ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޝްރޫޢުތަކުގެ އަހަރާއި ދަތިކަން ބޮޑު އަހަރު ފަހުމެއްނުވި!

ޝެއާރކޮށްލާ ކަހަލަދޯ؟

ޖުމްހޫރީ ދުވަހާއި ގުޅިގެން ރައިސް އިބްރާހިމް މުޙައްމަދު ޞޯލިހު ޤައުމާއި މުޚާތަބު ކުރައްވާ ދެއްވި ޚިތޯބުން ކުރިއަށް އޮތް އަހަރުގެ މިސްރާބު ސާފުވެއްޖެ ކަމަށް ބައެއް ބޭފުޅުން ވިދާޅުވިއެވެ. އެ ވާހަކަތަކަކީ އުއްމީދީ ވާހަކަތަކެއްގެ ގޮތުގައިވެސް ބައެއް ބޭފުޅުން ސިފަކުރިއެވެ. ޚިތޯބުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލައްވާފައިވަނީ ފާއިތުވި ދެއަހަރު ދުވަހު ސަރުކާރުން ކުރި ކަންކަމާއި ހާސިލުވި ކަންކަމާއި އަންނަ އަހަރަށް ރޭވިފައިވާ މަޝްރޫޢުތަކާއި ކަންކަމަށެވެ. ނަމަވެސް އެވާހަކަތައް ދިމާކުރާނެ ގޮތެއް ދިމާވާނެ ގޮތެއް ރައްޔިތަކަށް ފަހުމެއް ނުވިއެވެ. އެއްކޮޅުން އަންނަ އަހަރަކީ މަޝްރޫޢުތަކުގެ އަހަރު ކަމަށް ވިދާޅުވެފައި ދެން ވިދާޅުވަނީ އަންނަ އަހަރަކީ ދަތިކަން ބޮޑު އަހަރަކަށް ވެދާނެ ކަމުގައެވެ. އެގަހު ކޭލެއް މިގަހު ކޭލެއް ވަތްކެއްނުވެއެވެ. ސަރުކާރުގެ އިސްވެރިން ތިއްބެވީ ކޮސް އަނގަތެޅުމާއި ބޭކާރުވާހަކަތައް ދެއްކުމުގައެވެ.

އަންނަ އަހަރަކީ މަޝްރޫޢުތަކުގެ އަހަރެއް ކަމަށް ސަރުކާރުންބުނެއެވެ. އެކަންކުރަނީ ލޯނު ނަގައިގެން ކަމަށްވެސް ބުނެއެވެ. ލޯނުނަގައިގެން ހިންގާ މަސްރޫތައް އިތުރުކުރާ ވާހަކަ ދެއްކުން ހުއްޓާލާ، ރައްޔިތުންގެ އަތްމަތި ދަތިވެ ހަދާނެގޮތް ހުސްވާ ވާހަކަވެސް ދައްކަންޖެހެއެވެ. މަޝްރޫޢުތަކުގެ އަހަރުގައި ރައްޔިތުން ދަތިހާލުގައި އުޅެން ޖެހޭކަމަށްވާނަމަ، ތިޔަ މަސްރޫޢުތަކުގެ ބޭނުމެއްނެތެވެ. ރައްޔިތުން ދަތީގައި އުޅެން ޖެހެންޏާއި ތިޔަ މަސްރޫޢުތައް ނުހިންގާ ހުއްޓާލުމަށްފަހު ރައްޔިތުންގެ އަނގަޔާ އަތާ ދިމާވާނެ ކަމަކަށް ގައުމުގެ މިސްރާބު އަނބުރާލިއްޔާ، ނިކަމެތި ރައްޔިތުންގެ ހިތަށް ފިނިކަމެއް ލިބިދާނެއެވެ. އެހެންނޫނަސް މިސަރުކާރަށް ހިންގޭނެ މަސްރޫޢުތައް ތިޔަދަނީ ހިންގަމުންނެވެ. އެއީ ވައްކަމާއި ޚިޔާނާތާއި އަދުލުއިންސާގެ ދާއިރާއަށް ހިތު ހުރި ގޮތެއް ހެދުމާއި އަވަށްޓެރި ޤައުމެއްގެ އަޅުވެތިކަމަށް ޤައުމު ހުށަހެޅުމާއި ޤައުމުގެ ކުންފުނިތައް ކުޑަ ފައިސާކޮޅަކަށް ވިއްކާލަން ވިސްނުމާއި މަޝްރޫއު ތަކުން ނާޖާއިޒް މަންފާ ނެގުމެވެ.

