ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިބްތިހާލްގެ މަރަށް ފަސް އަހަރު: އާފިޔާ ވަކީލެއްގެ އެހީ ބޭނުންވުމާއި އެކު މައްސަލައިގެ ހުކުމް އިއްވުން ފަސްކޮށްފި

އިބްތިހާލްގެ މަރުގެ މައްސަލަ
ޝެއާރކޮށްލާ ކަހަލަދޯ؟

ވ. ރަކީދޫގައި، އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލަށް އަނިޔާކޮށް މަރާލި މައްސަލާގައި އޭނާގެ މަންމަ އާފިޔާ މުހައްމަދުގެ މައްޗަށް ކުރާ ދައުވާގެ ހުކުމް އިއްވުން މިއަދަށް ކްރިމިނަލް ކޯޓުން ތާވަލު ކުރުމަށްފަހު އާފިޔާ ވަކީލެއްގެ އެހީ ބޭނުންވާކަމަށް ބުނުމުން މައްސަލައިގެ ހުކުމް އިއްވުން ފަސްކޮށްފިއެވެ.

ޖެނުއަރީ، 2015 ގައި ތިން އަހަރުގެ އިބްތިހާލަށް އަނިޔާކޮށް، މަރާލި މައްސަލާގައި އޭނާގެ މަންމަ އާފިޔާ މުހައްމަދުގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް ކުރެއެވެ. އެއީ އިބްތިހާލް މަރުވުމުގެ ކުރިން އެކި ދުވަސްމަތިން އަނިޔާކުރި ކަމަށް ބުނެ ކުރާ އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ އާއި އިބްތިހާލް މަރުވި މައްސަލާގައި ކުރާ ގަސްދުގައި ކުއްޖަކު މެރުމުގެ ދައުވާ އެވެ.

ރަކީދޫގައި އަނިޔާވެރިގޮތަކަށް މަރާލި އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލުގެ މައްސަލައިގައި އޭނާގެ މަންމަގެ މައްޗަށް ދައުވާކުރި މައްސަލަ ކޯޓުގައި އޮންނަތާ ތިން އަހަރުވެއްޖެއެވެ.

އިބްތިހާލްގެ މަރުގެ މައްސަލައިގައި ކްރިމިނަލް ކޯޓުން މިއަދު ތާވަލު ކުރީ ހުކުމް އިއްވުމެވެ. މައްސަލައިގެ ހުކުމް އިއްވުމުގެ ޝަރީއަތް ފައްޓަވައިދެއްވަމުން ގާޒީ ވަނީ އާފިޔާގެ ވަކީލެއް ހަމަޖެހިފައިވާކަމަށް ވިދާޅުވެފައެވެ.

އާފިޔާގެ ވަކީލެއް ހަމަޖެހިގެން ދިޔައީ ދައުލަތުގެ ފަރާތުންނެވެ. އެއީ ގާނޫނު އަސާސީގެ 53 ވަނަ މާއްދާގެ (ށ) ގެ ދަށުން ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުންނަށް ދައުލަތުން ފޯރުކޮށްދޭ ވަކީލެކެވެ. އާފިޔާގެ ވަކީލެއްގެ ގޮތުގައި ހަމަޖެހިގެން ދިޔަ ރުކްޝާނާ ވިދާޅުވީ ހުލާސާ ބަޔާނުގެ ކުރިން ވެސް މައްސަލައިގެ ވަކީލެއްގެ ގޮތުގައި އޭނާ ހަމަޖެހިފައިވާ ކަމަށެވެ. އެހެން ނަމަވެސް ޝަރީއަތަށް ހާޒިރުވެފައި ނުވަނީ އޭރު ވަކީލެއް ބޭނުން ނުވާކަމަށް އާފިޔާ ބުނެފައިވާތީ ކަމަށް ވަކީލު ވިދާޅުވިއެވެ. އަދި މައްސަލައިގެ ހުލާސާ ބަޔާން އިއްވިފަހުން އާފިޔާ ވަކީލެއްގެ އެހީ ބޭނުންވާކަމުގެ މައުލޫމާތު ލިބުނު ކަމަށް އޭނާ ވިދާޅުވިއެވެ.

ވަކީލު ވިދާޅުވީ މައްސަލައިގައި އާފިޔާއާއި ވާހަކަ ދައްކާފައިވާނެ ކަމަށާއި، އޭނާ ބޭނުންވަނީ މައްސަލަ ދިރާސާކޮށް އެކަމުގައި ވާހަކަ ދެއްކުމުގެ ފުރުސަތެއް ކަމަށެވެ.

އާފިޔާގެ ވަކީލު ވިދާޅުވީ ގާނޫނު އަސާސީގެ 53 ވަނަ މާއްދާގެ (ހ) ގައިވާ ގޮތަށް މައްސަލަތަކުގައި ވަކީލެއްގެ އެހީ ހޯދުމުގެ ހައްގު ކޮންމެ މީހަކަށް ވެސް ލިބިގެންވާ ކަމަށެވެ. އެއާއި އެކު އާފިޔާގެ ވަކީލް އެދުނީ މައްސަލައިގެ ހުކުމް އިއްވުން ފަސްކޮށް، މައްސަލައިގައި ހިނގާފައި ހުރި ކަންކަން ބަލާ ދިރާސާ ކުރުމަށް ވަގުތު ދިނުމަށެވެ. އަދި އާފިޔާގެ ފަރާތުން ވެސް ވާހަކަ ދެއްކުމުގެ ފުރުސަތު އޭނާއަށް ދިނުމަށެވެ.

އިބްތިހާލްގެ މަންމަ އާފިޔާ މުހައްމަދު/ މީގެ ކުރިން ބޭއްވި އަޑުއެހުންތަކުގައި އިބްތިހާލްއަށް އަނިޔާ ކުރާކަން އާފިޔާ އެއްބަސްވި

އެކަމާއި ގުޅިގެން ދައުލަތުގެ އިއުތިރާޒެއް އޮތްތޯ ދާއުލަތާއި ސުވާލު ކުރުމުން ދައުލަތުން ބުނެފައިވަނީ ގާނޫނުގެ ދަށުން ކުށުގެ ތުހުމަތު ކުރެވޭ ކޮންމެ މީހަކަށް ވެސް ވަކީލަކާއި އެކު މައްސަލަ ކުރިޔަށް ގެންދިއުމުގެ ހައްގު ލިބިގެންވާ ކަމަށެވެ. އަދި މައްސަލައިގެ ހުކުމް ކުރުމާއި ދެމެދު އެ މީހަކަށް އެ ހައްގުގެ ބޭނުން ކުރެވޭނެ ކަމަށް ދައުލަތުން ބުންޏެވެ. އެހެން ކަމުން ގާނޫނު އަސާސީއިން ލިބިގެންވާ ހައްގަކަށް ދައުލަތަށް ހުރަސް ނޭޅޭނެ ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.

ދައުލަތުގެ ވާހަކައަށް ފަހު ޝަރީއަތުން ވަނީ، ދައުލަތުން ފޯރުކޮށްދޭ ވަކީލުގެ އެހީ ބޭނުންވޭތޯ އާފިޔާ އާއި ސުވާލުކޮށްފައެވެ. އަދި ޖަވާބުގައި އާފިޔާ ބުނީ އޭނާ ވަކީލެއްގެ އެހީ ބޭނުންވާ ކަމަށެވެ.

މައްސަލައިގައި ގާޒީ ވިދާޅުވީ ދެ ފަރާތުން ވެސް މައްސަލައިގައި ވާހަކަ ދައްކާ ހުލާސާ ބަޔާން އިއްވިއިރު އާފިޔާގެ ފަރާތުން ވާހަކަ ދައްކާފައިވަނީ ވަރަށް ކުރުކޮށް ކަމަށެވެ. އެހެން ކަމުން ކަމުން މައްސަލައިގައި މަޝްވަރާކޮށް، ހުލާސާ ބަޔާން އިއްވުމުގެ ފުރުސަތެއް ދެވިދާނެކަން ފާހަގަ ކުރެއްވިއެވެ.

މައްސަލައިގެ ހުލާސާ ބާޔާން އިއްވީ މި އަހަރުގެ ފެބްރުއަރީ ގައެވެ. އަދި ދައުލަތުން ވަނީ ވަރަށް ތަފްސީލުކޮށް އާފިޔާ އިބްތިހާލާއި މެދު ކަންތައް ކުރި ގޮތް، އަދި އިބްތިހާލް މަރުވި ދުވަހު ކުރި އަނިޔާތަކުގެ ތަފްސީލް ވެސް ހުށަހަޅާފައެވެ.

ބޭނުންވާ މުއްދަތަކީ ކޮބައިތޯ އާފިޔާގެ ވަކީލާއި ސުވާލު ކުރުމުން ވަކީލް ވިދާޅުވީ މިއަދުން ފެށިގެން ފަސް ދުވަހުގެ މުއްދަތެއް ދިނުމަށެވެ. އަދި އެކަމަށް ދައުލަތުގެ އިއުތިރާޒެއް ނެތުމުން އެކަމަށް ޝަރީއަތުން ވަނީ އެއްބަސްވެފައެވެ.

ޝަރީއަތް ނިންމާލުމުގެ ކުރިން ދިން ފުރުސަތުގައި އާފިޔާގެ ވަކީލު ވަނީ އާފިޔާ އާއި ބައްދަލު ކުރުމަށް ބޭނުންވާ ކަމަށް ވިދާޅުވެފައެވެ. އަދި އާފިޔާ ބަންދުކޮށްފައި ހުންނަނީ މާފުށީގައި ކަމުން، މާފުށީ ޖަލުގައި ބައްދަލު ކުރެވޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް ވަކީލް ހުށަހެޅުއްވިއެވެ. އަދި ހުލާސާ ބަޔާން ހުށަހަޅަން ބޭނުންވަނީ އޭގެ ފަހުން ކަމަށާއި، އެކަމަށް 10 ދުވަސް ނަގާނެ ކަމަށް ބެލެވޭ ކަމަށް ވަކީލް ވިދާޅުވިއެވެ.

ޝަރީއަތުން ވަނީ އާފިޔާގެ ވަކީލަށް 10 ދުވަހުގެ މުއްދަތެއް ދީ، އޭގެ ފަހުން ހުލާސާ ބަޔާން އިއްވާނެކަން އިއުލާނު ކުރައްވާފައެވެ. އަދި ޑިސެމްބަރު މަހުގެ ތެރޭގައި މައްސަލައިގެ ހުކުމް އިއްވުން ތާވަލު ކުރެވޭނެ ކަމަށް ޝަރީއަތުން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: