރުގެ ބަޖެޓު، ޑެފިސިޓް ވާނީ 15.5 ބިލިއަން ރުފިޔާއިން.ނެވެ މިއީ ޖީޑީޕީގެ ނިސްބަތުން 23.4 އިންސައްތައެވެ.
2021 ވަނަ އަހަރުގެ ބަޖެޓު ތައްޔާރުކުރުމުގައި އަސާސަކަށް ބަލާފައިވާނީ ”ނެޝަނަލް ރެޒިލިއެންސް އެންޑް ރިކަވަރީ“ ޕްލޭންގައި އިސްކަންދީފައިވާ ކަންކަމަށެވެ. މި ޕްލޭނަކީ ސަރުކާރުން އެކުލަވާލި ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމެނޭ މުހިއްމު ކަންތައްތަކުގެ ތެރެއިން ކޮވިޑް-19 ގެ ހާލަތަށް ރިޢާޔަތްކޮށް ރީޕްރިއޮރިޓައިޒްކޮށް، ސަރުކާރުން އެންމެ އިސްކަންދޭ ކަންތައްތައް ހިމަނައިގެން އެކުލަވާލައިފައިވާ ޕްލޭނެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މި ޕްލޭން އެކުލަވާލާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އެކުލަވާލި ”ނެޝަނަލް ޓާސްކްފޯސް އޮން ރެޒިލިއަންސް އެންޑް ރިކަވަރީ“ ގެ މަޝްވަރާގެ މަތިން. މި މަސައްކަތުގެ ތެރޭގައި، ވަރކިންގ ގްރޫޕްތަކުން ވަނީ ވަރަށް ފުޅާދާއިރާއެއްގައި ދައުލަތުގެ އިދާރާތަކާއި އަމިއްލަ ވިޔަފާރިތަކާއި ޖަމިއްޔާ ޖަމާއަތްތަކާއި ރާއްޖޭގެ ތަޖުރިބާކާރުންނާ މަޝްވާރާކޮށްފައެވެ.
މިބަޖެޓުގައި ވާނީ ކޮވިޑް-19 އާ ދެކޮޅަށް އާންމު ސިއްހީ ދާއިރާއިން މިހާރުވެސް ކުރިއަށް ގެންދަމުންދާ މަސައްކަތްތަކަށް ބަޖެޓު ކަނޑައަޅާފައެވެ. ކުރިއަށް އޮތްތާގައިވެސް މި ވައިރަސް ކޮންޓްރޯލް ކުރެވެން އޮތީ ޓެސްޓު ކުރާ އަދަދު އިތުރުކޮށްގެންނާއި، ކޮންޓްރެކްޓް ޓްރޭސިންގ އާއި، ބަލި މީހުން އެކަހެރި ކުރުން ކުރިއަށް ގެންދެވިގެންނެވެ. މީގެ އިތުރުން ފަތުރުވެރިކަން ވެސް ރަނގަޅަށް ހުޅުވާލެވެން އޮތީ ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ފަސޭހައިން ޓެސްޓު ކުރެވޭނެ އިންތިޒާމު ހަމަޖެހިގެން. ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވި ގޮތުގައި އޯގާތެރި ސަރުކާރުގެ އެއް އަސާސަކީ ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތައް ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމެވެ. މިގޮތުން މިދާއިރާއިން ސަރުކާރުން ކުރަމުންގެންދާ އެންމެ މުހިއްމު އެއް ކަމަކީ، 5 ސަރަހައްދެއްގައި ޓަރޝަރީ ފެންވަރަށް ސިއްހީ ޚިދުމަތް ތަރައްޤީކުރުމެވެ. މިގޮތުން، ޓަރޝަރީ ފެންވަރަށް މި ހޮސްޕިޓަލްތައް ތަރައްޤީ ކުރުމަށް 2020 ވަނަ އަހަރުގެ ބަޖެޓުން ފެށުނު މަޝްރޫއުތައް 2021 ވަނަ އަހަރުގައި ކުރިއަށްދާނެއެވެ.
މިނިސްޓަރ ވިދާޅުވި ގޮތުގައި ފުރަތަމަ އަހަރުން ފެށިގެންވެސް މި ސަރުކާރުން ސިއްޙީ ދާއިރާއަށް ކުރަމުން މިގެންދާ ބޮޑެތި އިންވެސްޓްމަންޓްތަކުގެ ސަބަބުން، މި ފުރަބަންދުގެ ތެރޭގައިވެސް ރައްޔިތުންނަށް އޭގެ ފައިދާ އިންތިހާއަށް ލިބެމުންދާ ތަން ވަނީ ފެނިގެންގޮސްފައެވެ.
ސަރަހައްދީ ތަރައްޤީގެ ތަސައްވުރާއެކު، 2021 ވަނަ އަހަރު ކުރުމަށް ނިންމާފައިވާ އިންވެސްޓްމަންޓްތަކަކީ ރާއްޖޭގެ ސިއްޙީ ނިޒާމަށް މިހާތަނަށް އަންނާނެ އެންމެ ބޮޑު އިންގިލާބީ ބަދަލަށް ވެގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެއިތުރުން، އަތޮޅު ތެރޭގައި ޕްރައިމަރީ ހެލްތުކެއަރގެ ޚިދުމަތް ފުޅާކުރުމާއި، ފަސޭހައިން ލެބޯރެޓަރީގެ ޚިދުމަތްތައް ލިބޭނެ މަގު ފަހިކުރުމަށް މޯބައިލް ލެބްގެ ޚިދުމަތް ރާއްޖޭގެ އެކި ހިސާބުތަކަށް ފުޅާކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
ސިއްހީ ދާއިރާއިން އަލަށް ފެށުމަށް ކަނޑައަޅާފައިވާ މުހިންމު އެއް މަޝްރޫއަކީ ރާއްޖޭގައި ފެންވަރު ރަނގަޅު ކެންސަރ ހޮސްޕިޓަލެއް ގާއިމުކުރުމުގެ މަޝްރޫއުއެވެ. މި މަޝްރޫއު ވެގެންދާނީ ކެންސަރާ އެހެނިހެން ގައިންގަޔަށް ނާރާ ބަލިތަކުން މަރުވާ އަދަދު 2018 ގައި ހުރި މިންވަރުން 15 އިންސައްތަ ދަށް ކުރުމަށް ހިފާފައިވާ އަމާޒަށް ވާސިލުވުމަށް މުހިންމު މަޝްރޫއަކަށް މިނިސްޓަރ އަމީރު ފާހަގަ ކުރެއްވިއެވެ.
ދުޅަހެޔޮ ރައްޔިތެއް ބިނާކުރުމަށްޓަކައި ހަށިގަނޑުގެ ދުޅަހެޔޮ ކަމުގެ އިތުރުން ނަފްސާނީ ދުޅަހެޔޮކަން ގެންނަން ޖެހޭކަން މިނިސްޓަރ އަމީރު ފާހަގަ ކުރެއްވިއެވެ. މިގޮތުން ވަށައިޖެހޭ ނިޒާމެއްގެ ތެރެއިން، ޤައުމީ ފެންވަރެއްގައި، ނަފްސާނީ ބަލީގެ މީހުންނަށް އޯގާތެރިކަމާއެކު ފަރުވާ ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަކީ މި ސަރުކާރުގެ މުހިންމު ވައުދެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
”2021 ވަނަ އަހަރުގެ ބަޖެޓުގައި ވެސް ވާނީ ކޮވިޑް-19 ގެ ސަބަބުން ދިރިއުޅުމުގެ ހާލަތު ބަދަލުވެ، އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމްގެ ތެރެއިން އެހީތެރިކަން ކޮންމެހެން ފޯރުކޮށްދޭންޖެހޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި ދިރިއުޅުން އަލުން އާރާސްތުކުރުމަށް މަގުފަހިކޮށްދިނުމަށް ބަޖެޓުން ޖާގަ ދީފައި.“ މިނިސްޓަރ އަމީރު ވިދާޅުވިއެވެ.
މީގެ އިތުރުން އިޖުތިމާއީ ރައްކާތެރިކަމުގެ ގައުމީ އޮނިގަނޑުގެ ތެރެއިން ދެވެމުންދާ އެހީތައް 2021 ވަނަ އަހަރުގައި ކުރިއަށް ދާނެކަން ފިނޭންސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.. މިގޮތުން ތަކެތީގެ އަގުހެޔޮ ކުރުމަށްދޭ އެހީ، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދޭ އެހީ، އުމުރުން ދުވަސްވީ ފަރާތްތަކަށް ދޭ އެހީ އާއި އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ އެހީ ހިމެނެއެވެ.
މީގެއިތުރުން، 2021 ވަނަ އަހަރު ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ރިހެބިލިޓޭޝަން ޚިދުމަތްދޭ މަރުކަޒަކާއި، މާލޭގައި ޑޭ ކެއަރ ސެންޓަރެއް ޤާއިމްކުރުމަށް ރޭވިފައިވެއެވެ. ރާއްޖެއަށް މަސްތުވާތަކެތި އެތެރެވާ ދޮރުތައް ބަންދުކޮށް، މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތައް އަނބުރާ މުޖުތަމަޢަށް ގެނައުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރުމަށް މި ބަޖެޓުގައި ވާނީ ހިމަނާފައެވެ. ކުޑަކުދިންގެ ޢަދުލުގެ ނިޒާމް ހަރުދަނާކުރުމަށާއި، ކުށުގެ ވެށީގައި އުޅޭ ކުޑަކުދިން އަނބުރާ މުޖުތަމަޢަށް ގެނައުމަށް ކުޑަކުދިންގެ ރެޒިޑެންޝަލް މަރުކަޒެއް ޤާއިމްކުރުމަށް ވާނީ ހިމަނާފައެވެ.
2021 ވަނަ އަހަރު އާސަންދަ ސްކީމަށް ވާނީ 718 މިލިއަން ރުފިޔާ ބަޖެޓު ކޮށްފައިއެވެ. ގައުމެއްގެ ހުރިހާ ރައްޔިތުންނަށް ސިއްހީ ހިދުމަތް ޔަގީން ކޮށްދެވުމަކީ ދުޅަހެޔޮ އުފެއްދުންތެރި އާބާދީ އެއް ބިނާކުރުމަށް މަގު ފަހިކޮށްދޭ ކަމެއް ކަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
ރައްޔިތުންނަށް ސިއްހީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މިފަދަ ނިޒާމަކުން ރައްޔިތުންނަށް މާލީ ރައްކާތެރިކަންވެސް ފޯރުކޮށްދޭކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. މީގެ ފައިދާއާ މެދު އެއްވެސް ޝައްކެތް ނެތް. ނަމަވެސް މިފަދަ ސްކީމެއް ހިންގާއިރު ޚަރަދު އިސްރާފުވުމަށް ފުރުސަތުތަކެއް ހުރިކަން ފިނޭންސް މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ޚަރަދު ބޮޑުވުމަށް މިނިޒާމުގެ ތެރެއިން އިންސެންޓިވް ތަކެއް އުފެދޭކަންވެސް ގަބޫލުކުރަންޖެހޭކަން ވެސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