ވޭތިވެ ދިޔަ ދެއަހަރު ރާއްޖޭގެ އިޤްތިސާދު ފުނޑުފުނޑުކޮށް ޑޮލަރުގެ އަގު އިންތިހާއަށްބޮޑުވެ ތަކެތީގެ އަގުދަނީ އުފުލެމުންނެވެ. އެތައް އިންތިޚާބުގެ ދުވަސްވަރު ހުވަފެން ދެއްކި ޖަޒީރާ ރާއްޖޭގެ ހާލަތަކީ މިއީއެވެ. މިސަރުކާރު އައިފަހުން ދަތިކަން ކުޑަ އަހަރެއް މިރާއްޖޭގެ ރައްޔިތުންނަކަށް ނުފެނުނެވެ. ވެރިކަމެއް ހޯދާ ސަރުޚާރެއް އެކުލަވާލީ ދުނިޔޭގެ ލެއްވިހާ ވަޢުދުތަކެއް ވެގެނެއެވެ. ތާކުންތާކު ނުޖެހޭ ތިމާމެންނަށް ނޭނގޭ އަދި ނުކުރެވޭނެ އެތައް ވަޢުދެއްވިއެވެ. މިހެން މިވީ ހަމަ ހިންގުމުގެ ތަޖުރިބާ ނެތުމާ ގާބިލްކަން ނެތުމުގެ ސަބަބުންކަން މިހާރު ރައްޔިތުންނަށް ވިސްނެން ފަށައިފިއެވެ. ސަރުކާރުގެ ފުރަތަމަ އަހަރު ކުރެވުނު ކަމަކީ ކުރީ ސަރުކާރުން ދައުލަތުގެ ޚަޒާނާއަށް ވައްދާފައިވާ 800 މިލިއަނެއްހާ ޑޮލަރުން ބަދަލުގެ ގޮތުގައި ގުޅުން އޮތް ފަރާތްތަކަށް ބަދަލުދީ ހުސްކުރުމެވެ. އެ އަހަރު ރައްޔިތުންނަށް ކޮށްދެވުނު ކަމެއް ނެތްތާ ޢުމްރާނީ އެއްކަމެއްވެސް ނުކުރެވުނެވެ.

ދެވަނަ އަހަރުގެ ފުރަތަމަ ހަތަރުވަރަކަށް މަސްދުވަހުގެ ތެރޭގައި ދައުލަތުގެ މިނިސްޓަރުންނާ މަޖްލިސް މެންބަރުން މޮޅު ބައިސާ ތެޅުމާއި އެކަކު އަނެކަކަށް ބައި އެޅުމުގައި އަވަދި ނެތި އުޅެނިކޮށް މިގައުމަށްވެސް ކޮވިޑުގެ ބަލާއާފާތް ލައްވާލީއެވެ. އެކަންވެސް ފުރަތަމަ ކޮޅު އެކަށީގެންވާ ގޮތެއްގައި މެނޭޖްކުރާކަށް ނޭގުނެވެ. ކުރަން އެނގުނީ އެންމެ ކަމަކެވެ. ކޮވިޑުގެ މިވަބާވެސް ވައްކަންކުރަން ލިބުނު ރަނުގެ ފުރުސަތަކަށް ބަދަލުކޮށްލުމެވެ. ދިވެހި ރައްޔިތުންގެ ނޭވާހޮޅިން ވައްކަންކުރީއެވެ. ވެންޓިލޭޓަރު ވައްކަމާއި ގުޅުން އޮންނަ ފަރާތްތަކުގެ ހޮޓާތަކާ ރިސޯޓްތައް ކަރަންޓީން ފެސިލިޓީތަކަށް ބަދަލުކޮށް، ނާޖާއިޒްގޮތުގައި މިލިއަނުން ފައިސާ ބަހާ ވައްކަންކުރީއެވެ. އެތަންތަނަށް ސަޕްލައި ކުރަން އުޅުނު ސަރުކާރާ ގުޅުން އޮންނަ ފަރާތްތަކުގެ އަތުން މުދާ ގަނެ އެތައް ގުނައެއް ބޮޑުކޮށް ބިލް ހަދާ ވައްކަން ކުރީއެވެ ފަޅާ އެރީވެސް ހަމަ އެ އިދާރާތަކުގެ އޮޑިޓް ރިޕޯޓުތަކުންނެވެ.

ސަރުކާރު ބަދަލުވި ފަހުން އަހަރުން އަހަރަށް ދިވެހިން މިވަނީ އަތްމަތި ދަތިވެ ކުރާނެ މަސައްކަތެއް ނެތި ބިކަވެފައެވެ. އެނޫން ޝަކުވާއެއް ރާއްޖޭގެ އެއްވެސް ދިމާލަކުން ނީވެއެވެ. އަންނައަހަރު މުދަލުގެ އަގު އުފުލި ޚިދުމަތުގެ އަގު އުފުލޭނެކަމަށް ބުނާއިރު ދިވެހިން މިހާރުވެސް މިއުޅެނީ އަނގަޔާ އަތާ ދިމާނުވެގެންނެވެ. ރައްޔިތުން ސަރުކާރަށް ރަތް މަހަކަށް ނުކުރާވަރުއެބަކުރެއެވެ. މިއީ އުންމީދެއްނެތް ދޮގާއި މަކަރުން ފުރިގެންވާ ވިޔާނުދާ ސިޔާސަތުތަކެއް ގެންގުޅޭ ދީނާ ދުރު އަދި ގައުމިއްޔަތާ ދުރު ދިވެހިންގެ މިނިވަންކަންވެސް ވިއްކާލަން މަސައްކަތްކުރާ ސަރުކާރެއްގެ ގޮތުގައި ދެކޭ ދިވެހިން މިގައުމުގައި ގިނަވެއްޖެއެވެ.

ސަރުކާރުން ފައިވިއްދާފައިވަނީ ކޮންމެވެސް އެއްޗެކޭ ކިޔާފަ މިގައުމުގެ ހުރިހާ އެއްޗެއް ވިއްކުމަށެވެ. މިހާރު ސަރުކާރުގެ ކުންފުނިތަކުގެ މެޖޯރިޓީ ޙިއްސާ ވިއްކަން މަސައްކަތް ފެށީއެވެ. ކުރިން އައި އެމްޑީޕީގެ ވެރިކަމުގައި ފެންކުންފުންޏާއި ދިރާގުގެ ޙިއްސާ ވިއްކާލީއެވެ. މިހާރު މިއުޅެނީ ދެންވެސް އެއްޗެއް އޮތިއްޔާ އެވެސް ވިއްކާލާށެވެ. އަވަހަށް މާމަ، މުނިމާމަ ނުވަތަ މަންމަގެ ފަށްޓަރުބައި ނިކަން ރަގަނޅަށް ފޮރުވާށެވެ. އަތުޖެހުނިއްޔާ އެވެސް ވިއްކާލަފާނެއެވެ. ގައުމުގެ ސިޔާދަތާ މިނިވަންކަން ކަށަވަރުކުރާނެ ކަމަށް ސަރުކާރުން ބުނާއިރު އިންޑިއާގެ ނުފޫޒުގެ ކަޅު ވިލާގަޑެއް އުދަރެސް ވަށާލާ ކަޅުކުރަމުންދާ މަންޒަރު، ރައްޔިތު މީހާ އަށް އެބަފެނެއެވެ. ބޯމަތިވަމުން އަންނަ އަޅުވެތިކަމުގެ ކަޅު ވިލާގަނޑެއް ރާއްޖޭގެ އުތުރާ ދެކުނާ މެދު ރާއްޖެތެރެ ވަށާލަމުންދާ މަންޒަރެވެ. ރައްޔިތުންނަށް ވާނުވާ ނޭގޭ އޮޅުން ފިލުވައިނުދޭ އެއްބަސްވުންތަކުގައި ސޮއިކުރާ އަޑު ދަނީ ގަދަވަމުންނެވެ. ހަގީގަތަކީ ކޮބައިކަމެއް ރައްޔިތުންނަކަށް ނޭނގެއެވެ.

މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ވައުދުވެސް ވީ އިބިލީހުގެ ކައިވެންޏަށެވެ. މާލޭގެ ރައްޔިތުންނޭ ކިޔާފަ ބޯހިޔާވަހި ކަމަކީ މައުމޫނުގެ އަދި ނާސިރު ދައުރުންފެށިގެން މިއަދާއި ހަމަޔަށް އައި އިރުރުވެސް ހިގަމުން އަންނަ ސަގާފަތެކެވެ. މަސްރޫއު ފަށަނީ މާލޭ ސަރަހައްދުގެ ރައްޔިތުންނަށެވެ. ނިމެން ކައިރިވީމަ ވާ ގޮތަކީ ޝަރުތު ހަމަވަނީ މާލޭގަ އެއްވެސް ތަންކޮޅެއް ނެތް އަތޮޅުތަކުގަ ގެދޮރު ލިބިފަ ނުވަތަ ލިބެން ތިބި ރައްޔިތުންނަށެވެ. އެއީ އެމީހުންގެ ގޮދޮރު ހުރީ ރަށުގަ ކަމަށްވާތީއެވެ. މާލޭގެ ރައްޔިތުންނަށްވެސް އަދި ރާއްޖޭގެ ރައްޔިތުންނަށްވެސް މި ސަރުކާރަކަށް ހޯދައި ދެވޭނެ ބޯހިޔާވަހިކަމެއް ނެތެވެ. ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ހުޅުމާލޭގައި އަޅާ ނިންމާފަ ހުރި 7000 ހައުސިން ޔުނިޓް، މި ވެރިކަމުގައި ދެ އަހަރު ވީއިރުވެސް ހަވާލު ނުކުރެވުނެ ބަޔަކަށް ދެންވަކި ކުރެވޭނެ އެހެން ކަމެއް އޮވެދާނެ ކަމަކަށްނުފެނެއެވެ.

ކުރިއަށް އޮތް އަހަރުގެ މިސްރާބު ވަރަށް ސާފެވެ. އިގުތިސާދު މެނޭޖު ނުކުރެވުމާއި ބޭރު ޤައުމުތަކުން ނެގިލޯނާއި ޗާޕުކުރި ފައިސާއާއި ދަރަނީގެ ސަބަބުން އަންނަ އަހަރު ރައްޔިތުން އެތައް ތަކުލީފެއް އުފުލަން ޖެހި ވޭނާއި ދަތީގައި ވަޒީފާ ނެތި އާމްދަނީ ލިބޭނެ ގޮތެއް ނެތި އާސަންދައިން އެކަށީގެންވާ ގޮތެއްގައި ބޭސްކުރެވޭނެ ގޮތްވެސް ނެތި އުޅެން ޖެހޭނެކަން ވަރަށް ބޮޑަށް ސާފުވިއެވެ. ދެން އޮތީ ބިރުކަން ނައްތާލުމެވެ. އެކަމަކު ރައްޔިތުން ތިބީ މިހާރު މާބޮޑު ބިރުވެރިކަމެއްތެރޭގައެވެ. އެއީ ޢަދުލު އިންސާފުގެ ދާއިރާ އޮޅާލާ އެޖެހި ތަނަކަށް ޖަހައިގެން އުޅޭތީ ގަންނަބިރެވެ. ދިވެހިންގެ މިނިވަންކަމާއި ސިޔާދަތު ގެއްލޭގޮތަށް އިންޑިޔާގެ ސިފައިންނާއި ރާޑަރުތަކާއި ހެލިކޮޕްޓަރުތަކާ އެއްޗެހި ގެނެސްގެން އުޅޭތީ ގަންނަ ބިރެވެ. އިންޑިޔާ އާއެކު އަނޑިނޭގޭ އެތައް އެއްބަސްވުން ތަކެއް އެކުލަވާލާ އެކަންކަން ދިވެހި ރައްޔިތުންނަށް ހާމަނުކުރާތީ ގަންނަބިރެވެ. ދެ ލައްކަ ފަންސާސް ހާސް ޑޮލަރު މިރާއްޖޭގައި އިންވެސްޓްކުރާ ކޮންމެ ފަރަންޖީއަކަށްވެސް ދިވެހިންނަށް ލިބިދީފައިވާ މިނިވަންކަމާއެކު މިރާއްޖޭގައި އުޅެވޭގޮތަށް ދާއިމީ ވިސާ ދޭ ގޮތަށް ހަމަޖައްސާފައިވާތީ ގަންނަބިރެވެ. ލޯނު ނުނަގާނަމޭ ބުނެ އައި ސަރުކާރުން ހަމަ އެކަނި އިންޑިޔާއިން 800 މިލިއަން ޑޮލަރުގެ ލޯނު ނަގާފައިވާތީ ގަންނަބިރުވެސް ކުޑައެއް ނޫނެވެ.

ބިރުގެ ލިސްޓު އަދިވެސް އޮތީއެވެ. ކޮންކުރީޓް ތަރައްގީއަކީ، ތަރައްޤީ ނޫންކަމަށް ބުނެ އައި ސަރުކާރުން އިންޑިޔާއިން ލޯނު ނަގައި އިންޑިޔާގެ ކަސް ކުންފުންޏަކާ ޙަވާލުކޮށްގެން މާލެ ގުޅިފަޅު ބުރިޖް އަޅަންއުޅޭތީވެސް ބިރުގަނެއެވެ. އަދި އިންޑިޔާއިން އަޅާ ބުރިޖްގެ ކޮލިޓީ ހުންނާނެ ފެންވަރާއިމެދު ބިރުވެރިކަން ބޮޑެވެ. މިރާއްޖޭގެ މާލިއްޔަތުން ވައްކަންކޮށް އެވަރު ނުވެގެން މި ބަލި މަޑުކަމުގެ ތެރޭގައި ދިވެހިންގެ ނޭވާހޮޅިން ވައްކަންކުރީތީވެސް ގަތީ އަމަށަކު ބިރެއް ނޫނެވެ. އިންސާނީ ޙައްޤޭ ފަޅޮލޭ ކިޔައިގެން އިސްލާމްދީނަށް ހަޖޫޖަހާ، ދީނާއި ދެކޮޅަށް ޖަމިއްޔާ ތަކުން ރިޕޯޓު ނެރުމުންދާތީ ގަންނަބިރެވެ. އަތްމަތި ދުވަހުން ދުވަހަކަށް ދަތިވެ ގައުމުގެ އިގުތިސާދު ވަޅުޖެހި ގައުމު 80 ބިލިއަން ރުފިޔާއަށް ދަރުވާލާފައިވާތީ ގަންނަބިރެވެ. ދިވެހިންގެ ހިތުން އަސްލު ބިރުވެރިކަން އެއްކޮށް ނެތިގެންދާނީ މިކަންކަން ރަގަނޅު ވެގެންނެވެ.

މިސަރުކާރުގެ ދެއަހަރު ދުވަސް ތެރޭގައި މަރު ކޮމިޝަނުން ބަލާ މައްސަލަތައް އަދި ނުނިމޭތީ އާއި މާލޭ ރައްވެހިންނަށް ބޯހިޔާވަހިކަން ހޯދައި ދެއްވުމަށް އެންމެ ފުރިހަމައަށް މަސައްކަތްތައް ކުރެވިފައި ނެތުމުން އުނދަގޫވާ ކަމަށް ބުންޏަސް އެވަހަކަތައް ރައްޔިތުންނަކަށް ފަހުމެއް ނުވެއެވެ. ސަރުކާރުން ދައްކާ ވާހަކަތައް ދެކޮޅު ޖައްސަން ނޭނގެނީ އެހެންވެގެނެވެ. ހަމަ ގައިމުވެސް ހިކި އަނަރޫފަ ހަތް ކުރާގަނޑާއި ރޯ ހަތްކުރާ ގަނޑުގެ ވާހަކަ ދިވެހިންނަށް ތިޔަށްވުރެ ބޮޑަށް ފަހުމްވާނެއެވެ. ހިކި އަނަރޫފަ ހަތް ގެރިއާ ބިޔަ ވަރުގަދަ ހަތް ގެރީގެ ވާހަކަ ފަހުމްވިޔަސް ތިޔަބުނާ މަޝްރޫޢުތަކުގެ އަހަރާއި ދަތިކަން ބޮޑު އަހަރު، ފަހުމެއްނުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: