ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާޒިމާގެ މައްޗަށް ކުރާ ދައުވާއިން ފަނޑިޔާރު ތަނާޒުލް ވި މައްސަލަ ހައިކޯޓަށް!

ކުރީގެ ރައީސް އަބްދުލް ޔާމީންގެ ސަރުކާރުގެ ލީގަލް އެފެއާޒް މިނިސްޓަރު ޢައިޝަތު އާޒިމާ ޝަކޫރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝުކޫރުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންއަށް މަގު ފަހި ކޮށްދިނުމުގެ ކުށުގެ ދައުވާގެ ހުކުމަކާއި ހަމައަށް އާދެވިފައިވަނިކޮށް، ފަނޑިޔާރު ތަނާޒުލްވި މައްސަލަ އާޒިމާގެ ފަރާތުން ހައިކޯޓަށް ހުށަހަޅައިފިއެވެ.

އާޒިމާގެ މައްޗަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ ކުރަނީ ވެރިކަމުގައި ހުންނަވައިގެން މަނީލޯޑާރ ކުރެއްވި ކަމުގެ ކުށް ސާބިތުވެ، ފަސް އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރު އެސްކްރޯ އެކައުންޓަށް ޖަމާކުރި މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އާޒިމާ ދޮގު މައުލޫމާތު ދީފައިވާ ކަމަށް ބުނާ މައްސަލައިގައެވެ. އަދި މަނީ ލޯންޑްރިންއަށް މަގުފަހިކޮށްދިނުމުގެ ދައުވާ ކުރަނީ އެ ފައިސާ އެސްކްރޯ އެކައުންޓަށް ޖަމާނުކޮށް، އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކުރުމުގައި ބޭންކުން ލިޔުމެއް ހޯދުމުގައި އާޒިމާ މަސައްކަތްކޮށް، އެ ފައިސާ އަސްލު އޮޅުވާލަން މަސައްކަތް ކުރި ކަމަށް ތުހުމަތުކޮށެވެ.

މައްސަލައިގައި ހޫނު ބަހުސްތަކެއް ކުރެވި، އޮކްޓޯބަރު 20 ގައި ވަނީ އަޑުއެހުމެއް ބާއްވާފައެވެ. އަދި އެ އަޑުއެހުންތަކުގައި އާޒިމާގެ ފަރާތުން ވެސް ވަނީ މައްސަލަ އަލުން ފަށައިގެން ކުރިޔަށް ގެންދިއުމަށް އެދިފައެވެ. އެހެން ނަމަވެސް ފަނޑިޔާރު ނިންމެވީ، މައްސަލަ ކުރިން ބެއްލެވި ކުރީގެ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމް މައްސަލަ ނިންމަވާފައި އޮތް ހިސާބުން ކުރިޔަށް ގެންދާށެވެ. ހުކުމަކާއި ހަމައަށް އާދެވިފައިވަނިކޮށް، ފަނޑިޔާރު ހަސަން ސައީދު ވަނީ މައްސަލައިން ތަނާޒުލްވެ ވަޑައިގެންފައެވެ.

އެކަމާއި ގުޅިގެން އާޒިމާގެ ވަކީލުން ބުނެފައިވަނީ މައްސަލައިން ފަނޑިޔާރުން ތަނާޒުލްވެ ވަޑައިގެންފައިވަނީ ގާނޫނާއި ގަވައިދުތަކާއި ބޭރުން ކަމަށެވެ. އަދި މި މައްސަލަ ކުރިމިނަލް ކޯޓުން ބަލައިގެންފައިވަނީ ވެސް ގާނޫނީ އުސޫލުގެ ބޭރުން ކަމަށެވެ. މައްސަލަތަކުން ތަނާޒުލްވުމަށް ވަކި އުސޫލުތަކެއް ކަނޑައެޅިފައި އޮންނައިރު އޭގެ ބޭނުނަކީ މައްސަލަތަކުގައި ތުހުމަތު ކުރެވޭ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކޮށް މިނިވަންކަމާއި އެކު ވަކި ފަރާތަކަށް ބުރަ ނުވެ މައްސަލަތައް ކުރިޔަށް ގެންދިއުން ޔަގީން ކަމަށް ވަކީލުންގެ ބަޔާނުގައި ވެއެވެ.

އާޒިމާގެ ވަކީލުންގެ ޓީމުގައި ހިމެނެނީ ކުރީގެ ޑެޕިއުޓީ ޕީޖީ މަރިޔަމް ނިހާޔަތާއި އާއިޝަތު ފަޒްނާ އަހުމަދާއި އަލީ ސައީދު އެވެ.

ރާއްޖޭގެ ގާނޫނީ އޮނިގަނޑު ބައްޓަން ކޮށްފައިވާ ގޮތުން ފަނޑިޔާރުންނަކީ އެ ބޭފުޅުން ބައްލަވާ މައްސަލަތައް އަމިއްލައަށް އިހުތިޔާރު ކުރުމުގެ ބާރު ފަރުދީ ގޮތުން ލިބިދީފައިވާ ބައެއް ނޫނެވެ. އަދި ފަނޑިޔާރުން ބައްލަވާ މައްސަލަތަކުން ވަކި ހަމަތަކެއްގައި ނޫނީ ތަނާޒުލުވެ ވަޑައިގެން މައްސަލަ ދޫކޮށްލައްވާ އެހެން ފަނޑިޔާރަކާ ހަވާލު ކުރެވޭނެ ބައެއް ނޫނެވެ. ފަނޑިޔާރުން މައްސަލަތަކުން ތަނާޒުލުވެ ވަޑައިގަންނަވަނީ އެ މައްސަލަތަކުގައި މަސްލަހަތާ ފުށުއަރާ ކަމެއް ހިނގުމުގެ ފުރުސަތު އޮވެގެން ނުވަތަ އެފަދަ ކަމެއް ހިނގާފާނެ ކަމަށް އެހެން ބަޔަކަށް ގަބޫލު ކުރެވިގެނެވެ.

އާޒިމާގެ މައްސަލައިގައި މިދިޔަ ހަފްތާގައި އަޑުއެހުމެއް ތާވަލު ކުރިއެވެ. އެހެން ނަމަވެސް އަޑުއެހުމަށް މަދު ގަޑިއިރަކަށް ވެފައިވަނިކޮށް ފަނޑިޔާރު ހަސަން ސައީދު ތަނާޒުލްވެ ވަޑައިގަތީއެވެ.

ނިހާޔަތު ވިދާޅުވީ މި މައްސަލަ ހައިކޯޓަށް ހުށަހަޅަން ނިންމެވީ މައްސަލަ ކުރިޔަށް ގެންދިއުމާ މެދު ގޮތެއް ނިންމުން ބޯމަތިވެފައި ވަނިކޮށް މައްސަލައިގެ ފަނޑިޔާރު ގާނޫނީ އުސޫލުން ބޭރުން މައްސަލައިން ތަނާޒުލުވެ ވަޑއިގަތުމުން އަދި ގާނޫނީ އުސޫލުން ބޭރުން އެކަން ގަބޫލު ކުރައްވައި އެހެން ފަނޑިޔާރަކާ މައްސަލަ ހަވާލު ކުރެއްވުމުން މި މައްސަލައިގައި އެހެން ނުފޫޒެއް ފޯރައި މިނިވަންކަން ގެއްލިފައިވުމުގެ ފުރުސަތު އޮތް ކަމަށް ގަބޫލު ކުރެވޭތީ ކަމަށެވެ.

މައްސަލަ މީގެ ކުރިން ބެއްލެވީ އެހެން ފަނޑިޔާރެއްކަމުން ދެ ގޮތަކަށް މައްސަލައިގައި ގޮތެއް ނިމިގެން ދިއުމުގެ ފުރުސަތު އޮތްކަމަށް އާޒިމާގެ ވަކީލް މީގެ ކުރިން ވެސް ވިދާޅުވިއެވެ. އެހެން ކަމުން ގާނޫނު އަސާސީގެ ދަށުން ލިބިގެންވާ ހައްގުތަކާއި އެކު ބޭނުންވަނީ މައްސަލަ އަލުން ފެށުމަށް ކަމަށް ވަކީލް ވިދާޅުވިއެވެ ދައުލަތުން ވަނީ ގިނަ ގާނޫނީ ނުކުތާތަކެއް މި މައްސަލައިގައި ފާހަގަ ކުރައްވާފައެވެ. އަދި މައްސަލަ ބައްލަވާ ފަނޑިޔާރު ހަސަން ސައީދު ވިދާޅުވީ މައްސަލަ އަލުން ކުރިޔަށް ގެންދިއުމަށް ނުފެންނަ ކަމަށެވެ.

އާޒިމާގެ މައްޗަށް ކުރެވޭ ތުހުމަތުގެ މައްސަލައިގައި އާޒިމާ ވިދާޅުވީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއާއި އޭނާއާއި ގުޅެނީ ކިހިނަކުންކަން ސާފެއް ނޫން ކަމަށެވެ.

އާޒިމާ ވަނީ މި މައްސަލަ އެމްއެމްޕީއާރުސީގެ ފައިސާގެ މައްސަލައާއި ގުޅޭއިރު، އެސްއޯއެފްގެ އެކައުންޓު މި ފައިސާތައް ޖަމާކުރި އެ ކުންފުނީގެ އެއްވެސް މީހަކާއި ދައުލަތުން ސުވާލު ނުކުރާކަން ފާހަގަކޮށްފައެވެ. އަދި އެއްވެސް މީހެއްގެ މައްޗަށް ޖިނާއީ ތަހުގީގެއް ވެސް ނުހިންގާކަމަށް ވިދާޅުވިއެވެ. އަދި ބީއެމްއެލްއިން ހޯދިކަމަށް ދައުލަތުން ބުނާ ލިއުން އެއީ  ދައުލަތުގެ ފައިސާ ކަމަށް ބެލެވޭ ފައިސާ އެކްސްކްރޯ އެކައުންޓަށް ޖަމާކުރިކަން ޔަގީން ކުރުމަށް ހޯދި ލިޔުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: