ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ ވީމަ ޖަލްސާއެއް ބާއްވަން ރަށްތަކަށް، އިދިކޮޅުވީމަ “ހޮޅުއަށީ ހަރަކާތެއް” ވެސް ނުބޭއްވޭ: ޝިޔާމް

މާލޭގައި ކުރިއަށް ގެންދިޔަ އެއްވުމުގެ ތެރެއިން/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ސަރުކާރު ޒިންމާދާރުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ފުލުހުން ހުރަސް އަޅަނީ މި ސަރުކާރުން އަންގައިގެންކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމަށް ފަސް އަހަރުގެ ހުކުމެއް އިއްވިތާ އެއް އަހަރު އަންނަ ހޮނިހިރު ދުވަހަށް ވާނެއެވެ. ރައީސް ޔާމީނަށް ކުރީ ސިޔާސީ ހުކުމެއް ކަމަށާއި، އަދި އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅުން މީގެ ކުރިން ވެސް ސިލްސިލާ މުޒާހަރާތަކެއް ބޭއްވިއެވެ. އެހެން ނަމަވެސް އެ ހަރަކާތްތައް ފުޅާ ދާއިރާއެއްގައި ކުރިޔަށް ގެންދެވިފައި ނުވަނީ، ކޮވިޑުގެ ސަބަބުން މާލެ ފުރަބަންދު ކުރުމާއި ގުޅިގެންނެވެ.

އަންނަ ހޮނިހިރު ދުވަހު އިދިކޮޅު ކޮންގްރެސް ކޯލިޝަނުން އިންތިޒާމުކޮށްގެން މުޒާހަރާއަށް ނިކުތުމަށް އިދިކޮޅުން ނިންމާފައިވާއިރު އެ ހަރަކާތްތައް ކަނޑުމަތީގައި ވެސް ކުރިޔަށް ގެންދިއުމަށް ޕީޕީއެމް، ޕީއެންސީއިން ވަނީ ނިންމާފައެވެ. އަދި އެކަން ރަސްމީކޮށް އިއުލާނުކޮށް ތައްޔާރީތައް ފެށުމުން އިދިކޮޅު ކޮންގްރެސް ކޯލިޝަންގެ ލީޑާޝީޕް ވަނީ ފުލުހަށް ހާޒިރުކޮށްފައެވެ.

މިއަދު މެންދުރު ލީޑާޝީޕްގެ ބޭފުޅުން ފުލުހަށް ހާޒިރުކުރުމުން، ފުލުސް އޮފީހުން ނުކުމެވަޑައިގެން ނޫސްވެރިންނާއި ބައްދަލު ކުރައްވާ ޕީޕިއެމްގެ ނައިބް ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ އިދިކޮޅުން ހަރަކާތެއް ރާވާނަމަ އެކަމެއް ހުއްޓުވުމަށް މި ސަރުކާރުން ފުލުހަށް އަންގާފައިވާ ކަމަށެވެ.

ޝިޔާމް ވިދާޅުވީ ފުލުހުން ނަސޭހަތްތެރިވީ، ގާނޫނީ އިމުގެ ތެރެއިން ސިޔާސީ ހަރަކާތްތައް ބޭއްވުމަށް ކަމަށެވެ. އަދި ގާނޫނުގެ ދަށުން އެއްވެ އުޅުމަށް ޖާގަ ނުދޭ ކަމަށާއި، ކޮވިޑުގެ ހާލަތުގެ ތެރޭގައި ބޯލަނބަންޖެހޭ ގަވައިދުތަކެއް ވާކަމަށް ފުލުހުން ބުނި ކަމަށެވެ. ޝިޔާމް ވިދާޅުވީ ސަރުކާރު ޒިންމާދާރު ކުރުވުމަށް އިދިކޮޅުން ކުރަމުންދާ މަސައްކަތްތައް ހުއްޓުވުމަށް ފުލުހުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މި ސަރުކާރުން ވެސް ބޭނުންވަނީ އިދިކޮޅުގެ އަޑުކަނޑުވާލުމަށް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ އިދިކޮޅުން މާލޭގައި މި ހަރަކާތް ކުރިޔަށް ގެންދާނީ ކަނޑުމަތީ ކަމަށެވެ. އަދި ރާއްޖޭގެ ރަށްތަކުގައި ވެސް މުޒަހަރާ ކުރިޔަށް ދާނެކަން ފާހަގަކޮށް ޝިޔާމް ވިދާޅުވީ އިދިކޮޅުން އިހުތިޖާޖު ކުރާނީ ގާނޫނާއި ގަވައިދުތައް އަދި ކޮވިޑާއި ގުޅިގެން ހަދާފައިވާ ގައިޑްލައިންތަކާއި އެއްގޮތަށް ކަމަށެވެ.

“ވިދާޅުވީ ގާނޫނީ އިމުގެ ތެރެއިން އަޅުގަނޑުމެން ކުރާކަމެއް ވިއްޔާ ކުރަން. އެއްވެ އުޅުމަކީ ގާނޫނުން ޖާގަ ދޭ ކަމެއް ނޫން ކަމާއި، ވަކިން ހާއްސަކޮށް ކޮވިޑުގެ ހާލަތުގެ ތެރޭގައި އަމަލު ކުރަންޖެހޭ ގޮތްތަކެއް ވެސް އެބަހުރި ކަމާއި، އެޗްޕީއޭގެ ގައިޑްލައިން ރަނގަޅަށް ފޮލޯ ކުރަން އިލްތިމާސް ކުރެއްވި. އަޅުގަނޑުމެން ދެންނެވިގެން ތަހުގީގީ އިދާރާއަކަށް، ތަންފީޒީ އިދާރާއަކަށް މޯލްޑިވްސް ޕޮލިސް ސާވިސް ވެފައި، ކީއްވެގެން ތޯ އޭ ގާނޫނު އާސާސީ ކޮންމެ ފަރުދަކަށް… ކޮންމެ ޕާޓީއެއް ވިޔަސް… ކޮންމެ މުވައްސަސާއެއް ވިޔަސް ލިބިދޭ ހައްގުތަކެއް އެބަހުރެޔޭ. ކީއްވެގެންތޯ އޭ ތަފާތު ކުރަނީ. ކީއްވެތޯ އޭ އެމްޑީޕީއަށް ދަތުރުތަކެއް ކުރެވިފަ، އެމްޑީޕީއަށް ހުރިހާ ސިޔާސީ ހަރަކާތެއް ހިންގިފަ ޕީޕީއެމް، ޕީއެންސީއަށް އެ ހަރަކާތްތައް ނުހިންގެންވީ.” ޝިޔާމް

މީގެ އިތުރުން ޝިޔާމް ވިދާޅުވީ އިދިކޮޅާއި، އެމްޑީޕީއާއި މެދު ތަފާތު ކުރުންތައް ގެންގުޅެނީ ކީއްވެގެންތޯ ފުލުހުންނާއި ސުވާލު ކުރި ކަމަށެވެ. ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކަށް ރާއްޖޭގެ ރަށްތަކަށް ވަޑައިގެން ރަށުގެ ރައްޔިތުންނާއި ބައްދަލު ވެސް ކުރެވޭ ކަމަށާއި، އެކަންތައް ނުހުއްޓުވެންވީ ކީއްވެގެން ތޯ ޝިޔާމް ސުވާލު އުފެއްދެވިއެވެ.

ޝިޔާމް ވިދާޅުވީ މާލެއިން ބޭފުޅުން ވަޑައިގެން އެ ރަށްތަކުގައި ޖަލްސާތައް ވެސް ބާއްވަނީ ކަމަށެވެ. އެހެން ނަމަވެސް އިދިކޮޅާއި ޖެހުމުން “ހޮޅު އަށީގައި” ވެސް ހަރަކާތްތަކެއް ނުބޭއްވޭ ކަމަށެވެ.

ޝިޔާމް ވަނީ އިދިކޮޅުން ފުލުހުންނަށް އިހުތިރާމްކުރައްވާކަން ފާހަގަކުރައްވާފައެވެ. އަދި އެކަން ފުލުހުންނަށް ވެސް ދެންނެވި ކަމަށާއި، އިދިކޮޅަކީ މީގެ ކުރިން އެމްޑީޕީއިން އަމަލު ކުރިހެން ފުލުހުންނަށް އަނިޔާ ކުރާނެ ބައެއް ނޫން ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވަނީ ރައީސް ޔާމީންގެ ޝަރީއަތް ކުރިޔަށް ގެންދިޔައިރު އެ ސަރަހައްދަށް އެއްވި އާއްމުންނަށް ލިބުނު އަނިޔާތަކަށް ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ޝިޔާމް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންގަވާހާ ގޮތަކަށް އަމަލު ނުކުރުމަށް ފުލުހުންނަށް ގޮވާލާފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. މިހާރު ވިސްނޭނެ ޔާމީން އިރު އެމްޑީޕީއަށް ހުރަސް އެޅީމަ އެމްޑީޕީއަށް ކުރެވުން އިހުސާސް.
    ދެންވެސް މަޑުންތިބޭ..

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: