ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެރިކަމަކީ، މާގިނަ ވައްތަރުތަކެއް ހިމެނޭ ނިޒާމުތަކެއް ބޭނުންވާ ކަމެއްނޫން!

ރައްޔިތުންގެ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި އޮންނަ ފެންނަ ވެރިކަމުގެ ނިޒާމަކާއި މެދު ރައްޔިތުންގެ މެދުގައި ވޯޓެއް ނެގުނެނެވެ. ރައްޔިތުންގެ މެދުގައި ނެގުނު ވޯޓުން މިރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއްކަމުގައިވިއެވެ. ނަމަވެސް ރާއްޖޭގައި މި އޮންނަނީ ފުރިހަމަ ރިޔާސީ ނިޒާމެއްތޯމެދު ސުވާލު އުފެއްދުމަކީ ނެތް ކަމަށްނޫނެވެ. ކޮންމެއަކަސް ވެރިކަމުގެ ނިޒާމާމެދު ކުރެވޭ ބަހުޘް ނިމުމެއް ނެތެވެ. އަނެއްކާވެސް އެވާހަކަތައް މިވަނީ އާވެފައެވެ. ރާއްޖޭގައި ބަރުލަމާނީ ނިޒާމަކަށް ޖާގަ ނުދެއްވާނެ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހަށް ފާޑުވިދާޅުވުމުން މަޖިލީހުގެ ބައެއް މެމްބަރުންގެ ނުރުހުން ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް އަށް އަމާޒުވުމަކީ އަނެއްކާވެސް މިބަހުޘްގެ ފެށުމެވެ.

ވެރިކަމުގެ ނިޒާމުގެ ވާހަކަ ދައްކުން އެއް ފަރާތްކޮށް ވިސްނާލުން މުހިންމު އެހެން ނުކުތާތައްވެސް ހުރިކަން ހަނދުމައިގައި ބަހައްޓަންޖެހެއެވެ. އެހެންކަމުން ބައެއް ބޭބޭފުޅުން ވެރިކަމުގެ ނިޒާމާއި ގުޅޭގޮތުން ލިޔެފައިވާ ލިޔުންތަކާއި ދިރާސާތަކަށް ނަޒަރު ހިންގާލެވޭތޯ ބަލާލާނަމެވެ. ޝައްކެއް ނެތް ގޮތުގައި ދުނިޔޭގައި އިންސާނުން ދިރިއުޅެން ފެށީއްސުރެ ކޮންމެވެސް އެއްޒާތެއްގައި ވެރިކަމުގައި ނިޒާމެއް އޮވެއެވެ. އިންސާނުން އާބާދުވެ ދިރިއުޅެންފެށި ހިސާބުން ފެށިގެންވެސް ވެރިކަންވަނީ، ތައާރުފްވެފައެވެ. ކޮންމެ ދެމީހަކަށްވުރެ، އެކަކު އިތުރުވެއްޖެނަމަ، އިސްމީހަކު ހުރެއެވެ. އެކިއެކި މުޖްތަމަޢު ތަކުގައި ތަފާތުގޮތް ގޮތަށެވެ. ކޮންމެ ޖަމާޢަތެއްގެ ތެރޭގައި ވެސް ފާޑެއްގެ ނިޒާމެއް އުފެދި އަށަގެންފައި އޮވެއެވެ. އަދި ވެރިއަކުވެސް ހުރެއެވެ.

ދީނީ ނަޒަރަކުން ބަލާނަމަ، ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ވެރިކަމަކީ، މާގިނަ ވައްތަރުތަކެއް ހިމެނޭ ނިޒާމުތަކެއް ބޭނުންވާ ކަމެއްނޫނެވެ. އިސްލާމްދީން ގެނެސްދެއްވި ނިޒާމަކީ، އަދުލު އިންސާފައި މަޝްވަރާގެ މަތިވެރި އުސޫލެވެ. ބޮޑުޚަރަދުތަކާއި ވެރިކަމުގެ ހައިބަތުތަކެއް ހިމަނާކަށް ނުޖެހެއެވެ. ވަރަށް ސާދާ ވައްތަރެކެވެ. ނަމަވެސް މި ވަގުތު އަނެއްކާވެސް މަޝްވަރާ ބަހުޘް ކުރަމުން މިދަނީ ރިޔާސީ ނިޒާމާއި ބަރުލަމާނީ ނިޒާމާއި މަސްހުނި ނިޒާމާމެދުއެވެ. ދުނިޔޭގެ ބޮޑު ބާރުގެ ގޮތުގައި ބަލަމުން އަންނަ އެމެރިކާގައި ގެންގުޅެނީ ރިޔާސީ ނިޒާމެވެ. ޝާހީ އިނގިރޭސި ވިލާތުގައި އޮންނަނީ، ބަރުލަމާނީ ނިޒާމެވެ. ފްރާންސްގައި ގެންގުޅެނީ މިދެނިޒާމު އެއްކޮށް ލައިގެން ގެންގުޅޭ މަސްހުނި ނިޒާމެކެވެ.

ދުނިޔޭގެ ގިނަގައުމު ތަކުގައި ގެންގުޅެނީ، ގިނައިން މަސްހުނި ނިޒާމެވެ. ރިޔާސީ ނިޒާމާއި ބަރުލަމާނީ ނިޒާމުގެ ނަމުގައިވެސް ގިނަގައުމު ތަކުގައި ގެންގުޅެނީ، ހައިބްރީޑް މިކްސް ނިޒާމެކެވެ. ރާއްޖެއަށް ބަލާއިރު، މިއޮންނަނީ، ރިޔާސީ ވެރިކަމެއްގެ ނަމުގައިއޮންނަ އެންމެގަދީމީ ޒަމާނުގައި މެދު އިރުމަތީގެ ގައުމުތަކުގައި ގެންގުޅުނު ވައްތަރަކަށް ބައްޓަންވެގެންދާ ނިޒާމެކެވެ. ކަމުވޮށިގެންވާ އެންމެން ވެރިމީހާގެ ބާރުގެ ދަށުގައި ފިއްތާލާފާއެވެ. ރައްޔިތުން ވަކިވަކިކޮށް ބައިބައި ކޮށްލާފައެވެ. ވެރިކަން ހިންގާނީ، ބޮޑުންގެ ދަރުބާރު ތަކުގައި ބޮޑުންގެ ތިމާގެކަމަށާއި ގާތްކަމަށް ބަލައިގެންނެވެ. ރައްޔިތުންގެ ހަމަހަމަކަމާއި އިންސާފަށް ބެލުމެއް ނެތިއެވެ. ބޮޑެތިވިޔަފާރި ވެރިންނާއި ބޮޑެތި މަހުޖަނުންތިބޭނީ، ވެރިމީހާގެ ފަހަތަށްޖެހި ހަމަހިމޭންކޮށެވެ. އެމީހުން މަޑުންތިބޭ ވަރަށް ފައިސާހޯދޭނެ ވަސީލަތްތަކުގެ މަގުފަހިކޮށްދޭތީއެވެ.

ދިވެހި ދައުލަތުގައި ބަޖެޓްވަކިކުރެވި ފައިހުރި، މުއައްސަސާތައް ބަނގުރޫޓްވެ އިނދަޖެހެމުން ދާއިރު، މިއޮތް ނިޒާމުގެ ސަބަބުން ސަރުކާރަށް އެއްޗެއް ބުނަންކެރޭ މިނިސްވަން އިދާރާއެއް ނުހުނާނެއެވެ. ރައްޔިތުންގެ މަޖިލީހަކީ، އެންމެބާރުގަދަ ތަނެވެ. ރައްޔިތުންގެ ބާރަކީ، ރައްޔިތުންގެ މަޖިލީހެވެ. ގާނޫނު އަސާސީ ބުނާގޮތުން ހުރިހާބާރެއް ފެށިގެން އަންނަނީ، ރައްޔިތުންގެ ކިބައިންނެވެ. ސަރުކާރުން އެކިކަންތައްތައް ރައްޔިތުންގެ ބޮލުގައިނާޅުވާ، ރައްޔިތުންގެ ތެރެއިން ޒިންމާދާރު މަދުބައެއްގެ ބޮލުގައި އަޅުވަނީ އެހެން ވެގެންނެވެ. ރައްޔިތުންގެ ބާރުހެޔޮ ގޮތުގައި ދެމެހެއްޓުމަށެވެ.

ވެރިކަމުގެ ނިޒާމުގެ ވާހަކަތަކުގެ ފޮނިކަމުގެ ތެރޭގައި ތިބޭއިރު، މިހުރީ ވިސްނާލަންޖެހޭ މުހިންމު ދިމަދިމާކަން ކަށަވަރެވެ. ރާއްޖޭގައި މުސްތަގިއްލުކޮށް ބާރުތައް ވަކިވެފައި އޮންނަވައްތަރުގެ ޖުމްހޫރީ ރިޔާސީ ވެރިކަމެއް މިރާއްޖޭގައި އޮތުމަށް ރައްޔިތުން އެދެއެވެ. ހުރިހާބާރުތަކެއް އެކުލެވޭ މުއައްސަސާތައް ހުންނަންވާނީ އަމިއްލަ މުސްތަގިއްލު ކަންމަތީގައެވެ. ސައްތައިން ސައްތަ މުސްލިމުންނަށް ވާތީ، ރައްޔިތުންގެ މަޖިލީހަކީ، ވެސް ވަރަށް މުސްތަގިއްލު މުއައްސަސާ އަކަށް ވާންޖެހޭނެއެވެ. އެއްގޮތަކަށް ވެސް ދައުލަތާއިދީން ވަކިކޮށްގެން ނުވާނެއެވެ. ދުސްތޫރުން ދީންހިމާޔަތް ވާންޖެހޭނެއެވެ. އަސާސީގެ އަސްލަކަށް ވާންޖެހޭނީ އިސްލާމްދީނެވެ.

މަޖިލިސް ޒިންމާދާރު ކުރުވާއި މަސްއޫލިއްޔަތު އުފުލަންޖެހޭ ދަނޑިވަޅުގައި އެކަންކުރުވާއި ސީދާމަގަށް އަޅުވާނީ، އެކިއެކިސިޔާސީ ޕާޓީތަކުން، މަޖިލީހަށް ވަދެތިއްބަވާ އިއްޒަތްތެރި މެންބަރުންނެވެ. ބޮޑުވަޒީރަކު ބަހައްޓައިގެން ވެރިކަންކުރާ، ބަރުލަމާނީ ނިޒާމަށް ބުރަވިޔަސް ރައްޔިތުންގެ މަޖިލީހުގެ ޒިންމާއާއި މަސްއޫލިއްޔަތު ފުރިހަމަގޮތުގައި ނުއުފުލިއްޖެނަމަ، އެނިޒާމެއް ބަރުބާދުވެ މަސްހުނިވީ އެވެ. ފަހެ، މަސްހުނި ނިޒާމަކީ، ޑިކްޓޭޓަރުން އުފައްދާއި ދިރުވާއި ވަރުގަދަކޮށް، ބާރުވެރުކުރުވާ ވައްތަރެކެވެ. ރިޔާސީނިޒާމޭ ނުވަތަ ބަރުލަމާނީނިޒާމޭ ކިއަސް އެންމެ ރަނގަޅެވެ. މަސްހުނި ނިޒާމަކަށް ވިޔަނުދެއްވުމަކީ، އިދިކޮޅުޕާޓީތަކާއި ރައްޔިތުންގެ މަޖިލީހުގެ ޒިންމާއެއްކަން ރައްޔިތުން އަބަދުވެސް ދަންނަން ވާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: