ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލިބުނު އެންމެ ބޮޑު ކުރިއެރުމަކީ ސުލްހަވެރި މާހައުލެއް ގާއިމްކޮށްދިނުން: ރައީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
ޝެއާރކޮށްލާ ކަހަލަދޯ؟

ފާއިތުވި ދެއަހަރުގެ ތެރޭގައި ރައްޔިތުންނަށް ލިބިދެވުނު އެންމެ ބޮޑު ކުރިއެރުމަކީ ސުލްހަވެރި މާހައުލެއް ގާއިމްކޮށްދިނުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ ރާއްޖޭގެ 53 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސާބާގައި ގައުމާ މުޚާތަބު ކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ދެކެވަޑައިގަންނަވާ ގޮތުގައި ފާއިތުވި ދެއަހަރުގެ ތެރޭގައި ރައްޔިތުންނަށް ލިބިދެވުނު އެންމެ ބޮޑު އިންސާނީ ހައްގަކީ، އަދި ހޯދައިދެވުނު އެންމެ ބޮޑު ކުރިއެރުމަކީ ހަމަޖެހުމާއި، ސުލްހަ މަސަލަސްކަމާއެލު ދިރިއުޅެވޭނެ މާހައުލެއް ގާއިމްކޮށްދިނުމެވެ.

ރައީސް ވިދާޅުވީ މިކަމުގައި ދިވެހިރާއްޖޭގެ ޤައުމީ ދިފާއީ ބާރާއި، ދިވެހި ފުލުހުން މުހިންމު ދައުރެއް އަދާކޮށްފައިވާ ކަމަށެވެ. ފުލުހުންނާއި ގައުމީ ދިފާއީ ބާރުގެ ދައުރު ފާހަގަކުރައްވައި ދިވެހި ސިފައިންނާއި ފުލުހުންނަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މީގެ އިތުރުން، ޒަމާނުއްސުރެ މުޖުތަމައުގައި އަށަގެންފައިވާ ގިނަ މައްސަލަތަކެއްގެ ވާހަކަތައް މިހާރު ދެކެވެންފަށާފައިވާކަމަށް ރައީސްގެ ޚިޠާބުގައި ފާހަގަކުރެއްވިއެވެ. އެގޮތުން، ކުޑަކުދިންނަށް ކުރާ ތަފާތު ގޯނާތަކާއި، އަންހެނުންނަށް ކުރާ ގެވެށި އަނިޔާތަކުގެ ވާހަކަ މިއަދު ހަރުއަޑުން ފަށާފައިވާކަމަށާއި ކޮރަޕްޝަންގެ ވާހަކަތައް މިހާރު ހާމަކުރެވެންފަށާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ ސަބަބަކީ މިފަދަ މައްސަލަތައް ރިޕޯޓްކޮށް ޝަކުވާ ހުށަހެޅޭނެ އިތުބާރު ހުރި ނިޒާމެއް މި ސަރުކާރުން ޤާއިމުކޮށްދިނުން. އަޅުގަނޑު ޔަޤީންކޮށް އަރުވަން ބޭނުންވަނީ، އެއްވެސް ނުފޫޒެއް ނެތި މިފަދަ މައްސަލަތައް ބެލޭނެ ފުރިހަމަ ނިޒާމެއް ސަރުކާރުން ޤާއިމުކޮށްދޭނެކަން.

ރައީސް ވިދާޅުވީ ވެރިކަމުގެ ތިންވަނަ އަހަރާއި ކުރިމަތިލާއިރު، އިގްތިސާދީގޮތުން ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން އެނގިވަޑަައިގަންނަވާ ކަމަށާއި އެހެންނަމަވެސް، ރައްޔިތުންގެ އުންމީދުތަކާ ގުޅިފައިވާ، ވަރަށް މުހިންމު ރޭވުންތަކަކާ އެކުގައި ކަމަށެވެ. އެގޮތުން، ސިއްހީ ދާއިރާ ލާމަރުކަޒު ކުރުމުގެ 56 މަޝްރޫޢެއް، އަންނަ އަހަރުގެ ތެރޭގައި، ރާއްޖޭގެ އެކި އަތޮޅުތަކުގައި ކުރިއަށް ގެންދާނެކަމަށް ވިދާޅުވިއެވެ. އޭގެ ތެރެއިން، މިސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދީގެން ފެށި  5 ޓާޝަރީ ހޮސްޕިޓަލް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްދާނެކަމަށް ވިދާޅުވިއެވެ. އަދި އަންނަ އަހަރުގެ ތެރޭގައި މި ހޮސްޕިޓަލްތަކުގެ ފައިދާ ރައްޔިތުންނަށް ލިބެން ފަށާނެކަމަށް ވިދާޅުވިއެވެ.

ކޮވިޑްގެ ހާލަތަށް އަލިއަޅުއްވާލައްވަމުން، ރައީސް ވިދާޅުވީ ކޮވިޑް-19 ބައްދަލުކުރީ ހަމައެކަނި ބަލިމަޑުކަމެއްގެ ގޮތުގައި ނޫން ކަމަށާއި މިއީ މީގެ ކުރިން މުޅި ދުނިޔެވެސް ތަޖުރިބާ ނުކުރާ އަދި ރާއްޖެ ދުވަހަކުވެސް ތަޙައްމަލުނުކުރާ ފަދަ، އިގްތިސާދީ ވަރަށް ބޮޑު ކާރިސާއެއް ކަމަށެވެ.

އޭގެ ސަބަބުން ތަރައްޤީގެ މަޝްރޫޢުތަކުގެ އިސްކަންދޭ ތަރުތީބަށްވެސް ބަދަލުގެންނަން ޖެހުނު. ނަމަވެސް، ދައުލަތް ހިންގުމުގެ ޚަރަދުތައް ކުޑަކޮށްގެން ވިޔަސް، ސަރުކާރުގެ މަޤްޞަދަކަށްވީ، ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީ، އަސާސީ ޚިދުމަތްތަކަށާއި ރައްޔިތުންނަށް ލިބެންވާ ޙިމާޔަތާއި ރައްކާތެރިކަމަށް، އެއްވެސް ހީނަރުކަމެއް އަޔަނުދީ، ޤައުމު ހިންގަމުން ދިޔުން.

ކޯވިޑް-19އާ ދެކޮޅަށް މަސައްކަތްކުރަމުން، އަސާސީ ޚިދުމަތްތައް ފޯރުކޮށްދެމުން މިއައީ، ސަރުކާރުގެ އެއްވެސް މުވައްޒަފަކު ވަކިނުކޮށް، އަދި އެއްވެސް މުވައްޒަފެއްގެ މުސާރަވެސް ކުޑަނުކޮށް. އަދި ވަޒީފާ ގެއްލުނު މީހުންނަށް އެހީތެރިވުމާއެކު، ވިޔަފާރިތަކަށްވެސް އެހީތެރިކަން ފޯރުކޮށްދެމުން.

ރައީސް ވުދާޅުވީ މިހާލަތުގައިވެސް މާތް ﷲގެ ހެޔޮ ރަހްމަތްފުޅު ވަރަށް ބޮޑުކަމަށެވެ. ކާޑުގެ ބާވަތްތަކާއި ކެއިންބުއިމަށް ބޭނުންވާ އަސާސީ ތަކެތި ލިބުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށާއި ބޭސްފަރުވާއަށް ބޭނުންވާ ސާމާނާއި ވަސީލަތްތައް ލިބުމުގައިވެސް، ރައްޔިތުންގެ ފުރާނަ ނުރައްކަލަށް ހުށަހެޅިގެންދާ ވަރުގެ ބޮޑު ދަތިކަމަކާ ކުރިމަތިނުވާކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ކޮވިޑް-19 މިވަގުތު ކޮންޓްރޯލް ކުރެވިފައިވާ މަދު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނިފައިވަނީ، ރާއްޖޭގެ ސިއްހީ ޚިދުމަތްތެރިންގެ ވަރަށް ބުރަ މަސައްކަތުންކަން ފާހަގަކުރައްވައި މިބަލި ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތައް ތަންފީޒުކުރުމުގައި، ރައްޔިތުން ދެއްވި ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކުރެއްވިއެވެ. އަދި އެކަމަށްޓަކައި، ކޮވިޑް-19އާ ދެކޮޅަށް މަސައްކަތްކުރަމުން އަންނަ މުޅި ޓީމުގައި ހިމެނޭ އެންމެހައި ބޭފުޅުންނަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: